އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިވިއު: ގިނަ ޓްވިސްޓުތަކަކާއެކު "ނަފްރަތުވުމުން" ގެ އެންމެ ބޮޑު ޓްވިސްޓަކަށްވީ، ފިލްމުގެ ނިމުން!

ރިވިއު: ގިނަ ޓްވިސްޓުތަކަކާއެކު "ނަފްރަތުވުމުން" ގެ އެންމެ ބޮޑު ޓްވިސްޓަކަށްވީ، ފިލްމުގެ ނިމުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 27 ސިކުންތު

ޔޫއްޕެ ޕްރޮޑަކްޝަންސް އިން ރޭ ޕްރިމިއާރ ކުރި "ނަފްރަތުވުމުން" ވެފައިވަނީ ގިނަ ބެލުންތެރިންނަކަށް އޮޅުން ބޮޅުން ގަނޑެއްގެ ތެރެއިން ކޮޅު ހޯދަން މަސައްކަތް ކުރަން ޖެހުނު ފިލްމަކަށެވެ.

 

ކާމިޔާބު އަސަރުގަދަ ލޯބީގެ ފިލްމުތަކެއް ކުޅެފައިވާ މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓް ކޮށްފައިވާ މިފިލްމަކީ، މީގައި ހަރަކާތްތެރިވި ކޮންމެ ތަރިއަކަށް ވެސް އެތަކެއް ޓްވިސްޓުތަކެއް ދައްކުވައިދިން ފިލްމަކަށެވެ.

 

ލޯބި ނަފްރަތަށް ބަދަލުވުމުގެ ކުރިން، އެބަދަލު އަންނަން ދިމާވާ ސަބަބުތައް ދައްކުވައިދޭ ފިލްމު "ނަފްރަތުވުމުން" ގައި ހަރަކާތްތެރިވެފައިވަނީ ކުޅަދާނަ ފިލްމީތަރި މަރިޔަމް އައްޒަ އާއި އަހުމަދު އީސަ ގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) އާއި ޔޫއްޕެ އެވެ. އެހެންކަމުން މިފިލްމުގައި އެތަރިންގެ އެކްޓާއިމެދު ވާހަކަ ދައްކާލާނަމެވެ.

 

މަރިޔަމް އައްޒަ:

އައްޒަ މިފިލްމުގައި ކުޅެފައިވަނީ "ރީޝާ" ގެ ރޯލެވެ. ފިލްމުގައި ފެންނަ ހަމައެކަނި އަންހެން އެކްޓްރެސް އަށް ވާއިރު، ފިލްމު ފެށޭއިރު އޭނާގެ ފަރާތުން ފެންނަ މަންޒަރުތަކާއި ނިމޭއިރު ފެންނަ މަންޒަރުތައް އުޑާއި ބިމާހައި ތަފާތެވެ. ފިލްމު ފެށޭއިރު އައްޒަގެ ކިބައިން ފެންނަ އެކްޓިން އާއި ފަހުން ފެންނަ އެކްޓިން ތަފާތުވުން، ވެފައިވީ މިފިލްމަށް ލިބުނު ޕްލަސް ޕޮއިންޓަކަށެވެ. އައްޒަ އާއި ބެހޭގޮތުން ގިނަ ބެލުންތެރިން ދެކޭގޮތުގައި، ހަމަހިމޭނުން ހުންނަ ނުވަތަ އިޝްޤީ މަންޒަރުތައް ދައްކުވައިދޭ އެކްޓިންގ އަކަށްވުރެ ބޮޑަށް އައްޒައަށް ފުރިހަމައަށް ކުޅެވެނީ ނެގަޓިވް މަންޒަރު ދައްކުވައިދޭ ރޯލެވެ. ރުޅިގަދަ، ޒީލަގަދަ ނުވަތަ ޖިންނި މޮޔަވެފައި ހުންނަ ރޯލުތަކަކީ އައްޒަގެ "ސްޕެޝަލިޓީ" ކަމުގައި ގިނަ ބަޔަކު ދެކިފައިވެއެވެ. ނަމަވެސް މިފިލްމުން އައްޒަގެ ފެނިގެންދަނީ ކޮންކޮން ރޯލުތަކެއް ކަމެއް ބުނާކަށް އަޅުގަނޑު ނެތީމެވެ. ހަމައެކަނި ބުނެލާނީ، ފެންނަނީ ހުސް އެއްގޮތަކަށް ހުރެ އެކްޓުކުރާ މަންޒަރުތަކެއް ނޫން ކަމުގައެވެ.

 

އަލީ އާޒިމް (ދޮން އައްޔަ)

ކުރިއަރަމުން އަންނަ ވިދަމުން އަންނަ އަލީ އާޒިމް ނުވަތަ އާންމު ނަމުންނަމަ ދޮން އައްޔަ އަކީ، ތެދައް ބުނާނަމަ މިފިލްމުން އަޅުގަނޑަށް އެންމެ ކަމުދިޔަ އެކްޓެއް ދައްކުވައިދިން ތަރިއެވެ. ދުވަހުން ދުވަހަކަށް އޭނާގެ އެކްޓު ކުރުމުގެ ހުނަރު ވަރުގަދަވެ، ކުރިއަރަމުން އަންނަ އިރު، އޭނާ ކުޅޭ ކޮންމެ ފިލްމަކުން ވެސް ފެނިގެންދަނީ ނުހަނު ތަފާތު އަދި އެހާމެ މޮޅު ހުނަރެކެވެ. މިފިލްމު ބަލާފައި ދޮންއައްޔަ ދެކެ މީހުންވާނީ ލޯބިތޯ، ނޫނީ ކުރާނީ ނަފްރަތުތޯ، މިއީ އުފެދޭ ބޮޑު ސުވާލެކެވެ. މިފިލްމުގައި ދޮން އައްޔަ ކުޅެފައިވަނީ "ޝާމިން" ގެ ރޯލެވެ.

 

އަހުމަދު އީސަ

ހަމަޔަގީނުން ވެސް މިފިލްމު ބަލާފައި ގިނަ ބަޔަކު އަހުމަދު އީސަ ދެކެ ވަރަށް ރުޅި އަންނާނެވެ. ނަމަވެސް ފިލްމުގައި ވާގޮތް ރަނގަޅަށް އެނގިއްޖެނަމަ، އޭނާގެ ހާލަތު ވެސް ވިސްނޭނެ އެވެ. "ލާމިއު" ގެ ރޯލުން ފެނިގެންދާ އީސަ ވެސް ކުޅެފައިވަނީ ތަފާތު ބަދަލުތަކެއް ދައްކުވައިދޭ ރޯލެކެވެ. ނަފްރަތާއެކު ވެސް ލޯބިވާން އީސަ އަށް މިފިލްމުގައި އިނގެއެވެ.

 

ޔޫސުފް ޝަފީއު (ޔޫއްޕެ)

އިތުރު ތައާރަފަކަށް ބޭނުން ނުވާ ޔޫއްޕެ އަކީ އޭނާ ކުޅޭ ކޮންމެ ރޯލެއް ވެސް ނުހަނު ފުރިހަމަ ކަމާއެކު އަދާ ކުރާ، ދިވެހި ފިލްމު އިންޑަސްޓްރީގައި ހުރި ކުޅަދާނަ ތަރިއެކެވެ. މާނިއު ގެ ރޯލުން މިފިލްމުން ފެނިގެންދާ ޔޫއްޕެ އަކީ ރަނގަޅު އެކުވެރިއެއް ކަމުގެ ލާމަސީލު މިސާލެކެވެ. ޔޫއްޕެ އަކީ އޭނާ ކުޅޭ ހުރިހާ ރޯލެއް ވެސް އެންމެ ފުރިހަމަކަމާއެކު ކުޅޭ އެކްޓަރަކަށްވާއިރު، މިފިލްމުގައި ވެސް އޭނާގެ އެކްޓިން ވަރަށް ފުރިހަމަވެފައި، "ސިމްޕަލް" އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ