އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒަކާތު ފަންޑުން ޚަރަދުކުރާނީ ވެސް ހައްޖު ކޯޓާ ދޫކުރާނީ ވެސް ރައްޔިތުންނަށް އެންމެ ފައިދާކުރާނެ އުޞޫލުން: ނައިބް ރައީސް

ޒަކާތު ފަންޑުން ޚަރަދުކުރާނީ ވެސް ހައްޖު ކޯޓާ ދޫކުރާނީ ވެސް ރައްޔިތުންނަށް އެންމެ ފައިދާކުރާނެ އުޞޫލުން: ނައިބް ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

މިސަރުކާރުގެ ވެރިކަމުގައި ޒަކާތު ފަންޑުން ޚަރަދުކުރާނީ ވެސް އަދި ހައްޖު ކޯޓާ ދޫކުރާނީ ވެސް ރައްޔިތުންނަށް އެންމެ ފައިދާކުރާނެ އުޞޫލުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން މިއަދު ކުރިއަށް ގެންދާ "ދަރުމަ ކަމާކެމި" ޕްރޮގްރާމް ފަށްޓަވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބް ރައީސް ވަނީ މިސަރުކާރުގައި އެއްވެސް ރައްޔިތެއްގެ ޙައްޤަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް މެދުވެރިނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިއަދުވެސް ރައްޔިތުންނަށް ދެއްވާ ކަމަށް ވިދާޅުވެފައެވެ.

"ރައްޔިތުންގެ އިތުބާރު ގެއްލޭނެ ގޮތަށް ކަންކަން ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަރަށް ބޮޑަށް، ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭއެވެ. އިސްލާމިކް މިނިސްޓްރީގެ ހަވާލުގައި ހުރީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރަން ރައްޔިތުން ހަވާލުކޮށްފައިވާ ވަރަށް ބޮޑު އަމާނާތެއްކަން އަބަދުވެސް ދަންނަން ޖެހޭނެއެވެ.

ވީމާ އިސްލާމިކް މިނިސްޓްރީން ކުރާ ކޮންމެ ކަމެއްވެސް ކުރަން ޖެހޭނީ ދެ ފުށް ފެންނަ ގޮތަށެވެ. މިގޮތަށް ދަންނަވަން މިޖެހުނީ ފާއިތުވި ދުވަސްތަކުގައި އިސްލާމިކް މިނިސްޓްރީން ކަންކަން ކޮށްފައި ހުރި ގޮތުން ރައްޔިތުންގެ ހިތްތަކުގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާތީއެވެ."

ނައިބް ރައީސް ވަނީ ކުރިއަށް އޮތް ރަމަޟާން މަހަކީވެސް މިސްކިތްތައް ފުރާލައި ކުޑަކުދިންނާއި ބޮޑެތި މީހުން ނަމާދުކުރާ މަހަކަށް ހެދުމަށްވެސް އެދިވަޑައިގެންފައެވެ. ނައިބް ރައީސްގެ ވާހަކަފުޅުން:

ދިވެހިންނަށް ލިބުނު ކުރިއެރުމެއް ލިބިފަ އޮތީ އިސްލާމް ދީނަށް އަމަލުކުރުމުންނެވެ. އަދި އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމުގައިވާއިރު މި ރިވެތި އަޚްލާޤް ދަރިންނަށް ދައްކައިދިނުމަކީ އަބަދުވެސް ކުރަން ޖެހޭނެ ކަމެކެވެ.

ހެޔޮ ކަންތައްތައް ކުރުމަކީ ކޮށް ނިންމައިލެވެން އޮތް ކަމެއް ނޫނެވެ. ގިނަގިނައިން ހެޔޮ ކަންކަން ކުރިވަރަކަށް ލިބެމުންދާނީ އިތުރު ފައިދާއެވެ. މިސްކިތްތަކަކީ ބިންމަތީގައި ހުރި އެންމެ މާތް، އެންމެ މުޤައްދިސް ބިނާތަކެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި މިސްކިތަތަކަށް އަބަދުވެސް ވަރަށް ޚާއްޞަ ޤަދަރާއި އިޙްތިރާމް އޮވެއެވެ. މިސްކިތް އެޅުން ފަދަ ކަންކަމަށް ހޭދަކުރުމުން ލިބެމުންދާނީ އިތުރު ތަނަވަސްކަމެވެ.

އަޅުގަނޑުމެން އެންމެންނަކީ ވެސް އަބަދުވެސް މިސްކިތްތަކަށް ހޭދަކުރާ އަދި މީސްތަކުންނާއި އަޅައިލާ ބައަކަށްވާން ޖެހެއެވެ. އެހެންކަމުން އެގޮތުގައި ދެމިތިބުމަށް އަޅުގަނޑު ހުރިހާ ދިވަހިރައްޔިތުންނަށް ގޮވާލަމެވެ. އަދި ދިވެހި ރައްޔިތުންނަކީ އަބަދުވެސް މިސްކިތްތައް އެޅުމަށާއި މިސްކިތްތައް މަރާމާތު ކުރުން ފަދަ ކަންކަމަށް ވަރަށް ބޮޑެތި ހޭދަތަކެއް ކުރަމުން އަންނަ ބައެއްކަންވެސް ފާހަގަކުރަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް