އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 36

ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 36


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 15 މިނެޓް, 38 ސިކުންތު

(وَلِقَائِهِ) "ﷲ އާއި ބައްދަލުވާނެ ކަމާއި މެދުގައި." އެއީ ގިޔާމަތްދުވަހުން ﷲ އާއި ބައްދަލުވާން ޖެހޭނެކަމެވެ. އެބައިމީހުންވަނީ ގިޔާމަތްދުވަސް އަންނާނެކަން ދޮގުކޮށް އެކަމާ ޖަދަލުކޮށްފައެވެ. ގިޔާމަތްދުވަސް އަންނާނެކަމުގެ ހެކިތައް އެބައިމީހުންނަށް ދެއްކެވުމުންވެސް ބޮޑާވެ ގޮތުގައި ދެމިތިބީއެވެ. ސޫރަތު ޔާސީންގެ 77 އަދި 78 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (أَوَلَمْ يَرَ الْإِنسَانُ أَنَّا خَلَقْنَاهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ ﴿٧٧وَضَرَبَ لَنَا مَثَلًا وَنَسِيَ خَلْقَهُ ۖ قَالَ مَن يُحْيِي الْعِظَامَ وَهِيَ رَمِيمٌ ﴿٧٨  ) މާނައަކީ: " ހަމަކަށަވަރުން، މަނިތިއްކަކުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވިކަން، އެ އިންސާނާއަށް ނޭނގެނީ ހެއްޔެވެ؟ ފަހެ، އެހާރުން އޭނާވަނީ ފާޅުވެ ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ.އަދި އެ އިންސާނާ ތިމަންރަސްކަލާނގެއަށް مثالއެއް ޖެއްސެވެ. އަދި އޭނާ ހެއްދެވިގޮތް އޭނާ ހަނދުމަނައްތައިލީއެވެ. އޭނާ ބުންޏެވެ. ކަށިތައް ފީވެ، ހަލާކުވެފައިވަނިކޮށް، އެތަކެތި ދިރުއްވާނީ ކާކުހެއްޔެވެ؟"

މިބައިމީހުންގެ ވާހަކަތަކަށް ރައްދު ދެއްވާ ސޫރަތު ޔާސީންގެ 79 އިން ފެށިގެން 82 ވަނަ އާޔަތުގެ ނިޔަލަށް މާތް ﷲ ވަޙީ ކުރެއްވިއެވެ. (قُلْ يُحْيِيهَا الَّذِي أَنشَأَهَا أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ ﴿٧٩الَّذِي جَعَلَ لَكُم مِّنَ الشَّجَرِ الْأَخْضَرِ نَارًا فَإِذَا أَنتُم مِّنْهُ تُوقِدُونَ ﴿٨٠أَوَلَيْسَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ بِقَادِرٍ عَلَىٰ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ الْخَلَّاقُ الْعَلِيمُ ﴿٨١إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ ﴿٨٢) މާނައަކީ: " ކަލޭގެފާނު ވިދާޅުވާށެވެ! އެ ކަށިތައް އަލުން ދިރުއްވާނީ، ފުރަތަފަހަރު އެކަށިތައް އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ހުރިހާ مخلوقންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.އެކަލާނގެއީ، ފެހިކުލައިގެ ގަހުން ތިޔަބައިމީހުންނަށްޓަކައި އަލިފާންލެއްވި ރަސްކަލާނގެއެވެ. ފަހެ، އެހާރުން ތިޔަބައިމީހުން އެ ގަސްގަހުން އަލިފާން ރޯކޮށް އުޅެމުއެވެ.އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ! އެކަލާނގެއީ، އެންމެހާ ތަކެތި ހައްދަވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ أمرފުޅުވާކަން ކަށަވަރީ އެކަމަކަށް، [ވާށޭ] وحىކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ.ފަހެ، އެކަލާނގެ يدقدرةފުޅުގައި އެންމެހާ ކަންތަކުގެ އެންމެމަތީ ވެރިކަންވާ ރަސްކަލާނގެ ހުސްطاهرވަންތަކަމާއެވެ! އަދި ތިޔަބައިމީހުން رجوعކުރައްވާހުށީ އެކަލާނގެ حضرةއަށެވެ."

މި އާޔަތްތަކުގައި އިންސާނުން މަރުވުމަށްފަހު އަލުން ދިރުއްވުމަށް ﷲ ކުޅަދުންވަންތަ ވޮޑިގެންވާ ކަމުގެ އެތައްބައިވަރު ހެކިތަކެއް ދައްކަވާފައިވެއެވެ. އެގޮތުން:

1.    އިންސާނުން ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވީ ﷲ އެވެ. ޒަކަރިއްޔާ ޢަލައިހިއްސަލާމް މުސްކުޅިވީ ދުވަހު އަދި އަނބިކަނބަލުންނަކީ ދަރިމައިނުވާ މީހަކަށްވީއިރުގައިވެސް އެކަލޭގެފާނަށް ދަރިކަލަކު ދެއްވިއެވެ. ސޫރަތު މަރްޔަމްގެ 7 އިން 9 ވަނަ އާޔަތްތަކުގައި ވަޙީ ކުރެއްވިއެވެ. ( يَا زَكَرِيَّا إِنَّا نُبَشِّرُكَ بِغُلَامٍ اسْمُهُ يَحْيَىٰ لَمْ نَجْعَل لَّهُ مِن قَبْلُ سَمِيًّا ﴿٧قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَامٌ وَكَانَتِ امْرَأَتِي عَاقِرًا وَقَدْ بَلَغْتُ مِنَ الْكِبَرِ عِتِيًّا ﴿٨قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَيَّ هَيِّنٌ وَقَدْ خَلَقْتُكَ مِن قَبْلُ وَلَمْ تَكُ شَيْئًا ﴿٩ ) މާނައަކީ: " އޭ زكريّاގެފާނެވެ! ހަމަކަށަވަރުން، ފިރިހެންދަރިޔަކު ލިބޭނެކަމުގެ އުފާވެރި خبرތިމަންރަސްކަލާނގެ، ކަލޭގެފާނަށް ދެއްވަމެވެ. އޭނާގެ ނަމަކީ، يحيىއެވެ. މީގެކުރިން އޭނާގެ ނަމުން ނަންކިޔޭ މީހަކު ތިމަންރަސްކަލާނގެ ނުލައްވަމެވެ.އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ކުއްޖަކު ލިބޭނީ ކިހިނަކުންތޯއެވެ؟ އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. އަދި އަޅާވެސް މިހުރީ، މުސްކުޅިކަމުގެ نهايةއަށް ފޯރާފައެވެ.އެކަލާނގެ وحىކުރެއްވިއެވެ. ކަންހުރީ އެފަދައިންނެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ وحىކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެކެވެ. މީގެކުރިން ކަލޭގެފާނަކީ، موجودވެގެންވާ އެއްޗެއްކަމުގައި ނުވާ حال، ތިމަންރަސްކަލާނގެ ކަލޭގެފާނު ހެއްދެވީމެވެ."

ވީމާ، ކަލޭގެފާނު ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވި އިލާހު، ކަލޭގެފާނަށް އިތުރުދަރިކަލަކު ދެއްވުމަށްވެސް ކުޅަދުންވަންތަ ވޮޑިގެންވެއެވެ. އުފެއްދެވުމަށްވުރެ އަލުންދިރުއްވުމަކީ ފަސޭހަކަމެއްކަން ބަޔާން ކުރައްވާ ސޫރަތުއް ރޫމްގެ 27 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ) މާނައަކީ: " އަދި އެކަލާނގެއީ (ނެތުމުގެ ތެރެއިން) خلقތަކުން އަލަށް އުފައްދަވައި ދެން އަލުން އެ إعادةކުރައްވާ ރަސްކަލާނގެއެވެ. އެކަމަކީ، އެކަލާނގެއަށް ލުއިފަސޭހަ ކަމެކެވެ."

2. (وَهُوَ بِكُلِّ خَلْقٍ عَلِيمٌ  ) " އަދި އެކަލާނގެއީ، ހުރިހާ مخلوقންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."ﷲ އީ ހުރިހާ މަޚްލޫގުންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހުކަމަށްވީހިނދުގައި އެކަލާންގެ އިރާދަކުރެއްވިކަމެއް ކުރައްވަން ނުކުޅެދުންތެރިވޮޑިގެން ނުވާނެއެވެ.

3. (الَّذِي جَعَلَ لَكُم مِّنَ الشَّجَرِ الْأَخْضَرِ نَارًا فَإِذَا أَنتُم مِّنْهُ تُوقِدُونَ ﴿٨٠ ) " އެކަލާނގެއީ، ފެހިކުލައިގެ ގަހުން ތިޔަބައިމީހުންނަށްޓަކައި އަލިފާންލެއްވި ރަސްކަލާނގެއެވެ. ފަހެ، އެހާރުން ތިޔަބައިމީހުން އެ ގަސްގަހުން އަލިފާން ރޯކޮށް އުޅެމުއެވެ." ވީމާ، އިންސާނުން މަރުވުމަށްފަހު އަލުން ދިރުއްވުމަށްވެސް އެއިލާހު ކުޅަދުންވަންތަވޮޑިގެންވެއެވެ.

4. (أَوَلَيْسَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ بِقَادِرٍ عَلَىٰ أَن يَخْلُقَ مِثْلَهُم ۚ) " އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެން ނުވޭހެއްޔެވެ؟"އުޑާއި ބިން އުފެއްދެވުމަކީ އިންސާނުން އުފެއްދެވުމަށްވުރެ ބޮޑު ކަމެކެވެ. އެކަމަށް އިޝާރާތް ކުރައްވާ ސޫރަތު ޣާފިރުގެ 57 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (لَخَلْقُ السَّمَاوَاتِ وَالْأَرْضِ أَكْبَرُ مِنْ خَلْقِ النَّاسِ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ﴿٥٧  ) މާނައަކީ: " ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވުމަކީ، މީސްތަކުން ހެއްދެވުމަށްވުރެ މާބޮޑު ކަމެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ."

5.  (وَهُوَ الْخَلَّاقُ الْعَلِيمُ  )" އެކަލާނގެއީ، އެންމެހާ ތަކެތި ހައްދަވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." މިތަނުގައި "الْخَلَّاقُ " ޞީޣަތުލް މުބާލަޣާ (ގިނަގިނައިން އުފައްދަވާ) ބޭނުން ކުރައްވާފައިވަނީ އެކަލާންގެ ކުޅަދުންވަންތަކަން އެންގެވުމަށެވެ.

6. ( إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ ﴿٨٢ ) " އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ أمرފުޅުވާކަން ކަށަވަރީ އެކަމަކަށް، [ވާށޭ] وحىކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ." މިކަމުގެ އިތުރު ތަފްޞީލު ދެއްވާ ސޫރަތު ޔާސީންގެ 53 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ ﴿٥٣) މާނައަކީ: " ބިރުވެރި އެންމެ އަޑެއްކަމުގައި މެނުވީ އެކަންތައް ނުވެއެވެ. ފަހެ، އެހާރުން އެއުރެން އެންމެންވާހުށީ ތިމަންރަސްކަލާނގެ حضرةއަށް حاضرކުރައްވާފައެވެ."

7.  ( فَسُبْحَانَ الَّذِي بِيَدِهِ مَلَكُوتُ كُلِّ شَيْءٍ ) މާނައަކީ: " ފަހެ، އެކަލާނގެ އަތްފުޅުގައި އެންމެހާ ކަންތަކުގެ އެންމެމަތީ ވެރިކަންވާ ރަސްކަލާނގެ ހުސްطاهرވަންތަކަމާއެވެ!" އެހެންކަމުން ކޮންމެ ކަމަކަށްމެ ﷲ ކުޅަދުންވަންތަ ވޮޑިގެންވެއެވެ.

8. ( وَإِلَيْهِتُرْجَعُونَ ) "ތިޔަބައިމީހުން މަރުވުމަށްފަހު ރުޖޫޢަ ކުރެއްވޭނީ ﷲ ގެ ޙަޟްރަތަށެވެ."

(فَحَبِطَتْ أَعْمَالُهُمْ  ) އެބައިމީހުންކޮށްފައިވާ އެންމެހައި ޢަމަލުތައްވަނީ ބާޠިލުވެފައެވެ. އެޔަކުން އެބައިމީހުންނަށް މަންފާއެއް ނުކުރާނެއެވެ. ކާފިރުކަންމަތީ ހުރެގެން ކިތަންމެ ގިނަ ހެޔޮ ޢަމަލެއް ކުރިނަމަވެސް އެކަމަކީ ﷲގެ ޙަޟްރަތުގައި ގަބޫލު ކުރެވިގެންވާ ޢަމަލުތަކަކަށް ނުވާނެއެވެ.

މި ހިސާބުން އުފެދޭ ސުވާލަކީ މީހަކު މުރްތައްދުވުމާއި އެކު އޭނާގެ ޢަމަލުތައް ބާޠިލް ވެގެންދާނެތޯ ނުވަތަ ނޫންތޯއެވެ؟

ޖަވާބަކީ: އެމީހުން މުރްތައްދުކަންމަތީގައި މަރުވެގެން ހިނގައްޖެނަމަ އެބައިމީހުންގެ އެއްވެސް ހެޔޮ ޢަމަލެއް ގަބޫލެއް ނުކުރައްވާނެއެވެ. ނަމަވެސް، މަރުވުމުގެ ކުރިން ތައުބާވެއްޖެނަމަ ކުރިންކޮށްފައިވާ ހެޔޮ ޢަމަލުތަކުގެ ޖަޒާވެސް ދެއްވާނެއެވެ. ސޫރަތުލް ބަގަރާގެ 217 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( وَمَن يَرْتَدِدْ مِنكُمْ عَن دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَـٰئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ ۖ وَأُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٢١٧) " ތިޔަބައިމީހުންގެ ތެރެއިން مرتدّވެ، كافرއަކު ކަމުގައިވާ حال، މަރުވާ މީހުންނީ، ދުނިޔެއާއި آخرةގައި އެއުރެންގެ عملތައް އުވިގޮސްފައިވާ ބަޔެކެވެ. އަދި އެއުރެންނީ، ނަރަކައިގެ أهلވެރިންނެވެ. އެއުރެން ދެމިތިބޭނީ، އެތާނގައެވެ."

(فَلَا نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا)" ފަހެ، قيامةދުވަހުން އެއުރެންނަކަށް (އެބަހީ: އެއުރެންގެ عملތަކަކަށް) ތިމަންރަސްކަލާނގެ އެއްވެސް ބަރުދަނެއް ނުލައްވާހުށީމެވެ."

(ذَٰلِكَ جَزَاؤُهُمْ جَهَنَّمُ بِمَا كَفَرُوا وَاتَّخَذُوا آيَاتِي وَرُسُلِي هُزُوًا ﴿١٠٦  )

( ذَٰلِكَ ) އިޝާރާތް ކުރައްވަނީ އެބައިމީހުންގެ ޢަމަލުތައް ބާޠިލުވެފައިވުމަށާއި، އެއުރެންގެ ޢަމަލުތަކަށް އެއްވެސް ބަރުދަނެއް ނުލެއްވުމަށެވެ.

( جَزَاؤُهُمْ جَهَنَّمُ بِمَا كَفَرُوا ) އެބައިމީހުން ކާފިރުވުމުގެ ޖަޒާއެއްގެ ގޮތުންނެވެ.

(بِمَا  ) މިތަނުގައި "ބާ" ގެންނަވާފައިވަނި ސަބަބިއްޔާގެ މާނާގައެވެ. މާނައަކީ އެބައިމީހުންނަށް މިގޮތަށް ކަންތައް މެދުވެރިވީ ކާފިރުވުމުގެ ސަބަބުންނެވެ.

 

(وَاتَّخَذُوا آيَاتِي وَرُسُلِي هُزُوًا  ) އެބައިމީހުން ހަމައެކަނި ކާފިރުވެލައިގެން ތިބީކީ ނޫނެވެ. އޭގެ ބަދަލުގައި އެހެންމީހުންނަށްވެސް ދުއްތުރާކޮށް މަގުފުރެއްދީއެވެ. އަދި ﷲ ގެ އާޔަތްތަކަށާއި ރަސޫލު ބޭކަލުންނަށް ފުރައްސާރަކުރީއެވެ. 

- ނުނިމޭ -

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު