އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހަށް ހިތްތައް ދިއްލައި ހިތްތައް ސާފުކުރަން ޖެހޭ ކަންކަން!

ރަމަޟާން މަހަށް ހިތްތައް ދިއްލައި ހިތްތައް ސާފުކުރަން ޖެހޭ ކަންކަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

ރަމަޟާން މަސް ފެށެން ދާދި ގާތްވީއެވެ. ދެން އޮތީ ހަމަ އެންމެ 10 ވަރަކަށް ދުވަހެވެ. ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހިތްތައް ދިއްލައި އަލިކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެކަން ކުރެވޭނީ ހިތްތައް ޠާހިރުކޮށް މިހާރުން ފެސިގެން އެކަމަށް ގަދައަޅައި މަސައްކަތްކޮށްގެންނެވެ.

އިސްލާމް ދީނުގައި އޮތީ 2 ޢީދެވެ. ދެ ޢީދުވެސް އަންނަނީ މުހިންމު 2 އަޅުކަމާއި ގުޅިގެންނެވެ. ފިޠުރު ޢީދު އަންނަނީ ރަމަޟާން މަހުގެ ރޯދައާއިވިދިގެން އެ މަހުގައި ރޯދަ ހިފައި އެމައްސަރުގެ ބޭނުން ހެޔޮ ގޮތުގައި ހިފި ބައަކަށެވެ. އަޟްޙާ ޢީދު އަންނަނީ ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު އެވެ. ޙައްޖުވެރިންނަށާއި ޙައްޖުގެ މަތިވެރި އަޅުކަން އަދާނުކުރެވުނު މީހުންގެ ތެރެއިން ޢަރަފާތު ދުވަހު ރޯދަ ހިފައި އެމަތިވެރި ދުވަހުގެ ސަވާބާއި ދަރުމަ ލިބިގަތް ބައަކަށެވެ. ނޫންނަމަ ޢީދު ފާހަގަ ކުރި ނަމަވެސް އެބައިމީހުންނަކީ ޢީދުގެ ފުރިހަމަ ބައިވެރިން ކަމަކަށް ނުވާނެއެވެ.

ޢީދަށް ކުލަކުލައިން ބޮކިތައް ދިއްލަމުއެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ކަމަކީ ކިތަންމެ ވަރަކަށް، ކިތަންމެ ގިނައިން އީދުގައި ކުލަ ބޮކި ދިއްލި ނަމަވެސް ހަޤީޤީ އަލިކަން ލިބޭނީ ރޯދައަށް ދިއްލި ހިތްތަކަށް އެކަނި ކަމެވެ.

ކުލަ ބޮކިތައް ދިއްލަނީ ޢީދަށެވެ. ނުވަތަ ޢީދުގައެވެ. އެބޮކިތައް ދިއްލުމުން ކުލަކުލައިގެ ރީތި އަލިތައް ފެންނާނެއެވެ. ނަމަވެސް ތިބާ ހިތް ރޯދައަށް ދިއްލައި އަލި ނުކުރިނަމަ އީދުގައި ދިއްލާ ކުލަ ބޮކިތަކުގެ އަލިން ތިބާއަށް އޮތީ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟

ރޯދައަށް ވެސް ކުރަން އޮތް އެންމެ މުހިންމު އެއް ކަމަކީ ހިތްތައް ސާފުކުރުމެވެ. ހިތްހެޔޮކުރުމެވެ. އެހެން މީހެއްގެ ހިތުގައި ޖެހޭފަދަ އެއްވެސް ކަމެއް ކުރެވިފައިވާނަމަ އަވަހަށް މަޢާފަށް އެދޭށެވެ. މީހެއްގެ ހިތުގައި ޖެއްސިފައިވާނަމަ އެމީހާގެ ހިތުގައި ފިރުމައިލާށެވެ. އެހެން މީހުންގެ ހިތްތަށް ތިބާއަށްޓަކައި ސާފުކުރުވާށެވެ.

ހަމައެއާއިއެކު ތިބާގެ ހިތްވެސް ސާފުކުރާށެވެ. އެއްވެސް މީހަކާއިމެދު ހިތް ބުރަކަމެއް ނުބާއްވާށެވެ! ހިތުގައި ހުރި އުދާސްތައް ނެރެ ބޭރުކޮށްލާށެވެ! ހިތް އެކުގައި ލުއިކޮށްލާށެވެ! އެކަމުގެ ބޭނުމަކީ ރަމަޟާން މަހު ރޯދައަށް ހުރެ ބޭކާރު ވިސްނުންތައް ވިސްނަން ނުޖެހުމެވެ. މާތްﷲ އާއިމެދު ވިސްނާނެ ވަގުތު އިތުރުކުރުމެވެ. މީހަކު ބަހެއް ބުނެފައި އޮތްނަމަ އެކަމުން ވާނީ ކީއްހެއްޔެވެ؟ ކަމެއް އޮތް ނަމަވެސް ވާނީ ކީއްހެއްޔެވެ؟ މީހަކަށް ތިބާއަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟

ތިބާ އާއި އެކުގައި މާތްﷲ ވޮޑިގެންވާނަމަ އެނިމުނީ ނޫންހެއްޔެވެ؟ އެހެންކަމަށްވާއިރު އެހެން މީހުން ކުރާ ކަންކަމާއި ބެހުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެހެން މީހުން ކުރާ ކަންކަމާއިމެދު ވިސްނުމުގެ ވެސް ބޭނުމެއް ވެސް ނެތެއް ނޫން ހެއްޔެވެ؟

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް