އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ކުއްޖަކީވެސް ޢާއިލީ ލޯތްބާއި އޯގާތެރިކަން ލިބޭނެ ކުއްޖެއްކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު މަޤްޞަދެއް: ރައީސް ޞާލިޙް

ކޮންމެ ކުއްޖަކީވެސް ޢާއިލީ ލޯތްބާއި އޯގާތެރިކަން ލިބޭނެ ކުއްޖެއްކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު މަޤްޞަދެއް: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ދިވެހި ކޮންމެ ޢާއިލާއަކަށް އުފަންވާ ކޮންމެ ކުއްޖަކީވެސް، އެންމެ ޅަފަތުން ފެށިގެން ޢާއިލީ ލޯތްބާއި އޯގާތެރިކަން ލިބޭނެ ކުދިންކަން ކަށަވަރު ކުރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު މަޤްޞަދެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، މި ސަރަޙައްދުގެ ޤައުމުތަކުގެ ކުޑަކުދިންގެ ޙާލަތާ އަޅައިބަލާއިރު، ރާއްޖޭގެ ކުޑަކުދިންގެ ޙާލަތު ނިސްބަތުން ރަނގަޅުކަން ފާހަގަ ކުރައްވައި، ދިވެހި ކުޑަކުދީންގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި، އިތުރަށް ހަރުދަނާ ކުރަންޖެހޭ ބައެއް ކަންކަން އެބަހުރިކަން ބަޔާން ކުރެއްވިއެވެ.

އެގޮތުން މިވަގުތު އެންމެ އިސްކަންދީގެން، ސަރުކާރުން ކުރިއަށް ގެންދަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއް ފާސްކުރުމުގެ މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ޚިޠާބުގައި، ތުއްތު ކުދީންގެ ޞިއްޙީ ދުޅަހެޔޮކަމާއި، ޖިސްމާނީ ހަށިހެޔޮކަމަށް، ހެޔޮ ބަދަލުތަކެއް ގެނެސްދޭންޖެހޭ ކަމަށާއި، އެކުދީންނަށް ހެޔޮލަފާ ތަރުބިއްޔަތެއް ދިނުމަށް، ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އަދި، ހަށިހެޔޮ ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި، ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރެއިން، ކުޑަކުދިންގެ ޞިއްޙަތު ބެލޭނެ ދާއިމީ އިންތިޒާމުތަކެއް ހަމަޖެއްސުމަކީވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަންޖެހިފައިވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މިމޭރުމުން ޚިޠާބު ކުރިއަށް ގެންދަވަމުން، ޞިއްޙަތަށް ގެއްލުންހުރި ތަކެއްޗާއި، ޞިއްޙަތަށް ނުރަނގަޅު ތައްޔާރީ ކާނާގެ ބާވަތްތަކާ، ތުއްތު ކުދިން ދުރުކުރުމަށް، ކޮންމެ ބެލެނިވެރިއަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އުފުލުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވާފައިވެއެވެ.

އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ތުއްތު ކުދިން ތަރުބިއްޔަތު ކުރެވިގެން ނޫނީ، ފަޚުރުވެރި ޢާއިލާއެއް ބިނާ ނުކުރެވޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަ ކުރައްވާފައިވެއެވެ. މިގޮތުން، ބަވަނަވެފައި މިވާ އިންސާނީ މުޖްތަމަޢުގައި ފެތުރެމުންދާ، ބައިބައިކުރުމާއި ފަސާދަކުރުމުގެ ފިކުރުތަކުން ދަރީން ދުރުހެލިކޮށް، އެކުވެރިކަމާއެކު ލާމެހިގެން އުޅުމުގެ ވިސްނުން އަށަގެންނުވޭނީ، އިސްލާމީ ތަރުބިއްޔަތު ދަރިންގެ ކިބައިގައި އަށަގަންނުވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ