އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔެ އަމާންވާނީ ދީނީ އަދި ނަސްލީ ހަސަދަ ހިތުން ފޮހެލެވިގެން!: މުފްތީ މެންކް

ދުނިޔެ އަމާންވާނީ ދީނީ އަދި ނަސްލީ ހަސަދަ ހިތުން ފޮހެލެވިގެން!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 12 ސިކުންތު

ނިޔުޒީލަންޑްގައި ބަޑިޖެހި މީހާގެ މައްސަލައަކީ ހަމައެކަނި އެމީހުންނަކީ މުސްލިމުން ކަމުގައި ވުން ނޫންކަމަށްވެދާނެއެވެ! ދީނުގެ ނަމުގައި އެޅުވި ނަމަވެސް މިމައްސަލަ އުފެދެނީ ތިމާއަކީ ގައިގެ ކުލަ ދޮން މީހެއް ކަމުގައިވުމުން ތިމާއަކީ މާމަތިން ފައިބާ ހުރި މީހެއް ކަމަށް ޤަބޫލުކުރެވޭތީއެވެ. އެފަދަ މީހުންނަށް ކަޅު ނަމަ އިންސާނުންނަކީ އިންސާނުންނަށްވެސް ނުވަނީއެވެ.

ނިޔުޒީލަންޑުގައި ތިބި މުސްލިމުންނަކީ ގައިގެ ކުލަތަފާތު ބައަކަށް ވުމުން ބަލައިގަންނަން އުނދަގޫވީއެވެ. ގައިގެ ކުލަ ދޮން ނަމަ ހިޖުރަކޮށްގެން ތިބި ބައެއް ކަމުގެ މައްސަލަ ނުނުކުންނާނެއެވެ. ހިތާމައަކީ ނިޔުޒީލަންޑުގެ ހަޤީޤީ ރަށްވެހިންނަކީ ކޮބައިކަންވެސް ނުއެނގުނު ކަމެވެ. އޮސްޓްރޭލިއާ އާއި ނިޔުޒީލަންޑުގެ އަދި އެހެން ޤައުމުތަކުގެ ވެސް ޙަޤީޤީ ރަށްވެހިން ނުކުމެ އެހެން އެންމެން ޤައުމުތަކުން ބާލަން އުޅެފިނަމަ މިއަދު ކަންކަން ވާނީ ކިހިނަކުން ހެއްޔެވެ؟ 

މުސްލިމުން މަރަން ބޭނުންވުމުން ހަތިޔާރަކަށް މިބޭނުންކުރަނީ މުސްލިމުންނަށް ކިޔާ ނަންތައް ކިޔައިގެން އުޅޭ މަދު ބައަކު ހިންގާ އިސްލާމް ދީނާއި ޚިލާފް ކަންކަމުގެ ވާހަކަތަކެވެ. ﷲ ތަޢާލާ ގަންދީ ބުނަމެވެ. ﷲ ތަޢާލާއަށް އީމާންވެގެން ހުރި އެއްވެސް މީހަކު ޝަރުޢީ ހުކުމަކާއި ނުލައި އެއްވެސް މީހަކު ނުމަރާނެއެވެ. އެއްވެސް މީހަކަށް އަނިޔާވެރިއެއްވެސް ނުވާނެއެވެ. ވީމާ މުސްލިމުންގެ ނަން ކިޔައިގެން އެފަދަ ކަންކަން ކުރަނީ މުސްލިމުންނެއް ނޫނެވެ! 

ނިކަން ވިސްނައިބަލާށެވެ. އަހަރެމެން މުސްލިމުން އެއްގޮތަކަށް ޤަބޫލު ނުކުރާ ކަމެއް މުސްލިމް ނަމެއް ކިޔާ މީހަކު ކުރުމުން އެކަމުގެ އަދަބު، އެކަން ޤަބޫލުވެސް ނުކުރާ މުސްލިމަކަށް ނުވަތަ މުސްލިމުންނަށް ދިނުމަކީ ދުނިޔަވީ ހަމަތަކުން ބެލި ނަމަވެސް ކޮން ގޮތަކުން ޤަބޫލުކުރެވޭނެ ކަމެއް ހެއްޔެވެ؟ 

މިއީ މިއަދާއި ހަމައަށް ދުނިޔޭގައި އޮތް މައްސަލައެއް ނޫނެވެ. ދުނިޔޭގައި މީހުން އުޅެމުން މިއައީ ހުރިހާ ދީނެއްގެ މީހުން އެކުގައެވެ. މުސްލިމުން މިހާރުވެސް އުޅެމުން މިގެންދަނީ ކާފިރުންނާއި އެއްވެސް ދީނެއް ޤަބޫލު ނުކުރާ މީހުންނާއިވެސް އެކުގައެވެ. އަދި އެހެން ދީންތަކުގެ މީހުންވެސް އުޅެމުން އެގެންދަނީ މުސްލިމުންނާއިއެކުގައެވެ. މިކަމުން އަނގައިދެނީ އިންސާނުންނަކީ އަޚްލާޤެއްގެ މަތީގައި އުޅެމުން އަންނަ ބައެއް ކަމެވެ. 

ނިކަން ވިސްނައިބަލާށެވެ! ނިޔުޒީލަންޑުގައި ޝަހީދުކުރި މީހުންގެ ތެރޭގައި އެ ޤައުމަށް ޚިދުމަތްކުރަމުން އައި ޑޮކްޓަރުންނާއި އެހެންވެސް ޕްރޮފެޝަނަލް މީހުން ހިމެނެއެވެ. މިއެންމެން ޝަހީދުކުރުމުން ނިޔުޒީލަންޑުގެ ރައްޔިތުން އެގެންދަނީ ހިތާމަކުރަމުންނެވެ. ވީމާ ގެއްލުން މިދިނީ އެ ޤައުމަށް ނޫންހެއްޔެވެ؟ 

އިންސާނުންގެ ތެރެއިން ބައަކަށް މިއަދު މިވަނީ ވަރަށް ގިނަ ކަންތައްތަކެއް އޮޅިފައެވެ. އެގޮތުން ކޮންމެގައުމަކަށް، ކޮންމެ ޤަބީލީއަކަށް އަދި ކޮންމެ ނަސްލަކަށް ނިޞްބަތްވީ ނަމަވެސް ކޮންމެ އިންސާނަކީވެސް އާދަމްގެފާނުގެ ދަރިކޮޅުން އައިސް ހުރި އިންސާނެއްކަން ވެސް މިވަނީ އޮޅިފައެވެ. ނަތީޖާއަކީ ތިމާ ދިރިހުންނަން ތިމާ ބޭނުންވާ ފަދައިން އެހެން މީހުން ވެސް ދިރިތިބެން ބޭނުންވާނެކަން ޤަބޫލު ނުކުރެވުމެވެ. މިއީ ވަރަށް ހިތާމަ ހުރި ކަމެކެވެ. އަދި ދުނިޔޭގައި މިއަދު އުފެދިގެން މިއުޅޭ ހުރިހާ މައްސަލަތަކެއްގެ އެންމެ ބޮޑު ސަބަބަޚީވެސް އެއީއެވެ. 

އަހަރެމެންގެ މެދުގައި އޮތް ހުރަހަކީ ޤައުމުތައް ވަކިކޮށްދޭ އިންފާރުތަކެވެ. އެއީވެސް ޤާނޫނީ މައްސަލައެކެވެ. ހަޤީޤަތަކީ ކޮންމެ ޤައުމެއްގައި އުޅުނު ނަމަވެސް ކޮންމެ އިންސާނަކީވެސް ހަމަ އިންސާނެއް ކަމެވެ. ކޮންމެ ޤައުމެއްގައި ދިރިއުޅުނު ނަމަވެސް އެއީ ތަފާތުކުރެވޭނެ ދަރަޖައެއް ނޫނެވެ! 

އެމީހަކު ދިރިއުޅޭ ޤައުމެއްގެ ޤާނޫނު ހުއްދަކުރާނަމަ އެމީހަކު އުޅެން ބޭނުން ދީނަކަށް އުޅުމަކީ އެހެން ބައަކު ކަންބޮޑުވާންޖެހޭނެ ކަމެއް ނޫނެވެ. ދުނިޔޭގެ ގިނަ ޤައުމުތަކަކީ އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ އިޚްތިޔާރު ދީފައިވާ ޤައުމުތަކެކެވެ. ވީއިރު ނިޔުޒީލަންޑު ފަދަ އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ ހުއްދަ އޮތް ޤައުމެއްގައި މުސްލިމުން ނަމާދަށް ތިއްބައި ހަމަލާދީ މެރުމަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް އިންސާނިއްޔަތާއި މުޅިން ޚިލާފް އަނިޔާވެރި އަމަލެކެވެ. 

ހުރިހާ އިންސާނުން އުފެއްދެވީ ﷲ ތަޢާލާ ކަމަށް އަހަރެމެން ފޮތުގެ އަހުލުވެރިން އެބަ ޤަބޫލުކުރަމުއެވެ. ދެން ތިބީ ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުނުކުރާ މީޙުންނެވެ. އެމީހުންވެސް ޤަބޫލުކުރާ އެއް ކަމެއް އޮވެއެވެ. އެއީ ހުރިހާ އިންސާނުންވެސް އުފެދެނީ އެއް ސަބަބެއް މެދުވެރިވެގެން ކަމެވެ. ވީއިރު އެއްވެސް އިނަސާނަކަށް އަނިޔާވެރިވުމަކީ ހުއްދަ ކަމެއް ކަމަށް ބުނެވެން އޮތީ ކާކަށް ހެއްޔެވެ؟ 

އިންސާނުންގެ މެދުގައި ޚިޔާލުތަފާތުވުންތައް ހުންނާނެއެވެ. އެއްބަސް ނުވެވޭ ކަންކަން ވެސް ހުންނާނެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ! ޚިޔާލު ތަފާތުވި ނަމަވެސް އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއިއެކު ކުރިމަތިލާށެވެ! މީހެއްގެ ޢަޤީދާ އާ ޗެލެންޖް ކުރަން ބޭނުންވެއްޖެ ނަމަ އެކަން ވެސް ރިވެތި ގޮތުގައި ކުރާށެވެ! ރުޅި އައިސް ނަފުރަތުކުރުމާއިއެކު އެއްވެސް ކަމެއް ނުކުރާށެވެ! 

ފޮތުގެ އަހުލުވެރިންގެ މެދުގައި ޚިޔާލުތަފާތުވާ ކަންކަމުގައިވެސް ހަރުކަށި އިބާރާތެއްވެސް ބޭނުން ނުކުރަން ﷲ ތަޢާލާ ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. އެއީ ނަޞާރާ އާއި ޔަހޫދީންނާއި މުސްލިމުންގެ މެދުގައި އެންމެ ބޮޑެތި މައްސަލަތައް ހުރި ދުވަސްވަރުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް