އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާޚީރަތް ދުވަހު ގުނަވަންތައް ހެކިދޭނެ ކަމަށް ޤަބޫލުކުރަންޖެހޭ ކަމުގެ ހެކި ސައިންސްވެރިން މިހާރުވެސް ހޯދައިފި!

އާޚީރަތް ދުވަހު ގުނަވަންތައް ހެކިދޭނެ ކަމަށް ޤަބޫލުކުރަންޖެހޭ ކަމުގެ ހެކި ސައިންސްވެރިން މިހާރުވެސް ހޯދައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 50 ސިކުންތު

އާޚިރަތް ދުވަސް މަތިން ހަނދާންކުރާ މީހާ ކިތަންމެ ފަސޭހައިން ލިބެން އޮތް ނަމަވެސް ހަރާމް ގޮތުގައި ލިބޭ ފައިސާ ޢާއި ތަކެތި ބޭނުމެއް ނުކުރާނެއެވެ. އޭނާ ބިރުވެތިވާނީ އެންމެހައި މީސްތަކުން އެއްކުރައްވަވައި ހިސާބު ބައްލަވާނެ ބޮޑު ދުވަހަށެވެ. އެދުވަހު ލިބިދާނެ ގަދަފަދަ އަޒާބަށެވެ. 

ހަރާމް ތަކެތި ކައިގެން ޖަހާ މަސް ދިއުން ގާތީ ނަރަކައަށް ކަމަށް އޮތް ބަސްފުޅަށް އެމީހާ ބިރުވެތިވާނެއެވެ. އެކަމަށް ބިރުވެތިވާނަމަ ދުނިޔެމަތީގައި ލިބިދާނެ ވަގުތީ އުފަލަކަށްޓަކައި އަމިއްލަ ގައިގަ އާއި އަނބިދަރީންގެ ގައިގައި ޙަރާމް މަހެއް ނުޖައްސުވާނެއެވެ. 

މިއަދު ތަފާތު އުޒުރުތައް ދެއްކިދާނެއެވެ. ބަހަނާތައްވެސް ދެއްކިދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު އެކަންކަމުގެ ސަބަބުން ވެސް ލިބޭނީ އިތުރު ފާފަތަކެވެ. ހެދި ދޮގުތަކަށެވެ. އޮޅުވައިލުންތަކަށެވެ. އެދުވަހުން އެއްވެސް މީހެއްގެ ހެކިބަހެއް ބޭނުމެއް ނުވާނެއެވެ. އެމީހާގެ އަމިއްލަ ގުނަވަންތައް ހެކިދޭނެއެވެ. ގައިގައި ޖަހާފައި ހުރި މަސް ޖަހާފައި ހުރި ގޮތް ކިޔައިދޭނެއެވެ. 

މިކަމަށް ޝައްކުރާ މީހުން އިތުރަށް ވިސްނައިލާށެވެ. މިޒަމާނުގައިވެސް މިކަމަށް ބާރުލިބޭ ޢަލާމާތްތައް މިދަނީ ފެންނަމުންނެވެ. ﷲ ތަޢާލާ އެގެންދަވަނީ ދައްކަވަމުންނެވެ. މިސާލަކަށް ބޮލުގައި ހެލްމެޓެއް ފަދަ އެއްޗެއް އަޅުވައިލުމުން ސިކުނޑި ހަރަކާތްކުރާ ގޮތުން މީހާގެ ދުލުން ބަޔާން ނުދީ އޭނާގެ ހިތަށް އަރާ ކަންކަން ދެނެގަނެވޭނެ ނިޒާމު މިހާރު އެބަހުއްޓެވެ. އަދި އެގެންދަނީ މިހާރުވެސް ބޭނުންކުރަމުންނެވެ. 

ދޮގު ބުނުމުން އެބުނީ ދޮގެއްކަން ދަނެގަނެވޭނެ ނިޒާމް މިހާރުވެސް އެބަހުއްޓެވެ. މިއީ އަދި ޓެކްނޮލޮޖީގެ ފެށުމެވެ. ޢިލްމުގެ ތެރެއިން ﷲ ތަޢާލާ ދެއްވަވާފައިވާ ވަރަށް ކުޑަ މިންވަރެކެވެ. މި ޓެކްނޮލޮޖީ ކުރިއަރައި ފުރިހަމަވެގެންދާނީ ކިހައިވަރަކަށް ކަން އެނގެނީ ކާކަށް ހެއްޔެވެ؟ ވީއިރު ހަމައެކަނި މިކަންކަމަށް ވިސްނައިލި ނަމަވެސް އާޚިރަތް ދުވަހުން ގުނަވަންތައް ހެކިދޭނެ ކަމަށް ޤަބޫލު ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އެކަމުގެ ހެކި ﷲ ތަޢާލާ މިހާރުވެސް އެގެންދަވަނީ ދައްކަވަމުން ނޫން ހެއްޔެވެ؟ 

ބިރުވެތިވާންވީ އެދުވަހަށެވެ. އެމީހަކު ކުޅަ ޒައްރެއްގެ މިންވަރުގެ ނަމަވެސް ހެޔޮ އަމަލާއި ނުބައި އަމަލުގެ ރަހަ ދެކޭނެ ދުވަހަށެވެ. މިއީ ﷲ ތަޢާލާގެ ވަހީ ބަސްފުޅެވެ. 

ތަޤްވާވެރިކަން އިތުރުކުރަން ކުރަންޖެހޭ އެއް ކަމަކީ ގިނަގިނައިން ޢާޚިރަތް ދުވަސްމަތިން ހަނދާން ކުރުމެވެ. އެދުވަހުގެ ބިރުވެރިކަމާއިމެދު ވިސްނައި ފިކުރުކުރުމެވެ. މިކަންކަން އިތުރުކުރި ވަރަކަށް ތަޤްވާވެރިކަން ދާނީ އިތުރުވަމުންނެވެ. ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަންކަމާއި ދާނީ ދުރުހެލިވެވެމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް