އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 32

ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 32


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 13 މިނެޓް, 28 ސިކުންތު

(أَمَّا مَن ظَلَمَ  ) މިތަނުގައި އަނިޔާވެރިވުމޭ އޮތް ބަސްފުޅުގެ މުރާދަކީ ﷲ އަށް ޝަރީކު ކުރުމެވެ. ސޫރަތުއް ލުގްމާންގެ 13 ވަނަ އާޔަތުގައި ލުގްމާން ޢަލައިހިއްސަލާމް ވިދާޅުވިކަމަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ﴿١٣) މާނައަކީ: " ހަމަކަށަވަރުން، شريك ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ"

( فَسَوْفَ نُعَذِّبُهُ ) ފަހެ، ނިކަންހުރެ އެމީހަކަށް އަހުރެމެން އަދަބު ދޭހުށީމުއެވެ. މިތަނުގައި މިއީ ތަޢްޒީރީ އަދަބެއްގެ ވާހަކައެވެ. ތަޢްޒީރީ އަދަބެއްނަމަ، އެއީ ޙާކިމާ އަށް އެންމެ މުނާސަބުކަމަށް ފެންނަ އަދަބެއް ދިނުމެވެ. އެއީ މެރުން ކަމުގައިވީނަމަވެސް ނުވަތަ އެނޫން އަދަބެއް ކަމުގައިވީނަމަވެސް އެވެ.

(ثُمَّ يُرَدُّ إِلَىٰ رَبِّهِ فَيُعَذِّبُهُ عَذَابًا نُّكْرًا  ) ދެން އޭނާގެ ވެރިރަސްކަލާނގެ حضرةއަށް އޭނާ ރައްދުކުރައްވާހުށްޓެވެ. ފަހެ، އެކަލާނގެ އެމީހަކަށް، ގަދަފަދަވެގެންވާ عذابއެއް ދެއްވާހުށްޓެވެ. އޭގެ ސަބަބަކީ ކާފަރުންނަކީ އެމީހުންނަށް އަދަބު ލިބުމެއް ކަމަކު އެކަމުން ސަލާމަތްވެވޭނެ ބަޔެއް ނޫނެވެ. އެމީހުންނަށް ދެދުނިޔޭގައި ޢަޛާބު ލިބޭނެއެވެ. ނަމަވެސް، މުއިމިނުންނަކީ ދުނިޔެމަތީގައި އަދަބު ލިބިފައިވާނަމަ، އެކަމުގެ އަދަބު އާޚިރަތުގައި ނުލިބި ސަލާމަތްވާނެ ބަޔެކެވެ.

(عَذَابًا نُّكْرًا  ) ގަދަފަދަވެގެންވާ ޢަޛާބު.

( وَأَمَّا مَنْ آمَنَ وَعَمِلَ صَالِحًا فَلَهُ جَزَاءً الْحُسْنَىٰ ) އީމާންވެ ޞާލިޙް ޢަމަލުކުރާ މީހުންނަށް ﷲ ގެ ޙަޟްރަތުން މަތިވެރި ދަރުމަ ދެއްވާނެއެވެ. (الْحُسْنَىٰ ) މުރާދަކީ ސުވަރުގެ އެވެ. ސޫރަތު ޔޫނުސްގެ 26 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( لِّلَّذِينَ أَحْسَنُوا الْحُسْنَىٰ وَزِيَادَةٌ ۖ )" ހެޔޮ عملކުޅަމީހުންނަށް، އެންމެހެޔޮ ޖަޒާ ހުށްޓެވެ. (އެއީ ސުވަރުގެއެވެ.) އަދި އޭގެއިތުރަށްވެސް ހުށްޓެވެ. (އެއީ اللَّهގެ ދީދާރުފުޅު ދެއްކެވުމެވެ.)"

( وَسَنَقُولُ لَهُ مِنْ أَمْرِنَا يُسْرًا ) "އަދި އެމީހަކަށް ތިމަންރަސްކަލާނގެ ފަސޭހަވެގެންވާގޮތެއް ދައްކަވާހުށީމެވެ."

އަނިޔާވެރިވީ މީހާ (ޝިރްކު ކުރާމީހާ) އަށް ވެސް ދެކަމެއްގެ ވާހަކައިން ވަޢުދުވެލެއްވިއެވެ. އެއީ އެމީހަކަށް އަދަބު ދެއްވާނެ ކަމަށާއި، އޭނާގެ ވެރިރަސްކަލާނގެ حضرةއަށް އޭނާ ރައްދުކުރައްވާހުށްޓެވެ. ފަހެ، އެކަލާނގެ އެމީހަކަށް، ގަދަފަދަވެގެންވާ عذابއެއް ދެއްވާހުށްޓެވެ. އަދި މުއިމިނުންނަށްވެސް ދެކަމެއްގެ މަތިން ވަޢދުވެލެއްވިއެވެ. އެއީ އެމީހަކަށް ސުވަރުގެ ލިބޭނެކަމާއި އަދި އެމީހަކާއި މެދުގައި ފަސޭހަ އަދި ރިވެތި މުޢާމަލާތަކުން މުޢާމަލާތް ކުރައްވާނެކަމެވެ. އެކަމަކު ދެބައިމީހުންގެ ވާހަކަ ގެންނެވުމުގައި ތަފާތުގޮތެއް ބޭނުން ކުރައްވާފައިވެއެވެ. އެއީ ޝިރްކުކުރާ މީހާގެ ވާހަކަ ފެއްޓެވީ އެކަލޭގެފާނު އެމީހަކަށް އަދަބު ދެއްވާނެ ވާހަކައިންނެވެ. އަދި އެއަށްފަހު އާޚިރަތްދުވަހުގައި ﷲ ގެ ކޯފާ އާއި ޢަޛާބު އެމީހަކަށް ލިބޭނެވާހަކައިންނެވެ. ނަމަވެސް، މުއިމިނުންގެ ވާހަކަ ގެންނެވިއިރުގައި ފައްޓަވާފައިވަނީ އެމީހަކަށް ﷲ ގެ ޙަޟްރަތުން ދެއްވާ ޘަވާބާއި ދަރުމައިގެ ވާހަކައިންނެވެ. އެއަށްފަހު ގެންނެވީ އެމީހަކާއި މެދުގައި ފަސޭހަ ރިވެތި މުޢާމަލާތަކުން މުޢާމަލާތް ކުރައްވާނެ ވާހަކައެވެ. މީގެ ސަބަބަކީ މުއިމިނުންގެ އެންމެ އިސް މަގްޞަދަކަށްވާނީ ސުވަރުގެ އަށް ވާޞިލް ވުމެވެ. ސުވަރުގެ އަށް ވާޞިލް ވުމަކީ އެމީހަކާއި މެދު ހެޔޮކޮށް މުޢާމަލާތް ކުރެވުމަށްވުރެ މާ ލޮބުވެތިކަން ބޮޑު ކަމެކެވެ. ނަމަވެސް، ޝިރްކުކުރާ މީހުން އާޚިރަތް ދުވަހުގައި އެބައިމީހުންނަށް ޢަޛާބު ލިބުމުގެ ކުރިން ދުނިޔެމަތީގައި އެބައިމީހުންނަށް އަދަބު ދެވެއެވެ. އަދި ދުނިޔޭގައި ދެވޭ އަދަބަކީ އާޚިރަތުގެ ޢަޛާބަށްވުރެ ލުއި އެއްޗެކެވެ. އަދި ހަމައެފަދައިން، ކާފަރުންނަކީ އާޚިރަތުގައި ލިބިދާނެ އަދަބަކަށްވުރެ ބޮޑަށް ދުނިޔެމަތީގައި ލިބިދާނެ އަދަބަކާއި މެދު ބިރުގަންނަ ބަޔެކެވެ. ސަބަބަކީ އެބައިމީހުންނަކީ އާޚިރަތަށް އީމާންވާ ބަޔެއް ނޫނެވެ.

(ثُمَّ أَتْبَعَ سَبَبًا ﴿٨٩  ) "ދެން އޭނާ އެހެންމަގަކުން ކުރިޔަށް ވަޑައިގަތެވެ."

(حَتَّىٰ إِذَا بَلَغَ مَطْلِعَ الشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَّمْ نَجْعَل لَّهُم مِّن دُونِهَا سِتْرًا ﴿٩٠ )      "އިރުއަރާތަނަށް އޭނާ ވަޑައިގަތުމަށް ދާނދެނެވެ. އެހިނދު، قومއެއްގެ މީހުންގެ މައްޗަށް އިރުއަރާތީ، އޭނާއަށް ފެނިވަޑައިގަތެވެ. އިރުގެ ހޫނުން ސަލާމަތްވާނެ އެއްވެސްކަހަލަ ނިވަލެއް ތިމަންރަސްކަލާނގެ އެއުރެންނަކަށް ނުލައްވަމެވެ."އެމީހުން ދިރިއުޅޭ ސަރަޙައްދުގައި އެއްވެސް ކަހަލަ ޢިމާރާތެއް ނުހުރެއެވެ. އަދި ހިޔާ އަޅާނެ ގަހެއްވެސް ނެތެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެބައިމީހުންގެ ހަށިގަނޑުގައި ހެދުމެއްވެސް ނެތެވެ. ހެދުމަކީވެސް ކޮންމެވެސް ވަރެއްގެ ނިވާކަމެއް ލިބޭ އެއްޗެކެވެ. އިރުގެ ހޫނުކަމުން އެބައިމީހުން ދިޔައީ އަނދަމުންނެވެ.

(كَذَٰلِكَ وَقَدْ أَحَطْنَا بِمَا لَدَيْهِ خُبْرًا ﴿٩١  ) "ކަންހުރީ އެފަދައިންނެވެ. ހަމަކަށަވަރުން، އޭނާގެ ކިބައިގައިވާހާ ކަމެއްގެ خبر، (ވެރިކަމާއި، ބާރުގެ މިންވަރު) ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ."

(ثُمَّ أَتْبَعَ سَبَبًا ﴿٩٢ ) "ދެން އޭނާ، އެހެން މަގަކުން ކުރިޔަށް ވަޑައިގަތެވެ."

( حَتَّىٰ إِذَا بَلَغَ بَيْنَ السَّدَّيْنِ وَجَدَ مِن دُونِهِمَا قَوْمًا لَّا يَكَادُونَ يَفْقَهُونَ قَوْلًا ﴿٩٣ )" ދެފަރުބަދަ ދޭތެރެއަށް އޭނާ ވަޑައިގަތުމަށް ދާނދެނެވެ. އެތާނގެ ކައިރިން އޭނާއަށް ބަޔަކުމީހުން ފެނިވަޑައިގަތެވެ. އެއްވެސް ބަހެއް (އުނދަގުލަކާލައިގެން މެނުވީ) އެއުރެންނަށް އެނގުމަކާ ގާތްވެސް ނުވެއެވެ."

( بَيْنَ السَّدَّيْنِ ) މިއީ ވަރުގަދަ ދެފަރުބަދަ ދެމެދެވެ.

(وَجَدَ مِن دُونِهِمَا  ) އެދެފަރުބަދަ ކައިރިން، އެދެފަރުބަދަ ދެމެދަކުން ނުވަތަ ފުރަގަހަކުންވެސް ނޫނެވެ. ނަމަވެސް، އެތަނުގެ ކައިރިންނެވެ.

( قَوْمًا ) ބަޔަކު މީހުން، ބުނެވޭ ގޮތުގައި އެއީ ތުރްކީ މީހުންނެވެ.

(لَّا يَكَادُونَ يَفْقَهُونَ قَوْلًا  ) (يَفْقَهُونَ  ) ގެ ދެގިރާއަތެއް ވެއެވެ. އެއީ ( يَفْقَهُونَ ) ޔާގައި އަބަފިލި ޖަހައިގެން. އަދި ( يُفْقِهُونَ ) ޔާގައި އުބުފިލި ޖަހައިގެން އަދި ގާފްގައި އިބިފިލި ޖަހައިގެންނެވެ. 

( يَفْقَهُونَ ) ޔާގައި އަބަފިލި ޖަހައިގެން ނަމަ މާނައަކީ އެބައިމީހުންނަށް ނުވިސްނޭވާހަކަ އެވެ.

( يُفْقِهُونَ ) ޔާގައި އުބުފިލި ޖަހައިގެން އަދި ގާފްގައި އިބިފިލި ޖަހައިގެން ނަމަ މާނައަކީ: އެއްވެސް ބަޔަކަށް އެބައިމީހުންގެ ވާހަކަ ވިސްނައިނުދެވޭ ވާހަކަ އެވެ.

މިތަނުގައި މުރާދަކީ: އެބައިމީހުންގެ ބަހުރުވަ އެހެން ބަޔަކަށް ނޭނގެއެވެ. އަދި އެބައިމީހުންނަކަށްވެސް އެހެން ބަހުރުވައެއް ނޭނގެއެވެ.

( قَالُوا يَا ذَا الْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِي الْأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَىٰ أَن تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا ﴿٩٤  ) "އެއުރެން ބުނެފޫއެވެ. އޭ ذوالقرنينއެވެ! ހަމަކަށަވަރުން، يأجوج مأجوجބާގައިމީހުންނަކީ، ބިމުގައި ފަސާދަކޮށްއުޅޭ ބަޔެކެވެ. ފަހެ، ކަލޭގެފާނު ތިމަންމެންނާ އެއުރެންނާ ދެމެދުގައި ހުރަހެއް ލައްވައިދެއްވާންކަމަށް ކަލޭގެފާނަށް ތިމަންމެން ޖިޒީއެއް ދެންތޯއެވެ؟"

މިތަނުގައި އުފެދޭ ސުވާލަކީ މީގެ ކުރީގެ އާޔަތުގައި އެބައިމީހުންނަކީ އެހެން ބަޔެއްގެ ބަހެއް ދަންނަ ބަޔަކު ނޫންކަމަށާއި، އަދި އެހެންބަޔަކަށް އެބައިމީހުންގެ ބަހުރުވަ ނޭނގޭކަމަށް ބަޔާން ކުރައްވާފައިވެއެވެ. އެހެންކަމަށްވަނީނަމަ، އެބައިމީހުން ޛުލްގަރްނައިން އާއި މުޚާޠަބު ކުރީ ކޮންގޮތަކަށް ކިހިނަކުން ހެއްޔެވެ؟ މީގެ ޖަވާބަކީ: މާތް ﷲ ވަނީ ޛުލްގަރްނައިން އަށް އެކަލޭގެފާނު ކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ކޮންމެ ކަމެއް ކުރެވޭނެ މަގު ފަހިކޮށްދެއްވާފައެވެ. އެހެންކަމުން، އެބައިމީހުންނާއި ވާހަކަފުޅު ދައްކަވަން ބޭނުންފުޅުވީ ހިނދުގައި އެބައިމީހުންގެ ބަހުރުވަ އެކަލޭގެފާނަށް އެނގިވަޑައިގަންނަވާނެ ގޮތް މާތް ﷲ މިންވަރުކޮށްދެއްވިއެވެ. އެހެންކަމުން، އެބައިމީހުން އެކަލޭގެފާނާއި ވަރަށް ސާފުބަހުން ވާހަކަ ދެއްކިއެވެ.

(قَالُوا  ) އެރަށުގެ މީހުން ބުންޏެވެ.

(يَا ذَا الْقَرْنَيْنِ  ) އޭ ޛަލްގަރްނައިންއެވެ. އެކަލޭގެފާނުގެ ލަގަބުން މުޚާޠަބު ކުރެއްވީ މާތްކޮށް ހިއްތެވުމުގެ ގޮތުންނެވެ.

(إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِي الْأَرْضِ  )

(يَأْجُوجَ وَمَأْجُوجَ  ) މިއީ އާދަމްގެ ދަރިންގެ ދެ ގަބީލާ އަކަށް ކިޔޭ ނަމެކެވެ. ޔައުޖޫޖް ގަބީލާ އާއި މައުޖޫޖް ގަބީލާ އެވެ.

( مُفْسِدُونَ فِي الْأَرْضِ) މިބައިމީހުންނަކީ ބިންމަތީ ފަސާދަ އުފައްދާ އުޅޭ ބަޔެކެވެ. ފޭރުމާއި ވައްކަން ކުރުމާއި، ޝިރްކު ކުރުމާއި، މީސްތަކުން ޙައްގު މަގުން އެއްކިބާ ކުރުވުމާއި، މީހުން މެރުންފަދަ ކަންތައްތައް ކުރާ ބަޔެކެވެ. ވީމާ، ޔައުޖޫޖް މައުޖޫޖް ބާގައިގެ މީހުންގެ ފަސާދައިން އެބައިމީހުން ސަލާމަތްކޮށްދޭނެ ފަރާތަކަށް ވަނީ ބޭނުން ޖެހިފައެވެ.

(فَهَلْ نَجْعَلُ لَكَ خَرْجًا عَلَىٰ أَن تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا  ) ފަހެ، ކަލޭގެފާނު ތިމަންމެންނާ އެއުރެންނާ ދެމެދުގައި ހުރަހެއް ލައްވައިދެއްވާންކަމަށް ކަލޭގެފާނަށް ތިމަންމެން ޖިޒީއެއް ދެންތޯއެވެ؟"

މިއީ އެބައިމީހުންގެ އިޖްތިހާދެކެވެ. ނަމަވެސް، ރަގަޅު އިޖްތިހާދެއް ނޫނެވެ. ސަބަބަކީ ޛުލްގަރްނައިން އަކީ ދުނިޔޭގެ ހުޅަނގާއި އިރުމަތި ފަތަޙަ ކުރައްވާފައިވާ ބޭފުޅެއްކަމުން، "ތިމަންމެންނާ އެއުރެންނާ ދެމެދުގައި ހުރަހެއް ލައްވައިދެއްވާންކަމަށް ކަލޭގެފާނަށް ތިމަންމެން ޖިޒީއެއް ދެންތޯއެވެ؟" މިފަދައިން ނުދެންނެވޭނެއެވެ. މިފަދަ ޢިބާރާތަކުން ބުނާނީ ކަމެއްކޮށް ނުދެވޭ މީހެއްގެ ކައިރީގައެވެ. ނަމަވެސް، އެގޮތަށް އެބައިމީހުން ބުނި ސަބަބަކީ ޛުލްގަރްނައިންގެ ކިބައިން އެބައިމީހުން އެދުނުކަންތައް ނުކުރައްވާ ރައްދު ކުރައްވަފާނެކަމުގެ ބިރަށެވެ. ވީމާ، އެބައިމީހުންގެ ޙުއްޖަތަކީ ތިމަންމެން ކަލޭގެފާނުގެ ފަރާތްޕުޅުން ކަމަކަށް މިއެދެނީ އޭގެ ބަދަލުގައި އެއްޗެއް ދިނުމާއި އެކުގައެވެ. ހިލޭކޮށްދެއްވާށެކޭ ނޫނެވެ. ދެން ޛުލްގަރްނައިން ޖަވާބުގައި ވިދާޅުވިއެވެ.

(قَالَ مَا مَكَّنِّي فِيهِ رَبِّي خَيْرٌ فَأَعِينُونِي بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا ﴿٩٥ ) "އޭނާ ވިދާޅުވިއެވެ. ތިމަންގެ ވެރިރަސްކަލާނގެ އެކަމުގައި ތިމަންނައަށް ދެއްވާފައިވާ ބާރު (ތިޔަ ޖިޒީއަށްވުރެ) މާރަނގަޅެވެ. ފަހެ، ތިޔަބައިމީހުން ބާރެއްލައިދީ، ތިމަންނާއާ ވާގިވެރިވާށެވެ! އޭރުން ތިޔަބައިމީހުންނާ އެއުރެންނާ ދެމެދު ހުރަހެއް ލައިދޭހުށީމެވެ." މިއީ ސުލައިމާން ޢަލައިހިއްސަލާމް ވިދާޅުވިފަދަ ވާހަކަފުޅެކެވެ.

- ނުނިމޭ -

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު