އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިޖްތިމާޢީ ތަރައްޤީގެ ދާއިރާއިން ރާއްޖެ އާ އިންޑިއާ ގުޅިގެން މަސައްކަތްކުރުމަށް މަޝަވަރާކޮށްފި

އިޖްތިމާޢީ ތަރައްޤީގެ ދާއިރާއިން ރާއްޖެ އާ އިންޑިއާ ގުޅިގެން މަސައްކަތްކުރުމަށް މަޝަވަރާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ރާއްޖެއާއި އިންޑިއާ އާއި ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން، ޚާއްޞަގޮތެއްގައި އިޖްތިމާޢީ ތަރައްޤީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިކަމަށް މަޝްވަރާކުރައްވާފައިވަނީ ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީގެ އަރިހަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ކުރެއްވި އިޚްތިރާމްގެ ޒިޔާރަތުގައެވެ.  

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވަން މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. 

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވިކަމައްޓަކައި މަރުޙަބާ ވިދާޅުވެ، އިންޑިއާގެ ބޮޑުވަޒީރުގެ ޕާޓީއިން އިންޑިއާގެ އާއްމު އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާ އެކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.  

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި މި ކާމިޔާބީއިން ރަމްޒުކޮށްދެނީ އިންޑިއާގެ ރައްޔިތުން ބޮޑުވަޒީރު މޯދީއަށާއި ބާރަތިޔާ ޖަނަތާ ޕާޓީއަށް ކުރާ އިތުބާރާއި އެޕާޓީއާއިމެދު އޮތް ޔަޤީންކަން ކަމުގައި ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންޑިއާ ސަރުކާރުން އިންޑިއާ ކަނޑުގެ ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރެއްވުމަށްކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ. 

ފައިޞަލް ނަސީމްގެ ވާހަކަފުޅުގައި ވަނީ އިންޑިއާއިން އަބަދުވެސް ރާއްޖެއާ ދޭތެރޭ ބަހައްޓަވާ ގާތްކަން ފާހަގަކުރައްވައި، ރާއްޖެއަށް އެހީތެރިކަމަކަށް ބޭނުންވާ ހިނދު އެހީތެރިކަން ފޯރުކޮށްދެއްވާކަން ފާހަގަކުރައްވައި އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރުއަދާކުރައްވައިފައެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު އާ ދައުރަކަށް އިންތިޚާބުވެ ވަޑައިގަތުމަށްފަހު ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރާއްޖެއަށް ވަޑައިގަތްކަމީ މިކަމުގެ ހެއްކެއްކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް