އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ނަފްސާނީ ދުޅަހެޔޮ" ކެންޕެއިން އިފްތިތާޙު ކޮށްދެއްވައިފި

"ނަފްސާނީ ދުޅަހެޔޮ" ކެންޕެއިން އިފްތިތާޙު ކޮށްދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށް ގެންދާ "ނަފްސާނީ ދުޅަހެޔޮ" ކެންޕެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ. އެކަމަނާ މި ކެންޕެއިން އިފްތިތާޙްކޮށްދެއްވީ މިއަދު ހެނދުނު ހޮޓެލް ޖެންގައި، މި ކެންޕެއިން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ކެންޕެއިން އިފްޠިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، އާދަޔާ ޚިލާފަށް ކަންކަމާ ދެރަވެ، ހާސްވެ، ބިރުގަނެ، ރޮވި، ގިނަ ދުވަސްތަކެއް ވަންދެން ކޮޓަރިން ނުވަތަ ގެއިން ނުނުކުމެ، އާއިލާއާއި ރަހުމަތްތެރިންނާ ދުރުގައި، އާންމުކޮށް ސްކޫލަށް ނުވަތަ އޮފީހަށް ސަލާން ބުނެ، އެކަނިވެރި ދިރިއުޅުމެއް އުޅެ، ކުރަން ބޭނުންވާ އެތައްކަމެއް ނުކުރެވިފައިވާ އެތައްބަޔަކު ދިވެހިރާއްޖޭގައި ދިރިއުޅެމުން އަންނަކަމަށެވެ. އަދި މި ކަންކަމަކީ ނަފްސާނީ ބައްޔެއްގެ ސަބަބުން ކުރިމަތިވާ ކަންތައްތައްކަން މީގެތެރެއިން މީހުންނަށްވެސް އަދި އެމީހުންގެ އާއިލާގެ މެންބަރުންނާއި ރައްޓެހިންނަށް ވެސް ނޭނގޭކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިފަދަ ބައްޔެއް ހުރިކަން އެނގުނު ނަމަވެސް އެމީހެއްގެ އެފަދަ ބައްޔެއް ހުރިކަމަށް ބުނަން ބޭނުންވަނީ މަދުބައެއް ކަން ފާހަގަކުރައްވާ ނަފްސާނީ ބަލިތަކާމެދު ހޭލުންތެރިކުރުމުގެ ވާހަކަ ޤައުމީ ފެންވަރެއްގައި ދަންކަންޖެހޭ މައިގަނޑު ސަބަބަކީ ވެސް އެއީކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ނަފްސާނީ ބަލިތަކުގެ ހާލަތު ދުނިޔޭގައި އޮތް މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ދުނިޔޭގައި ކޮންމެ 4 މީހުންގެ ތެރެއިން އެކަކީ ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހެއްކަމަށް ބެލެވޭކަމުގައެވެ. އަދި ރާއްޖޭގައި މިދާއިރާއިން ކުރެވިފައިވާ މަދު ދިރާސާތަކުން ލަފާކުރެވޭގޮތުގައި ރާއްޖޭގައި ވެސް މި ނިސްބަތް އެހާވަރުގައި ހުރިކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޖިސްމާނީ ބަލިތަކާ އަޅާބަލާއިރު ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާގެ ވަޞީލަތްތައް މަދުކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ ގިނަ ބަލިތަކަކީ ހަމައެކަނި ބޭހެއް ކައިގެން ރަނގަޅުކުރެވޭ ބަލިތައް ކަމުގައި ވީ ނަމަވެސް ހަކުރުބަލި ފަދަ ބަލިތައް ފަދައިން ނަފްސާނީ ބައްޔަކީ ބޭހާއެކު ތެރަޕީވެސް ބޭނުންވާ ބައްޔެއްކަމަށެވެ. މީގެ އިތުރުން މިފަދަ ބަލިތަކަށް ފަރުވާ ހޯދުމަށްފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު އެމީހަކު އަދާކުރާ ޒިންމާތަކުން ލުޔެއް ދިނުންފަދަ ކަންކަން ފަހި ކުރަންޖެހޭކަންވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ނަފްސާނީ ދުޅަހެޔޮ ކެންޕެއިން" އަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް އެއް އަހަރު ދުވަހަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ކެންޕެއިން އެކެވެ. ނަފްސާނީ ބަލިތަކަށް ފަރުވާލިބޭނެ ޚާއްޞަ އިންތިޒާމުތައް ހަމަޖައްސައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ވެސް ހިމެނޭ މުހިންމު ވަޢުދެކެވެ. މިގޮތުން ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން ނެޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދަވައި ނަފުސާނީ ބަލިތަކަށް އާސަންދައިގެ ދަށުން ޚިދުމަތް ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖައްސަވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ