އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުން އެދި ރަސޫލް (ޞޢވ) ކޮންމެ ނަމާދެއްގަ ދުޢާ ކުރެއްވެވި! އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް!

ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުން އެދި ރަސޫލް (ޞޢވ) ކޮންމެ ނަމާދެއްގަ ދުޢާ ކުރެއްވެވި! އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

ޢައިޝަތުގެފާނު ވިދާޅުވެފައިވެއެވެ. "އެއް ދުވަހަކު ޔަހޫދީންގެ މުސްކުޅި ދެ އަންހެނަކު ތިމަން ކަމަނާގެ ގަނޑުވަރަށް ވަޑައިގަތެވެ. އަދި ދެންނެވިއެވެ. ކައްވަޅުގައި މީސްތަކުންނަށް ޢަޛާބު ދެއްވަވައެވެ. ނަމަވެސް ތިމަން ކަމަނާއަށް އެކަން އެގޮތަށް ވާނެކަން އެނގިވަޑައިގެންފައި ނެތުމުން އެއީ ކިހިނަކުން ވާނެ ކަމެއްތޯ ސުވާލުކުރެއްވެވީމެވެ. އެމީހުން ދިއަތަނާ ރަސޫލް (ޞޢވ) ގަނޑުވަރަށް ވަޑައިގަތުމުން އެވާހަކަ ދެންނެވުމުން ހަދީޘްފުޅު ކުރެއްވެވިއެވެ. އެ ދެ އަންހެނުން އެބުނީ ތެދެކެވެ. އަދި އެދުވަހަށްފަހުގައި ފަރުޟު ނަމާދެއް ކުރެއްވެވި ނަމަވެސް އަދި ސުންނަތް ނަމާދެއް ކުރެއްވެވި ނަމަވެސް ރަސޫލް (ޞޢވ) ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާ ނުކުރައްވަވާ ނަމާދެއް ކުރެއްވިކަން އެނގިވަޑައިގެންފައެއް ނެތެވެ. ނުވަތަ ކޮންމެ ނަމާދެއްގައި ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާ ކުރެއްވެވިއެވެ." 

އަހަރެމެން ކޮންމެ ނަމާދެއްގެ ފަހު އައްތަޙިއްޔާތުގައި އެކަމަށް އެދި ދުޢާ ކުރަމުއެވެ. ނަމަވެސް ހިތާމައަކީ ދުޢާ ކުރެވޭއިރު ދުޢާ ކުރެވޭކަންވެސް އަހަރެމެންނަށް ނުއެނގޭތީއެވެ. ކިޔާ ތަކެތީގެ މާނަ ދަސްނުކުރާތީއެވެ. މާނަ އެނގުނު ނަމަވެސް ނުވެސް ވިސްނާތީއެވެ. 

ކައްވަޅުގައި ލިބޭ ޢަޛާބުގެ ގަދަފަދަ ކަމުގެ ވާހަކަ އަބަދުވެސް ދައްކަމުއެވެ. އެ ޢަޛާބުގެ ގަދަފަދަކަމުން ވަލު ޖަނަވާރުތަކަށްވެސް އެ އަޑު އިވޭކަން އެނގެން އެބައޮތެވެ. ނަމަވެސް އަހަރެމެންނަށް ބިރުގަންނަންވެސް ނުއެނގެނީއެވެ. ނުވަތަ ދެވޭ ސަމާލުކަން ކުޑަވަނީއެވެ. 

މުސްލިމަކު މަރުވެގެން ކަފުން ކުރާނަމަ ރިވެތިކޮށް އެކަން ކުރަން ރަސޫލް (ޞޢވ) ވަނީ ބަޔާން ކުރައްވަވައިފައެވެ. އަދި ކަފުން ކުރާއިރު މީރުވަސް ދުވާ ތަކެތިވެސް ކަފުނަށް އަޅަމުއެވެ. ހުވަދުވެސް ލައެވެ. އެއީ ޞާލިޙުން މަރުވެ ވަޅުލެވުމުން އެހެން މީހުންނަށް ޒިޔާރަތްކުރާނެތީއެވެ. އަދި އެމީހާއަށް އެހެން ޞާލިޙުންވެސް ޒިޔާރަތްކުރާނެތީއެވެ. 

މަރުވުމުން ހެޔޮލަފާ ޞާލިހުންގެ މަހާނަ ކައިރީގައި ވަޅުލުމަށްވެސް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެއީ ނުބައި މީހެއްގެ ކައިރީގައި ވަޅުލެވިއްޖެނަމަ އެމީހާގެ އުނދަގޫތައް ފޯރައިފާނެ ކަމަށްޓަކައެވެ. "މަރުވުމުން ކައްވަޅުގައި އޮންނައިރުވެސް އެހެން މީހުންގެ އުނދަގޫތައް ފޯރާނެތޯ؟" ސުވާ ދެންނެވުމުން ރަސޫލް (ޞޢވ) ހަދީޘްފުޅު ކުރައްވަވާފައިވަނީ ދުނިޔޭގައި އަވަށްޓެރިންގެ އުނދަގޫ ފޯރާފަދައިން އެކަން ހިނގާނެ ކަމަށެވެ. ނަމަވެސް ވަޅުލުމުގައި އެކަން ބެލޭނެ ގޮތެއް ނެތް ނަމަ ވަޅުލެވެން އޮތްތަނެއްގައި ވަޅުލަންވީއެވެ. ﷲ ތަޢާލާ އެކަން ބައްލަވައިވޮޑިގެންވާނެތެވެ.

ހެޔޮ އަމަލުކޮށް ﷲ ތަޢާލާ އެނގެވިގޮތުގައި ދުނިޔޭގައި އުޅުނު މީހުން ކައްވަޅުގައި އެކަނިވެގެން އުޅޭކަށް ނުޖެހޭނެއެވެ. އެމީހަކަށް ﷲ ތަޢާލާގެ ނިޢްމަތްތައް ހުންނާނީ ލިބިލިބިއެވެ. އަޅައިލާނެ އެއްވެސް މީހަކު ނެތި ކައްވަޅުގައި އެކަނިވެރިވާ ދުވަހު އެމީހަކު އެކަނިވެރިކަމާއިއެކު ﷲ ތަޢާލާ ދޫކޮށެއް ނުލައްވަވާނެތެވެ. 

- ބިލާލް އައްސަދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް