އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެ ބިނާކުރުމުގެ މަސައްކަތް ކުރަނީ ޤައުމުގެ މައިބަދައަކީ ދިވެހި ޢަސްކަރިއްޔާ ކަމުގަ ބަލައިގެން: ރައީސް ޞާލިޙް

ރާއްޖެ ބިނާކުރުމުގެ މަސައްކަތް ކުރަނީ ޤައުމުގެ މައިބަދައަކީ ދިވެހި ޢަސްކަރިއްޔާ ކަމުގަ ބަލައިގެން: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު

ދިވެހިރާއްޖެ ބިނާކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ މި ޤައުމުގެ މައިބަދައަކީ ދިވެހި ޢަސްކަރިއްޔާ ކަމުގައި ބައްލަވައިގެން ކަމަށާއި އެހެންކަމުން، ދިވެހި ސިފައިންނަކީ، ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން، އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް، ސިފަވަންތަ ބައަކަށް ހެއްދެވުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ދިވެހި ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ، ދިވެހިރާއްޖޭގެ ޢިއްޒަތާއި ޝަރަފުގެ އެންމެ އުސް ކުރިބޯށި ކަމަށެވެ. ދިވެހި ސިފައިންނަކީ  ދިވެހިރާއްޖޭގެ ކީރިތިކަމާއި މޫރިތިކަމުގެ އެންމެ އަލިގަދަ ދަންމަރު ކަމަށާއި ހަމައެފަދައިން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދޭ، ދިފާޢީ ކިއްލާ އަކީވެސް ދިވެހި ސިފައިން ކަމަށެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން: 

ދިވެހި ތާރީޚް އަޅުގަނޑުމެންނަށް ދައްކައިދެނީ، ދިވެހި ޤައުމާމެދު ދިވެހި ސިފައިންގެ ހިތްތަކުގައިވާ ލޯތްބާއި ވަފާތެރިކަން. ދިވެހި ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަން ޙިމާޔަތްކޮށް ކަށަވަރުކުރުމުގައި، ދިވެހި ސިފައިން ވެފައިވާ އަދި ވަމުން އަންނަ މަތިވެރި ޤުރްބާނީ. ބޭރުގެ ޢުދުވާންތަކުން ދިވެހިރާއްޖެ ޙިމާޔަތްކޮށް ދިފާޢު ކުރުމުގައި، ދިވެހި ސިފައިން ކޮށްފައިވާ މަތިވެރި ޖިހާދު.

މިއީ، މި ރާއްޖެ ދެމިއޮތްހާ ހިނދަކު ބަދަލުނުވާނެ ޙަޤީޤަތްތަކެއް. ސިފައިންގެ އެންމެމަތީ ވެރިޔާގެ ހައިސިއްޔަތުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑު މިރޭވެސް ޔަޤީންކޮށް އަރުވާނީ، ރާއްޖޭގެ މިނިވަންކަމާއި ރައްޔިތުންގެ ޙިމާޔަތަށްޓަކައި، ރުކުރުވާލާފައި މިވާ ސަފުތަކުގެ ބަދަހިކަމަށް، ދިވެހި ސިފައިންގެ އެންމެ ފަހު މީހާގެ، އެންމެ ފަހު ނޭވާއާ ހަމައަށްވެސް، ކުޑަވެސް ލޮޅުމެއް ނާރާނެކަން. 

މީގެ ކުރިންވެސް، ދިވެހި ސިފައިންނަކީ، އިސްތިޢުމާރީ ބާރުތަކާއި، ޣައްދާރުންގެ އަނިޔާވެރިކަމާ ދެކޮޅަށް، އިސްލާމްދީނާއި މި ޤައުމުގެ ޙައްޤުގައި ޖިހާދުކޮށް، މާތް ﷲގެ މަދަދާއެކު ނަޞްރާއި ފަތަޙަ ހޯދާފައިވާ ފަޚުރުވެރި ލަޝްކަރެއް. ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި، ދިވެހި ސިފައިންވަނީ އެކަން ސާބިތުކޮށްދީފައި. 

ސިފައިންގެ މިފަދަ މުނާސަބަތެއް ފާހަގަކުރާއިރު، އެ ޢުދުވާނުން ރާއްޖެ ސަލާމަތް ކުރުމުގައި ދިވެހި ސިފައިން ވެވަޑައިގެންނެވި، މަތިވެރި ޤުރްބާނީގެ ހަނދާން އައު ކުރުމަކީ ކުރަންޖެހޭނެ ކަމެއް. އެ ދުވަހު ޝަހީދުވި ސިފައިންގެ 8 ބޭކަލުންނާއި ޢާންމު ރައްޔިތުންގެ 11 މީހުންގެ ފުރާނައަށް، މާތް ﷲ ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ތަނަވަސް ނިޢުމަތްތައް މިންވަރު ކުރައްވާށި!

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް