އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 25 ސިކުންތު
އުމުރުން އެންމެ 10 އަހަރުގެ މުޙައްމަދު ޒައިން އަސްލަމް (ސ. ހިތަދޫ/ ހިތިގަސްދޮށުގެ) އަކީ އުފަންވީ ދުވަހުން ފެށިގެން ވެސް ކިޑްނީ މައްސަލަ ހުރި ކުއްޖެކެވެ.
"މިއަދުނޫހަށް" މައުލޫމާތު ދެމުން އޭނާގެ މަންމަ އަޒްމާ އިބްރާހިމް ދީދީ (އަޒޫ) ބުނެފައިވަނީ، ޒައިން އަކީ އުފަންވީއިރު ވެސް ކިޑްނީގެ ހޮޅިއެއް ބެދިފައިވާ ކުއްޖެއް ކަމަށާއި އެކަމުގެ ސަބަބުން ކުޑަކަމުދާ އެއްޗެހި ބޭރު ނުވާކަމަށެވެ.
"ކިޑްނީގެ ހޮޅި ބެދިފަ އިނުމުގެ ސަބަބުން، އެހޮޅި ބުރިކޮށްފައި ބޭރަށް ނެރެން ޖެހުނީ. އެކަމަކު އެހޮޅި ބޭރަށް ނެރިފަ ބޭންދެނީ އެންމެ އަހަރެއް ވަންދެން. ދެން ޖެހެނީ ހޮޅިއެއް ލައްވާފައި (އެހޮޅި ބޭރަށް ނެރެފައި) ބައިންދަން. މިހާރު ވެސް ހޮޅިއެއް ލައްވާފައި އިންނަނީ." އަޒޫ ކިޔައިދިނެވެ.
ކިޑްނީއަށް ލައްވާފައި އިންނަ ހޮޅީގެ ސަބަބުން، ކަނާތް ފަރާތު ކިޑްނީ އިންނަނީ މާބޮޑަށް ބޮޑުވެފައެވެ. އެހެންވުމުގެ ސަބަބުން އެކިޑްނީ މަސައްކަތް ނުކުރާ ކަމަށާއި ވާތްފަރާތު ކިޑްނީ އެކަނި މަސައްކަތް ކުރާއިރު އެކިޑްނީގައި ހުރީ ހިލަ އުފެދިފައި ކަމަށް ވެސް ޒައިންގެ މަންމަ ބުންޏެވެ.
އެއުމުރުގެ އެހެން ކުދިން ފަދައިން ޒައިން ވެސް ދުވެ ކުޅެ އުޅުމަށް ލޯބިކުރެއެވެ. ނަމަވެސް ޒައިންގެ ބަލިހާލަތު ހުރިގޮތުން ކުޅެން އުޅުމުގެ ތެރޭގައި ކުޑަކޮށް ވެސް ވެއްޓިއްޖެނަމަ، އެތަނެއް ދުޅަވެއެވެ.
"2017 ވަނަ އަހަރުގެ ޑިސެމްބަރ މަހު އިންޑިއާ އަށް ދިޔައީ ކިޑްނީ އަށް އަނެއްކާވެސް ހޮޅިއެއް ލައްވަން. އެއީ އެކިޑްނީ (ކަނާތު ކިޑްނީ) މަސައްކަތް ކުރަނީ ހޮޅި ލައްވައިގެން ކަމަށްވާތީ. އެކަމަކު އެކޮޅުގައި ހުއްޓާ ޒައިން ވެއްޓުނީ. ވެއްޓުމުގެ ސަބަބުން ފައިގެ ހުޅުން ނެއްޓި ދުޅަވެސްވި." އަޒޫ ބުންޏެވެ.
ކިޑްނީ ރަނގަޅަށް މަސައްކަތް ކުރުމަށް ކޮންމެ ތިން މަހުން އެއް މަހު ޒައިންގެ ކިޑްނީއަށް ހޮޅިއެއް ލައްވަން ޖެހެއެވެ. މިކަމަކީ ރާއްޖެއިން ކުރެވެން ހުންނަ ކަމެއް ނޫން ކަމަށް އަޒޫ ބުންޏެވެ. އަދި މިއީ ވަރަށް ގިނަ ފައިސާ ޚަރަދުވާ ކަމެކެވެ.
"އާސަންދަ ހަމަޖެހޭ ކޮންމެ ފަހަރަކު ވެސް. އެކަމަކު އާއިލާއިން އެހާ އެހީތެރިއެއް ނުވޭ އަދި ޒައިންގެ ބައްޕަ ވެސް އެހާ ޚަރަދެއް ނުކުރޭ. އެހެންވެ އެހީތެރިކަން ބޭނުންވަނީ!" ދިމާވެފައިވާ ހާލަތު ކިޔައިދެމުން އަޒޫ ބުންޏެވެ.
ކިޑްނީގެ މައްސަލައިގެ އިތުރުން ޒައިން އަނީ "ނޫނަން ޑިސްއޯޑަރ" ވެސް ހުންނަ ކުއްޖެކެވެ. މިއީ މޫނުގެ ސިފައަށް ޖެހޭ ބައްޔެކެވެ.
ޒައިން އަށް އިތުރު ފަރުވާ ކުރުމަށް، މާދަމާ އަނެއްކާވެސް އިންޑިއާއަށް ދަތުރު ކުރުމަށް އެއާއިލާއިން ދަނީ ތައްޔާރުވަމުންނެވެ. ޒައިންގެ އިތުރުން މިހާރު އުމުރުން ހަ މަހުގެ ތުއްތު ދަރިއަކު ވެސް ބަލަމުންދާ އަޒޫ ބުނީ، މާދަމާ ފުރަން ހަމަޖެހިފައިވާއިރު އަދިވެސް މާލީ ގޮތުން އެމީހުން ހުރީ އެއްކޮށް ތައްޔާރު ނުވެވި ކަމަށެވެ.
"އަދިވެސް ދަރިފުޅު ރަނގަޅެއް ނޫން. ކިޑްނީ ނަގަން އެމީހުން ކިޔަނީ. އެންމެ ފަހުން ދިޔަ ފަހަރުވެސް ތްރިވެންޑްރަމް ހޮސްޕިޓަލުން ހޮޅިއެއް ލައްވާފަ ފޮނުވާލީ. އޭނާ ބަނޑުގައި ރިއްސާ ވަރަށް ބޮޑަށް އިންފެކްޝަން ވެސް ހެދިފަ ހުރި ކަމަށް ބުނެފައިވަނީ. ކިޑްނީ ވެސް ދުޅަވެފަ ހުރީމަ އޭތި ނަގަން މާލޭގެ ހޮސްޕިޓަލު ތަކުން ބުނަނީ. އެހެންވެ މިފަހަރު ދަނީ ބެންގަލޫރަށް." އަޒޫ ބުންޏެވެ.
އާސަންދައިގެ އެހީތެރިކަން މިފަހަރުވެސް އެއާއިލާއަށް ލިބިފައިވީ ނަމަވެސް، ދިގު މުއްދަތަކަށް އިންޑިއާ އަށް ދާއިރު، އެތަނުގައި ހުރުމާއި ކެއުމުގެ ކަންކަން ހަމަޖެއްސުމަށް އަދިވެސް އެހީތެރިކަން ބޭނުންވެއެވެ.
ޒައިން އަށް އެހީތެރިވުމަށް ފައިސާ ޖަމާކުރާނީ:
ބީއެމްއެލް އެކަންޓް ނަމްބަރ: 7708383920101 (އަޒްމާ އިބްރާހިމް)
އިތުރު މައުލޫމާތު 7860794 އަށް ގުޅާލައިގެން ހިއްސާ ކޮށްލެއްވުން އެދެމެވެ.
Advertisement
19 މާޗް 2019