އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ދަރިން އިމްތިހާނުތަކުން ފެއިލްވާ ސަބަބަކީ މައިންބަފައިން ކަމަށް ވިއަ ނުދޭށެވެ!: މުފްތީ މެންކް

ދަރިން އިމްތިހާނުތަކުން ފެއިލްވާ ސަބަބަކީ މައިންބަފައިން ކަމަށް ވިއަ ނުދޭށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 29 ސިކުންތު

ކޮންމެ މީހަކުވެސް އެދޭނީ އެމީހާގެ ދަރިންނަކީ ކްލާހުންވެސް އަދި ސްކޫލުންވެސް އެންމެ މޮޅު ކުއްޖާ ކަމުގައި ވުމަށެވެ. އެއީ ޠަބީޢީ ކަމެކެވެ. އަދި އެގޮތަށް އެދިގެން މަސައްކަތްކުރުމަކީ ވެސް ހަމަ ކުރަން ޖެހޭނެ ކަމެކެވެ. ނަމަވެސް މައްސަލަ އުފެދެނީ އެކަމުގައި ހައްދުފަހަނައަޅައި ދާތީއެވެ. ހުރިހާ މާއްދާއަކުން 1 ވަނަ ނުލިބިއްޖެ ނަމަ ރުޅި އާދެވޭތީއެވެ. މުޅި ކްލާހުން ނުވަތަ ސްކޫލުން 1 ވަނަ ނުލިބިއްޖެނަމަ ރުޅި އާދެވޭތީއެވެ. 

މައިން ބަފައިން ކިތަންމެ ބޭނުންވި ނަމަވެސް ކުދިންނަށް ނަތީޖާ ހޯދޭނީ އެކުދިންގެ ކިބައިގައި ކުޅަދާނަކަން ހުރި މިންވަރަކުންނެވެ. ވީމާ މައިންބަފައިންނަށް އޮތީ ގަދައަޅައި މަސައްކަތްކުރަން ދަރިންނަށް ހިތްވަރު ދިނުމެވެ. އެކުއްޖަކަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތްކުރުމުން ލިބޭ ނަތީޖާ ބަލައިގަތުމެވެ. އުންމީދުކުރި ވަރަށްވުރެ ދަށް ވެއްޖެނަމަ ޖެހުނު މައްސަލަ ދެނެގަނެ ކުރިއަށް  އޮތްތަނަށް އެކަމެއް އިޞްލާޙްކުރަން މަސައްކަތްކުރުމެވެ. 

އެއިގެ ބަދަލުގައި ކުދިން ދެކެ ރުޅި އައިސް ކަންކަން ކުރާނަމަ އެކުދިން ތިބޭނީ އަބަދުވެސް ބިރުވެރިކަމެއްގެ ތެރޭގައެވެ. އެކަން ނަފްސާނީ ބައްޔަކަށްވެސް އެބަ ބަދަލުވެއެވެ. އެހިސާބުން ކުދިންނަށް މައްސަލަތައް ކުރިމަތިވާން ފަށައެވެ. އިމްތިހާން ހަދާއިރު ރަނގަޅު ޖަވާބު އެނގި ތިބެމެ ނުބައި ޖަވާބު ލިޔެވޭތަން އެބަ އާދެއެވެ. 

ބައެއް ކުދިން ބަލިވެއެވެ. ޑޮކްޓަރަށް ދެއްކުމުން ބުނާނީ އެއްވެސް ބައްޔެއް ފެންނަން ނެތް ކަމަށެވެ. އެކަމުން އެ އެނގެނީ އެކުއްޖާއަށް ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމެވެ. މިއީ އެންމެ އުނދަގޫ އެއް ޙާލަތެވެ. ކުއްޖާއަށް ދާނީ އުނދަގޫތަކެއް ކުރިމަތިވަމުންނެވެ. ޑޮކްޓަރުންނަށް ބަލި ނުފެންނާތީ ދޭނެ ފަރުވާއެއް ނުއެނގޭނެއެވެ. އެ ހާލަތުގައި އެއީ ސިހުރުގެ ކަމެއް ކަމަށް ވެސް އެބަ ބަލައެވެ. ނަމަވެސް އެއީ ސިހުރާއި ނުވަތަ އެސްފީނާ އާއި އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫނެވެ. ގުޅިފައިވަނީ ހަމައެކަނި މައިންބަފައިން ދެކެ ގަންނަ ބިރާއިއެވެ. 

ނިކަން ވިސްނައިލަ ބަލާށެވެ! އިމްތިޙާން ހެދުމަށްފަހު ނަތީޖާ ލިބުމުގެ ކުރިން، ލިބޭ ނަތީޖާ ދަށްވެދާނެ ކަމުގެ ބިރަށް ކޮންމެ އަހަރަކު އެތައް ހާސް ދަރިވަރުން އެބަ އަމިއްލައަށް މަރުވެއެވެ. އެ ހާލަތުގައި މައިން ބަފައިންނަށް ޖެހެނީ އަބަދުގެ އަބަދަށް ހިތާމަކޮށްކޮށް ތިބޭށެވެ. ލޮލުން ކަރުނަ އަޅައިއަޅައި ތިބޭށެވެ! 

މިހާލަތަށް ގެންދުވަންވީ ކީއްކުރަން ހެއްޔެވެ؟ ދުނިޔޭގެ އެންމެ ތޫނިފިލި އަދި އެންމެ ބޮޑެތި މުއްސަނދިންނަށް ބަލާށެވެ. ގިނަވާނީ އެއްވެސް ތައުލީމީ ފާހެއް، ޑިގްރީއެއް ވެސް ނެތް މީހުންނެވެ. ވީމާ ތައުލީމް ކިތަންމެ މުހިންމު ނަމަވެސް ކުރިއެރުމަށް ބޭނުންވަނީ ހަމައެކަނި ތަޢްލީމް ނޫންކަން އެނގިގެން އެބަދެއެވެ. 

ބައެއް ބެލެނިވެރިން ދަރިންގެ އަޚްލާޤަށް ދޭ ސަމާލުކަން މާކުޑައެވެ. ރަނގަޅު ނަތީޖާ ހޯދާނަމަ ހުރިހާ ކަމެއް ފުރިހަމަވީއެވެ. މިއީވެސް ވަރަށް ގޯސް ވިސްނުމެކެވެ. ތައުލީމަށްވުރެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނީ ދަރިންގެ އަޚްލާޤަށެވެ. ރަނގަޅު އަޚްލާޤެއް ނެތި ލިބޭ ތައުލީމުގެ ފައިދާ ނުކުރާކަން އަބަދުވެސް ދަނީ ތަޖުރިބާ ކުރެވެމުންނެވެ. ތައުލީމުގެ ހަޤީޤީ ފައިދާ ކުރާނީ ތައުލީމީ ފާހަށްވުރެ އަޚްލާޤީ ފާސް މަތިވެގެންނެވެ.

ވީމާ ހުރިހާ ބެލެނިވެރިންވެސް މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށް އުންމީދުކުރަމެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


50%
ވ.ރަނގަޅު
10%
ރަނގަޅު
0%
އޯކޭ
40%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް