އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނި ނުކޮށް ލޯބިވެގެން އުޅޭ ނަމަ ޤިޔާމަތް ދުވަހު ޢަރްޝީގެ ހިޔާ ލިބުމަކީ ދުރުކަމެއް!

ކައިވެނި ނުކޮށް ލޯބިވެގެން އުޅޭ ނަމަ ޤިޔާމަތް ދުވަހު ޢަރްޝީގެ ހިޔާ ލިބުމަކީ ދުރުކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 23 ސިކުންތު

ކައިވެނި ނުކޮށް ލޯބިވެގެން އުޅޭ ނަމަ ޤިޔާމަތް ދުވަހު ޢަރްޝީގެ ހިޔާ ލިބުމަކީ ދުރުކަމެކެވެ. އެހެނީ ލޯބިވެގެން އުޅޭނަމަ ފާހިޝް އަމަލުތައް ކުރެވުމުގެ ފުރުޞަތު ބޮޑުވާތީއެވެ. ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލި ފާހިޝް އަމަލުތައް ކުރެވޭތީއެވެ. ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ އިންތަކުގެ ތެރޭގައި އަމަލުތައް ނުބެހެއްޓޭތީއެވެ. އިއްފަތްތެރިކަން ހިމާޔަތްކޮށް ރައްކައުތެރި ނުކުރެވޭތީއެވެ.  

ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބޭނެ 7 މީހުންގެ ތެރެއިން އެކަކީ ފާހިޝް އަމަލެއް ކުރުމަށް އަނހެންކު ދޭ ދަޢުވަތު ﷲ ތަޢާލާއަށް ބިރުން ޤަބޫލުނުކުރާ މީހާއެވެ. ލޯބިވެގެން އުޅޭނަމަ އެ ފަދަ މީހަކަށް ނުވެވުމަކީ ވަރަށް ގާތްކަމެކެވެ. 

"އަދި އެމީހާގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި ހުންނަޖެހޭ ހުރުމަށް ބިރުވެތިވެ އެމީހެއްގެ ނަފްސް ނުބައި އެދުންތަކުން ދުރުކޮށްފި މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ ސުވަރުގެއެވެ." (79-40،41) 

ކައިވެނި ނުކޮށް ލޯބިވެގެން އުޅޭނަމަ މި 2 އާޔަތުގައި ﷲ ތަޢާލާ ބަޔާން ކުރައްވަވާފައި އެވާ މީހުންގެ ތެރޭގައި ހިމެނުމަކީ ވަރަށް ނާދިރު ކަމަކަށްވާތީއެވެ!   

މުސްލިމުންގެ ސިޔަރަތުން އެނގެން އޮތް ގޮތުގައި މުސްލިމުން ލޯތްބަކަށް ނުވަތަ ލޯބިވެގެން އުޅުމަށް ނުއެދެއެވެ. އެދެނީ ކައިވެންޏަށެވެ. ފިރިހެނުން ސީދާ އަމިއްލައަށް ގޮސް ޢާއިލާގެ ކިބައިން ނުވަތަ އެ ކަނބަލެއްގެ ކިބައިން އެދެނީ ކައިވެންޏަށެވެ. އަދި އަންހެނުން އެއަންހެނަކު އެދޭ ފިރިހެނެއްގެ ގާތަށް މީހުން ފޮނުވައިގެން ވެސް ކައިވެންޏަށް އެދެއެވެ. 

ޚަދީޖަތުގެފާނު ރަސޫލް (ޞޢވ) އާއި ކައިވެނި ބައްލަވައިގަތުމުގެ ޝައުޤްވެރިކަން ފައުޅުކުރެއްވެވީ އަމިއްލަފުޅަށް މީހަކު ރަސޫލް (ޞޢވ)ގެ އަރިއަހަށް ފޮނުއްވަވައިގެންނެވެ. އެހެންކަމުން މިއީ އެ ޒަމާނުގައިވެސް ޢަބުރުވެރި ޤަދަރުވެރި އަންހެނުން ކުރަމުން އައިކަމެއްކަން ހާމަވެއެވެ. ވީމާ މިއީ މިއަދުވެސް ކުރަން ފަސްޖެހެންވީ ކަމެއް ނޫނެވެ. 

ކޮންމެއަކަސް ދެ ގޮތުގައިވެސް އެދެނީ ހަމަ ކައިވެންޏަށެވެ. ލޯބިވެގެން އުޅުމަކަށް ނޫނެވެ. ނަމަވެސް މިއަދު އެކަން މިވަނީ ބަދަލުވެފައެވެ. ފުރަތަމަ ވެސް އެދެނީ ލޯބިވެގެން އުޅުމަށެވެ. 

ކައިވެންޏަށް އެދުމަކީ ﷲ ތަޢާލާ އެންގެވި ގޮތުގައި ހަޔާތް ފެށުމަށް ކުރެވޭ މަސައްކަތެކެވެ. ލޯބިވުމަށް ނުވަތަ ލޯބިން ގުޅިގެން އުޅުމަށް އެދުމަކީ ޝައިޠާނާގެ މަގުގައި ކުރިއަށް ދިއުމަށް އެޅޭ ބިންގަލެކެވެ. އެއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. 

ދިރިއުޅުމަށް އަޅާ ބިންގާ ހަރުދަނާ ނުވެއްޖެނަމަ އެ ބިންގަލުގެ މަތީގައި ހަރުދަނާ ދިރިއުޅުމެއް އާރާސްތުކުރުމަކީ ކުރަން އެހައި ފަސޭހަކަމަކަށްވެސް ނުވާނެއެވެ. ނަމަވެސް މިއަދު މިކަންކަމަށް ދެވޭ ސަމާލުކަން މިދަނީ ކުޑަވަމުންނެވެ. ލޯބީގެ ގޮތުން ގުޅި، ކައިވެނި ނުކޮށް އެކުގައި އުޅުމަކީ ރީތި ގޮތެއްކަމަށް މިވަނީ ޤަބޫލުކުރެވިފައެވެ. ނަމަވެސް އިސްލާމް ދީނަށް ބަލައިފިނަމަ އެއީ ވަރަށް ހުރުތުކަންބޮޑު ގޮތެކެވެ. އެކަމުގެ ސަބަބުން ﷲ ތަޢާލާ ނަހީ ކުރެއްވެވި އެތައް ކަމަކަށް މަގުފަހިވެގެންދާތީއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް