އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަނޑިޔާރުންގެ މަހާސިންތާގަ މައްސަލަތައް، އަވަހަށް ނިންމުމަށް މުހިއްމު ގޮތްތަކެއް ނިންމަވާނެ ކަމަށް އުއްމީދު ކުރަން: ރައީސް ޞާލިޙް

ފަނޑިޔާރުންގެ މަހާސިންތާގަ މައްސަލަތައް، އަވަހަށް ނިންމުމަށް މުހިއްމު ގޮތްތަކެއް ނިންމަވާނެ ކަމަށް އުއްމީދު ކުރަން: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 23 ސިކުންތު

މި ހަފުތާ ބަންދުގައި ބާއްވާ ފަނޑިޔާރުންގެ މަހާސިންތާގައި، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް، އަވަހަށް ނިންމުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާއި ބެހޭގޮތުން، ފަނޑިޔާރުންގެ މެދުގައި މަޝްވަރާ ކުރައްވައި، މުހިއްމު ގޮތްތަކެއް ނިންމަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

"ޤަޟާއީ އަހަރު 2019" އިފްތިތާޙް ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި  ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އަނިޔާވެރިކަމާއި ބޭއިންޞާފުގެ ވާހަކަ ދައްކާއިރު އަބަދުވެސް ބުނެ އުޅޭ އެއް ބަހަކީ ކޮންމެ އިހުމާލަކީ އަނިޔާއެއް ކަމަށެވެ. "އެހެންކަމަށްވާނަމަ، ޙައްޤެއް ހޯދުމަށް ފަނޑިޔާރުގެއަށް ހުށަހެޅުމުން، އެކަމާމެދު އަޅައިލުމެއްނެތި، ތިން ހަތަރު އަހަރު ވަންދެން މައްސަލަ ބާއްވާއިރު، އެއަށްވުރެ ބޮޑު އަނިޔާވެރިކަމެއް އޮންނާނެބާވައޭ، އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދޭ." 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ފަނޑިޔާރުގޭގައި މައްސަލަތައް ދިގުލައިގެން ދިޔުމަކީ، ޤައުމުގެ އިޤްތިޞާދަށާއި ތަރައްޤީއަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.  ވިޔަފާރިއާއި ބޭންކުގެ މުޢާމަލާތްތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް، ފަނޑިޔާރުގޭގައި ތާށިވެފައި އޮންނަ ކޮންމެ ދުވަހަކީ، ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ބޭރުގެ ވިޔަފާރިވެރިން، ރާއްޖެއާ ދުރަށް ޖައްސާނެ ދުވަހެއް ކަމަށެވެ. 

 

ރައީސް ޞާލިޙްގެ ވާހަކަފުޅުން: 

ރާއްޖޭގެ ޤާނޫނީ އަދި ޝަރުޢީ ނިޒާމާ ބެހޭގޮތުން، 2014 ވަނަ އަހަރު ޔޫ.އެން.ޑީ.ޕީން ހެދި ސާރވޭއިން ދައްކާގޮތުގައި، ރައްޔިތުންގެ ގާތްގަނޑަކަށް 71 އިންސައްތަ މީހުން ބޭނުންވަނީ، ކޯޓުތަކަށް ނުގޮސް މައްސަލަތައް ޙައްލުކުރަން. ސަބަބަކީ ކޯޓުތަކަށް އިތުބާރު ނުކުރެވުން. އެއީ އިންޞާފު ލިބޭނެކަމުގެ އިތުބާރު ނެތުން. އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތް ކުރެވޭނެ ކަމުގެ އިތުބާރުވެސް ނެތުން. 

އޭގެފަހުން މިވެއަތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި، ޝަރުޢީ ނިޒާމުގެ ތެރޭގައި ކަން ހިނގާފައިވާ ގޮތް، އަޅުގަނޑަށްވުރެ މާ ރަނގަޅަށް ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މާދަމާ ފެށޭ [ޖުޑީޝަލް ކޮންފަރެންސް]ގައިވެސް، މިނިވަން ފަނޑިޔާރުގެއެއް ހިންގާނެ ގޮތާއި، ފަނޑިޔާރުގެ އިޞްލާޙު ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ތާވަލު ކުރައްވާފައިވަނީވެސް، ރައްޔިތުންގެ އިތުބާރު އަލުން ހޯއްދަވަންޖެހޭކަން ގަބޫލުކުރެއްވޭތީ ކަމަށް އަޅުގަނޑަށް ޔަޤީން.

ފަނޑިޔާރުގެ އިޞްލާޙުކޮށް، އިންޞާފުގެ މަގަށް ޝަރީޢަތް ކުރެވޭނެ މަގު ކޮށުމަކީ، އަޅުގަނޑުގެ ރިއާސީ ވަޢުދެއް. މާތް ﷲގެ ވާގިފުޅާއެކު، މި ސަރުކާރުން އެ ވަޢުދު ފުއްދާނެ. އަޅުގަނޑުމެން އެކަން ކުރާނީ، ޤާނޫނީ އިމުގެ ތެރެއިން، އަދި ފަނޑިޔާރުގޭގެ ލަފަޔާއި މަޝްވަރާވެސް ހޯދައިގެން.

އަޅުގަނޑު އުއްމީދުކުރާ ގޮތުގައި، މިއަދު މިފެށުނު ޤަޟާއީ އަހަރުގެ ތެރޭގައިވެސް، ފަނޑިޔާރުގެތަކުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ރައްޔިތުންގެ އިތުބާރު ހޯދުމަށް. ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވާނީ، ފަނޑިޔާރުގެއިން ކަންކަން ނިންމާނީ، އިންޞާފުވެރިކަމާ އެކުގައި ކަމުގެ ޔަޤީންކަން ލިބުން.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް