އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރަނގު އާދަމް މަނިކު މައްޗަންގޮޅި އުތުރު ދާއިރާއަށް ކުރިމަތިލައްވައިފި

ސަރަނގު އާދަމް މަނިކު މައްޗަންގޮޅި އުތުރު ދާއިރާއަށް ކުރިމަތިލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 2 ސިކުންތު

މާލެ ސިޓީގެ ކުރީގެ މޭޔަރު އަދި މައްޗަންގޮޅީގެ އަވަށް ކުރިއަރުވާ ކޮމިޓީގެ މެންބަރުކަމުގައި ހުންނަވައިގެން އަވަށަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ވިޔަފާރިވެރިޔާ، ސަރަނގު އާދަމް މަނިކު ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ކުރިމަތިލައްވައިފިއެވެ. 

މިކަމާއި ގުޅިގެން މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އާދަމް މަނިކު ވިދާޅުވީ މަޖިލީހަށް ކުރިމަތިލައްވަން ނިންމެވީ ވަރަށް ގިނަ ސަބަބުތަކެއް ހުރުމުން ކަމަށެވެ. "އަޅުގަނޑަކީ ވެސް 14 ވަރަކަށް އަހަރުގެ ސިޔާސީ ހަޔާތެއް އޮތް މީހެއް. އަޅުގަނޑުމެން ކުރި މަސައްކަތުން އެއިރު އޮތް ރައީސް މައުމޫނުގެ ވެރިކަން 2008 ވަނަ އަހަރު ބަދަލުކުރެވުނު. 3 އަހަރުފަހުން އެ ވެރިކަން ވަނީ ވައްޓާލައިފަ. ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރެވުނު ނަމަވެސް ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތައް އަދިވެސް ގެނެވިފައެއް ނުވޭ. އަދިވެސް މިކުރެވެނީ ރައްޔިތުން ބޭނުންވާ ވެރިކަމެއް ނޫން." 

އާދަމް މަނިކު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އެންމެ ނިކަމެތި މީހާއަށް ވެސް ހަމަ ހަމަ އުޞޫލަކުން ކަންކަން ފުރިހަމަވާނެ ވެރިކަމެއް ކަމަށާއި ނަމަވެސް މިހާރުވެސް ފެންނަމުންދަނީ އެފަދަ ވެރިކަމެއް ނޫން ކަމަށެވެ. އަދި އެކަންކަމުގެ ތަފްޞީލުތައްވެސް ވަނީ ހާމަކުރައްވައިފައެވެ. 

އާދަމް މަނިކު ވިދާޅުވީ މާލޭގެ މޭޔަރުކަމުން ވަކިވެވަޑައިގަތުމަށްފަހު ސިޔާސީ ކަންކަމާއި ދުރުގައި ހުންނަވަން ބޭނުންފުޅުވި ކަމަށެވެ. ނަމަވެސް ރައްޔިތުންގެ އުންމީދުތައް ފުރިހަމަވަމުން އަންނަތަން ފެނިވަޑައި ނުގަންނަވާތީ އަލުން ސިޔާސީ މަސައްކަތްތައް ކުރައްވަން ފަށްޓަވަން ނިންމެވީ ކަމަށެވެ. އަދި އެ މަސައްކަތްތައް ފުރިހަމައަށް ކުރެއްވޭނީ މަޖިލިސް ތެރެއިން ކަމަށް ޤަބޫލުފުޅު ކުރައްވާތީ މަޖިލިސް މެންބަރުކަމަށް ކުރިމަތިލައްވަން ނިންމެވީ ކަމަށެވެ. 

"އަޅުގަނޑު ކުރިމަތިމިލަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުން. އަޅުގަނޑަކީ މިހާރުވެސް އެމްޑީޕީ މެނަބަރެއް. އެކަން އޮންނާނީ އެގޮތަށް. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނެގެހެއްޓުމަށާއި އެމްޑީޕީގެ އިސްވެރިއަކަށް ރައީސް ނަޝީދު ބަހައްޓަން ކުރެވެންހުރި ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނަން." 

އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލައްވަން ނިންމެވި ސަބަބު ބަޔާންކުރައްވަމުން އާދަމް މަނިކު ވިދާޅުވީ ޕާޓީއެއްގެ ތެރެއިން ހޮވިއްޖެ ނަމަ ވޯޓުދޭން ޖެހޭނީ ޕާޓީތަކުގެ އެތެރޭގެ ޤަވާއިދުތައް އޮންނަގޮތުން ޕާޓީން ނެރޭ ވިޕްލައިނާއި އެއްގޮތަށް ކަމަށްވާއިރު ޕާޓީތަކުން ގޮތް ނިންމަނީ ޕާޓީތަކަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ކަމަށެވެ. އަދި ބޭނުންފުޅުވަނީ ކޮންމެ ކަމެއްގައިވެސް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ނިންމަވަން ކަމަށެވެ. 

"އަޅުގަނޑުގެ ކެންޕޭން ޖަގަހަ ހުންނާނީ ވެސް މއ. ކާމިނީ ގޭގަ. މިވެސް ރަނގަޅު މެސެޖެއް ނޫންތޯ ރައްޔިތުންނަށް." އާދަމް މަނިކު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް