އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާބިލު މުޖުތަމަޢަކީ ޤައުމެއް ކުރިއަރައިގެން ދިއުމަށް ބޭނުންވާ އެންމެ ވަރުގަދަ އެސެޓް: ނައިބް ރައީސް

ޤާބިލު މުޖުތަމަޢަކީ ޤައުމެއް ކުރިއަރައިގެން ދިއުމަށް ބޭނުންވާ އެންމެ ވަރުގަދަ އެސެޓް: ނައިބް ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ޤައުމެއްގެ ކުރިއެރުމަކީ، ޤައުމެއް ތަރައްޤީ ވެގެން ދަނީ އެ ޤައުމެއްގައި ކިޔަވައިގެންތިބި ބަޔަކު އުފެދިގެން ކަމަށާއި، ފަންނުވެރި، ހުނަރުވެރި، ޤާބިލު މުޖުތަމަޢަކީ ކުރިއަރައިގެން ދިއުމަށްޓަކައި ޤައުމަކަށް ބޭނުންވާނެ އެންމެ ވަރުގަދަ އެސެޓް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ބޭއްވެވި މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި ކުރިއަށްދިޔަ މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުން ކުރިއަށް މިއޮތް ދުވަސްތަކުގައި ދިވެހިރާއްޖޭގެ އިންޑަސްޓްރީތަކަށް އެންމެ ބޭނުންވާ ދާއިރާތައް ބަލައި ދެނެގަތުމަށްފަހު އެދާއިރާތަކަށް ޒުވާނުން ބިނާކުރުމަށްޓަކައި މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާފައެވެ.

މިހަފްލާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވަޒީފާގެ ފުރުޞަތު ނުލިބޭ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށް ދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް އިންޑަސްޓްރީގެ އިސް ވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ވަޒީފާ ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނެތި އެކަށީގެންވާ އުޖޫރައާއި ކުރިއެރުން ދިނުމަށްވެސް އިންޑަސްޓްރީއާއި މުވައްސަސާތަކުގެ އިސްވެރިންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ޤައުމުގެ ކުރިއެރުމަކީ، ނުވަތަ ތަރައްޤީއަކީ ރައްޔިތުންގެ އަތްމަތީގައި އޮންނަ ކަމެއްކަމުގައި ފާހަގަކުރައްވައި ރައްޔިތުންނާ ނުލައި ހޯދޭނެ އެއްވެސް ކާމިޔާބީއެއް ނޯނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ނައިބު މިރޭ ވަނީ ވިދާޅުވެފައެވެ.

މިރޭގެ ޙަފްލާގައި، މަތީ ވަނަތައް ޙާޞިލްކޮށްފައިވާ ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއަދު ސްރީލަންކާގައި ހިނގާދިޔަ ހިތާމަވެރި ހާދިޡާ، މުޅި ދިވެހި އެންމެހާ ރައްޔިތުންނާ ސަރުކާރުގެ ނަމުގައި ކުއްވެރިކުރައްވައިފައެވެ. އަދި މުޅި ޤައުމު ސްރީލަންކާއާއި އެކުގައި ވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ދުނިޔޭގައި ހިންގާ މިފަދަ ޢަމަލުތައް ހުއްޓުވުމަށް މިސަރުކާރުން އަބަދުވެސް ބާރުއަޅުއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު