އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޞިއްޙަތަށް ގެއްލުންދޭ ކަންކަމަށް މަގުފަހި ނުވާނެ ގޮތަށް ސަރުކާރުގެ ޞިއްޙީ ސިޔާސަތުތައް އެކުލަވާލުމަށް ނައިބް ރައީސް އެދިވަޑައިގެންފި

ޞިއްޙަތަށް ގެއްލުންދޭ ކަންކަމަށް މަގުފަހި ނުވާނެ ގޮތަށް ސަރުކާރުގެ ޞިއްޙީ ސިޔާސަތުތައް އެކުލަވާލުމަށް ނައިބް ރައީސް އެދިވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

ޞިއްޙަތަށް ގެއްލުންދޭ ކަންކަމަށް މަގުފަހި ނުވާނެ ގޮތަށް ސަރުކާރުގެ ޞިއްޙީ ސިޔާސަތުތައް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިމޭރުމުން އެދިވަޑައިގަތީ މިއަދު ހެނދުނު ހޮޓެލް ޖެންގައި ކުރިއަށްދިއަ "މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތް ސަރވޭ 2016-2017" ގެ ހޯދުންތައް އާންމުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި ދިރާސާއިން ދުންފަތުގެ އިސްތިޢުމާލުކުރުންފަދަ ނޭދެވޭ އާދަތައް މުޖުތަމަޢުގައި ފެތުރިފައިވާ މިންވަރު ދައްކުވައިދޭތީ މިފަދަ ނުރަނގަޅު އާދަތަކުން މުޖުތަމަޢު ސަލާމަތްކުރުމަށާއި، ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމަށް މި ދިރާސާގެ ހޯދުންތަކުން ބާރުއަޅައިދޭކަމަށެވެ. އަދި ޤައުމެއްގެ މުސްތަޤްބަލް ބިނާވެގެންވަނީ އެޤައުމެއްގެ އާންމު ފަރުދުންނަށް ދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރާއި އާންމު ޞިއްޙީ ހާލަތުގެ މައްޗަށްކަމަށެވެ.

ފައިޞަލް ވިދާޅުވީ ޞިއްޙީ ހާލަތު ރަނގަޅުކުރުމަކީ ހަމައެކަނި ހެލްތު މިނިސްޓްރީގެ ޒިންމާއެއް ނޫންކަމަށާއި، އެއީ ސަރުކާރުގެ ހުރިހާ ވުޒާރާއެއްގެ އިތުރުން އަމިއްލަ މުޢައްސަސާތަކާއި، ޖަމުޢިއްޔާތަކުގެ އިތުރުން އާންމުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމެއްކަމަށެވެ.

ދުޅަހެޔޮ ސިއްޙަތެއް ހޯދުމަށާއި ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމުގައި ކޮންމެ ފަރުދެއްވެސް އުފުލަންޖެހޭ އަމިއްލަ ޒިންމާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ފައިޞަލް ވިދާޅުވީ ސިއްޙަތަށް ފައިދާހުރި ގޮތަށް ދިރިއުޅުމުގެ ކަންކަން ބައްޓަންކުރަންޖެހޭކަމަށެވެ. އަދި ބަލިތަކުން ރައްކާތެރިވުމަށްދޭ ސަމާލުކަން އިތުރުކޮށް، ޞިއްޙީ ނުރަނގަޅު އާދަތަކުން ދުރުހެލިވެ ސިއްޙަތަށް ފައިދާހުރި ކާނާ ކެއުމާއި، ކަސްރަތުކުރުމާއި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެންނަން ޖެހޭކުގައިވެސް ވިދާޅުވިއެވެ.

"މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތް ސަރވޭ 2016-2017"ގެ މައްޗަށް ބައްލަވާލައްވަމުން ފައިޞަލް ވިދާޅުވީ މި ދިރާސާއަކީ އާބާދީއާއި ސިއްޙަތާ ގުޅުންހުރި މިންގަނޑުތަކާއި ސިއްޙީ ޙާލަތާއި ޚިދުމަތްތަކުގެ ޙާލަތު ދެނެގަތުމަށްޓަކައި ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ކުރެވިފައިވާ ވަރަށް މުހިންމު ދިރާސާއެއްކަމުގައެވެ. އަދި މުސްތަޤްބަލުގައި ސިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި ބޭނުންވާ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ބައްޓަންކުރުމަށް މި ދިރާސާގެ ހޯދުންތައް ބޭނުންކުރެވިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުގެ ސަތޭކަ ދުވަހުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު މަދުކުރުމަށް، އެކަމާ ގުޅޭ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރެވި ޚާއްޞަ ސިޔާސަތުތަކެއް ކަނޑައެޅި ގިނަ މަސައްކަތްތަކެއް ފެށިފައިވާކަން ފާހަގަކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން ޞިއްޙަތު ކުރިއެރުވުމަށް ކުރެވެމުންދާ އެންމެހާ މަސައްކަތްތަކުން އާންމުންގެ ޞިއްޙަތަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމުގައިވެސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ސަރވޭގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރުދަންނަވައި، ޚާއްޞަ ގޮތެއްގައި މިނިސްޓްރީ އޮފް ހެލްތުގެ ބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރައްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް