އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ދަރިފުޅުގެ ބައްޔަށް ޝިފާއަކަށްވީ ޒަމްޒަމް ފެނާއި ސޫރަތުލް ފާޠިޙާ

ދަރިފުޅުގެ ބައްޔަށް ޝިފާއަކަށްވީ ޒަމްޒަމް ފެނާއި ސޫރަތުލް ފާޠިޙާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 10 ސިކުންތު

މިއީ ވަރަށް ފަހުން އަހަރެންގެ ދޮށީ އަންހެން ދަރިފުޅަށް ދިމާވި ހަގީގީ ހާދިސާއެކެވެ.

މާލޭގައި މިހާރަކަށް އައިސް ފެތުރެމުން މިދާ ބޭރަށް ހިންގުމުގެ ރޯގާ، އަހަރެންގެ ދަރިފުޅަށް ވެސް ޖެހުނެވެ.

އެންމެ ފުރަތަމަ އައީ ގަދަ ހުމެކެވެ. އެއަށްފަހު، އެއްވެސް އެއްޗެއް ނުކެވި ވަރަށް ބޮޑަށް ހޮޑުލެވެން ފެށިއެވެ. ޑޮކްޓަރަށް ދައްކާ ބޭސްދީ، ގައިގާ ފެންފޮތިވެސް ހޭކުމުން، އޭގެ ދެ ދުވަސް ފަހުން ހުން މަޑުވިއެވެ. ނަމަވެސް އެއިރުވެސް ހޮޑުލުން މަނައެއް ނުވިއެވެ. އެއާއެކު ބޭރަށް ހިންގުން ވެސް ޖެހުނެވެ.

އެހެންކަމުން އަނެއްކާވެސް އަހަރެން ދަރިފުޅު ޑޮކްޓަރަށް ދެއްކީމެވެ. ހޮޑުލުން މަނާ ކުރަން އިންޖެކްޝަނެއް ޖެހުމަށްފަހު ބޭރަށް ހިންގުމަށް ވެސް ބޭހެއް ދިނެވެ. އިންޖެކްޝަންގެ ސަބަބުން ހޮޑުލުން މަނާވި ކަމުގައިވިޔަސް، ބޭރަށް ހިންގުން ރަނގަޅެއް ނުވިއެވެ. ބޭހުން ވެސް އަސަރެއް ނުކުރިއެވެ.

ބޮޑު ކަމުދާން އުޅޭކަމުގެ އިޙުސާސް ދަރިފުޅަށް ކުރެވޭއިރު ހުންނަނީ ގަޔަށް ލެވިފައެވެ. އަދި ކޮންމެ ދިހަ މިނެޓުން ދިހަ މިނެޓުންހެން ދަރިފުޅަށް ފާޚާނާއަށް ދާން ޖެހުނެވެ. އަހަރެންގެ އެދަރިފުޅަކީ ވަރަށް ވެސް މަޑުމައިތިރިކޮށް ހުންނަ ލަދުރަކި ކުއްޖެކެވެ. އެހެންކަމުން އެފަދައިން ގަޔަށް ބޮޑުކަމުދެވުންވީ އެދަރިފުޅު ވަރަށް ހިތުގައި ޖެހި އިތުރަށް ލަދުގަތް ކަމަކަށެވެ.

ދެ ދުވަސް ވީއިރުވެސް ބޭރަށް ހިންގުން ރަނގަޅެއް ނުވިއެވެ. ޑޮކްޓަރީ ބޭހުން ވެސް ޙައްލެއް ނުލިބުމުން، ބޭރަށް ހިންގުން ރަނގަޅު ކުރެވޭނެ އެހެން ގޮތެއް ފެނޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އެގޮތުން އޯއާރްއެސް ދިނުމާއި، ބިހެއް ފެނުކައްކާފައި ކާންދިނުމާއި، ކަޅު ސައި ހިތިކޮށް ދިނުމާއި، ޅަ ފޭރެއް ކާން ދިނުމާއި، ފާރޮށި ކާން ދިނުމާއި އަދި މައިލޯ ހުހަށް ކާންދިނުންފަދަ ކަންކަން ވެސް އަހަރެން ކުރީމެވެ. ނަމަވެސް މީގެން އެއްވެސް އެއްޗަކުން އަހަރެންގެ ދަރިފުޅުގެ އެބައްޔަށް ފަރުވާއެއް ނުލިބުނެވެ.

އަހަރެން ގޮތް ހުސްވާން ފެށިއެވެ. ހާސްވާން ވެސް ފެށިއެވެ. ދަރިފުޅަށް ލިބެމުންދިޔަ ވޭނަށް ކެތް ނުކުރެވިގެން، ދަރިފުޅު ގާތު ނިދާލަން ބުނީމެވެ. ހޭލާއިރު ކުރިން ކެއި އެއްޗެހީގެ އަސަރެއް ކޮށްފައި ހުރެދާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް ދެންވީ މާހިތާމަވެރި ގޮތެކެވެ. ދަރިފުޅަށް ނިދީގައި އޮވެ ބޮޑުކަމު ދެވުނީއެވެ. އެކަމާއި އަހަރެން އެއްޗެސް ނުބުނި ނަމަވެސް، ދަރިފުޅު އިތުރަށް ދެރަވެ ލަދުގަތެވެ.

އެވަގުތު އަހަރެން ހަނދާންވީ މީހަކު ބުނި ވާހަކައެކެވެ. ޒަމްޒަމް ފެނަކީ އެންމެ މާތް ފެން ކަމާއި އެއީ ޝިފާއެއް ކަމެވެ. ގޭގައި ޒަމްޒަމް ފެން ހުރުމުން، بسم الله ކިޔުމަށްފަހު ދަރިފުޅަށް ޒަމްޒަމް ފެން ފޮދެއް ދިނީމެވެ. އެއީ އެންމެ މާތް ފެން ކަމުގައާއި މާތް ﷲ ގެ އިރާދަފުޅާއެކު ދަރިފުޅަށް ދެން އަވަސް ޝިފާއެއް ލިބޭނެކަމަށް ދަރިފުޅަށް ވެސް ވިސްނާ ދިނީމެވެ.

ޒަމްޒަމް ފެން ދިނުމަށްފަހު އަނެއްކާވެސް ނިންދަވަން ދަރިފުޅު ބޭއްވީމެވެ. އެއިރު މަޑުމަޑުން ކޮންމެވެސް އެއްޗެއް ކިޔާހެން ހީވެގެން، ކިޔަނީ ކީކޭތޯ ސުވާލު ކުރުމުން ދަރިފުޅު ބުނީ އޭނާ ސޫރަތުލް ފާޠިޙާ ކިޔަވަނީ ކަމަށެވެ. އަދި ނިދެންދެން ކިޔަވާނެ ކަމަށް ވެސް ބުންޏެވެ. އަހަރެން ދަރިފުޅު ނުހުއްޓުވަމެވެ.

އޭގެ ފަސް ވަރަކަށް މިނެޓު ފަހުން ބަލާލިއިރު ދަރިފުޅު އޮތީ ނިދާފައެވެ. އަނެއްކާވެސް ހޭލެވިދާނެ ކަމަށް އަހަރެން ދެ ގަޑިއިރެއް ހާއިރު ވަންދެން ހޭލާ ހުރީމެވެ. ނަމަވެސް ދަރިފުޅު އޮތީ ވަރަށް އަރާމު ނިންޖަކުން ނިދިފައެވެ.

ހެނދުނު ހޭލެވުމާއެކު އަހަރެން ފުރަތަމަވެސް އަވަސްވެގަތީ ދަރިފުޅު އޮތް ހާލެއް ބަލާށެވެ. އޭނާއަށް ވެސް އެއިރު ހޭލެވުނެވެ. ދަރިފުޅު ބުނީ އެއްގޮތަކަށް ވެސް ބަނޑަށް ތަދުނުވާ ކަމަށާއި ބޮޑުކަމުދާން ވެސް ނުޖެހޭ ކަމަށެވެ. އޭގެ ފަހުން މިއަދާއި ޖެހެންދެން ވެސް ދަރިފުޅަށް އެއްވެސް ސިއްޙީ މައްސަލައެއް ދިމައެއް ނުވެއެވެ. މާތް ﷲ ގެ އިރާދަފުޅާއެކު ހުރީ ހަމަ ހެޔޮ ހާލުގައެވެ. ٱلْـحَـمْـدُ للهِ

އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
8%
ރަނގަޅު
14%
އޯކޭ
42%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ