އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާގެ މޫނުގަ ޖަހާ ދުޅަކޮށްލާފައި ގޮސް އަވަށްޓެރިން ޒުވާބުކުރާ ވާހަކަ ދެއްކީމާ މިކުރެވެނީ ކީއްހެއްޔެވެ؟

އަނބިމީހާގެ މޫނުގަ ޖަހާ ދުޅަކޮށްލާފައި ގޮސް އަވަށްޓެރިން ޒުވާބުކުރާ ވާހަކަ ދެއްކީމާ މިކުރެވެނީ ކީއްހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ދެ މިސާލެއް ބުނެލާނަމެވެ. ތިމާ ނަމާދަށް ހުރީ 3 ވަނަ ސަފުގައެވެ. ކުރިމަތީގައި އޮތް ދެވަނަ ސަފުގައި މީހުން ތިބިއިރު ދެ މީހުން ދޭތެރޭގައި ހުސް ތަންތަންކޮޅު ހުއްޓައި ފެނުމުން ކަންބޮޑުވީއެވެ.

އެފަދަ ހާލަތުގައި ގާތްވެލައި ތަނބިކަށިތައް ގުޅައިލުމަށް ބުނެލުމަކީ ހަމަ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އެހެނީ އެކަން ނުކުރާނަމަ އެ ދެވެނީ ޝައިޠާނާ ވަންނާނެ ޖާގަ ކަމަށްވާތީއެވެ. ނަމަވެސް ބައަކު ގާތު އެހެން ބުނުމުގެ ކުރިން ފުރަތަމަ ތިމާގެ ފައި ބެހެއްޓިފައި ހުރީ ކިހިނަކުން ކަމާއިމެދު ވިސްނައިލާށެވެ! ހަމަ ބަހައްޓަން ޖެހޭ ގޮތަށްކަން ޔަޤީންކޮށްލާށެވެ.

ދެވަނަ ކަމަކަށް ފާހަގަކޮށްލާނީ ވަރަށް ފަހުން ދިމާވި ކަމެކެވެ. ޢަޞްރު ނަމާދު ނިންމައިގެން މިސްކިތުން ފޭބިތަނާ މީހަކު އައިސް ދެއްކީ އޭނާ ނަމާދަށް އައިއިރު އަވަށްޓެރިޔާ އޭނާގެ އަނބިމީހާ ދެކެ ރުޅި އައިސް އަޑުގަދަކޮށް ޒުވާބުކުރާ ވާހަކައެވެ.

އެވާހަކަތައް ދައްކާފައި އޭނާ ދިއަތަނާ އެހެން މީހަކު އައިސް ބުނީ އޭނާއަކީ ވެސް ކުރިން ވާހަކަ ދެއްކި މީހާގެ އަވަށްޓެރިއެއް ކަމަށެވެ. ދެން އޭނާ ފޯނުން ދެއްކީ މޫނުގެ އެއްފަރާތަށް ލިބުނު އަނިޔާއަކުން ދުޅަވެ ރަތްވެފައިވާ އަންހެނެއްގެ ފޮޓޯއެކެވެ. އަދި އެމީހާ ބުނީ އެ ފޮޓޯއަކީ ކުރިން ވާހަކަ ދެއްކި މީހާގެ އަނބިމީހާގެ ފޮޓޯއެއް ކަމަށާއި އަނބިމީހާގެ މޫނު ދުޅަވެފައި އެވަނީ ފިރިމީހާ ކުރިއަނިޔާއަކުން ކަމަށެވެ.

މިވީ ކިހިނެއް ހެއްޔެވެ؟ އަވަށްޓެރިން ރުޅިއައިސް އަޑުގަދަކޮށް ޒުވާބުކުރުމަކީ ހަމަ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭނެ ކަމެކެވެ. ނަމަވެސް ތިމާގެ އަނބިމީހާ ދެކެ އަންނަ ރުޅީގައި އަނިޔާ ކުރުމަކީ އަވަށްޓެރިން ޒުވާބުކުރުމަށްވުރެ މާބޮޑަށް ކަންބޮޑުވާން ޖެހޭނެ ކަމެއް ނޫން ހެއްޔެވެ؟ ވީމާ ފުރަތަމަ ކަމަކަށް އަބަދުވެސް މަސައްކަތްކުރަންވީ ތިމާގެ އަމަލުތައް އިޞްލާޙްކުރުމަށެވެ.

ކޮންމެ މީހަކީވެސް ތަފާތު ވިސްނުމެއްގެ މީހެކެވެ. ވީމާ ކުރާ ކަންކަން ވެސް ތަފާތުވާނެއެވެ. ތިމާ ކަންބޮޑުވާ ކަންކަން އެހެން މީހުން ކުރާތަންވެސް ފެންނާނެއެވެ. އެފަދަ ހާލަތުގައި ވެސް އެމީހާ ކުރި ކަންތަކާއިމެދު ކަންބޮޑުވާވަރަށްވުރެ ތިމާއަށް ކުރެވޭ ކަންކަމާއިމެދު ކަންބޮޑުވާށެވެ. ތިމާ އިޞްލާޙްވެގެން ހުރެ އެހެން މީހުން އިޞްލާޙްކުރަން މަސައްކަތްކުރާށެވެ.

ނޫނީ މެދުވެރިވާނީ އަމިއްލަ އަނބީމީހާގެ މޫނު ދުޅަކޮށްލާފައި ގޮސް އެހެން މީހުން ޒުވާބުކުރާ ވާހަކަ ދެއްކި މީހާއަށް ވީފަދަ ގޮތެކެވެ. --އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް