އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިމްތިޙާނުގެ ސުވާލު ކަރުދާސް ޢުމުރު ދުވަހު އަތުގަ އޮވެ ފާސްނުވާ މީހަކަށް އަމިއްލައަށް ވެފަ، ޤިޔާމަތް ދުވަހު ކުރަން އޮންނާނީ ކޮން ޝަކުވާއެއް؟

އިމްތިޙާނުގެ ސުވާލު ކަރުދާސް ޢުމުރު ދުވަހު އަތުގަ އޮވެ ފާސްނުވާ މީހަކަށް އަމިއްލައަށް ވެފަ، ޤިޔާމަތް ދުވަހު ކުރަން އޮންނާނީ ކޮން ޝަކުވާއެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

މާދަމާއަށް ތައްޔާރުވުމަށް ﷲ ކުރައްވަވާފައިވާ އަމުރު ތަންފީޒްކުރެވޭ ހެއްޔެވެ؟ އާޔަތުގައި ފުރަތަމަ އަމުރުފުޅު ކުރައްވަވާފައިވަނީ ﷲ ތަޢާލާއަށް ބިރުވެތިވުމަށެވެ. އެއަށްފަހު ހަމަ އެއާޔަތުގައި ވަޙީ ކުރައްވަވާފައިވަނީ މާދަމާއަށްޓަކައި ކުރެވިފައިވަނީ ކޮން ކަމެއްކަން ބެލުމަށެވެ. ވީމާ ﷲ ތަޢާލާއަށް ބިރުވެތިވުމާއި މާދަމާއަށްޓަކައި ހެޔޮ އަމަލުކުރުމާއި ހެޔޮ އަމަލުކުރެވޭ މިންވަރު ބެލެހެއްޓުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. 

އަދިވެސް ވިސްނައިލަން އެބަޖެހެއެވެ. ހަމަ އެއާއިއެކުވެސް ވިދިގެން ވަނީ ﷲ ތަޢާލާއަށް ބިރުވެތިވުމަށް އަމުރުފުޅު ކުރައްވަވަވައިފައެވެ. އެއް އާޔަތެއްގައި ދެފަހަރަށް އަމުރު ފުޅު ކުރައްވަވާފައިވުމުން ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވުމުން އެކަމަށް ސަމާލުކަން ދޭންޖެހޭ މިންވަރުވެސް އެނގިގެންދެއެވެ. 

މިކަމަކީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ. އަހަރެމެންގެ އަމިއްލަ ހިސާބުތައް ބެލެހެއްޓުމުގައި އަހަރެމެން މިއަދު މިވަނީ ވަރަށް ބޮޑަށް ފޭލްވެފައެވެ. ލިބޭ ހުސްވަގުތުތައް ބޭކާރު ގޮތުގައި ހޭދަކުރަމުން ގެންދާއިރު ތިމާއަށް އެދުވަހު ކުރެވުނު ހެޔޮ އަމަލުތަކާއިމެދު ވިސްނައިވެސް ނުލަމުއެވެ.  

ކޮފީއާއި ސޯޝަލް މީޑިއާގައި ވަގުތުތައް ހޭދަކުރަމުން ގެންދާއިރު ގިނަ ފަހަރު އޮންނަނީ ފަރުޟު ނަމާދަށްވެސް އިހްމާލްވެވިފައެވެ. ޛިކްރްކުރުން މަތިން ޢަމްދުން ހަނދާންވެސް ނެތިފައެވެ. 

ނިކަން ވިސްނައިބަލާށެވެ! އަމިއްލަ ކަމެއްގައި އިންޓަރވިޔުއަކަށްދާނަމަ ވަރަށް ފުރިހަމައަށް ތައްޔާރުވަމުއެވެ. ފަހަރެއްގައި ކޮށްފާނެ ސުވާލުތަކަށް ޖަވާބު ދިނުމަށް ވެސް ތައްޔާރުވަމުއެވެ. ޤިޔާމަތް ދުވަހުގެ ކަންކަން ވަރަށް ތަފާތެވެ. ކުރެވޭނެ ސުވާލުތައް އޮތީ ކުރިއަށް އަންގަވައިފައެވެ. ސުވާލު ކަރުދާސްގަނޑު މިވަނީ އަހަރެމެންނާއި ޙަވާލުކުރައްވަވައިފައެވެ. ވީއިރު ޤިޔާމަތް ދުވަހުގެ އިންޓަރވިޔުއިން ފާސް ނުވެވުމަކީ އެމީހަކު އަމިއްލައަށް ލިބިގަންނަ ކަމެކެވެ. 

ނިކަން ވިސްނައިބަލާށެވެ! އިމްތިޙާނުގެ ސުވާލުކަރުދާސް ކުރިއަށް އަތަށް ލިބުމުން ފާސް ނުވާނީ ކިހައި ފަރުވާ ކުޑަވީމަހެއްޔެވެ؟ އެކަމަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދިނުމުން ނޫން ހެއްޔެވެ؟ 

މިދެއްކި ހުރިހާ ވާހަކައެއްގެ ޚުލާޞާއަކީ ޤިޔާމަތް ދުވަހު ޖަވާބުދާރީވާން ޖެހޭނެ ކަންކަން މިއޮތީ ކީރިތި ޤްރްއާނުން ވަރަށް ސާފުކޮށް އެނގޭށެވެ! ވީއިރު ﷲ ތަޢާލާގެ ޙަޟްރަތުގައި ޤިޔާމަތް ދުވަހު ހުންނަން ޖެހޭ ވަގުތު ޖަވާބުދާރީ ނުވެވުމުން ދެން ކުރަން އޮންނާނީ ކޮން ޝަކުވާއެއް ހެއްޔެވެ؟ ޖަވާބުދާރީ ވެވޭނެ މަގުތައް ﷲ ތަޢާލާ ވަނީ ދައްކަވައި ދެއްވަވައިފައެވެ! އެކަމަށް ކުރަންޖެހޭ ކަންކަން ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. ވީމާ ކޮންމެ މީހަކީވެސް އިމްތިޙާނުން ފާސްވާނެ މީހަކަސް ވުމަކީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް