އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބުލީ ކުރުމަކީ ހައްލެއް ނޫން، ވިސްނާދިނުން މާރަނގަޅު ވާނެ! މީހުން އަޅުގަނޑު ބުލީ ކުރީ ހަގީގަތް އޮޅުން ނުފިލުވާ!: ނިހާ

ބުލީ ކުރުމަކީ ހައްލެއް ނޫން، ވިސްނާދިނުން މާރަނގަޅު ވާނެ! މީހުން އަޅުގަނޑު ބުލީ ކުރީ ހަގީގަތް އޮޅުން ނުފިލުވާ!: ނިހާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 4 ސިކުންތު

ނިހާ ނައީމް އޭ ބުނުމުން އެއީ ކާކުކަން މިހާރު ބައެއް މީހުންނަށް ހަނދާން ނުވެދާނެއެވެ. 

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 24 ވަނަ ދުވަހު ސޯޝަލް މީޑިއާ ގައި އެންމެ އާންމުވީ އެއް ވީޑިއޯ އަކީ، ތިން އަންހެން ކުއްޖަކު އެހެން އަންހެން ކުއްޖެއްގެ މޫނު މަތީގައި ތަޅާ މަންޒަރު ދައްކުވައިދިން ވީޑިއޯ އެކެވެ. އޭގެ ތެރެއިން އެމީހުން ތެޅީ ނަޝްފާ ހަސަން ކިޔާ ކުއްޖެއްގެ ގައިގާ ކަމާއި ތެޅި އަންހެން ކުދިންގެ ތެރޭގައި ނިހާ ނައީމް ކިޔާ ކުއްޖެއް ހިމެނުނުކަން ފަހުން ވަނީ ހާމަވެފައެވެ. 

ނަޝްފާއަށް ގަނާ ކުރިކަމުގެ ތުހުމަތުގައި ސޯޝަލް މީޑިއާގައި އެކިއެކި ފަރާތްތަކުން ވަނީ ނިހާ އާއި ދެން ތިބި ކުދިންނާއި ދިމާލަށް ވެސް އެކި އެއްޗެހި ކިޔާ، އެކުދިންނާއި ބެހޭ ގޮތުން ތަފާތު އެކިއެކި ޖޯކު ވެސް ޖަހާފައެވެ. އެގޮތުން ސައިބާރ ބުލީއިންގ ގެ އެންމެ ބޮޑު ޝިކާރައަކަށް އެއިރުވީ ނިހާ އެވެ. 

އެދުވަހު ނިހާ ގާތު ގިނަ މީހުން ކުރި ސުވާލަކީ، "ޖެހީ ކީއްވެތޯ؟" އެވެ. 

"މިއަދުނޫހަށް" ދިން ޚާއްސަ ބަސްދީގަތުމެއްގައި ނިހާ މިއަދު ވަނީ އެހުރިހާ ވާހަކައެއް ހިއްސާ ކޮށްފައެވެ. މަޤްސަދަކީ މާޒީ އަލުން އަނބުރާ ގެނައުމެއް ނޫނެވެ. އެހެން ފަރާތްތަކަށް ނިހާގެ ފަރާތުން ވެސް ކަންތައްވީ ގޮތް ކިޔައިދީ، އެހެން މީހުންނަށް އިބުރަތެއް ހާސިލް ކޮށްދިނުމެވެ. 

އެގޮތުން އެންމެ ފުރަތަމަ ވެސް ނިހާ ކިޔައިދިނީ އެމައްސަލަ ފެށުނު ގޮތާއި ވީޑިއޯ ނެގުނު ގޮތެވެ. ނިހާ ބުނި ގޮތުގައި އެންމެ ފުރަތަމަ ޖަހާފަ ވަނީ ވެސް ނަޝްފާ އެވެ. 

"ގްރޫޕް ތެރޭގައި ޖެހުނު މައްސަލައެއްގައި، ހުޅުމާލެ ޓާރމިނަލް ކައިރިން އެންމެ ފުރަތަމަ ނަޝްފާ ޖެހީ އަޅުގަނޑު ގައިގަ. އެދުވަހު އެތަނުގައި ވަރަށް ގިނަ މީހުންވެސް ތިބީމަ އަޅާނުލާ ދިޔައީ. އަޅުގަނޑު ކުރިން ދަންނަ ކުއްޖެއް ވެސް ނޫން އެއީކީ. އެފްބީ އިން ހެދި ގްރޫޕަކުން ވާހަކަ ދައްކަން ފެށީވެސް. މައްސަލަ ޖެހިގެން އޭނަ ފުރަތަމަ ޖެހީމަ ވެސް އަޅާނުލާ ހުއްޓާ އަޅުގަނޑަށް ގުޅާފަވެސް ވަރަށް ހަޑި އެއްޗެހި ކިއީ، އެހެންވެ އެހެން ރައްޓެހި ކުއްޖެއް ކައިރީ ބުނެގެން ނަޝްފާ އުޅޭ ގެ ހޯދީ. ވީޑިއޯ ލީކްވީ އެކަމެއް ހިނގިތާ ހަ މަސް ފަހުން." ނިހާ ކިޔައިދިނެވެ. 

ވީޑިއޯ ލީކްވުމުން ނިހާ ވަރަށް ދެރަވި ކަމަށާއި، ބުލީ ކުރީއޭ އެންމެން ވެސް އެއިރު ކީ ކަމަށް ނިހާ ބުންޏެވެ. އަދި އޭނާގެ އާއިލާ މީހުން ނޫން އެއްވެސް ބަޔަކު ހަގީގަތް ހޯދާލަން މަސައްކަތް ނުކުރި ކަމަށް ވެސް ހިތާމައާއިއެކު ނިހާ ބުންޏެވެ. 

"އަޅުގަނޑަށް އިނގޭ އަޅުގަނޑަށްވެސް ރަނގަޅަކަށް ނޫންކަން ކަންތައް ކުރެވުނީ. ޖަހައިގެން ނުވާނެކަން. އެކަމަކު އެކަކުވެސް އެކަން އަސްލު ފެށުނު ގޮތް ހޯދަން މަސައްކަތެއް ނުކުރި. އެންމެންވެސް ކީ ބުލީ ކުރީއޭ. އާއިލާ މީހުން އެކަނި ހިތްވަރުދީ އަޅުގަނޑުގެ ހާލު ބަލާ ހެދީ. ވީޑިއޯ ލީކުވިތާ ހަފްތާއެއް ތެރޭގައި ފުލުހުން އައީ އަޅުގަނޑު ބަލާ، ކޯޓު އަމުރެއްގެ ދަށުން. ދޫނިދޫގައި 15 ދުވަސް ހޭދަ ކުރިން. އަޅުގަނޑަކަށް އަސްލު ނުބުނެވޭނެ އަޅުގަނޑާއި ދޭތެރޭ ފުލުހުން ވެސް ކަންތައް ކުރީ ރަނގަޅަށޭ. އެމީހުން ވެސް ބުލީ ކުރި. އެތަނުގައި ހުއްޓާ އަޅުގަނޑު ވަރަށް ބަލި ވެސްވި. ދެން ވަރަށް ދެރަވެފަ ނާއުންމީދުވެފަ ހުރީ. ސަލާމަތެއް ނުވެވޭނޭ ވެސް ހިތައް އެރި. އެކަމަކު އަލްޙަމްދުލިﷲ 15 ދުވަސް ފަހުން ގޭ ބަންދަށް ދޫކޮށްލި" އަސަރާއެކު ނިހާ ކިޔައިދިނެވެ.

އެއިރާއި މިހާރާއި ނިހާ ވަރަށް ތަފާތެވެ. ދީނީ ކަންކަމަށް ހޭލުންތެރިވުމުގެ އިތުރުން އޭނާ މިހާރު ހުންނަނީ މޫނުބުރުގާ އަޅާފައެވެ. 

"ވަރަށް ފަހުން ވެސް ޕޭޖަކުން އަޅުގަނޑުގެ ފޮޓޯ ލާފަ މީމްއެއް ހެދި. އަޅުގަނޑު ވަރަށް އާދޭސް ކުރިން އަޅުގަނޑުގެ ފޮޓޯ ނަގައި ދިނުމަށް. އެއީ މިހާރު މޫނު އަޅާފަ ހުންނާތީ ފޮޓޯލުމަކީ ރަނގަޅު ކަމަކަށް ނުވާތީ. ބުނިން މީމްހެދިޔަސް އޯކޭ އޭ އެކަމަކު ފޮޓޯ ރިމޫވް ކޮށްދޭށޭ. އެކަމަކު އެޕޭޖުން ސީން ވެސް އަރުވާފަ، ފޮޓޯ ހަމަ އިނީ ބައިންދާފަ" 

"މިފަދަ ބޮޑު ބަދަލެއް އަސްލު އައީ އެއިރު އެވީ ހާދިސާ އާއި ގުޅިގެނެއް ނޫން. ހަމަ އަމިއްލައަކަށް ދީނީ ކަންކަމުގެ އެއްޗެހި ކިޔާ، ފަހު ދުވަހަށް ބިރުވެތިވާން ފެށީ. އެކަމަކު އަޅުގަނޑު ދީނީ ކަންކަމަށް ފަރުވާތެރިވެ، ސުންނަތަށް އުޅެވޭތޯ މަސައްކަތް ކުރަން ފެށުމުން އަޅުގަނޑުގެ ދައްތައެއް އެކަމަށް އިތުރަށް އެހީތެރިވެދިން. މިހާރު ދެން ބޭނުންވަނީ މިގޮތަށް އުޅެން. ކުރިން އުޅުނު ހުރިހާ ގޮތްތަކެއް ދޫކޮށްލާ، ތަޢުބާ ވެފިން. އެފަދަ ގޮތަކަށް ދެނެއް އިން ޝާ ﷲ ނޫޅޭނަން." ނިހާ މިހާރު އުޅޭގޮތް ކޮންމެވެސް ވަރަކަށް ކިޔައިދިނެވެ.

ނިހާއަށް ދިމާވި ހިތްދަތި ދުވަސްތަކުގައި އޭނާގެ އާއިލާގެ ފަރާތުން ލިބުނު ހިތްވަރާއި އޯގާތެރިކަމަށް އޭނާ އާއިލާއަށް ޝުކުރު އަދާކުރެއެވެ. ހައްޔަރު ކޮށްފައި ހުރި ދުވަސްތަކުގައި ވެސް ނިހާގެ ހާލު ބަލަން އާއިލާއިން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ގެންދިޔަކަން ވެސް ނިހާ ފާހަގަ ކުރިއެވެ. 

އޭނާ ކުރިން އުޅުނު ފަދައިން އުޅޭ ކުދިންނަށް ނިހާ ދޭ ނަސޭހަތަކީ އެހެން ނޫޅުމަށެވެ. 

"ބުނެލަން ބޭނުމީ އެގޮތަށް އުޅެގެން އަސްލު ދިރިއުޅުމެއް ނުފެންނާނޭ. މިދުނިޔެއަކީ އިމްތިހާނެކޭ، މިތަނުގައި މަސައްކަތް ކުރަން ޖެހޭނީ އާޚިރަތަށް. މިމައްސަލަ ހާމަވުމުން ބުލީ ކުރި މީހުންނަށް ބުނެލަން ބޭނުންވަނީ އަޅުގަނޑަށް ބުލީ ކުރިގޮތަށް ބުލީ ކުރުމަށްވުރެ ރަނގަޅު ގޮތަކީ ރަނގަޅަށް ނަސޭޙަތްތެރިވެ ވިސްނާ ދިނުމޭ. ކޮންމެ މީހެއްގެ ވީޑިއޯއެއް ލީކް ވިޔަސް، ބުލީ ކުރުމަކީ ހައްލެއް ނޫނޭ" ނިހާ ބުންޏެވެ.

ނިންމާލަމުން އޭނާ ބުނިގޮތުގައި، މާޒީގައިވީ އެއްެވެސް ކަމަކަށް މިހާރު އޭނާގެ އެއްވެސް ބުރަ ހިތެއް ނެތެވެ. އެންމެންނަށް ވެސް ހިތް ސާފެވެ. ބަޔަކު ނިހާ އާއި ދިމާލަށް އެއްޗެހިކީ، ނިހާއަށް ވެސް ކުރެވުނު ކަމަކުންކަން ޤަބޫލުކުރާ ކަމަށް ވެސް އޭނާ އެއްބަސްވިއެވެ. ނަމަވެސް އޭނާ އެދެނީ ދެން އެފަދަ ކަމެއް އޭނާއަށް ވެސް އަދި އެހެން މީހަކަށް ވެސް ނުވެ، އެންމެންނަކީ ވެސް ހެޔޮ ވިސްނޭ އަދި ސީދާ ވެގެންވާ ތެދުމަގަށް އުޅޭ ބަޔަކަށްވުން ކަމުގައި ވެސް ނިހާ ބުންޏެވެ. 

ނޯޓް: މިޚަބަރުގައި ނިހާގެ ފޮޓޯއެއް ނުލީ، އޭނާއަކީ މިހާރު ނިޤާބް (މޫނު ބުރުގާ) އަޅާ ކުއްޖަކަށް ވާތީ، އޭނާއަށް އިޚްތިރާމް ކުރުމުގެ ގޮތުންނެވެ.

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ