އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 34

ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 34


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 0 ސިކުންތު

(وَعَرَضْنَا جَهَنَّمَ يَوْمَئِذٍ لِّلْكَافِرِينَ عَرْضًا ﴿١٠٠﴾ ) " އަދި އެދުވަހުން، ތިމަންރަސްކަލާނގެ كافرންނަށް ފެންނަގޮތަށް ނަރަކަ ހުށަހަޅުއްވާހުށީމެވެ." އެއީ ބިރުވެރި ވަގުތުކޮޅެކެވެ. އެކަމުގެ ސަބަބުން ހިތްތައް ކުދިކުދިވެގެންދާނެއެވެ. މިކަމުގެ ޚަބަރު ދެއްވާފައިވުމުގެ ޙިކްމަތަކީ އިންސާނުން އެމީހުންނާއި ﷲ އާއި ދެމެދުގައިވާކަންތައް އިޞްލާޙްކުރުމެވެ. އަދި މިދުވަހަށް ބިރުވެތިވެ ތައްޔާރުވުމެވެ.

(الَّذِينَ كَانَتْ أَعْيُنُهُمْ فِي غِطَاءٍ عَن ذِكْرِي وَكَانُوا لَا يَسْتَطِيعُونَ سَمْعًا ﴿١٠١﴾ )” އެއުރެންނަކީ، ތިމަންރަސްކަލާނގެ ބާވައިލެއްވި قرآنފިޔަވައި އެއުރެންގެ ލޯތައް ފަރުދާވެގެންވާ މީހުންނެވެ. އަދި (އެ قرآن) އަޑުއެހުމަކަށްވެސް އެއުރެންނަކަށް ކުޅަދާނަވެގެނެއް ނުވެތެވެ.”

(الَّذِينَ كَانَتْ أَعْيُنُهُمْ فِي غِطَاءٍ عَن ذِكْرِي  ) "ﷲ ބާވާލެއްވި އާޔަތްތަކުން އެއުރެންގެ ލޯތައް ފަރުދާވެގެންވާ" މިކަމުގެ އިތުރު ތަފްޞީލް ދެއްވަމުން ސޫރަތުލް އަޢްރާފްގެ 179 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِّنَ الْجِنِّ وَالْإِنسِ ۖ لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ آذَانٌ لَّا يَسْمَعُونَ بِهَا ۚ أُولَـٰئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ ۚ أُولَـٰئِكَ هُمُ الْغَافِلُونَ ﴿١٧٩﴾) މާނައަކީ: " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންގެ ތެރެއިން ގިނަބަޔަކު ނަރަކަޔަށްޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން (حقގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން (حقމަގު) ނުދެކޭ ލޯތަކެއް އެއުރެންނަށްވެއެވެ. އަދި އެ ކަންފަތްތަކުން (حقއަޑު) ނާހާ ކަންފަތްތަކެއްވެސް، އެއުރެންނަށްވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށް ވުރެވެސް އެއުރެން މަގުފުރެދުންބޮޑެވެ. އެއުރެންނަކީ ހަމަ غافلވެގެންވާ ބަޔެކެވެ."

(وَكَانُوا لَا يَسْتَطِيعُونَ سَمْعًا) " އަދި (އެ قرآن) އަޑުއެހުމަކަށްވެސް އެއުރެންނަކަށް ކުޅަދާނަވެގެނެއް ނުވެތެވެ." މުރާދަކީ ގުރްއާން އަޑު އަހާ އެޔަށް އިޖާބަ ދިނުމުގެ ކުޅަދަނަކަން އެބައިމީހުންގެ ކިބައިގާ ނެތުމެވެ. އެމީހުންނަށް ގުރްއާން އަޑު ނީވޭނެ ވާހަކައެއް ނޫނެވެ.

(أَفَحَسِبَ الَّذِينَ كَفَرُوا أَن يَتَّخِذُوا عِبَادِي مِن دُونِي أَوْلِيَاءَ ۚ إِنَّا أَعْتَدْنَا جَهَنَّمَ لِلْكَافِرِينَ نُزُلًا ﴿١٠٢﴾)

(أَفَحَسِبَ الَّذِينَ كَفَرُوا أَن يَتَّخِذُوا عِبَادِي مِن دُونِي أَوْلِيَاءَ  )" ތިމަންރަސްކަލާނގެ އަޅުންނީ ތިމަންރަސްކަލާނގެ ފިޔަވައި ވާގިވެރިން ކަމުގައި، كافرވި މީހުން ހިފިހިފުން އެއީ، ތިމަންރަސްކަލާނގެ عذابން އެއުރެން ސަލާމަތްކޮށްދޭނޭ ކަމެއްކަމުގައި އެއުރެން ހީކުރީހެއްޔެވެ؟"

މިތަނުގައި "އަޅުންނޭ" އޮތް ބަސްފުޅުގެ ތެރެއަށް ވަންނަނީ ކޮން ބަޔެއް ކަމާއި މެދުގައި ސުވާލު އުފެދިފައިވެއެވެ. މިކަމުގެ ޖަވާބު ސޫރަތު މަރްޔަމްގެ 93 ވަނަ އާޔަތުގައި ދެއްވާފައިވެއެވެ. (إِن كُلُّ مَن فِي السَّمَاوَاتِ وَالْأَرْضِ إِلَّا آتِي الرَّحْمَـٰنِ عَبْدًا ﴿٩٣﴾) މާނައަކީ: "رحمنވަންތަ ރަސްކަލާނގެ حضرةއަށް އަޅެއްގެ ގޮތުގައި ނާންނާނޭ ހަމައެކަކުވެސް، އުޑުތަކުގައްޔާއި، ބިމުގައި ނުވެތެވެ."

ﷲ ފިޔަވާ އެހެން ފަރާތަކަށް އަޅުކަން ކޮށްގެން ގިޔާމަތް ދުވަހުގައި އެބައިމީހުންނަށް ސަލާމަތްކަމާއި ރައްކާތެރިކަން ލިބިދާނެކަމަށް ހީކުރެވުނުނަމަވެސް އެކަން އެގޮތަށް ނުވާނެއެވެ. އެގޮތަށް ހީކޮށްފިމީހާ އެކުރަނީ ކުށްހީއެކެވެ.

(إِنَّا أَعْتَدْنَا جَهَنَّمَ لِلْكَافِرِينَ نُزُلًا) " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ނަރަކަ ތައްޔާރުކުރެއްވީ، كافرން ތިބެނިވި ތަނެއްކަމުގައެވެ."

(نُزُلًا) "ނުޒުލް" އަކީ ގެއަށް އަންނަ މެހްމާނުންނަށް ދެވޭތަކެއްޗެވެ. އަދި "ނުޒުލް" އެއީ "މަންޒިލް" ނުވަތަ "ގެ" ކަމުގައިވެސް ވެދާނެއެވެ. މިދެގޮތްވެސް ރަގަޅެވެ. އެހެނީ ނަރަކަވަންތަވެރިންގެ ގޯއްޗަކީ ނަރަކައެވެ. އަދި އެތަނުގައި އެބައިމީހުންނަށް ދެވެނީ ގަދަފަދަވެގެންވާ ޢަޛާބެވެ. ހާދަހާވާ ނުބައިކަން ބޮޑު މެހްމާންދާރީއެކެވެ.

(قُلْ هَلْ نُنَبِّئُكُم بِالْأَخْسَرِينَ أَعْمَالًا ﴿١٠٣﴾  )"ކަލޭގެފާނު ވިދާޅުވާށެވެ! عملތައް އެންމެބޮޑަށް ގެއްލެނިވެގެންވާ މީހުންގެ خبر، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަންގަވައިދެއްވަން ހެއްޔެވެ؟" ގެއްލެނިވެގެންވާ މީހުންގެ ތެރެއިން އިސްތިޘްނާވާ މީހުންގެ ޚަބަރުތަކުގެ ތަފްޞީލް މާތް ﷲ ވަނީ ސޫރަތުލް ޢަޞްރުގައި ބަޔާން ކުރައްވާފައެވެ. އެއީ:

1.  އީމާންކަމުގެ ރުކުންތަކަށް(ﷲ އަށާއި މަލާއިކަތުންނަށް، ބާވާލެއްވި ފޮތްތަކަށް، އެންމެހައި ރަސޫލުންނަށް، އާޚިރަތް ދުވަހަށް، ގަޟާގަދަރުގެ ހެޔޮމިންވަރާއި ނުބައިމިންވަރަށް) ޝައްކެތް ނެތް މިންވަރަށް އީމާންވެ ގަބޫލުކޮށްގެން ހުރުން. މިކަންތައް ތިމާގެ ލޮލަށް ފެނިގެން ގަބޫލު ކުރާ ފަދައިން ގަބޫލުކޮށްގެން ހުރުން. މިކަމުގައި އިންސާނުން ތިން ބަޔަކަށް ބެހިގެންވެއެވެ. އެއީ:

ފުރަތަމަ ބައި: އެއްވެސް ޝައްކެތް ނެތް މިންވަރަށް އިޚްލާޞްތެރި ކަމާއި އެކު އީމާންވެފައިވާ މީހުން.

ދެވަނަ ބައި: އިންކާރުކޮށް ދެކޮޅު ހަދާ ކާފިރުން.

ތިންވަނަ ބައި: ދެފުށަށް ކެނޑޭ މީހުން.

މީގެ ތެރެއިން ސަލާމަތްވެގެންވާ ބަޔަކީ އެއްވެސް ޝައްކެތް ނެތް މިންވަރަށް އިޚްލާޞްތެރި ކަމާއި އެކު އީމާންވެފައިވާ މީހުންނެވެ. ﷲ ވޮޑިގެންވާ ކަމާއި، އެއިލާހުގެ އުލޫހިއްޔަތުވަންތަކަމާއި، ރުބޫބިއްޔަތު ވަންތަ ކަމާއި، އިސްމުފުޅުތަކާއި ޞިފަފުޅުތަކަށް ފުރިހަމަ އަށް އީމާންވެ، އަދި މަލާއިކަތުންނަކީ ޣައިބުގައިވާ ބަޔެއް ކަމާއި، މާތް ﷲ އެބޭކަލުން ހައްދަވާފައިވަނީ އަލިންކަމާއި، އެބޭކަލުންނާއި މަސައްކަތްތަކެއް ޙަވާލުކުރައްވާފައިވާކަމާއި، އޭގެ ތެރޭގައި އަޅުގަޑުމެންނަށް އެނގޭ މަސައްކަތްތަކާއި ނޭނގޭ މަސައްކަތްތައް ހިމެނިގެންވެއެވެ. އެގޮތުން ޖިބްރީލް ޢަލައިހިއްސަލާމް އަކީ މާތް ﷲ އެކަލާންގެ ނަބިއްޔުންނާއި ރަސޫލުންނަށް އެބޭކަލަކު މެދުވެރިކުރައްވާ ވަޙީ ބާވާލައްވާ މަލާއިކަތާއެވެ. މީކާއީލަކީ ވާރޭވެއްސެވުމާއި އެޔާއި ގުޅިފައިވާ ބިމުން ގަސްފެޅުއްވުންފަދަ ކަންތައްތަކާއި ޙަވާލުވެ ވަޑައިގެން ހުންނަވާ މަލާއިކަތާއެވެ. އިސްރާފީލަކީ ތާޅަފިލި ފުމެލެއްވުމާއި ޙަވާލުވެ ހުންނަވާ މަލާއިކަތާއެވެ. މާލިކަކީ ނަރަކަ އާއި ޙަވާލުވެ ހުންނަވާ މަލާއިކަތާއެވެ. ރިޟްވާނަކީ ސުވަރުގެ އާއި ޙަވާލުވެ ހުންނަވާ މަލާއިކަތާއެވެ.

ބައެއް މަލާއިކަތުންނަކީ އެބޭކަލުންގެ ނަމާއި ކުރައްވާ މަސައްކަތަކީ ކޮބައިކަން އަޅުގަޑުމެންނަށް ނޭނގޭ ބޭކަލުންނެވެ. އެބޭކަލުންގެ ޢަދަދު ގުނާ ޢަދު ނުކުރެވޭހާ ގިނައެވެ. އަންނަނިވި ޙަދީޘް އިން އެކަން އެނގިގެން ދެއެވެ. عَنْ أَبِي ذَرٍّ - رَضِيَ اللَّهُ عَنْهُ - ، قَالَ : قَرَأَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وآلِهِ وَسَلَّمَ(هَلْ أَتَى عَلَى الْإِنْسَانِ حِينٌ مِنَ الدَّهْرِ لَمْ يَكُنْ شَيْئًا مَذْكُورًا )حَتَّى خَتَمَهَا ، ثُمَّ قَالَ : " إِنِّي أَرَى مَا لَا تَرَوْنَ وَأَسْمَعُ مَا لَا تَسْمَعُونَ ، أَطَّتِ السَّمَاءُ وَحُقَّ لَهَا أَنْ تَئِطَّ مَا فِيهَا مَوْضِعُ قَدْرِ أَرْبَعِ أَصَابِعَ إِلَّا مَلَكٌ وَاضِعٌ جَبْهَتَهُ سَاجِدًا لِلَّهِ ، وَاللَّهِ لَوْ تَعْلَمُونَ مَا أَعْلَمُ لَضَحِكْتُمْ قَلِيلًا وَلَبَكَيْتُمْ كَثِيرًا وَمَا تَلَذَّذْتُمْ بِالنِّسَاءِ عَلَى الْفُرُشِ ، وَلَخَرَجْتُمْ إِلَى الصُّعُدَاتِ تَجْأَرُونَ إِلَى اللَّهِ تَعَالَى"[1] މާނައަކީ: މާތް ﷲ އެބޭކަލަކަށް ރުއްސުންލެއްވި އަބޫޛައްރުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ (هَلْ أَتَى عَلَى الْإِنْسَانِ حِينٌ مِنَ الدَّهْرِ لَمْ يَكُنْ شَيْئًا مَذْكُورًا) މި ސޫރަތް އެއްކޮށް ކިޔަވާ ވިދާޅުވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންނަށް ނުފެންނަ އެއްޗެތި ތިމަންކަލޭގެފާނަށް ފެނެއެވެ. އަދި ތިޔަބައިމީހުންނަށް އަޑުނީވޭ ތަކެތި ތިމަންކަލޭގެފާނަށް އެބަ އަޑުއިވެއެވެ. އުޑުން އަޑު ކިޔައިފިއެވެ. އެއަޑު ކިޔުން ޙައްގުވެގެން ވެއެވެ. މަލާއިކަތްބޭކަލަކު އެބޭކަލެއްގެ ނިތްކުރި ތިރިކުރައްވައި ސަޖިދަ ކުރައްވައިގެން ނެތް ހަތަރު އިނގިލި ޖައްސާލާނެ ތަންކޮޅެއްވެސް އުޑުގައި ނުވެއެވެ. މާތް ﷲ ގަންދީ ބުނަމެވެ. "ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާ ކަންތައް ތިޔަބައިމީހުންނަށް އެނގޭނަމަ މަދުން ހީ ގިނައިން ރޯނެއެވެ. އަދި ތިޔަބައިމީހުންގެ ތަންމަތި ތަކުގައި އަންހެނުންގެ ކިބައިން ލައްޛަތު ލިބި ނުގަންނާނެއެވެ. އަދި ތިޔަބައިމީހުން މަގުތަކަށް ނިކުމެ، ﷲ ގެ ޙަޟްރަތުން ސަލާމަތަށް އެދި ދަންނަވާނެއެވެ." 

ހަމައެފަދައިން، ﷲ ބާވާލެއްވި ފޮތްތަކަށްވެސް އީމާންވާން ޖެހެއެވެ. އަދި ﷲ ކީރިތި ގުރްއާނުގައި އެބޭކަލެއްގެ ވާހަކަ ބަޔާން ކުރައްވާފައި ރަސޫލު ބޭކަލުންނާއި ބަޔާން ނުކުރައްވާ ރަސޫލު ބޭކަލުންނަށް އިމާންވާން ޖެހެއެވެ. ސޫރަތު ޣާފިރުގެ 78 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ ) މާނައަކީ: "ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ رسولން ފޮނުއްވީމެވެ. އެرسولންގެ ވާހަކަ ތިމަންރަސްކަލާނގެ، ކަލޭގެފާނަށް ކިޔައިދެއްވާފައިވާ رسولން،އޭގެތެރެއިންވެއެވެ. އަދި އެ رسولންގެ ވާހަކަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށްކިޔައިދެއްވާފައިނުވާ رسولންވެސް އޭގެތެރެއިންވެއެވެ."

އާޚިރަތް ދުވަހަކީ މީސްތަކުން ފައިވާނަކަށް ނާރާ، އޮރިޔާން ޙާލުގައި، ޚިތާނު ނުވެ ހުންނަ ޙާލުގައި، މުދަލެއް ނެތް ޙާލުގައި އިންސާނާ ގަބުރުން ނެރުއްވާނެއެވެ. ދެން، އެޙާލަތުގައި އެބައިމީހުން ﷲ ގެ ޙަޟްރަތަށް މަޙްޝަރު ކުރެވޭނެއެވެ. މިވާހަކަތައް އަޑު އައްސަވާ އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. "ﷲގެ ރަސޫލާއެވެ. އަންހެނުންނާއި ފިރިހެނުން އެއްތަނަކަށް އެއްވެސް އޮރިޔާމުން ތިބޭއިރު އެއްބަޔަކު އަނެއް ބަޔަކަށް ނުބަލާނެ ހެއްޔެވެ؟" ޙަދީޘް ކުރެއްވިއެވެ. "އެޔަށް ވުރެ އެދުވަހުގެ ކަންތައް ބޮޑުވެގެންވެއެވެ." ކޮންމެ މީހަކުވެސް އެމީހެއްގެ ނަފްސު ސަލާމަތްނުވެގެން އުޅެން ޖެހޭނެއެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "މަރުވުމަށްފަހު ވާނޭކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރު ދެއްވާފައިވާ ހުރިހާ ކަންތައްތަކެއް ގަބޫލުކޮށްތެދުކުރުމަކީ އާޚިރަތް ދުވަހަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން މައްޔިތާގެ އަހްލުވެރިން އޭނާ ކައްވަޅަށްލާ ފަސްއަޅާފައި ދޫކޮށްލާފައި ދިޔުމުން ދެންކަންތައް ވެގެންދާނެ ގޮތް ގަބޫލުކުރަން ޖެހެއެވެ. އެގޮތުން ދެމަލާއިކަތަކު ވަޑައިގެން އޭނާގެ ރައްބަކީ ކޮބައިތޯ އާއި ނަބިއްޔަކީ ކޮބައިތޯ އަދި ދީނަކީ ކޮބައިތޯ ސުވާލު ކުރައްވާނެއެވެ. ކައްވަޅަކީ ސުވަރުގޭގެ ބަގީޗާ އެއް ނުވަތަ ނަރަކައިގެ ވަޅުގަނޑެއްކަން ގަބޫލުކުރަން ޖެހެއެވެ. އަދި އާޚިރަތް ދުވަހުގައި ކަންވެގެންދާނެ ގޮތާއި މެދުގައި ތެދުކޮށް ގަބޫލު ކުރުމަކީ އާޚިރަތް ދުވަހަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ގަދަރަކީ ﷲ ކަނޑައަޅުއްވާފައިވާ ގޮތެވެ. އެގޮތުން ﷲވަނީ ހުރިހާ ކަމެއް ކަނޑައަޅުއްވާ ލިޔުއްވާފައިކަން ގަބޫލުކޮށް އެކަމަށް އީމާންވާން ޖެހެއެވެ.  ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّ أَوَّلَ مَا خَلَقَ اللَّهُ الْقَلَمَ ، فَقَالَ : اكْتُبْ ، فَقَالَ : مَا أَكْتُبُ ؟ قَالَ : اكْتُبِ الْقَدَرَ مَا كَانَ ، وَمَا هُوَ كَائِنٌ إِلَى الْأَبَدِ) މާނައަކީ: "ހަމަކަށަވަރުން މާތް ﷲ އެންމެ ފުރަތަމަ އުފެއްދެވީ ގަލަމެވެ. އަދި ވަޙީ ކުރެއްވިއެވެ. "ލިޔާށެވެ." ގަލަމް ދެންނެވިއެވެ. "އަހަރެން ލިޔަންވީ ކޮން އެއްޗެއް ހެއްޔެވެ؟" ވަޙީ ކުރެއްވިއެވެ. "ގަދަރުގައި ވެފައިވާހާ ކަމަކާއި ވާނޭހާ ކަމެއް ލިޔާށެވެ."

އެހެންކަމުން، އިސްވެ ބަޔާން ކުރެވުނު 6 ކަންތަކަށް ފުރިހަމަ އަށް އީމާންވާން ޖެހެއެވެ.

- ނުނިމޭ -

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު