އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަޤްވާވެރިކަމުން ހިތްފުރާލައިގެން ހުރި ފަޤީރަކަށް ލިބުނު ބޮޑު ތަނަވަސްކަމުގެ ވާހަކަ!

ތަޤްވާވެރިކަމުން ހިތްފުރާލައިގެން ހުރި ފަޤީރަކަށް ލިބުނު ބޮޑު ތަނަވަސްކަމުގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 26 ސިކުންތު

އެރަށުގެ އެންމެ މުއްސަނދި މީހަކީ އަޙްމަދު ކަބީރު ކިޔާ މީހެކެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް އޮންނަނީ މުދާ ޖަމާ ކުރުމަށާއި މީސްތަކުންގެ ތަޢްރީފް ހޯދުމަށެވެ. އަވަށުގެ އެންމެން އެއް ކުރުވައި އެންމެގެ ތަޢްރީފް ހޯދުމަކީ ކަބީރު އެންމެ އުފާވާ ކަންތަކެކެވެ. 

އެއްފަހަރަކު ކަބީރު އިއުލާނުކުރިއެވެ.  ހުކުރު ދުވަހު ހުކުރުން ފައިބައިގެން އޭނާގެ ގެއަށް ގޮސް ބައްދަލުކުރި ކޮންމެ މީހަކަށް އަގުހުރި ހަދިޔާއެއް ދޭނެ ކަމަށެވެ. ރަށުގެ ގިނަ ބައަކު ހަދިޔާ ލިބިގަތުމަށް ދިއައެވެ. ނުދާ ވަރަށް މަދު މީހުންގެ ތެރޭގައި ވަރަށް ފަޤީރު ޤާސިމް ކިޔާ މީހަކު ހިމެނުނެވެ. 

ކަބީރަށް މިކަންވީ ވަރަށް ބޮޑު މައްސަލައަކަށެވެ. އެހައި ބޮޑު ފަޤީރަކު އޭނާ ދޭން ބުނި ޚާއްޞަ ހަދިޔާ ބަލައި ނުދިއުމުންނެވެ. ކަބީރު މީހަކު ފޮނުވާފައި ޤާސިމްގެ ކަންކަން ބެލިއިރު ޤާސިމް އިނީ ހުކުރުން ފައިބައިގެން ގޮސް އޭނާގެ ދަރިންނާއިއެކު މެންދުރު ކާށެވެ. ކަބީރު ޤާސިމް ހޯދާވާހަކަ ބުނުމުން ބުނީ ކަބީރުގެ ކިބައިން ބޭނުންވާ ކަމެއް ނެތް ކަމަށާއި ﷲ ތަޢާލާ އޭނާއަށް ދެއްވަވާ މިންވަރުން ފުދި އިތުވެސްވާ ކަމަށެވެ.  

ކަބީރަށް ޤާސިމްގެ ޖަވާބު އެނގުމުން އަދި ވަކިން ރުޅި ގަދަވިއެވެ. ކަބީރު އޭނާގެ އައުވާނުންނާއިއެކު ޤާސިމްގެ ގެއަށް ގޮސް ބައްދަލުކޮށްފައި ބުންޏެވެ. "ކަލެއަށް ތިއުޅެނީ ރަނުގެ ޚަޒާނާއެއް ފެނި އެ ފޮރުވައިގެން ހެއްޔެވެ؟ ފަޤީރެއް ކަމަށް ދައްކައިގެން ތިއުޅެނީ މީސްތަކުންނަށް އޮޅުވައިލަން ވެގެން ހެއްޔެވެ؟" 

ޤާސިމް ބުންޏެވެ. "ކަބީރު ހަމަ ބުނާއިރަށް މިފަދަ ހުކުރު ދުވަހުވެސް އަހަރެންގެ ޢާއިލީ ޒިންމާ ދޫކޮށްލާފައި ކަބީރު ގާތަށް ދިއުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މިއަދުވެސް އަހަރެންނާއި އަނބިދަރިން މިތިބީ ﷲ ތާޢާލާ ދެއްވެވި ރިޒުޤުން ކައިގެންނެވެ. ކަބީރަށް ކަބީރަކީ މާބޮޑު މުއްސަނޖެއް ކަމަށް ޤަބޫލުކުރެވުނު ނަމަވެސް އަދި އަހަރެންގެ އަތުގައި ތިއަ ބުނި ފަދަ ރަނުގެ ޚަޒާނާއެއް ނެތް ނަމަވެސް ކަބީރަށްވުރެ އަހަރެން މާ މުއްސަންޖެވެ."

"ކަބީރުއެވެ. ކަލޭ މީހަކަށް އެއްޗެއް ދިން ނަމަވެސް އެންމެން އެއްކޮށް ބޮޑު ކަންތައް ގަނޑެއް ހިންގާފައި ނޫނީ ނުދެވިގެން ތިއައުޅެނީ ﷲ ތަޢާލާ ކަލެއާއި ޙަވާލުކުރެއްވެވި ފައިސާ ކަލޭގެ އަތުގައި ކިތަންމެ ގިނަ އަދަދަކަށް ހުރި ނަމަވެސް ކަލެއަކީ ވަރަށް ބޮޑު ފަޤީރަކަށްވާތީއެވެ. އިންސާނާގެ މުއްސަނދިކަން ގުޅިފައިވަނީ އަތުގައި ހުންނަ ފައިސާ އަކާއިއެއް ނޫނެވެ! ތަޤްވާވެރިކަމާއިއެވެ. ކަލެއަކީ ތަޤްވާވެރިއެއް ނަމަ ފަޤީރުންނަށް އެހީތެރިވާނީ އެންމެންނަށް އެކަން އަނގައިގެނެއް ނޫނެވެ. ސިއްރިޔާތުގައެވެ. އަމިއްލަ އެދުމެއް ނެތި ﷲ ތައާލާއަށްޓަކައި ޞަދަޤާތްކުރާނަމަ އެކަން ކުރަންޖެހޭނީ މީސްތަކުންގެ ތަޢްރީފް ލިބިގަތުމަކަށް ނޫނެވެ. ﷲ ތައާލާގެ ޙަޟްރަތުން ސަވާބަށް އެދިގެންނެވެ. ﷲ ތައާލާގެ ޙަޟްރަތުން ސަވާބަށް އެދިގެން ޞަދަޤާތް ކުރާނަމަ އެކަން ކުރަންޖެހޭނީ ސިއްރިޔާތުގައެވެ. އެއް އަތުން ކުރާއިރު އަނެއް އަތަށްވެސް ނުއެނގޭހައި ސިއްރުންނެވެ. ވީމާ ކަބީރުގެ ކިބައިން މިއަދު އަހަރެން އެދޭ އެއްވެސް ކަމެއް ނެތެވެ. ކަމަކު އެދެން ޖެހިއްޖެ ދުވަހަކު ނުއެދޭނެ ކަމަކަށްވެސް ނުބުނަމެވެ. ދުޢާ އަކީ އެފަދަ ދުވަހެއް މިންވަރު ނުކުރެއްވެވުމެވެ." 

ކަބީރު އަޑުއަހަން ހުރީއެވެ. ބުނާނެ އެއްޗެއް ދޭނެ ޖަވާބެއް ވެސް ނުއެނގިފައެވެ. އިރުކޮޅަކު އެގޮތުގައި ހުރުމަށްފަހު ހިނގައިގަންނަމުން ބުނީ އެންމެ ޖުމުލައެކެވެ. އެއީ "އަދި ފަހުން ޤާސިމް ޢާއި ބައްދަލުކުރާނަމެވެ!." 

އެއިގެ މަހެއްހައި ދުވަސަފަހުން ކަބީރުގެ ދޮށީ ފިރިހެން ދަރިފުޅާއި ކަބީރު ބައްދަލުކޮށް ބުންޏެވެ. "ކަލޭގެ ބައްޕަ އަހަރެންނަށް ކުރީ ދުވަހު ދިނީ ވަރަށް ރަނގަޅު ފިލާވަޅެކެވެ. އެކަންކަމަށް އަހަރެން ވަރަށް ބޮޑަށް ވިސްނައި ޢިބްރަތް ޙާޞިލުކޮށްފީމެވެ. އަހަރެންގެ އުޅުން އިޞްލާޙްކޮށްފީމެވެ. އަހަރެން ހޭލުންތެރިކުރުވީ ކަލޭގެ ބައްޕައެވެ. ވީމާ އެކަމަށް ދޭ ހަދިޔާއެއްގެ ގޮތުން އަހަރެންގެ އެއް ފިހާރަ ކަލެއާއި ހަވާލުކުރަން ޤަޞްދުކުރަމެވެ. އެއީ ކަލޭގެ އަމިއްލަ ތަނެއްގެ ގޮތުގައި ބަލައިގެން ކުރިއަށްދާށެވެ. ލިބޭ ހުރިހާ ނަފާއެއް ކަލެއަށެވެ. ބަދަލުގައި ކަލޭ ކޮށްދޭންވީ ކަމަކީ މައިން ބަފައިންނަށް އެހީތެރިކަން ފޯރުވައި ރަނގަޅަށް ބަލަހައްޓައި ދިނުމެވެ. 

މިއީ ވަރަށް ގިނަ އިބްރަތްތައް ހިމެނޭ ވާހަކައެކެވެ. އިންސާނާގެ މުއްސަނދިކަން ވަނީ އަތުގައި ހުންނަ ފައިސާއަކު ނޫނެވެ. ހިތުގައެވެ. ހިތުގައި މުއްސަނދިކަން އޮންނާނީ ތަޤްވާވެރިކަން އިތުރުވީ ވަރަކަށެވެ. ތަޤްވާވެރިކަން ނެތް ނަމަ ކިތަންމެ ގިނަ ފައިސާތަކެއް ލިބުނު ނަމަވެސް ހިތެއް ނުފުރޭނެއެވެ. އަބަދުވެސް އެދެވޭނީ އިތުރު މުއްސަނދި ކަމަށާއި އިތުރު ފައިސާއަށެވެ. ނަމަވެސް ތަޤްވާވެރިކަމުން ހިތް ފުރާލައިފި މީހަކު އަބަދުވެސް ހުންނާނީ ހިތް ފުރިފައެވެ.

ވާހަކައިގައި ޤާސިމް އެބުނި ފަދައިން މީހަކަށް ކިތަންމެ ކުޑަ އެހީއެއް ދިން ނަމަވެސް އެކަން ކުރަންވާނީ ސިއްރުންނެވެ. އެކަމަކީ ﷲ ތަޢާލާއަށްޓަކައި ކުރި ކަމަކަށްވާނީ އެއިރުންނެވެ. ކިތަންމެ ގިނައިން ހޭދަކުރި ނަމަވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އެކަން ނުކުރާނަމަ ޤިޔާމަތް ދުވަހު އެކަމަކުން ކުރާނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ. 

މިފަދަ ވާހަކަތަކެއް ވަރަށް ފަހުންވެސް ކިޔައިދިނީމެވެ. މިއަދުވެސް މިކިޔައިދިނީ މިކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ގިނަ ބައަކު މިކަންކަމަށް ސަމާލުކަން ނުދޭތީއެވެ. ހިތުން ޞަދަޤާތް ކުރި ނަމަވެސް ކަމުން ޞަދަޤާތް ނުކުރާތީއެވެ. އާޚީރަތުގައި ފައިދާ ނުވާނެ ގޮތަށް ކަންކަން ނުކުރުމުގެ މުހިންމުކަން ހަމަ ބޮޑުކަމުންނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން-

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް