އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލިބިދާނެ މާލީ ގެއްލުން ވަކީލުކޮށް ރަމަޟާން މަހުގެ ފަހު ދިހަ އަޅުކަމަށް ޚާއްޞަކުރި އާދައިގެ މުވައްޒިފަކު ވެރިއަކަށް ބަދަލުވި ގޮތުގެ ވާހަކަ!

ލިބިދާނެ މާލީ ގެއްލުން ވަކީލުކޮށް ރަމަޟާން މަހުގެ ފަހު ދިހަ އަޅުކަމަށް ޚާއްޞަކުރި އާދައިގެ މުވައްޒިފަކު ވެރިއަކަށް ބަދަލުވި ގޮތުގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 11 ސިކުންތު

އަހަރެންނަކީ ސަރުކާރުގެ ކުންފުންޏެއްގެ ވަރަށް އާދައިގެ ވަޒީފާގައި މަސައްކަތްކުރި މުވައްޒިފެކެވެ. ލިބޭ މުސާރައަށްވުރެ ބޮޑަށް ލިބޭ އިތުރުގަޑީގެ އިނާޔަތަށް ބަރޯސާވާން ޖެހިފައިވާ މީހެކެވެ. އެއީ ލިބޭ މުސާރައިން ހަމަ އެއްގޮތަކަށްވެސް ދެކޮޅު ނުޖެހޭތީއެވެ. 

އަހަރެންގެ އަންބަކާއި 3 ދަރިން ތިބެއެވެ. މުސްކުޅި މަންމަ އަކާއި ބައްޕައަކު ބަލަމެވެ. އެހެންކަމުން ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭތީ އަމިއްލަ މީހެއްގެ ފިހާރައިގައިވެސް މަސައްކަތްކުރަމެވެ. 

މިފަދަ ގޮތަކަށް އުޅެމުންދަނިކޮށް ރަމަޟާން މަހުގެ ފަހު ދިހައިގެ މާތްކަން ކިޔައިދިން ދަރުސެއްގެ އަޑު އިވުނެވެ. އެ ރޭ އެތަނުން ނުކުތީ ކޮންމެ ގޮިތެއް ހަދާފައި ނަމަވެސް ފަހު ދިހައިގައި އަޅުކަން ކުރާނެ ވަގުތު އިތުރުކުރުމުގެ ޢަޒުމުގައެވެ. ޖެހިގެން އައި ދުވަހު، މަސައްކަތްކުރަމުން އައި ދެތަނުން ވެސް  ފަހު ދިހައިގައި ޗުއްޓީ ނަގަން ނިންމީމެވެ. މާލީ ޙާލަތު ވަކީލުކުރީ ﷲ ތަޢާލާއަށެވެ. 

އެގޮތަށް ވިދިވިދިގެން 3 އަހަރު އަހަރެން ކަންތައް ކުރިތަނާ އަހަރެން ވަގުތީ ވަޒީފާގައި މަސައްކަތްކުރަމުން އައި ތަނުގެ ވެރިމީހާ އެއްދުވަހަކު އަހަރެން އޭނާގެ އޮފީހަށް ގެންދިއައެވެ. އަދި އަހަރެންގެ ދިރިރއުޅުމުގެ ޙާލަތު އޮޅުންފިލުވިއެވެ. އެއްވެސް ކަމެއް ނުފޮރުވައި އަހަރެން ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. 

އެއިގެ 2،3 ދުވަސްފަހުން އަނެއްކާވެސް އޭނާގެ އޮފީހަށް އަހަރެން ގެންދިއަ އެވެ. އަދި ސަރުކާރު ދޫކޮށް އޭނާގެ ފުލްޓައިމް މުވައްޒިފަކަށް ވުމަށް އެދުނެވެ. ދެތަނުން ލިބޭ މުސާރައަށްވުރެ ބޮޑު މުސާރައެއް ދޭނެ ކަމަށްވެސް ބުންޏެވެ. ނަމަވެސް އެ ނިންމުން ނިންމަން އެހައި ފަސޭހައެއް ނުވިއެވެ. އެހެންކަމުން ވިސްނައިލާނެ ފުރުޞަތަކަށް އެދުނީމެވެ. 

އަނެއްކާވެސް 2،3 ދުވަސް ފަހުން އަހަރެން ގެންދިއައެވެ. އަދި ބުންޏެވެ. "ޖަވާބެއް ނުދެވިގެން ތިއަ އުޅެނީ އަހަރެން ކަލޭ ދޫކޮށްލައިފިނަމަ ދެން ވާނެ ގޮތަކަށް ބިރުން ނޫނެ ހެއްޔެވެ؟ އެކަމުގެ ގަރަންޓީ މިދެނީއެވެ. މިވަރުން ފުދޭނެ ކަމަށް ހީޚުރަމެވެ." 

އެހެން ބުނެފައި އޭނާ އަހަރެންނަށް ދިއްކޮށްލީ ރަސީދެކެވެ. އޭނާ ވަނީ އަހަރެންގެ ނަމުގައި ހުޅުމާލެއިން ފްލެޓެއް ގަނެފައެވެ. އަދި ބުންޏެވެ. "ހަމަ ގައިމުވެސް ތިއަ ފްލެޓަށް ބަދަލުވީމާ މިހާރު މަހަކު ކުއްޔަށް ދައްކަން ތިއަ ޖެހޭ 18000 ރުފިޔާ ދައްކާކަށް ނުޖެހޭނެއެވެ. އަހަރެން މިހައި ބޮޑު ހޭދައެއް މިކުރީ އަހަރެން އަލަށް ފަށަން ޤަޞްދުކުރާ ވިޔަފާރިއެއް ކްލެއާއި ހަވާލުކުރަން ބޭނުންވާ ވަރުންނެވެ. އެތަނުގެ 15 އިންސައްތަ ހިއްޞާ ވެސް ކަލެއަށް ދޭނަމެވެ. އެއީ ކަލޭ ފަދަ އިތުބާރު ކުރެވޭ މީހަކު އަހަރެން ކޮންމެހެން ބޭނުންވާތީއެވެ." 

އަހަރެން ވަގުތުން އާނބަސް ބުނެ ސަރުކާރުން ވަކިވެ އޭނާ އާއިއެކު މަސައްކަތް ފެށީމެވެ. މިއީ 4 އަހަރު ފަހެވެ. އެއިރު ކުލި ދައްކާފައި އަނގަ އާއި އަތާއި ދިމާނުވާ އަހަރެންގެ މިހާރުގެ މަހެއްގެ އާމްދަނީ އަކީ 6 އަކުރުގެ އަދަދެކެވެ. ކުންފުންޏަކީ ރާއްޖޭގެ ހަމަ އެންމެ އިތުބާރު ހުރި އެއް ވިޔަފާރިކުންފުންޏެވެ. 

އަހަރެންނަށް މިލިބުނު ކުރިއެރުމުގެ ސަބަބެއް ކަމަށް އަހަރެން ދެކެނީ އަހަރެން ރަމަޟާން މަހު ފަހު ދިހައިގައި ކުރަން ފެށި މަސައްކަތެވެ. ﷲ ތަޢާލާއަށް ކުރަމުން ގެންދިއަ ދުޢާއެވެ. ސަބަބަކީ އަހަރެން ކުރިއެރުން ހޯދަން އަލަށް ކުރި ހަމައެކަނި އެއީ ކަމަށްވުމެވެ. މިހާރު ކޮންމެ އަހަރެއްގެ ރަމަމާން މަހުގެ ފަހު 10 އަހަރެން މި ހޭދަކުރަނީ ޢާއިލާ އާއިއެކު އުމުރާގައެވެ. 

މާތް ﷲގެ ވާގިފުޅާއިއެކު މިހާރުވެސް މިހިރީ އަޅުކަމުގައެވެ. މިއަދުނޫހުގައި "ރޯދަ ޝަޚްޞިއްޔަތު- 1: ދޮންކަމަނަ ދުވަހެއް ހޭދަކުރާ ގޮތް- ތިއަބޭފުޅުންނަށް ނަމޫނާއަކަށް ނުވޭތޯ؟" ސުރުޚީގެދަށުން ޝާއިއުކޮށްފައިވާ ލިޔުން ފެނުމުން އަހަރެންގެ ތަޖުރިބާ ވެސް ހިއްޞާކޮށްލަން ބޭނުންވީއެވެ. އަހަރެންގެ މި ތަޖުރިބާއިން އެހެން މީހުންނަށް ފައިދާއެއް ކޮށްފާނެ ކަމަށްޓަކައެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއަކު ފޮނުވި ނޯޓެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެއް.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް