އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަޤްވާވެރިކަން އިތުރުކޮށް ދުޢާކުރުން ގިނަކޮށްގެން ފަޤީރަކަށް ރަސްގެފާނުގެ ދަރިކަނބަލުންގެ ކައިވެނި ލިބުނު ގޮތުގެ ވާހަކަ!

ތަޤްވާވެރިކަން އިތުރުކޮށް ދުޢާކުރުން ގިނަކޮށްގެން ފަޤީރަކަށް ރަސްގެފާނުގެ ދަރިކަނބަލުންގެ ކައިވެނި ލިބުނު ގޮތުގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 8 ސިކުންތު

މިޒުވާނާގެ ވާހަކަ ނިކަން އަޑުއަހައިބަލާށެވެ! 

"އަހަރެންނަކީ ވަރަށް ބޮޑު ފަޤީރަކީމެވެ. އަދި ނަސަބުގެ ގޮތުން ވެސް ވަރަށް ދެރަ މީހަކީމެވެ. ނަމަވެސް އަހަރެންގެ ހިތުގައި ލޯބި އުފެދުނީ ރަސްގެފާނުގެ ދަރިކަނބަލުންނަށެވެ. އެހެންކަމުން އެކަންތައްވީ ވަރަށް ބޮޑު މައްސަލައަކަށެވެ. އެންމެފަހުން އެކަމުގައި ދީނީ ޢިލްމުވެރިއެއްގެ ލަފާ ހޯދީމެވެ. ޢިލްމުވެރިޔާ ވިދާޅުވީ ތަޤްވާވެރިކަން އިތުރުކުރުމަށާއި ދުޢާކުރުން ގިނަކުރުމަށެވެ. އެކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެއް ނަމަ ހިންމަވައި ދެއްވާނެ ކަމަށެވެ.  

އެކަމަނާ އާއި ވާހަކަ ދެއްކޭނެ ގޮތެއްވެސް ފެންނަން ނެތްއިރުގައިވެސްތޯ ސުވާލުކުރުމުން ޢިލްމުވެރިޔާ ވިދާޅުވީ ﷲ ތަޢާލާ ކަމެއް ފުއްދަވައި ދެއްވަން އިރާދަ ކުރައްވަވައިފިނަމަ އެކަމަކަށް ހުރި ހުރިހާ މަގުތަކެއް ފަހިކޮށް ދެއްވަވާނެ ކަމަށެވެ. 

އެދުވަހުން ފެށިގެން ވަރަށް ވަރުގަދަ އަޒުމަކާއިއެކު މަސައްކަތްފެށީމެވެ. އެންމެ ތަޤްވާވެރި މީހުންގެ ތެރޭގައި ހިމެނުމަށް ގަދައަޅައި މަސައްކަތް ފެށީމެވެ. އަޅުކަން ކުރުން ވަރަށް ބޮޑަށް ގިނަކުރީމެވެ. ކޮންމެ ރެއަކުހެން ރޭއަޅުކަންކޮށް ދުޢާކުރަމުން ގެންދިއައިމެވެ. އެގޮތަށް ކަންތައްތައް ކުރަމުން ދަނިކޮށް އެކަމަނާ އެހެން މީހަކާއި ކައިވެނިކޮށްފިއެވެ. 

ވީދެރައިން ގޮސް ޢިލްމުވެރިޔާއަށް އެވާހަކަވެސް ކިޔައިދިނީމެވެ. އެދުވަހުވެސް ޢިލްމުވެރިޔާ ވިދާޅުވީ ތަޤްވާވެރިކަން އިތުރުކުރުމަށާއި އެއީ ވުމަށް މިންވަރުފުޅުގައި އޮތްކަމެއް ނަމަ އެކަން ވާނެ ކަމަށެވެ. ނަމަނަމަ  ދެމަފިރިންގެ ކައިވެނި ރޫޅުމަށް އެދި ބަދު ދުޢާ ނުކުރުމަށެވެ. 

އެނބުރި އައިސް ތަޤްވާވެރިކަން އިތުރުކުރަން ކުރިއަށްވުރެވެސް ބާރުލައި މަސައްކަތްކުރަން ފެށީމެވެ. ނަމަވެސް އެއިގެ ފަހުން އެކަމަނާ ދެއްވެވުން އެދި ދުޢާއެއް ނުކުރަމެވެ. އެގޮތުގައި ހުންނަތާ 12 އަހަރު ފަހުން އެކަމަނާގެ ކައިވެނި ރޫޅުނެވެ. އެއިރު އަހަރެން މަސައްކަތް ކުރަނީ ރަނާއި ޖަވާހިރު ވިއްކާ ފިހާރައެއްގައެވެ. އެއް ދުވަހަކު ފެނުނީ އެ ފިހާރައަށް އެކަމަނާ ވަޑައިގެންނެވިތަނެވެ. އަދި އެ ދުވަސްވީ ދެ މީހުން ވާހަކަ ދެއްކި ފުރަތަމަ ދުވަހަށެވެ. އެއިގެ ފަހުން ދޭތެރެ ދޭތެރެއިން އެކަމަނާ ފިހާރައަށް ވަޑައިގަންނަވައެވެ. އަދި އަހަރެން ފެންނަން ނެތް ނަމަ ހޯއްދަވައެވެ. ކޮންމެވެސް ވަރެއްގެ ރައްޓެހިކަމެއް އޮވެއެވެ. 

އެގޮތުގައި ދުވަސްކޮޅެއް ފާއިތުވިފަހުން އެއްދުވަހަކު ފިހާރައަށް ވަޑައިގެން އެރޭގެ ކެއުމަށް އެކަމަނާގެ ގަނޑުވަރަށް ދައުވަތު ދެއްވިއެވެ. ޢިޝާ ނަމާދުން ފައިބައިގެން، ޛިކުރުތައް ކިޔަމުން ދުޢާކުރަމުން ގަނޑުވަރަށް ދިއައިމެވެ. ބައްދަލު ކުރައްވައި އިށީންނާނެ ގޮނޑި ދެއްކެވުމަށްފަހު މާގިނަ ވާހަކައެއް ނުދައްކަވައެވެ. ކުރެއްވީ ސުވާލެކެވެ. އެކަމަނާ އާއި ކައިވެނިކުރަން ކެރިދާނެތޯއެވެ! ވަރަށް ވިސްނައިލުމަށްފަހު އަޅުގަނޑު ފަދަ ނިކަމެތި މީހަކާއި ކަމަނާ ކައިވެނިފުޅު ކުރައްވަފާނަންތޯ ސުވާލުކުރީމެވެ.

އެ ސުވާލަކަށް ޖަވާބެއް ނުދެއްވައެވެ. ވަޑައިގަތީ އެތެރެއަށެވެ. ކުޑަ އިރުކޮޅެއްފަހުން ދެ މީހަކު އައިސް އަހަރެން އެތެރޭ ކޮޓަރިކޮޅަކަށް ގެންދިއައިރު ރަސްގެފާނު އިންނެވީ ބޮޑު މަޖިލީހެއްގައެވެ. ފުރަތަމަ ކަމެއްގެ ގޮތުން ރަން ކިޔުމުގެ ވާހަކަ ދެކެވުމުން ވެސް އެކަމަނާ ފަދަ ބޭކަނބަލަކާއި ކައިވެނިކުރަން ރަނަށް ދޭނެ ފައިސާވެސް އަތުގައި ނެތްކަމަށް ދެންނެވީމެވެ. ރަސްގެފާނު ސުވާލުކުރެއްވީ އަތުގައި އޮތީ ކިހައިވަރެއްތޯއެވެ؟ އަތުގައި އޮތީ 10 ދިރުހަމް ކަމަށް ދެންނެވުމުން ތިއޮތީ ނިމިފައި ކަމަށް ވިދާޅުވެ ކައިވެނީގެ ރަސްމިއްޔާތު އެދިއައީ ފެށިގެންނެވެ. ކައިވެނީގެ ރަސްމިއްޔާތުގައި ލާނެ ހެދުން ދެއްވީވެސް ރަސްގެފާނެވެ. އެރެއިން އެރެއަށް ހުރިހާ ކަމެއްވެ ނިމުނީއެވެ. ޢިޝާ ނަމާދު ނިމިގެން ގަނޑުވަރަށް ދިއައީ ރޭގަނޑުގެ ކެއުމަކަށް ލިބުނު ދައުވަތަކަށެވެ. ދަމުނަމާދަށް ހޭލީ ގަނޑުވަރުގެ އަހުލުވެރިއެއްގެ ގޮތުގައެވެ. 

މިހުންނަނީ ވަރަށް ޢިބްރަތްތެރި ފިލާވަޅުތަކެވެ. ﷲ ތަޢާލާގެ މިތުރަކަށް ވުމުގެ ދައުވަތު ﷲ ތައާލާ ވަނީ ހުރިހާ މުސްލިމުންނަށް ދެއްވަވައިފައެވެ. ﷲ ތައާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅޭ ކޮންމެ މީހަކީ ﷲ ތަޢާލާގެ މިތުރެކެވެ. އެ ގުޅުން އިތުރަށް ބަދަހިވެގެންދަނީ އެމީހަކު އެކަމަށް އެދިގެން މަސައްކަތްކުރިވަރަކަށެވެ. އެކަމުގައި އޮތީ އެމީހަކަށް މަސައްކަތް ކުރަން ކެރުނު މިންވަރެކެވެ. 

ދުނިޔޭގެ ޙަޔާތަށް ބެލި ނަމަވެސް ތަނަވަސްކަމުގެ އަހުލުވެރިންގެ ކިބައިން ރައްޓެއްސަކު ކަމަކު އެދިއްޖެ ނަމަ އެކަމެއް އެމީހަކު ކޮށްދެއެވެ. ގުޅުން ބަދަހިވެ ގާތްކަން ބޮޑުވި ވަރަކަށް ގިނަ ކަންތައްތައް ކޮށްދެއެވެ. ބޮޑެތި ކަންތައްތައްވެސް ކޮށްދެއެވެ. 

ﷲ ތަޢާލާގެ ޙަޟްރަތުގައިވެސް މިކަން އޮތީ ހަމަ މިފަދަ ގޮތަކަށެވެ. އެމީހަކު ތަޤްވާވެރިކަމުގައި ކުރިއަރައި ދިއަ ވަރަކަށް އެމީހަކާއި ﷲ ތަޢާލާ ކުއްތަންވެ ވޮޑިގަންނަވައެވެ. ތަޤްވާވެރިކަމުގައި ކުރިއަރައި ދެވިއްޖެނަމަ އެމީހަކު އެދޭ ކޮންމެ ކަމެއްވެސް ﷲ ތަޢާލާ އެމީހަކަށް މިންވަރު ކުރައްވަވާނެތެވެ. ވީމާ އަހަރެމެންނަށް އޮތީ ތަޤްވާވެރިކަން އިތުރުކޮށް އަޅުކަމުގައި ކުރިއަށް ދިއުމެވެ.

ﷲ ތަޢާލާގެ ފުރިހަމަ މިތުރަކަށް ވެވިއްޖެނަމަ އެމީހަކަށް ދުނިޔޭގައިވެސް ދަތިކަމަކާއި ކުރިމަތިލާކަށް ނުޖެހޭނެއެވެ. އެމީހަކަށް ދަތިވާ ކޮންމެ ކަމެއް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެތެވެ. އަދި އެއްވެސް ކަމަކާއިމެދު ހިތްދަތިވެ ހިތާމަކުރާކަށް ނުޖެހޭނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް