އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒަކާތް ނުނެރުމާއި މައިންބަފައިންނަށް އޯގާތެރިކޮށް ނުހިތުމަކީ ދުޢާ އިޖާބަކުރެއްވުން ލަސްވެދާނެ ކަންކަން!

ޒަކާތް ނުނެރުމާއި މައިންބަފައިންނަށް އޯގާތެރިކޮށް ނުހިތުމަކީ ދުޢާ އިޖާބަކުރެއްވުން ލަސްވެދާނެ ކަންކަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 38 ސިކުންތު

މީހަކު އެއްދުވަހަކު އިމާމެއްގެ އަރިހުގައި ދެންނެވިއެވެ. ތިމަންނާ ވަރަށް ބޮޑަށް ބަލިވެ އުޅޭތާ 3 އަހަރުވެއްޖެއެވެ. ވަރަށް ގިނަ ބޭސްފަރުވާ ވެސް ކުރެވިއްޖެއެވެ. އެހެން ކަންކަންވެސް ކުރެވިއްޖެއެވެ. ދުޢާ ވެސް ކުރެވިއްޖެއެވެ. ނަމަވެސް އެއްވެސް ޝިފާއެއް ނުލިބުނެވެ. ދެން ހަދާނީ ކިހިނަކުންތޯއެވެ؟ 

ޖަވާބުގައި އިމާމް މީހާ ކުރީ ސުވާލުތަކެކެވެ. ސުވާލުތަކަށް ޖަވާބުދެމުން ގޮސް 2 ސުވާލެއްގައި އޭނާ ފެއިލްވިއެވެ. އެއީ މުދަލު ޒަކާތް ދައްކާކަމަކަށް ނުވިއެވެ. އަދި މައިން ބަފައިންގެ ހައްޤުތައް ފުރިހަމައަށް އަދާކުރާ ކަމަކަށް ނުވިއެވެ. 

އެ ހިސާބުން އިމާމް މީހާ އެދުނީ އެ ދެކަންތައް އަވަހަށް ފުރިހަމަކުރުމަށެވެ. ދެން އޭނާ ކުރި ސުވާލަކީ މުދަލު ޒަކާތް ނުދައްކާތާ 5 އަހަރުވެފައި ވުމުން އެކަން ކުރާނެ ގޮތެކެވެ. އިމާމް މީހާ ބުނީ ލަފާކޮށްފައި ނަމަވެސް ޖެހޭނީ ހަމަ 5 އަހަރުގެ ވެސް ޒަކާތް ދައްކަން ކަމަށެވެ. 

ކޮންމެއަކަސް އެނބުރި ގޮސް އިމާމް ބުނި ފަދައިން ޒަކާތް ނެރުނެވެ. އަދި މައިންބަފައިންގެ ހައްޤުތައް ފުރިހަމައަށް އަދާކުރަން ފެށިއެވެ. ނަތީޖާ އެނގޭ ހެއްޔެވެ؟ ދަރިފުޅުގެ ޙާލު ރަނގަޅުވަމުން ގޮސް 6 އަކަ މަސްދުވަސް ތެރޭގައި ބަލި މުޅިން ފަސޭހަވެއްޖެއެވެ.   

އެއްވެސް މީހަކަށް މުޞީބާތެއް ކުރިމަތިވީ މިވެނި ސަބަބަކާއިހުރެ ކަމަށް ބުނަން އެނގޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ. އަދި މުޞީބާތުން ސަލާމަތްވީ މިވެނިކަމެއް ކުރުމުން ކަމެއްވެސް ނުއެނގޭނެއެވެ. އޮތީ މިފަދަ އިބްރަތްތެރި ހާދިސާތަކަށް ވިސްނައި އިބްރަތް ހާޞިލުކުރުމެވެ. ތިމާ އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރަމުން ގެންދިއުމެވެ. 

ނިކަން ވިސްނައިބަލާށެވެ! މުދަލު ޒަކާތަކީ ނެރުން ލާޒިމް އެއްޗެކެވެ. ﷲ ތަޢާލާ ވަނީ އެކަމަށް ގަދައަޅުއްވަވައި އަމުރުފުޅު ކުރައްވަވައިފައެވެ. ޒަކާތް ނުނެރޭނަމަ ތިބާގެ އަތުގައި ބަހައްޓައިގެން ތިއައުޅެނީ ތިބާއަށް ހުއްދަ ފައިސާއެއް ނޫނެވެ. ﷲ ތަޢާލާގެ ޙައްޤެކެވެ. ﷲ ތަޢާލާ ތިބާގެ ކިބައިން އަހަރަކު 2.5 ދިރުހަމް ޒަކާތަށް ދައްކަން އަމުރުފުޅު ކުރައްވަވާފައިއެވަނީ 100 ދިރުހަމް ދެއްވެވުމަށްފަހުގައެވެ. ވީއިރު އެ 2.5 ދިރްހަމް ނުދީ ހިފެހެއްޓުމުގެ ތިބާއަށް އޮތީ ކޮން ހައްޤެއް ހެއްޔެވެ؟ 

ހަމައެފަދައިން ތިބާއަށް މައިން ބަފައިން ބަލަހައްޓަން ޖެހެނީ އެކަމަށް ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައި އޮތުމުގެ އިތުރުން މައިން ބަފައިން ތިބާއަށްޓަކައި މާބޮޑެތި ތަކުލީފްތައް އެތައް އަހަރެއް ވަންދެން އުފުލުމަށްފަހުގައެވެ. ދުނިޔަވީ އުޞޫލަކުން ބެލި ނަމަވެސް މައިން ބަފައިންނަށް ހެޔޮކޮށް ހިތައި މައިން ބަފައިން ބެލެހެއްޓުމަކީ ކޮންމެ ގޮތަކުން ނަމަވެސް ކުރަން ޖެހޭނެ ކަމެކެވެ. ޔަޤީންވާ ކަމަކީ ތިބާ މުސްކުޅިވާ ދުވަހު ތިބާގެ ދަރިން ތިބާއަށް ހެޔޮކޮށް ނުހިތައިފިނަމަ ތިބާ ވެސް ޝަކުވާ ކުރާނެ ކަމެވެ. 

އެދޭ ކަމެއް ޙާޞިލުވުން ލަސްވާނަމަ ނުވަތަ ދުޢާ އިޖާބަ ނުކުރައްވަވައި ލަސްވާނަމަ ގިނަ ފަހަރަށް ހިތުގައި ޝަކުވާތައް އުފެދެއެވެ. މާޔޫސްވެސް ވެއެވެ. އެކަމަކީ ހާޞިލު ނުކުރެވޭނެ ކަމެއް ކަމަށްވެސް ބެލެވެއެވެ. 

އެފަދަ ހާލަތުގައި ފުރަތަމަވެސް ބަލައިލަންވީ ތިމާގެ ކުށަކީ ކޮބައިތޯއެވެ. ތިމާ ކުރަންޖެހޭ ކަންކަން ފުރިހަމައަށް ކުރެވޭތޯއެވެ! ފުރިހަމައަށް ނުކުރެވޭ ކަމެއް އޮތްނަމަ އެކަން ވީހައި އަވަހަކަށް ފުރިހަމަކުރާށެވެ! ތިބާގެ އެދުންތައްވެސް ދާނީ ފުރިހަމަވަމުންނެވެ! އިން ޝާ ﷲ! 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް