އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުން: ޑރ. ޙުސައިން ރަޝީދު

އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުން: ޑރ. ޙުސައިން ރަޝީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 20 ސިކުންތު

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަކީ ގިނަ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުމެއްކަމަށާއި މިކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުން ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. 

ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި ކުރިއަށްދާ ފުރަތަމަ "އޭޝިއާ ޕެސިފިކް ރީޖަނަލް ހައި ލެވެލް ފޯރަމް އޮން ގްރީން އިކޮނޮމީ" ގައި ތަޤްރީރު ކުރައްވަމުން ވަޒީރު ވިދާޅުވީ،   މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ޕެރިސް އެގްރީމަންޓުގައިވާ ގޮތަށް ދުނިޔޭގެ ފިނި ހޫނުމިން 1.5 ޑިގްރީ ސެލްސިއަސް ގައި ބެހެއްޓުމަށް ހުރިހާ ފަންތިއެއްގައިވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. 

ޑރ. ޙުސަިން ވިދާޅުވީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ނުފޯރާ އެއްވެސް ޤައުމެއް ނެތްކަމަށާއި އެކަމުގެ އެންމެ ބޮޑު ބިރެއް އޮތީ ދިވެހިރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ކަމަށެވެ. އެހެންކަމުން މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ހުރިހާ ޤައުމުތަކުން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. 

އދ ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅުވައިގެން ފެހި އިޤްތިސާދީ ތަސައްވުރަކަށް އަމާޒުހިފުމަށް ދުނިޔޭގެ ޤައުމުތައް ގުޅިގެން ބާއްވާ މި ފޯރަމްގައި ޑރ. ހުސައިން ވިދާޅުވީ، ދިވެހިރާއްޖޭގެ އިޤްތިސާދަކީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާއި ރައްޓެހި އިޤްތިސާދަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ސަރުކާރުން ބޮޑު އިސްކަމެއްދޭކަށް ވިދާޅުވިއެވެ. އަދި ޕީކް ލޯޑް ގެ 70 އިންސައްތަ އަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް މަސައްކަތްކުރަމުން ދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ޓޫރިޒަމް ދާއިރާއިން "ގްރީން ޓެކްސް" ނަގަމުން ދާ ކަމަށާއި އެ ފައިސާ ބޭނުންކުރަމުންދަނީ ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތަކަށް ކަމަށް ވަޒީރުވިދާޅުވިއެވެ.

ފެހި އިޤްތިސާދީ ތަސައްވުރަކަށް ބަދަލުވުމަށް ޤައުމުތައް އަމާޒުހިފާފައިވާއިރު މުހިންމު 5 ކަމެއް ކުރުމަށް ވަޒީރު ލަފާދެއްވިއެވެ. އެގޮތުން މިދާއިރާއަށް ހަރުދަނާ ސިޔާސަތުތަކެއް އެކަށައެޅުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އިޤްތިސާދީ ގޮތުން މިހާރު އަމަލުކުރަމުންދާ ސިޔާސަތުތަކީ ފެހި އިޤްތިސާދީ ހަރަކާތްތަކަށް އެއްބާރުލުންދޭ އަދި ތިމާވެއްޓާއި ރައްޓެހި އިޖާދުތަކަށް ފުރުސަތުދޭ ސިޔާސަތުތަކަކަށް ބަދަލުކުރަން ޖެހޭ ކަމަށް ވަޒީރުވިދާޅުވިއެވެ. ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ޒިންމާދާރު މަސައްކަތްތަކެއް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އަދި މިދާއިރާއިން އިންސާނީ ވަސީލަތްތަކާއި މުވައްސަސާތައް ތަރައްޤީކުރަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި މިސިޔާސަތުތައް އެކުލަވާލުމުގައި ބައިނަލް އަޤްވާމީ މުޖުތަމައުގެ އެއްބާރުލާމައި އެހީތެރިކަން ބޭނުންވާނެ ކަމަށާއި އެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާނީ ރާއްޖެ ފަދަ ކުދި ޖާޒީރާ ޤައުމުތަކަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ ތިމާވެއްޓައި ރައްޓެހި އަދި ދެމެހެއްޓެނިވި އިޤްތިސާދީ ތަސައްވުރަކަށް އަމާޒުހިފަންޖެހޭ ކަމަށާއި އދގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައިވެސް މި ތަސައްވުރަކީ މުހިންމު ކަމެއް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް