އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ބެލެނިވެރިއަކަށް ރަނުގެ ފިލާވަޅެއް! އެންމެ ކުޑައިރުންސުރެ ﷲ އަށް ބިރުވެތިވުމުގެ އަގު ‍ސައުވީސް އަހަރުގަ ބޭންކެއްގެ އިސް ވެރިއަކަށް!

ކޮންމެ ބެލެނިވެރިއަކަށް ރަނުގެ ފިލާވަޅެއް! އެންމެ ކުޑައިރުންސުރެ ﷲ އަށް ބިރުވެތިވުމުގެ އަގު ‍ސައުވީސް އަހަރުގަ ބޭންކެއްގެ އިސް ވެރިއަކަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 32 ސިކުންތު

އަޙްމަދު އިބްން ސައުދުގެ މައިން ބަފައިން އޭނާ ތަރުބިއްޔަތުކޮށްފައިވަނީ އެމީހުންނަށް ކުރެވުނު އެންމެ ރަނގަޅަކަށެވެ. އެންމެ ކުޑައިރުންސުރެ އުމުރާއި ގުޅޭ ގޮތުން ދީނީ ކަންކަމުގެ މައުލޫމާތުދިގެންނެވެ. އެހެންކަމުން އުމުރުން 10 އަހަރު ފުރުނުއިރު އިސްލާމް ދީނުގައި ހުއްދަ ކަންކަމާއި ޙަރާމް ކަންކަން އަޙްމަދަށް ވަރަށް ރަނގަޅަށް އެނގެއެވެ. އަދި ﷲ ތަޢާލާ ނަހީ ކުރައްވަވާ ކަމެއް ކޮށްފިނަމަ އެކަލާނގެ އޭނާ ކުށްވެރި ކުރައްވަވާނެ ކަމާއި ކުރާ ކޮންމެ ކަމެއް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަންވެސް އަޙްމަދަށް އެނގެއެވެ. 

ސްކޫލްގައި އެއްފަހަރަކު ދިމާވިކަމެއްގައި އަޙްމަދު އުޅޭ ކްލާހުގެ ދަރިވަރުންނާއި ޖެހިގެން ހުންނަ ކްލާހުގެ ދަރިވަރުންގެ މެދުގައި ބޮޑު މައްސަލަގަނޑަކަށްވިއެވެ. ބަހުގެ ހަމަލާތައް ބަދަލުކުރަމުން ގޮސް ތަޅާފޮޅުމަކާއި ހަމައަށްވެސް ދިއައެވެ. އެދުވަހުވެސް އެ ކަމުގައި އަހްމަދު ބައިވެރިއެއް ނުވެއެވެ. ކްލާހުން ނުނުކުމެ މަޑުން އިނީއެވެ. 

މައްސަލަ ހޫނުވެ ޕްރިންސިޕަލް ވަޑައިގެން ކްލާސް ބެއްލެވިއިރު ކްލާހުން ނުނުކުމެ އަޙްމަދު އާއި  އިތުރު 5 ކުދިންނެވެ. އެހެންކަމުން އެކުދިން ގެންދަވާފައި އެހެން ކުދިންނާއިއެކު ނުނުކުތީ ކީއްވެތޯ ސުވާލު ކުރެއްވިއެވެ. އަޙްމަދު ދިން ޖަވާބަކީ "ޒުވާބުކުރުމާ ތަޅާފޮޅުމަކީ ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަންކަމަށްވާތީ ﷲ ތަޢާލާއަށް ބިރުން ބައިވެރިނުވީއެވެ."

އަޙްމަދުގެ އުމުރުން 16 އަހަރުގައި ވަރަށް ގިނަ ލާރި ލިބޭ ކަމެއް އަޙްމަދަށް ހުށަހެޅުނެވެ. އެއީ އަޙްމަދާއި ވަރަށް އެކުގައި އުޅޭ އަންހެން ކުޖެއްގެ ބޮލުން 3 އިސްތަށި ފިހާއިގެ ސޭޓަށް ގެންގޮސް ދިނުމެވެ. އެކަމުގެ އަގަކަށް 1000 ރިޔާލަ ދޭން ހުށަހެޅިއެވެ. އަޙްމަދު ބުނީ ކިތަންމެ ބޮޑު އިނާމެއް ދިން ނަމަވެސް އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ. އެކަން ވާނީ ވައްކަމަކަށް ކަމަށާއި އެ ފައިސާ އޭނާއަށް ހަލާލު ނުވާނެ ކަމަށެވެ. އަދި އިސްތަށި ހޯދާނީ ކޮންމެވެސް ނުބައި ކަމެއް ކުރަން ކަމަށާއި އަޙްމަދު މެދުވެރިވެގެން ހޯދާ އިސްތަށި ބޭނުންކޮށްގެން ނުބައި ކަމެއް ކޮށްފިނަމަ އެކަމުގެ ފާފައިން ބައެއް އުފުލަން އޭނާއަށްވެސް ޖެހޭނެ ކަމަށާއި އެކަމަށް އޭނާ އިންތިހާއަށް ބިރުވެތިވާ ކަމަށެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިކިޔައިދިނީ މާކުރީ ޒަމާނުގެ ވާހަކައެއް ނޫނެވެ. އަހްމަދުގެ މިހާރުގެ އުމުރަކީ 28 އަހަރެވެ. ތައުލީމް ޙާޞިލުކުރީ އިސްލާމިކް ބޭންކިންގެ ދާއިރާއިންނެވެ. ކިޔަވައި ނިމުނު ތަނާހެން އަޙްމަދުގެ އަމަލުތަކަށް ފާރަލަމުން ދިއަ އަވަށްޓެރިއަކު ވަނީ އޭނާ ޠާއިފްގައި ހިންގާ އިސްލާމިކް ބޭންކެއް ހިންގުމުގެ އެންމެ އިސް މީހަކަށް ހަމަޖައްސައިފައެވެ. ބޭންކުގެ ވެރިމީހާގެ ދަށުން ބޭންކުގެ ހުރިހާ ކަންކަން ހިންގުން ވަނީ އަހްމަދާއި ހަވާލުކޮށްފައެވެ. 

މިވާހަކައިން ޙާޞިލުކުރަން ޖެހޭ ދެ ޢިބްރަތެއް ވެއެވެ. ފުރަތަމަ ކަމަކީ އެންމެ ކުޑައިރުންސުރެ ދީނުގެ ކަންކަން އުނގަންނައިދީ ﷲ ތަޢާލާއަށް ބިރުވެތިވާން ދަރިންނަށް ދަސްކޮށްދީ އެކަމަށް ތަރުބިއްޔަތުކުރުމުގެ މުހިންމުކަމެވެ. ދަރިން ބޮޑެތިވަމުން އަންނައިރު މުސްލިމުން އުޅެންޖެހޭނެ ގޮތާއި އަޚްލާޤް ދަސްކޮށްދިނުމުގެ މުހިންމު ކަމެވެ. ދެވަނަ ކަމަކީ ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ހުންނަ މީހަކަށް އެމީހަކު ހީވެސް ނުކުރާފަދަ ގިނަ ގުނަ ނިޢްމަތްތައް ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާނެ ކަމެވެ. ނިޢްމަތްތައް އަންނަ ނުއަންނަ ދިމާއެއްވެސް ނުއެނގި ނިޢްމަތްތައް ލިބެމުންދާނެ ކަމެވެ. 

ސުވާލަކީ މިއަދުގެ ކިތައް މައިން ބަފައިންނަށް މިކަންކަން ވިސްނޭބާވައެވެ! އަމިއްލައަށް ނުވިސްނޭއިރު ކެނޑިނޭޅި ޢިލްމުވެރިން ދެއްވަމުން ގެންދަވާ އިރުޝާދުތަކުގެ އަޑު އިވޭބާވައެވެ! 

މިވާހަކައަށް ރަނގަޅަށް ވިސްނައިފިނަމަ އަޙްމަދުގެ ކުރިއެރުމުން އެންމެ ބޮޑު ހިތް ހަމަޖެހުމެއް ލިބެން ޖެހެނީ އަޙްމަދަކަށް ނޫނެވެ. އަޙަމަދުގެ މައިންބަފައިންނެވެ. އެއީ ﷲ ތަޢާލާ އެ ދެމަފިރުންނާއި ޙަވާލުކުރެއްވެވި ބޮޑު އަމާނާތަށް ތެދުވެރިކަމާއިއެކު ބެލެހެއްޓުނުކަމުގެ ހިތްހަމަޖެހުމެވެ. މުޖުތަމައުއަށް އިޚްލާޞްތެރި ދަރިއަކު ތަރުބިއްޔަތު ކުރެވުނު ކަމުގެ ހިތްހަމަޖެހުމެވެ. އަޙްމަދުގެ މައިން ބަފައިން މިއަދު އުފާކުރަން ޖެހޭނީ ދަރިފުޅު ގެއަށް ގެންނަ ގިނަ ފައިސާތަކުގެ ސަބަބުން ލިބޭ ތަނަވަސްކަމާއިމެދަކު ނޫނެވެ. އުފާކުރަންޖެހޭނީ ﷲ އެންގެވި ގޮތުގައި ދަރިއަކު ތަރުބިއްޔަތު ކުރެވުމުން ޤިޔާމަތް ދުވަހު ދެއްވަވާނެ ހެޔޮ ޖަޒާއަށް އުންމީދުކޮށްގެންނެވެ. މައިންބަފައިންނަށް ލިބޭނެ އެއަށްވުރެ ބޮޑު އުފަލަކީ ކޮބައިހެއްޔެވެ؟ 

ހަމަގައިމުވެސް އަޙްމަދުގެ އުސްތާޛެއްގެ ހައިޞިއްޔަތުން އަޙްމަދާއިމެދު އަހަރެން ފަޚުރުވެރިވަމެވެ. އަޙްމަދުގެ މައިންބަފައިންނާއިމެދު ވަކިން ބޮޑަށް ފަޚުރުވެރިވަމެވެ. އެ ދެމަފިރިންގެ އިޚްލާޞްތެރި މަސައްކަތް ޤަބޫލުފުޅު ކުރެއްވެވުން އެދި ދުޢާކުރަމެވެ. އަހްމަދަސް އިތުރު ކުރިއެރުމަށް އެދެމެވެ. 

އުސްތާޛް ޠައްޔިބް އަލްހަރީރީގެ ލިޔުއްވުމެއްގެ ޚުލާޞާ ތަރުޖަމާއެއް.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް