އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޭ އަޅުކަމާއި އެއްވަރުގެ ދަރަޖަ ލިބެނިވި 8 ޢަމަލު

ރޭ އަޅުކަމާއި އެއްވަރުގެ ދަރަޖަ ލިބެނިވި 8 ޢަމަލު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 33 ސިކުންތު

1- އިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާޢަތުގައި އަދާކުރުން 

ރަސޫލާ ސައްލަﷲ އަލައިހި ވަޞައްލަމް ހަދީޘް ކުރައްވާފަވެއެވެ.

مَنْصَلَّىالْعِشَاءَفِيْجَمَاعَةٍفَكَأَنمَّاَقَامَنِصْفُاللَّيْلِوَمَنْصَلَّىالصُّبْحَفِيْجَمَاَعَةٍفَكَأَنَّمَاصَلَّىاللَّيْلَكُلَّهُ (ރަވާހު އަބޫދާއޫދު)

މާނަ: "އިޝާ ނަމާދު ޖަމާއަތުގައި އަދާކޮށްފިމީހާ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި އަޅުކަންކުރި ފަދައެވެ. އަދި ފަތިސް ނަމާދު ޖަމާއަތުގައި އަދާކޮށްފިމީހާ މުޅި ރޭގަނޑު އެއްކޮށް ނަމާދު ކުރި ފަދައެވެ.” 

ވީމާ، ޖަމާއަތުގައި ނަމާދު އަދާކުރުމަށް ސަމާލުކަންދޭންވާނެއެވެ.

 

2- މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތްކުރުން

ރަސޫލާ ސައްލަﷲ އަލައިހި ވަޞައްލަމް ހަދީޘް ކުރައްވާފަވެއެވެ. "މެންދުރު ނަމާދުގެ ކުރިން ކުރެވޭ ހަތަރު ރަކުއަތަކީ ދަމު ނަމާދާއި އެއްފަދަ އެއްޗެކެވެ." ޞަހީހު ޖާމިއު

 

3- ރޭގަނޑު ޤުރުއާނުން ސަތޭކަ އާޔަތް ކިޔެވުން

މާތް ﷲ ރުއްސުންލެއްވި ތަމީމުއްދާރީގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "ރޭގަނޑު ސަތޭކަ އާޔަތް ކިޔައިފިމީހާއަށް އެރޭ ރޭ އަޅުކަންކުރިކަމުގެ ދަރުމަ ލިޔުއްވާނެއެވެ." (ރަވާހު ތިރުމިޒީ)

 

4- ރޭގަނޑު ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔެވުން

މާތް ﷲ ރުއްސުންލެއްވި އިބްން މަސްޢޫދުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “ރޭގަނޑުގެ ވަގުތެއްގައި ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔަވައިފި މީހަކަށް އެކަން ފުދިގެންވެއެވެ.” ޞަހީހް ބުޚާރީ

 

މިހަދީޘް ޝަރަހަ ކުރައްވަމުން އިމާމް ނަވަވީ ރަހިމަހުﷲ ވިދާޅުވެފައިވެއެވެ. "ފުދިގެންވެއެވެ" އޮތް ބަހުގެ މުރާދަކީ އެރޭ ރޭއަޅުކަން ކުރުމުން ފުދިގެންވާ ވާހަކައެވެ. އަދިވެސް މިބަހުގެ މުރާދުގައި ބުނެވިގެންވެއެވެ، އެމީހަކަށް ޞައިޠާނާގެ ކިބައިން ފުދިގެންވެއެވެ.މީގެ އިތުރުން ހުރިހާ އާފާތްތަކުން ސަލާމަތްވުމަށް ފުދިގެންވުމާއި މިހުރިހާ ކަމަކުން ފުދިގެންވުން މިބަހުގެ މުރާދު ކަމުގައި ބުނެވިގެންވެއެވެ.

 

5- ރިވެތި އަޚްލާޤް

މާތް ﷲ ރުއްސުންލެއްވި އައިޝާ ރަޟިޔަﷲ އަންހާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާތީ ތިމަންކަމަނާ އަޑުއެއްސެވީމެވެ. "މުޢުމިނަކު އޭނާގެ ކިބައިގައިވާ ރިވެތި އަޚްލާޤުގެ ސަބަބުން ރޭއަޅުކަންކުރާ އަދި ދުވާލު ރޯދައަށް ހުންނަ މީހެއްގެ ދަރަޖައަށް އުފުލިގެން ދެއެވެ." (އަލްބާނީ ރަހިމަހުﷲ ޞައްހަކުރައްވާފަ) 

 

6- ހުވަފަތް އަންހެނުންނާއި މިސްކީނުންނަށް އެހީތެރިވުމުގައި އުޅުން

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރެއްވެވިއެވެ. "ހުވަފަތް އަންހެނުންނާއި މިސްކީނުންނަށް ޚިދުމަތްކުރުމުގައި އުޅޭ މީހުން ﷲ ގެ މަގުގައި ޖިހާދުކުރާ ނުވަތަ ރޭއަޅުކަންކުރާ ނުވަތަ ދުވާލު ރޯދައަށް ހުންނަ މީހުންނާއި އެއްފަދައެވެ.” ބުޚާރީ

 

7- ނިދުމުގެކުރިން ރޭ އަޅުކަން ކުރުމަށް ނިޔަތްގަތުން

މާތް ﷲ ރުއްސުންލެއްވި އަބޫދަރްދާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރެއްވެވިއެވެ. "ރޭއަޅުކަން ކުރުމުގެ ނިޔަތުގައި ނިދާ، ނިދި ގަދަވެގެން ދަމު ނަމާދަށް ހޭނުލެވިއްޖެނަމަ އޭނާ އެ ނިޔަތްގަތް ކަންތައް ކުރި މީހެއް ފަދައިން ލިޔުއްވޭނެތެވެ. އޭނާގެ ނިންޖަކީ ﷲ ސުބްހާނަހޫ ވަތައާލާގެ ކިބައިން ދެއްވި ޞަދަޤާތެކެވެ." ރަވާހު ނަސާއި އަދި އިބްން މާޖާ

 

8- ރޭއަޅުކަމާއި އެއްފަދަ ޖަޒާ ލިބެނިވި އަމަލުތައް އެހެން މީހަކަށް ދަސްކޮށްދިނުން

މިފަދަ ހެޔޮ އަމަލުތައް އެހެން މީހަކަށް ދަސްކޮށްދިނުމަކީ ތިބާއަށް ރޭއަޅުކަންކުރާ މިހާއަށް ލިބޭ ދަރުމަ ލިބޭނެ ކަމެކެވެ. އެހެނީ ހެޔޮކަމަކަށް މަގު ދައްކައިފިމީހާ އެކަންކުރި މީހަކާއި އެއްފަދަކަމުގައި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފަވެއެވެ.

ވީމާ . މިމައުލޫމާތު ވީހާވެސް ގިނަ ބައަކަށް ފޯރުކޮށްދެއްވާށެވެ. 

- މިއީ ނޫރުލްއިސްލާމްގައި ޝާއިޢުކޮށްފައިވާ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ލިޔުއްވުމެކެވެ. ރޭ އަޅުކަން ކުރަމުން މި އަމަލުތައް ކުރާ މީހަކަށް ލިބިގެންދާނެ މަތިވެރި ސަވާބާއި ދަރުމަ އާއިމެދު ވިސްނައިލުން ކިތަންމެހައިވެސް މުހިންމެވެ.

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް