އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އިސްލާމް ދީނަށް ނަޞްރް ދިނުމުގެ ވަރުގަދަ އަޒުމާއެކު ނުކުތް، އެންމެ ސަޖިދައެއް ނުކުރާ ޞަޙާބީއަކަށް ޖަންނަތުލްފިރްދައުސް ލިބުނު ގޮތުގެ ވާހަކަ!

އިސްލާމް ދީނަށް ނަޞްރް ދިނުމުގެ ވަރުގަދަ އަޒުމާއެކު ނުކުތް، އެންމެ ސަޖިދައެއް ނުކުރާ ޞަޙާބީއަކަށް ޖަންނަތުލްފިރްދައުސް ލިބުނު ގޮތުގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 45 ސިކުންތު

ރަސޫލް (ޞޢވ) ހަނގުރާމައަކަށް ނުކުމެވަޑައިގަންނަވަން އުޅުއްވަނިކޮށް މީހަކު އައިސް ޝަހާދަތް ކިޔައި އިސްލާމްވިއެވެ. އޭނާގެ ކިބައިން ރަސޫލް (ޞޢވ) އެދިވަޑައިގަތީ ހަނގުރާމައަށް ނުގޮސް އިސްލާމް ދީން ދަސްކުރަން މަޑުކުރުމަށެވެ. ނަމަވެސް އޭނާ ބޭނުންވީ ހަނގުރާމައަށް ނުކުތުމަށެވެ.

އޭނާ ދެންނެވިއެވެ! މާތް ރަސޫލާ (ޞޢވ) އެވެ. "މިއަޅާ އިސްލާމްވީ ކާފަރުންތައް މުސްލިމުންތައް ޝަހީދުކުރަމުން ގެންދާއިރު އެމީހުންނާއި ހަނގުރާމަނުކޮށް ފިނޑިވެފައި އިންނާކަށް ނޫނެވެ. އަހަރެން އިސްލާމްވީ ﷲ ތަޢާލާގެ މަގުގައި ޢަދާވާތްތެރިންނާއި ކުރިމަތިލައި ހަނގުރާމަކޮށް މުސްލިމުން ހިމާޔަތްކުރާށެވެ. އިސްލާމް ދީނަށް ނަޞްރު ދިނުމުގައި ސާބިތުވާށެވެ! އަދި އެކަމުގައި ހިތްވަރުކުރަނިކޮށް ކަރުގެ މިފަރާތުން ތީރެއް ވަދެ މިފަރާތުން ނުކުންނާށެވެ ބުނެ އިނގިލި ކަރުގައި ޖައްސައި ކަރުން އެތަން ދެއްކިއެވެ."

ޞަހާބީގެ ހިތްވަރުގަދަ ބަސްފުޅުތައް އަޑުއިވިވަޑައިގަތުމުން އޭނާއަށް ވެސް ހަނގުރާމައަށް ނުކުމެވަޑައިގަތުމުގެ ހުއްދަ ދެއްވެވިއެވެ. 

ހަނގުރާމައިގައި ފަތަޙަ ލިބުނީ މުސްލިމުންނަށެވެ. ހަނގުރާމަ ނިމުމުން ޞަހާބީ ފެނިވަޑައިނުގަތުމުން ރަސޫލް (ޞޢވ) އެ ޞަޙާބީ ކޮބައިތޯ ހޯއްދަވަމުން ގެންދަވަނިކޮށް ފެނިވަޑައިގަތީ ހަނގުރާމައިގައި ކާފިރުންގެ އެތައް ބައަކު ޤަތުލުކުރެއްވެވުމަށްފަހު ޝަހީދުވެވަޑައިގެން މައިދާނަށް ވެއްޓިވަޑައިގެންފައި އޮއްވައެވެ. ބެއްލެވިއިރު ޝަހީދުވެފައިވަނީވެސް އޭނާ ކަރުގައި އިނގިލި ޖައްސައި ދެއްކި ދިމާއެއް ތީރެއް ވަދެ ނުކުމެގެންނެވެ. 

އެހިނދު ރަސޫލް (ޞޢވ) އޭނާއަށް ތަޢްރީފްގެ ބަސްފުޅު ހަދީޘްފުޅު ކުރައްވަވައި ވިދާޅުވެއެވެ. "އެންމެ ސަޖިދައެއް ނުކުރި ނަމަވެސް އޭނާ އެވަނީ ސުވަރުގޭގެ އެންމެ މަތީ ދަރަޖައިގައެވެ. ޝަހީދުވެވަޑައިގެންނެވި އެހެން ޞަހާބީންނާއިއެކު ޖަންނަތުލްފިރުދައުސްގައެވެ."

މީސްތަކުންނޭވެ! ވިސްނާށެވެ. ސިޔަރަތު ފޮތްތަކުން އެ ޞަޙާބީގެ ނަންފުޅުވެސް އެނގޭކަށް ނެތެވެ. ނަމަވެސް ޙާދިސާ އެނގެން އެބައޮތެވެ. އިސްލާމް ދީނުގައި ކޮންމެ ހެޔޮ ކަމެއް ކުރާ މީހާގެ ނަމާއި ކުލަޢާއި ދަރަޖަ މުހިންމެއް ނޫނެވެ. މުހިންމީ އޭނާ ކުޅަ ހެޔޮ ޢަމަލެވެ. މިހާދިސާއިން ލިބިގަންނަން ޖެހޭ ޢިބްރަތަކީ އެމީހާގެ ހިތުގައި އިސްލާމް ދީނަށް ފުރިހަމަ ލޯބި އޮވެގެން އިޚްލާޞްތެރިކަމާއިއެކު ކުރާ އެންމެ އަމަލަކުން ވެސް އެމީހަކަށް ސުވަރުގެ ދެއްވަވައިފާނެ ކަމެވެ. 

(މިބަހުގެ މާނަ އޮޅުވައިނުލާށެވެ! މިބަހުގެ މާނައަކީ ބޭނުންހައި ނުބައި އަމަލުތައް ކުރަމުން ގެންގޮސް އުމުރުގެ އެންމެފަހުކޮޅު ހެޔޮ އެންމެ އަމަލެއް ނުވަތަ އަމަލުކޮޅެއް ކޮށްލައިގެން ސުވަރުގެ ލިބޭނެ ވާހައެއް ނޫނެވެ. އެޞަޙާބީއަށް އެފުރުޞަތު ލިބިވަޑައިގަތީ އިސްލާމްވެވަޑައިގަތުމަށްފަހު ނަމާދު ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިނުގެން ޝަހީދުވެވަޑައިގަތުމުންނެވެ. ވީމާ މިއީ މުޅިން ތަފާތު ޙާލަތެކެވެ.)   

އަހަރެމެންނަށް އޮތީ ވީހައި ގިނައިން ހެޔޮ އަމަލުކުރުމެވެ. ނަމަވެސް ކަމަކަށް ކަމެއް ކުރާ އުޞޫލަކުން ނޫނެވެ. ކޮންމެ ހެޔޮ އަމަލެއްވެސް ކުރަންޖެހޭނީ ވީހައި ފުރިހަމައަށެވެ. އެހެންކަމުން މީހަކަށް ކުރެވޭ ހެޔޮ އަމަލު މަދުނަމަވެސް ކުރަން ޖެހޭ ފެންވަރުގައި ރަނގަޅު "ކޮލިޓީގައި" ކުރެވޭނަމަ އެމީހަކަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ލިބުމުގެ ފުރުޞަތު އެބައޮތެވެ.

މިސާލަކަށް އެކަކީ ވަރަށް ގިނައިން ޛިކްރްކުރާމީހަކަށްވެދާނެއެވެ. އޭނާ ޛިކްރްކުރާއިރު ހިތް މައްޗަށް ގެންނަން ޖެހޭ ކަންކަން ނުގެނެވޭނަމަ އެކަމުން ކުރާ ފައިދާ ކުޑަވެދާނެއެވެ. އަނެކަކީ ތަންކޮޅެއް މަދުން ޛިކްރް ކުރެވޭ މީހަކަށްވެދާނެއެވެ. ނަމަވެސް އޭނާ އެކަން ކުރަނީ ކުރަންޖެހޭ ފުރިހަމަ ގޮތުގައި ކަމަށްވާނަމަ ލިބޭ ސަވާބު މާގިނަވެދާނެއެވެ.

އެއްވެސް މީހަކު ކުރާ ހެޔޮ އަމަލަކަށް ސަވާބު ދެއްވަވާނެ ވަރެއް އެއްވެސް މީހަކަށް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެހެންކަމުން އެއްވެސް މީހަކާއި ދިމާއަށް ސީދާ އެފަދަ ބަސްތައް ބުނާކަށް ނުވާނެއެވެ. މިކަން މިފާހަގަކުރީ އިސްލާމް ދީނުގައި ކަންކަން ހާމަކުރަން ބަޔާނެވެގެންވާ މިންގަނޑުތަކުންނެވެ. 

- ބިލާލް އައްސަދުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


22%
ވ.ރަނގަޅު
37%
ރަނގަޅު
20%
އޯކޭ
20%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް