އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ޝުގަރ ކޯން ބަލިކޮށް އެމްއޭސީއެލް އިން ހޯދައިފި

އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ޝުގަރ ކޯން ބަލިކޮށް އެމްއޭސީއެލް އިން ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 35 ސިކުންތު

އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ޝުގަރ ކޯން ބަލިކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހޯދައިފިއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ރަމަޟާން މަހު ކުރިއަށްގެންދާ ކްރިކެޓް ކާނިވަލްގެ އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން އެމްއޭސީއެލް ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ޝުގަރ ކޯން އަތުން 6 ވިކެޓުން މޮޅުވެގެންނެވެ.

މެޗުގެ ގުރު ދިމާވުމުން އެމްއޭސީއެލް ހޮވަން އެރުމުން ޝުގަރ ކޯން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ94 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 24 ލަނޑު ހެދި އަހުމަދު އިކްރާމް އާއީ 21 ލަނޑު ހެދި އަލީ އިބްރާހިމްއެވެ.

އެމްއޭސީއެލް ކުޅެންއަރާ 5 އޯވަރުގެ ތެރޭގައި 94 ލަނޑު ހަދާ ވަނީ މެޗު ކާމިޔާބުކޮށްފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑު ހެދި މުހައްމަދު ރިޝްވާން އާއި 25 ލަނޑު ހެދި އަހުމަދު އަމީލްއެވެ.

މި މުބާރާތް ނިމުމުން ވަނަތަކަށްދިޔަ ފަރާތްތަކަށް އިނާމާއި ތައްޓާއި މެޑެލް ޙަވާކުކޮށްދެއްވީ ކްރިކެޓް ބޯޑުގެ ކުރީގެ އެކްސްކޯ މެމްބަރ އަހުމަދު ފައިސަލްއާއި މާލޭ ސްޕޯޓްސް ކްލަބުގެ ޗެއަރމަން މުހައްމަދު ނާސިރާއި ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާޙް އަދި ހިންގާ ކޮމެޓީ މެމްބަރު އަލީ މުހައްމަދު މަނިކެވެ

މި މުބާރާތުގެ އެންމެ ގިނަ ވިކެޓް އެމްއޭސީއެލްގެ އަހުމަދު ނީޝާމް ނަގާފައިވާ އިރު، އެންމެ ގިނަ ލަނޑު ހަދާފައިވަނީ ޝުގަރ ކޯންގެ އާދަމްޒަމީލެވެ.

މުބާރާތުގެ ޗެމްޕިއަންޓީމަށް 8000 ރުފިޔާގެ ފައިސާގެ އިނާމުދީފައިވާ އިރު، ރަނަރަޕް ޓީމަށްދީފައިވަނީ 5000 ރުފިޔާއެވެ.

ކްރިކެޓް ކާނިވަލްގައި ހިމެނޭ ސަރުކާރު އޮފީސްތަކުގެ މުބާރާތް މާދަމާ ފަށާނެއެވެ. ފުރަތަމަ މެޗުގައި ކުޅިވަރާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ވާދަކުރާ އިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ދިވެހި ސިފައިންގެ ކްލަބެވެ.

މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް