އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކްސިޑެންޓްތައް މަދުކުރުމަށް ޤަވާއިދުތަކެއް ހެދި ނަމަވެސް އެކްސިޑެންޓްވުން މަދުވާނީ ދުއްވާމީހުން ޤަވާއިދުތަކަށް އަމަލުކޮށްގެން: ޢައިޝާ

އެކްސިޑެންޓްތައް މަދުކުރުމަށް ޤަވާއިދުތަކެއް ހެދި ނަމަވެސް އެކްސިޑެންޓްވުން މަދުވާނީ ދުއްވާމީހުން ޤަވާއިދުތަކަށް އަމަލުކޮށްގެން: ޢައިޝާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 42 ސިކުންތު

އެކްސިޑެންޓްތައް މަދުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ޤަވާއިދުތައް އިތުރަށް ހަދާނެ ކަމަށާއި ޤަވާއިދުތައް އިތުރަށް ހެދި ނަމަވެސް އެކްސިޑެންޓްވުން މަދުވާނީ ދުއްވާމީހުން ޤަވާއިދުތަކަށް އަމަލުކޮށްގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ޢައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. 

ޢައިޝަތު ނަހުލާ މިމޭރުމުން ވިދާޅުވީ ޓްރެފިކް ޤަވާއިދުތަކަށް ހޭލުންތެރިކުރުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ފެށި "މީތި ސަޅި" ކެންޕޭނުގެ ތެރެއިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ. 

"ހަދާފައި ހުރި ޤާނޫނުތައް ތަންފީޒު ނުކުރެވޭތީ އަޅުގަނޑުގެ މިނިސްޓްރީ އާ ފުލުހުންގެ ވެސް ޒިންމާތަކެއް އެބަހުރި. ބާރު ސްޕީޑްގައި ގޮސް އެކްސިޑެންޓްވެ މީހަކު މަރުވެއްޖެނަމަ ދިނުމަށް އިސްލާމް ދީނުގަ އޮންނަ އަދަބުގެ އިތުރުން 10 އަހަރު ދުވަހަށް ލައިސަންސް ހިފެހެއްޓޭނެ ގޮތް އެބައޮތް. މީހަކަށް ޖިސްމާނީ ނުކުޅެދުންތެރިކަމެއް ލިބުނު ނަމަވެސް ދިނުމަށް އިސްލާމް ދީނުގަ އޮންނަ އަދަބުގެ އިތުރުން 5 އަހަރު ދުވަހަށް ލައިސަންސް ހިފެހެއްޓޭނެ ގޮތް އެބައޮތް. ހަމައެކަނި ބާރަށް ދުއްވުމުގެ އަދަބެއްގެ ގޮތުންވެސް 1، 2 އަހަރަށް ލައިސަންސް ހިފެހެއްޓޭނެ ކަމަށްވެސް ޤާނޫނުގަ އެބަ އޮތް. މިކަންކަން ތަންފީޒުކުރަން މަސައްކަތްކުރަން އެބަޖެހޭ. އެމަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން."  

ޢައިޝަތު ނަހުލާ ވިދާޅުވީ ދުނިޔެއަށް ބަލައިފިނަމަ އެކްސިޑެންޓްތަކާއި ގުޅިގެން އަހަރަކު 1.2 މިލިއަން މީހުން މަރުވާ ކަމަށާއި އެންމެ ގިނައިން މަރުވަނީ ބޮލަށް ގެއްލުން ލިބިގެން ކަމަށެވެ. އަދި ރާއްޖޭގައިވެސް އެކްސިޑެންޓްތަކާއި ގުޅިގެން ގިނަ ބައަކު ދަނީ މަރުވަމުން ކަމަށާއި ގިނަ މީހުން މަރުވަނީ ބޮލަށް ގެއްލުން ލިބިގެން ކަމަށެވެ. "މާރިޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އެޅުން މަޖުބޫރު މިކުރީ އެ ސަބަބަށްޓަކައި." 

ޢައިޝަތު ނަހުލާ ވިދާޅުވީ ޓްރެފިކް މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރަން މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމީ ޓރެފިކް މައްސަލަތައް އިންތިހާއަށް އިތުރުވެ އަދި އެކްސިޑެންޓްތައްވެސް އިންތިހާއަށް އިތުރުވެ ގިނަ ބައެއްގެ ފުރާނައަށް ވެސް ގެއްލުން ލިބެން ފެށުމުން ކަމަށެވެ. 

"މިޙާލަތަށް ދިއުމުން ކޮންމެ މީހަކުވެސް ފަރުދީ ގޮތުން ވެސް ކުރެވޭނެ ކޮންމެވެސް ކަމެއް އޮންނާނެ ކަމަށް ޤަބޫލުކުރެވޭތީ ކަމާއި ގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން މިކަން މިކުރީ."

ޢައިޝާ ވަނީ މި މައްސަލަތަކަށް ހައްލު ހޯއްދަވަން ކުރެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ. އަދި މިކަމުގައި ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ ނަގައިގެން އެމީހަކާއި އެހެން މީހުންގެ ސަލާމަތަށް އިސްކަންދިނުމަށްވެސް ގޮވާލައްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު