އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުގެ ބޮޑުކަން ނިކަން ދެކެބަލާށެވެ! މީސްތަކުން އެއްކުރެއްވޭނީ ކޮން ތަނަކަށްކަންވެސް އެނގޭކަށް ނެތެވެ!: ބިލާލް އައްސަދު

ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުގެ ބޮޑުކަން ނިކަން ދެކެބަލާށެވެ! މީސްތަކުން އެއްކުރެއްވޭނީ ކޮން ތަނަކަށްކަންވެސް އެނގޭކަށް ނެތެވެ!: ބިލާލް އައްސަދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 34 ސިކުންތު

ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުގެ ބޮޑުކަން ނިކަން ދެކެބަލާށެވެ! ހިސާބު ބެއްލެވުމަށްޓަކައި މީސްތަކުން އެއްކުރެއްވޭނީ ކޮން ތަނަކަށްކަންވެސް އެނގޭކަށް ނެތެވެ! ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ހަމަ ގައިމުވެސް އެތަނަކީ ތާޅަފިލީގެ އަޑަށް މީސްތަކުން ކައްވަޅު ތެދުވާ ތަނެއް ނޫނެވެ. ކޮންމެވެސް ތަނެކެވެ. އެ ތަނެއް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ އެވެ. 

އެތަނަށް ޖަމާކުރެވޭނީ ހަމައެކަނި އިންސާނުންނެއް ނޫނެވެ. ޖިންނި ޝައިޠާނުންނާއި މަލާއިކަތުންވެސް އެއްކުރައްވަވާނެތެވެ. ދުނިޔެ އުފެއްދެވީންސުރެ ޤިޔާމަތްވެ ދުނިޔެ ނެތިގެން ދަންދެން ދުނިޔޭގައި އުޅުނުހައި ތަކެއްޗެއް އެއް ކުރައްވަވާނެތެވެ. ޖަމާކުރައްވަވާނެތެވެ. ބޮޑު މަންޒަރަކީ މިއީ ނޫންހެއްޔެވެ؟ މިމަންޒަރު ފެނުމުން އެކަނިވެސް ބިރުން ވިރިގެން ނުދާނީ ކާކުހެއްޔެވެ؟ 

ޤިޔާމަތް ދުވަހު އެންމެ ފުރަތަމަވެސް ﷲ ތަޢާލާ ބަސްފުޅު ވަޙީ ކުރައްވަވާނީ އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) އަށެވެ. އެއީ ހިސާބު ބެއްލެވުން ލަސްވެ އެކަމުގައި ޝަފާޢަތްތެރިވެދެއްވުން އެދި މީސްތަކުން ދަންނަވާ ދެންނެވުން ޤަބޫލުފުޅު ކުރައްވަވައި އެކަމަށްޓަކައި ސަޖިދައިގައި އޮންނަވަނިކޮށެވެ. ސަޖިދައިގައި އޮންނަވާނީ ކިހައި އިރަކު، ކިހައި ދުވަހަކު، ކިތައް އަހަރުކަން އެނގޭނެ ގޮތެއް ނެތެވެ. ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާނީ ސަޖިދައިން ތެދުވެވަޑައިގަތުމަށެވެ. އަދި ރަސޫލް (ޞޢވ) އެދިވަޑައިގެންނެވި ކޮންމެ ކަމެއް ފުއްދަވައި ދެއްވަވާނެ ކަމަށް ވަޙީ ކުރައްވަވާނެތެވެ. 

އެހިނދު ރަސޫލް (ޞޢވ) ސަޖިދައިން ތެދުވެވަޑައިގެން ފުރަތަމަ ވެސް ވިދާޅުވާނީ އިތުރުއެކަލޭގެފާނުގެ އުންމަތުގެ ވާހަކައެވެ. އެކަމުންވެސް އެނގެނީ މި އުންމަތުގެ މީހުންގެ މައްޗަށް އިތުރު މާތް ނަބިއްޔާގެ ހިތްޕުޅުގައިވާ ލޯބީގެ ބޮޑުކަމެވެ. އިތުރު މާތް ނަބިއްޔާ (ޞޢވ) ގެ އުންމަތުގެ އެންމެން ނަރަކައިން ސަލާމަތް ކުރެއްވެވުމަށް އެދިވަޑައިގަންނަވާ މިންވަރެވެ. 

އެހިސާބުން އެމީހަކު އީމާންވެ ލީޑަރު ނުވަތަ އިމާމުކަމުގައި ޤަބޫލުކުރި މީހެއްގެ ގާތަށް ޖަމާވާނެއެވެ. ރަސޫލުބޭކަލުންނަށް އީމާންވި މީހުން ޖަމާވާނީ އެ ރަސޫލްބޭކަލެއްގެ އަރިއަހަށެވެ. 

އަހަރެމެން އެންމެން ތިބޭނީ އެއްތަނެއްގައެވެ. ރަސޫލް (ޞޢވ)ގެ އުންމަތުގެ އެންމެން އެކަލޭގެފާނުގެ އަރިއަހުގައި އެއްތަނެއްގައެވެ. ހެޔޮލަފާ މުސްލިމުންނާއި ނުބައި މުސްލިމުންވެސް އަދި މުނާފިޤުންވެސް ފުރަތަމަ ތިބޭނީ އެއްތަނެއްގައެވެ. 

ރަސޫލް (ޞޢވ) ސަޖިދަ ކުރެއްވެވުމުން އުންމަތުގެ މީހުން އިތުރު މާތް ނަބިއްޔާގެ ފަހަތްޕުޅުން ސަޖިދަކުރާނެތެވެ. ނަމަވެސް މުނާފިޤުންނަކަށް ސަޖިދައެއް ނުކުރެވޭނެއެވެ. އެމީހުންގެ ބުރަކަށިތައް ހުންނާނީ ދަނގަނޑުފަދައިން ހަރުވެފައެވެ. އެވަގުތު އެކަމަށް ކަނޑައަޅުއްވަވާފައިވާ މަލާއިކަތުން ވަޑައިގެން އެމީހުން އެތަނުން ގެންދަވާނެތެވެ. އެހެންކަމުން މި އުނމަތުގެ ތެރެއިން އެންމެ ފުތަމަ ވަކިކުރެވިގެނަދާނެ ބައަކީ މުނާފިޤުންނެވެ. 

މުނާފިޤުން ވަކިތަނެއްގައި ބެއިތިއްބެވުމުން މުސްލިމުންގެ ނޫރުން އަލިކަން ލިބިގަތުމަށް މުނާފިޤުން މުސްލިމުންނާއި ކައިރިވުމަށް މަސައްކަތް ކުރާނެއެވެ. ނަމަވެސް ކައިރިއެއް ނުވެވޭނެއެވެ. އެމީހުންނާއި މުސްލިމުންނާއި ދެމެދުގައި ﷲ ތަޢާލާ ފާރެއް ލައްވަވާނެތެވެ. މިފާރުވެގެންދާނީ ޢަޛާބު ލިބޭނެ މީހުންނާއި ދިންނަވާނޭ މީހުންގެ މެދުގައި ލެވިގެންދާ ފާރަކަށެވެ. 

މިއަދު ތިމަންމެންނީ މުސްލިމުން ކަމަށް ބުނެ މުސްލިމުންނަށް އަނިޔާވެރިވެ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުން ބިރުވެތިވާންވީ މި ވަގުތަށެވެ. މިއީ ހަމަކަށަވަރުން މުނާފިޤުންނާއި ކުރިމަތިވާނެ ވަގުތެކެވެ. ބިރުވެރިކަން އިންތިހާއަށް ބޮޑުވެ ގޮތް ހުސްވާނެ ވަގުތެވެ. 

- ބިލާލް އައްސަދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް