އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަޙްމަތްތެރިއަކު އަތުން "ބޮރޯކުރި" އެންމެ ޑޮލަރަކާހުރެ ވެސް ނަރަކައަށް ދާން ޖެހިދާނެ!

ރަޙްމަތްތެރިއަކު އަތުން "ބޮރޯކުރި" އެންމެ ޑޮލަރަކާހުރެ ވެސް ނަރަކައަށް ދާން ޖެހިދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 30 ސިކުންތު

ބައެއް މީހުންނަށް ފާފަ ކުރެވުމުން ކުރެވުނު ފާފައިގައި އަމިއްލައަށް އެބަ މިން އަޅައެވެ. ނުވަތަ ކިރައެވެ. ކުޑަ ފާފަ ނުވަތަ ބޮޑުފާފަ އަމިއްލައަށް ކަނޑައަޅައެވެ. އެމީހުން އެކަން ކުރަނީ ކޮން ފީތާއަކުން މިން އަޅައި ނުވަތަ ކޮން ތިލަފަތަކުން ކިރައިގެން ކަމެއް ނުއެނގެއެވެ. އެއްވެސް ފާފައަކީ ކުޑަ ފާފައެއް ކަމަށް ބަލާނަމަ އެފާފައަކާއިމެދު ފަރުވާ ކުޑަކުރެވޭނެއެވެ. އެއްވެސް ބިރެއް ނެތި އެ ފާފައެއް ކުރެވޭނެއެވެ. ކުރެވޭ އަދަދެއްވެސް ނުއެނގޭނެއެވެ. އެކަމުގެ ނަތީޖާ އެމީހަކަށް ވަރަށް ހިތިވެސް ވެދާނެއެވެ. 

ފާފައިގައި އަމިއްލައަށް މިން އަޅައި އުޅުމަކީ ވަރަށް ބިރުބޮޑު ކަމެކެވެ. އެއީ އެކަމުގެ ސަބަބުން އެމީހާ އަމިއްލައަށް ނަރަކައަށް ވެއްޓިގަންނަން ޖެހިދާނެ ކަމެކެވެ. މިކިޔައިދެނީ އެކަމުގެ ވަރަށް ޢާދައިގެ ބައެއް މިސާލުތަކެވެ. 

މިސާލަކަށް ކަދުރު އޮށަކާއިމެދު ވިސްނައިލާށެވެ! އެއިގެ ޒާތުގައި ވަރަށް ލުއި އެއްޗެކެވެ. ނަމަވެސް މީހެއްގެ ގައިގައި 100 ކަދުރު އިހާ ބަނދެފައި ކޮޅަށް ތެދުވަން ބުނެފިނަމަ ތެދުވެވޭނެ ހެއްޔެވެ؟ ތެދުވަން އުޅެފިނަމަ ބަންޑުން ވެއްޓޭނީ ނޫން ހެއްޔެވެ؟ 

ބެލުންތައް ތިރިކުރަން ބުނީމާ ނުކުރާ މީހުންވެސް ވިސްނައިލާށެވެ! ބެލުންތައް ތިރިނުކުރާނަމަ ބަލައިގެން ނުވާނެ ކިތައް މަންޒަރު ދުވާލަކު ބެލޭނެ ހެއްޔެވެ؟ ދޮގު ނުހަދަން ބުނީމާ އެއީ ދެން އެއްވެސް ކަމެއް ނޫން ކަމަށް ހީކުރާމީހުން ދުވާލަކު ކިތައް ދޮގު ހަދާނެއެވެ. މިފަދަ ކިތަންމެ ކަމެކެވެ. ނިކަން ވިސްނައިބަލާށެވެ! ތިބާގެ އުމުރަކީ 70 ވަރަކަށް އަހަރު ކަމުގައި ވެއްޖެ ނަމަ ކުދިފާފަ ކަމުގައި ތިބާ ބެލި ކިތައް ހާސް ފާފަ ކުރެވިފައިވާނެ ހެއްޔެވެ؟ 

ބައެއް މީހުން ވަރަށް އާދައިގެ ސަބަބުތައް މެދުވެރިވެ ރައްޓެހިން އަތުން މަދު އަދަދުގެ ފައިސާކޮޅު "ބޮރޯ" ކޮށްލައެވެ. މިސާލަކަށް އެއްޗެއް ގަންނަން އުޅޭއިރު 10 ޑޮލަރު ނޫނީ 5 ޑޮލަރު މަދުވެދާނެއެވެ. އަދި އެންމެ ޑޮލަރެއް ވެސް މަދުވެދާނެއެވެ. އެއްވެސް ކަމަކަށް ނުހަދައި އެކުގައި ހުންނަ ރަޙްމަތްތެރިޔާގެ އަތުން "ބޮރޯ" ކޮށްލަނީއެވެ. އެއީ ވަރަށް މަދު އަދަދެއް ކަމަށް ބަލައި ފަހުން އަޅައިވެސް ނުލަނީއެވެ. އަދަދު މަދުވުމުން ރަޙްމަތްތެރިޔާވެސް ކޮންމެހެން އަތުލަންވެސް ނުއުޅެނީއެވެ. 

މިކިޔައިދޭ ވާހަކައަށް ނިކަން ރަނގަޅަށް ވިސްނައި އަޑުއަހައިބަލާށެވެ! އުމުރުގައި އެގޮތަށް އެކަން ކުރާނަމަ މަރުވާއިރު ކިތައް ޑޮލަރު ބޮރޯކުރެވިފައި ވާނެ ހެއްޔެވެ؟ ޤިޔާމަތް ދުވަހު ރަޙްމަތްތެރިޔާ އަޅައި ނުލައެއް ނުހުންނާނެއެވެ. އެންމެ ޑޮލަރެއް ގެންގޮސްފައި ނުދީ އޮތް ނަމަވެސް އަތުލަން އަންނާނެއެވެ. ވީމާ ޚިޔާލަށް ގެންނަންވީ މިގޮތަށެވެ. މީޒާނުގައި ދެކޮޅު ހުރީ ދާދި އެއްވަރަށެވެ. ހެޔޮކަމާއި ނުބައިކަމެވެ. ސަލާމަތް މިވެވެނީ ކިރިޔަ ކިޔާއެވެ. އެވަގުތު އެއްކަލަ ރަޙްމަތްތެރިޔާ އައިސް އެންމެ ޑޮލަރެއް ނުދީ އޮވެގެން ސަވާބުކޮޅު އަތުލުމުން ފާފައިގެ ކޮޅަށް ތިލަފަތް ބަރުވެ ނަރަކައަށް ދާން ޖެހެނީއެވެ. އެހާލަތުގައި ތިމާއަށް މެދުވެރިވާނެ ގޮތް ހިތަށް ގެނެސް ބިރުވެތިވެ ހޭލުންތެރިވާށެވެ! 

ކުޑަ ފާފަ ކިޔާ އެއްވެސް ފާފައެއް ނުހުންނާނެއެވެ. ކުޑަ ދަރަނި ކިޔާ ދަރަންޏެއްވެސް ނުހުންނާނެއެވެ. އެހެނީ އެއްވެސް ފާފައެއް ކުރުމުން ޢަޒާބު ދެއްވަވާނެ މިންވަރު އެނގެނީ ކާކަށް ހެއްޔެވެ؟ އެކަން ބެލެން އެބައޮތް ހެއްޔެވެ؟ ނެތްކަން ޔަޤީނެވެ. ވީމާ އަމިއްލައަށް ފާފައިގައި މިން އަޅައި އެކަމުގެ ސަބަބުން ނަރަކައަށް ވެޢްޓިގަންނަ މީހަކަށް ނުވާށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް