އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ގެ އެހީތެރިވެވޮޑިގަތުން އަބަދުވެސް ލިބިލިބި ހުންނަން ބޭނުން ހެއްޔެވެ؟: މުފްތީ މެންކް

ﷲ ގެ އެހީތެރިވެވޮޑިގަތުން އަބަދުވެސް ލިބިލިބި ހުންނަން ބޭނުން ހެއްޔެވެ؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 59 ސިކުންތު

ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން އަބަދުވެސް ލިބިލިބި ހުންނަން ބޭނުން ހެއްޔެވެ؟ މިސުވާލު ކުރާ އިރަށް އެންމެން އެފަހަރާ ބުނާނީ ބޭނުން ކަމަށެވެ. ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން އަބަދުވެސް ލިބިލިބި ހުންނަން ބޭނުން މީހާ ކަންކުރަންވީ ގޮތް ރަސޫލް (ޞޢވ) ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވަވައިފައެވެ. 

ޙަދީޘްފުޅުގައި ވަނީ "ﷲ ތަޢާލާއަށް އަޅުކަންކުރާމީހަކު އެހެން މީހަކަށް އެހީތެރިވުމުގައި ދެމިހުރިހައި ހިނދަކު އެމީހަކަށް އެހީތެރިވެވޮޑިގަތުމުގައި ﷲ ތަޢާލާ ދެމިވޮޑިގެންހުންނަވާނެ" ކަމަށެވެ. މާނައަކީ މީހަކު އެހެން މީހަކަށް ނުވަތަ އެހެން މީހުންނަށް އެހީތެރިވުމުގައި ދެމިހުންނަހައި ހިނދަކު ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން އެމީހަކަށް ލިބެމުންދާނެ ކަމެވެ. 

ވީމާ މީހަކު އެހީއަށް އެދިގެން އަންނަންދެން މަޑުން ހުންނާކަށް ނުޖެހެއެވެ. ސިޓީއެއް ފޮނުވަންދެން މަޑުކުރާކަށް ނުޖެހެއެވެ. އެހީތެރިކަމަށް ބޭނުންވެގެން ތިބި މީހުން ހޯދަން ނުކުންނަންވީއެވެ. އެފަދަ މީހުން ހޯދައިގެންވެސް އެހީތެރިވެދޭންވީއެވެ. އަހަރެންގެ ނަޒަރުގައި އެހީއަށް އެދިގެން އައުމުން އެހީތެރިވުމަށްވުރެ އެހީއަށް ބޭނުންވެފައި ހުރި މީހަކު އަމިއްލައަށް ހޯދައިގެން އެހީތެރިވުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން މާބޮޑަށް ލިބޭނެއެވެ. 

ﷲ ތައާލާ މުއްސަނދިކަން ދެއްވަވަނީ ތިބާ އެއިގައި ބަގުޑި ބެއްދުމަކަށް ނޫނެވެ. އެއިން މީސްތަކުންނަށް ޞަދަޤާތް ކުރުމަށެވެ. ޒަކާތް ދިނުމަށެވެ. ޒަކާތްދީ، އެހެން މީހުންނަށް އެހީތެރިވެ ޞަދަޤާތް ކުރާ މީހާ މަރުވާ ވަގުތުން ފެށިގެން އެކަމުގެ ހެޔޮކަން ލިބެންފަށާނެއެވެ. ކައްވަޅުގައާއި ޢާޚިރަތުގައި މުއްސަނދިކަން އިތުރުކުރަން ބޭނުންނަމަ މިދުނިޔޭގައި މުދަލަށް ދަހިވެތިނުވާށެވެ. ﷲ ތަޢާލާ ދެއްވަވާ ވަރަކުން ބަހައި ހުސްކުރަމުން ގެންދާށެވެ. މިދުނިޔޭގައި އަތުން ހުސްވި ވަރަކަށް އެކޮޅަށް ދާނީ އިތުރުވަމުންނެވެ. 

ޞަދަޤާތް ކުރުމުގެ ސަބަބުން ހަމަ އެކަކުވެސް ބަނގުރޫޓު ނުވާނެ ކަމުގެ ގަރަންޓީ ރަސޫލް (ޞޢވ) ވަނީ ދެއްވަވައިފައެވެ. މާނައަކީ ޞަދަޤާތްދީގެން މީހަކު ފަޤީރު ނުވާނެ ކަމެވެ. ވާނީ މުއްސަނދިކަމެވެ. ހިތާމައަކީ މިފަދަ ހަދީޘްފުޅުތަކަށް ވިސްނާ މީހުން މަދުކަމެވެ. އަމިއްލަ އެކައުންޓު ބޮޑުކުރަން ވިސްނާ މީހުން ގިނަކަމެވެ. 

ތިމާއަށް މާލީ މުޞީބާތެއް ކުރިމަތިވާން އުޅޭކަން އިޙްޞާޞް ކުރެވުނު ނަމަވެސް ޞަދަޤާތްކުރުން އިތުރުކުރާށެވެ. މުޞީބާތުގެ ވަގުތަށް ކަމަށް ބަލައި ފޮރުވަން ނުހަދާށެވެ. ފަޤީރުވެދާނެ ދުވަހަކަސް ބިރު ނުގަންނާށެވެ. ޔަޤީންކަމާއިއެކު ބުނަމެވެ. މާލީ ގޮތުން މުޞީބާތެއް ނުވަތަ ދަތިކަމެއް ކުރިމަތިވާން އުޅޭކަމުގެ އިޙްޞާޞް ވެގެން ހުރެ ޞަދަޤާތް ދިނުން އިތުރުކޮށްފި މީހަކަށް އެމީހަކު ހޭދަކުރި އަދަދު އެތައް ގުނައަކަށް އިތުރުވެގެން އަނބުރައި ލިބޭނެއެވެ. އެމީހަކަށް އެތައް ގުނައަކަށް އިތުރަށް ﷲ ތަޢާލާ ދެއްވަވާނެތެވެ. 

މިއީ އަހަރެން ބުނާ ބަހެއް ނޫނެވެ. ކީރިތި ޤްރްއާނުގައި ﷲ ތަޢާލާ ދެއްވަވާފައިވާ ޔަޤީންކަމެކެވެ. އަހަރެން މިކުރާ ހަމައެކަނި ކަމަކީ އެ މައުލޫމާތު ފޯރުކޮށް ދިނުމެވެ. 

އެކަނިވެފައިވާ ޔަތީމް، މިސްކީން ކުދިންނަށް އެހީތެރިވެދޭ މީހާ ސުވަރުގޭގައި ވާނީ ތިމަންކަލޭގެފާނާއި މިފަދައިން ކަމަށް ހަދީޘްފުޅު ކުރައްވަވައި ރަސޫލް (ޞޢވ) ދެއްކެވީ އަތްޕުޅުގެ ދެ އިނގިލިފުޅެވެ. މާނައަކީ ސުވަރުގޭގައި އެހައި ގާތުގައި ވާނެ ކަމެވެ. އެވަރުންވެސް ޔަޤީންކަން ނުލިބެނީ ހެއްޔެވެ؟ ﷲ ތަޢާލާއަށްޓަކައި ޔަތީމް ކުދިންނަށާއި ހުވަފަތް އަންހެނުންނަށް އެހީތެރިވުމަކީ ރޭގަނޑު ހަތަރުދަމު ރޭއަޅުކަން ކުރުމާއި ކޮންމެ ދުވަހަކު ރޯދައަށް ހުރުން ފަދަ ކަމެއް ކަމުގައިވެސް ވަނީ ހަދީޘްފުޅު ކުރައްވަވައިފައެވެ. މިވަރުންވެސް ނުފުދެނީހެއްޔެވެ؟ 

އަންހެނުންނަށް ފައިސާދީ އެހީތެރިވާންވީ އެކަނބަލުންގެ ރީތިކަމަށް ބަލައިގެނެއް ނޫނެވެ. އެކަނބަލުންގެ ހާލަތަށް ބަލައި ﷲ ތަޢާލާއަށްޓަކައެވެ. ނަމަވެސް މިއަދު އަހަރެމެންނަސް ޞަދަޤާތް މިކުރެވެނީވެސް މުނާފިޤުން ފަދައިން ވެގެން ތިބެއެވެ. އެފަދަ ކަންކަން ކުރުން އަވަހަށް ހުއްޓާލައި ﷲ ތަޢާލާ އެންގެވި ގޮތުގައި ހޭދަކުރާބައަކަށްވާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް