އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމަފިރިން ނަމަވެސް ދެ މޫނު ދައްކައިގެން ތިއަ އުޅެނީ ނަރަކައިގެ އެންމެ އަޑިއަށް ވަންނަން ޖެހިދާނެކަމަށް ބިރު ނުގަންނާތީ ހެއްޔެވެ؟

ދެމަފިރިން ނަމަވެސް ދެ މޫނު ދައްކައިގެން ތިއަ އުޅެނީ ނަރަކައިގެ އެންމެ އަޑިއަށް ވަންނަން ޖެހިދާނެކަމަށް ބިރު ނުގަންނާތީ ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 12 ސިކުންތު

ސުވަރުގޭގައި މީހެއްގެ ދަރަޖަ މަތިވެރިވާނަމަ އެމީހެއްގެ ދަރަ ދާނީ އުފުލެމުންނެވެ. ދެއްވަވާ ނިޢްމަތްތައް އިތުރުވަމުންނެވެ. ނަމަވެސް ނަރަކައިގައި އެކަން ހިނގާނީ އެގޮތަކަށް ނޫނެވެ. މީހާގެ ފާތައް ގިނަވެ ޢަޒާބު ބޮޑުވާވަރަކަށް އެމީހެއްގެ ވަތްގަނޑު ނުވަތަ އެމީހަކު އޮންނަން ޖެހޭ ބައި ދާނީ ތިރިވަމުންނެވެ. އެންމެ ފުލުގައި ތިބޭނީ މުނާފިޤުންނެވެ. އެންމެ ގަދަފަދަ އަޒާބު ލިބޭނީ މުނާފިޤުންނަށެވެ.  

 

މުނާފިޤުންނަކީ ދުނިޔޭގައި ދެމޫނު ދައްކައިގެން އުޅޭ މީހުންނެވެ. ބޭރުފުށުން އިސްލާމެއްކަމަށް ދައްކައިގެން ތިބޭއިރު އެތެރެފުށުން ﷲ ތަޢާލާއަށް އީމާން ނުވާ މީހުންނަކީ މުނާފިޤުންނެވެ. ހަމަ އެކަނި އީމާންވުމުގައެއް ނޫނެވެ. އެމީހަކު ކުރާ އަމަލުތަކުގައި ދެފުށް ދެ ގޮތް މީހުންނަކީވެސް ހަމަ މުނާފިޤުންނެވެ. މީސްތަކުންގެ ކުރިމަތީގައި އޯގާތެރި ބަސްތައް ބުނަމުން މީސްތަކުންގެ ހައްޤުތަކަށް އަރައިގަނެ މީސްތަކުންނަސް އަނިޔާވެރިވާ މީހުންނަކީ ވެސް މުނާފިޤުންނެވެ. ވީމާ މުނާފިޤުންނަކީ ހަމައެކަނި ﷲ ތާޢާލާއަށް އީމާން ނުވާ މީހުން ކަމުގައި ބުނެވޭކަށް ނެތެވެ. އެމީހެއްގެ ބަހާއި އަމަލު ދިމާނުވާނަމަ އެމީހަކީ މުނާފިޤްކަމުގެ ސިފަތައް ހުރި މީހެކެވެ.  

 

ނަރަކައިގައިވެސް ތަފާތު ދޮރުތަކެއް ވެއެވެ. އެމީހަކު ނަރަކައަށް ވައްދަވާނީ އެމީހެއްގެ ދަރަޖައަށް ކަނޑައެޅިފައިވާ ދޮރަކުންނެވެ. ކޮންމެ ދޮރެއް ގުޅިފައިވަނީ ވަކި ބައަކާއިއެވެ. މާނައަކީ ކޮންމެ މީހަކުވެސް ނަރަކައަށް ވައްދަވާނީ ކޮށްފައިވާ ފާފަތަކުގެ ސަބަބުން އެމީހަކަށް ކަނޑައެޅިފައިވާ ބައަކަށެވެ. ކޮންމެ ބައެއްގައިވެސް ލިބޭ ޢަޒާބު ތަފާތުވާނެއެވެ. ޔަޤީން ކުރަންޖެހޭނެ ކަމަކީ ނަރަކައިގެ އެންމެ ކުޑަ ޢަޒާބަށްވެސް އެއްވެސް މީހަކަށް ކެތް ނުކުރެވޭނެ ކަމެވެ.  

 

މުޅި ނަރަކަ ބެލެހެއްޓެވުމަށް ތިއްބަވާނީ 19 މަލާއިކަތުންނެވެ. އެތައް ޓްރިލިއަން ޓްރިލިއަން  ބައަކު ނަރަކައިގައި ތިބޭއިރު މުޅި ނަރަކަ ބަލަހައްޓަވަން އެންމެ 19 މަލާއިކަތުން ތިއްބެވުމުން އެގެނީ ނަރަކަށް ވެއްދެވުމަށްފަހު އެއްވެސް މީހަކަށް ލިބޭނެ އެއްވެސް އިނާޔަތެއް ނެތްކަމެވެ. އޮންނާނީ އެމީހަކަށް ކަނޑައެލިފައިވާ ގަދަފަދަ އަޒާބުގައި ދެމިއޮތުން ކަމެވެ. ރޯ ރުއިމަކަށް ނުވަތަ ކުރާ އާދޭހަކަށް އަޅައިލާނެ އެއްވެސް މީހަކު ނުހުންނާނެ ކަމެވެ.  

 

ސުވާލަކީ ނަރަކައިގެ ބިރުވެރިކަން އެނގެނީ ކިހައިވަރަކަށް ހެއްޔެވެ؟ ނަރަކައިން ސަލާމަތްވާން ކުރެވެނީ ކޮން މަސައްކަތެއް ހެއްޔެވެވެ؟ މިއަދު އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ދެ މޫނުގެ ވެރިންނެވެ. ވެރިމީހާއަށް ދައްކަނީ ތަފާތު މޫނެކެވެ. އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ދައްކަނީ ތަފާތު މޫނެކެވެ. ނިކަން ބުނެބަލާށެވެ! މުނާފިޤެއްގެ ގޮތުގައި މަރުވެދާނެ ކަމަށް ހަމަ ބިރު ނުގަންނަނީ ހެއްޔެވެ؟   

 

މީސްތަކުންނޭވެ! ފެށިގެން ކުރިއަށް މިދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކެވެ. ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތްފުޅުން ފުރިގެންވާ ދުވަސްތަކެވެ. މިދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ. ނަރަކައިން ސަލާމަތްވުމަށް އެމީހަކަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުން ގެންދާށެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ!  

 

- ބިލާލް އައްސަދުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް