އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުކުރު ދުވަހުގެ މަޤްޞަދުތައް ޙާޞީލުކުރުމަށް މައިންބަފައިންގެ ޙާލު ބަލައި އަނބިމީހާއަށް އެހީތެރިވާން ޖެހޭނެ!

ހުކުރު ދުވަހުގެ މަޤްޞަދުތައް ޙާޞީލުކުރުމަށް މައިންބަފައިންގެ ޙާލު ބަލައި އަނބިމީހާއަށް އެހީތެރިވާން ޖެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 12 ސިކުންތު

ހުކުރު ދުވަހެއް ނިމިގެން ދިއައީއެވެ! ހަފްތާގެ އެހެން ދުވަސްތައްވެސް ފާއިތުވެގެންދާ ފަދައިންނެވެ. ހުކުރު ދުވަހަކީ ޚާއްޞަ ދުވަހަކަށް ވަނީ ހަމަ އެކަނި ޗުއްޓީ ނުވަތަ ބަންދު ދުވަހަކަށްވާތީއެއް ނޫނެވެ. ހުކުރު ދުވަހު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރުމުންނެވެ. އަދި އެކަންތައްތައް ކުރުމުން ގިނަ ގުނަ ސަވާބު ދެއްވަވާތީއެވެ.

ސުވާލަކީ ހުކުރު ދުވަސް ނިމިގެން ދިއައިރު ހުކުރު ދުވަހު ކުރަން ޖެހޭ ކަންކަމުގެ ތެރެއިން ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ޙާޞިލު ކުރެވުނީ ކޮން މަޤްޞަދުތަކެއް ހެއްޔެވެ؟ 

މިކަންކަން ބަލައިލުމަށްޓަކައި ސުވާލުކަރުދާނެއް ހުށަހަޅާނަމެވެ.

1 ދުވަސްފެށީ ފަތިސް ނަމާދުން ހެއްޔެވެ؟

2 ކަހްފި ސޫރަތް ކިޔެވިން ހެއްޔެވެ؟ ކީރިތި ޤްރްއާން ކިޔެވުން އިތުރުކުރިން ހެއްޔެވެ؟

3 ހިނައި ޠާހިރުވެ އިމާމް މީހާ ޚުޠުބާ ފެށުމުގެ ކުރިން ހުކުރު ނަމާދަށް ދިއައިން ހެއްޔެވެ؟

4 ހުކުރު ނަމާދަށްފަހު ރަވާޠީބު ސުންނަތުގެ 4 ރަކްޢަތް ކުރިން ހެއްޔެވެ؟

5 ހުކުރު ދުވަހުގެ އެންމެ ޚާއްޞަ އެއް ކަމަކީ ރަސޫލް (ޞޢވ)ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރުން ކަމަށްވާއިރު އިރު އޮއްސުމާއި ހަމައަށް ކިތައް ފަހަރު ޞަލަވާތް ކިޔެވިން ހެއްޔެވެ؟

6 ހުކުރު ދުވަހަކީ ފާފަ ފުއްސެވުމަށް ޚާއްޞަ ވަގުތުކޮޅެއް ހިމެނޭ ދުވަހަކަށްވާއިރު އެ ވަގުތު ޙާޞިލުކުރުމަށްޓަކައި ކިތައް ފަހަރު ދުޢާކުރިން ހެއްޔެވެ؟

7 މައިން ބަފައިންނާއި ވަކިން ދިރިއުޅޭނަމަ އެމީހުންނަށް ޒިޔާރަތްކޮށް ޙާލުބަލައިލިން ހެއްޔެވެ؟

8 އަވަށްޓެރިންގެ ޙާލުބަލާލައި އެހީތެރިވެދީ ޞަދަޤާތެއް ކޮށްލިން ހެއްޔެވެ؟

9 އަނބިމީހާއަށް އެއްވެސް މަސައްކަތެއްގައި އެހީތެރިވެދިނިން ހެއްޔެވެ؟

10 އެއްވެސް ދީނީ ނަޞޭޙަތެއް އަޑުއަހާލައި ތާޒާވެލިން ހެއްޔެވެ؟ 

މިކުރީ ވަރަށް ޢާދައިގެ ސުވާލުކޮޅެކެވެ. ހަމަ ކޮންމެ މީހަކަށްވެސް ނުހަނު ފަސެހައިން ކޮށްލެވިދާނެ ކަންކަމުގެ ވާހަކައިންނެވެ. ނަމަވެސް ދުރުގައި ވަކިން އުޅޭނަމަ ކޮންމެ ދުވަހަކު ޒިޔާރަތް ނުކުރެވިދާނެއެވެ. ނަމަވެސް ހުކުރު ދުވަސް ފަދަ ވަގުތު ލިބޭ ދުވަހަކު އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ހަފތާއެއް ނިމިގެންދާއިރު މައިންބަފައިންނާއި ބައްދަލުނުކޮށް ހުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ! 

އަނބިމީހާއަށް އެހީތެރިވެދިނިންތޯ ސުވާލުކުރުމުން އެއީ ހުކުރު ދުވަހާއި ގުޅުންހުރި ކަމެއްތޯ ވެސް ސުވާލުކޮށްފާނެއެވެ. ޖަވާބަކީ އެއީ ވަރަށް ގުޅުންހުރި ކަމެކެވެ. ސަބަބަކީ އަނބިމީހާއަށް އެހީތެރިވެދިނުމަކީވެސް ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަމެއް ނަމަވެސް ވަޒީފާ އަދާކުރަމުން އެކަން ކުރަން ދަތިތައް ކުރިމަތިވާ މީހުންވެސް ތިބޭނެއެވެ. އެފަދަ މީހުން ހުކުރު ދުވަހު އެކަން ކުރަން ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ! 

މައިން ބަފައިންގެ ހާލު ބެލުމާއި އަނބިމީހާއަށް އެހީތެރިވުމަކީ ހަމަ ވަރަށް މަތިވެރި އަޅުކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ނުހަނު މަތިވެރި ސަވާބާއި ދަރުމަ ދެއްވަވާނެ ކަންކަމެވެ. ނަމަވެސް ހިތާމައަކީ ހުކުރު ދުވަސް ފަދަ ބަންދު ދުވަސްތަކުގައިވެސް އެކަންކަން ނުކޮށް ކުޅިވަރާއި މަޖަލުގައި ވަގުތުތައް އިސްރާފުކުރާ ކަމެވެ. ރައްޓެހިންނާއިއެކު މަޖާކުރަން ވަގުތު ހޭދަކުރާކަމެވެ. ރައްޓެހިންނަށް ވަގުތުދޭންޖެހޭނީ ވާޖިބުތައް އަދާކުރުމަށްފަހުގައެވެ. ޒިންމާތައް އަދާކުރުމަށްފަހުގައެވެ. ނޫން ނަމަ އެ ދޫކޮށް ލެވެނީ ލިބެން އޮތް ގިނަ ސަވާބުތަކެކެވެ. 

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ޚުޠުބާ ނިމޭ ގަޑިއަށް ހުކުރަށް ދިއުމުން ހުރިހާ ކަމެއް ނިމުނީ ކަމަށެވެ. އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ! ހުކުރު ދުވަހުގެ މަޤްޞަދުތައް ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރި ކަމަށްވާނީ އެދުވަހު އަދާކުރަންޖެހޭ ދީނީ ވާޖިބުތައް އަދާކުރުމާއިއެކު އިޖުތިމާޢީ ޒިންމާތައްވެސް އަދާކޮށްގެންނެވެ! ޢާއިލީ ޒިންމާތައްވެސް އަދާކޮށްގެނެނެވެ. 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް