އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިބާ ހަރާމް ކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވުމުން ރުޅިއަންނަ މީހުން ރިބާ ހުއްދަކަން ބަޔާންކޮށްދޭންވީނު!

ރިބާ ހަރާމް ކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވުމުން ރުޅިއަންނަ މީހުން ރިބާ ހުއްދަކަން ބަޔާންކޮށްދޭންވީނު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 59 ސިކުންތު

ރިބާ އަކީ ޙަރާމް އެއްޗެއް ކަމަށާއި އިސްލާމް ދީނުގައި އޮތީ ރިބާ އާއި ކައިރިނުވުން ކަމަށް ދީނީ ޢިލްމުވެރިން ބަޔާން ކުރެއްވުމުން އެކަމާއި ރުޅިއަންނަ މީހުން ފުރަތަމަ ކުރަންވީ ކަމަކީ ރިބާ ހުއްދަކަން ބަޔާންކޮށްދިނުން ނޫންތޯއެވެ؟ 

ޒިނޭ ކުރުމުން ޤާއިމުކުރަންޖެހޭ ޙައްދުގެ ވާހަކަ ބަޔާން ކުރެއްވުމުން ކުށްވެރި ކުރީ ދީނީ ޢިލްމުވެރިންނެވެ. ރިބާ އަކީ ޙަރާމް އެއްޗެއްކަމަށް ބަޔާން ކުރެއްވުމުން އެކަންވެސް ކަމަކު ނުދިއައެވެ. މިދައްކަނީ ރާއްޖޭގައި ރިބާގެ ވިޔަފާރިކުރާ ބޭންކުތަކެއް ހުރިވާހަކައެވެ.

ރާއްޖޭގައި ހުރި ހުރިހާ ބޭންކްތަކެއްގައި ރިބާ ހިމެނޭ ވިޔަފާރި ކުރި ނަމަވެސް ރިބާއަކީ ރިބާ ނޫން ކަމަކަށް ނުހެދޭނެއެވެ. އަދި ރިބާ ހުއްދައެއްވެސް ނުކުރެވޭނެއެވެ. ރިބާގެ ވިޔަފާރިކުރާ ބޭންކްތަކެއް ރާއްޖޭގައި ހުޅުވާފައިވަނީ ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިން އެކަން ހުއްދަކުރައްވައިގެނެއް ނޫނެވެ. ދީނީ ޢިލްމުވެރިންނަށް ގޮންޖަހައިފައެވެ. 

ރާއްޖޭގައި ބޭންކިންގ އާއި ބެހޭ ޤާނޫނެއް ހަދަން މަޖިލީހަށް ބިލު ފޮނުވީމައި މަޖިލީހުގައި ތިއްބެވި ދީނީ ޢިލްމުވެރިން މަޖިލީހުގައި ދެއްކެވި ވާހަކަފުޅުތައް މަޖިލީހުގެ ޔައުމިއްޔާއިން ބަލައިލުމުން މިދެންނެވި ހަޤީޤަތް އެނގިގެންދާނެއެވެ. އެބޭފުޅުން އެވާހަކަފުޅުތައް ދައްކަވާފައިވަނީވެސް  ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އައްޔަނު ކުރެއްވި މެންބަރުންގެ ގޮތުގައި ތިއްބަވައިގެންނެވެ. ވީމާ ރިބާ ހަރާމް ވާހަކަ އެއީ ދީނީ ޢިލްމުވެރިން އަލަށް މިއަދު ދައްކަވާ ވާހަކަފުޅެއް ނޫނެވެ. 

ނުބައިކޮށް ހިނގަމުން އަންނަ ކޮންމެ ކަމެއްވެސް ޖެހޭނީ ހަމަ ރަނގަޅުކުރާށެވެ. ރަނގަޅު ކުރުމުގެ މަސައްކަތް ފެށޭނީ ވެސް ވަކި ހިސާބަކުންނެވެ. ރާއްޖޭގައި ހުރި ހުރިހާ ކޮމަރޝަލް ބޭންކްތަކެއް އެއްފަހަރާ ބަނދު ކުރުމަކީ ނުކުރެވިދާނެ ކަމެކެވެ. ނަމަވެސް ދައުލަތުން އަލުން ދޫކުރާ ލޯނުތައް ރިބާ ޢާއި ނުލައި ދޫކުރަން ފެށުމަކީ ކުރެވެން އޮތް ކަމެކެވެ. 

އެންމެ ގިނަ ބައަކު ސޯޝަލް މީޑިއާގައި ކަންބޮޑުވާ ސްޓޫޑަންޓް ލޯނު އިސްލާމިކް ބޭންކުން މިހާރުވެސް ގެންދަނީ ރިބާ އާއި ނުލައި ދޫކުރަމުންނެވެ. އެހެންކަމަށްވާއިރު ބީއެމްއެލް އިސްލާމިކްގެ ތެރެއިން އެކަން ނުކުރެވެންވީ ކީއްވެގެންތޯއެވެ؟ ވީމާ ދީނީ އިލްމުވެރިން ބަސްފުޅެއް ވިދާޅުވާއިރަށް ފުއްޕައިގަތުމުގެ އުޞޫލު ދޫކޮށްލައި ހަމަވިސްނުމުން ވިސްނާލަން ބޭނުން ނުވެގެން މިއުޅެނީ ކީއްވެގެންބާވައެވެ! 

ރާއްޖޭގައި އިސްލާމް ދީނާއި އެއްގޮތަށް އިޞްލާޙްކުރަންޖެހޭ ހުރީ އެއްކަމެއް ދެކަމެއް ނޫނެވެ. އެތައް ބައިވަރު ކަންތައްތަކެއް އެބަހުއްޓެވެ. އެއިން ކަމެއް އިޞްލާޙްކުރާ ވާހަކަ ދީނީ ޢިލްމުވެރިން ދައްކަވާއިރަށް އިޞްލާޙްކުރަން ހުރި ކަންކަމުގެ ލިސްޓުކިޔައި ހުރިހާ ކަމެއްގެ ވާހަކަ ދައްކައި ހަމަ އެންމެ ކަމެއްވެސް އިޞްލާޙް ކުރިއަ ނުދޭން މިހިފަނީ ކީއްވެގެންބާވައެވެ؟ މިއީ ފުންކޮށް ވިސްނައިލުން މުހިންމު ކަމެކެވެ. އެއްފަހަރާ ހުރިހާ ކަމެއް އިޞްލާޙް ނުކުރެވިދާނެއެވެ. ނަމަވެސް މާތް ﷲ ވާގިފުޅާއިއެކު ހުރިހާ ކަމެއްވެސް އިޞްލާޙް ކުރެވޭނެއެވެ. އޮތީ އުންމީދުކޮށް މަސައްކަތް ކުރުމެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް