އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރިން އެއްޖިންސުން ގުޅުން ހިންގި ދިވެއްސަކަށް ޙިދާޔަތް ލިބުނު ގޮތުގެ ވާހަކަ

ކުރިން އެއްޖިންސުން ގުޅުން ހިންގި ދިވެއްސަކަށް ޙިދާޔަތް ލިބުނު ގޮތުގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 13 މިނެޓް, 2 ސިކުންތު

"އަހަރެންގެ އުމުރުން މިހާރު 25 އަހަރެވެ. މިވާހަކަތައް ކިޔާދޭން އަހަރެން ކިތަންމެ ލަދު ގަަތަސް، މިކަމަކީ މިހާރު ރާއްޖޭގައި ހަލުވި ކަމާއިއެކު ފެތުރެމުން އަންނަ ކަމަކަށް ވާތީ، މިކަމުގައި އަހަރެން ކުރި ހިތި ތަޖުރިބާވެސް ހިއްސާ ކޮށްލާނަމެވެ.

 

އެކަންތައް އެންެމެ ފުރަތަމަ ފެށުނީ އަހަރެންގެ އުމުރުން ނުވަ އަހަރުގައެވެ. މަންމަ އާއިއެކު އަހަރެން ދިޔަ ރަށެއްގައި، އަހަރުމެން މަޑު ކުރި ގޭގައި އުޅޭ ބޭބެ، މަންމަ ގޭގައި ނޫޅޭއިރު އަހަންނަށް ޖިންސީ ފުރައްސާރަކޮށް ބިރު ދެއްކީއެވެ. ބިރު ދެއްކުމުގެ ސަބަބުން އަހަންނަށް އެވާހަކަތައް މަންމައަށް ކިޔާދޭކަށް ނުކެރުނެވެ.

 

ނަސީބަކުން އެފަހަރު މާގިނަ ދުވަސްތަކެއް ނުވެ އަހަރުމެން މާލެ އައީއެވެ. އަހަންނަށް އެބޭބެ ނުފެންނަތާ ތިން އަހަރުވީ ފަހުން، އަހަންނަށް އޭނާ ފެނުނީ އަހަރެންގެ އުމުރުން 12 އަހަރުގައެވެ. އޭނާ މާލެ އައިސް އެއް އަހަރު ވަންދެން ހުރީ އަހަރުމެންގެ ގޭގައެވެ.

 

އޭނާ ފެނުމުން އަހަރެން ވަރަށް ބިރުގަތެވެ. އެރަށުގައި ހުރި އިރު އަހަންނާއި ދޭތެރޭ ކަންތައް ކުރި ފަދައިން މާލޭގައި އޭނާ ހުރި ދުވަސްކޮޅު ވެސް ކަންތައް ކުރިއެވެ. ކުރިން ކުރި ވަރަށް ވުރެ ބޮޑަށެވެ. އަހަރުމެންގެ އާއިލާގައި ތިބެނީ މަންމަ އާއި ބައްޕަ އާއި އަހަންނާއި އަހަރެންގެ ކޮއްކޮ އެކަންޏެވެ. މައިންބަފައިންނަކީ ވަޒީފާއަށްދާ މީހުންނެވެ. އަހަރެން ހެނދުނު ސްކޫލަށް ދާއިރު، ކޮއްކޮ ދިޔައީ މެންދުރު އެވެ. އެހެންކަމުން މެންދުރުން ފެށިގެން ހަވީރު ވަންދެން (މަންމަ ނުވަތަ ބައްޕަ ކޮއްކޮ ސްކޫލުން ގޮވައިގެން އަންނަން ދެން) އަހަރެން ހުންނަނީ ގޭގައި އެކަންޏެވެ. އެބޭބެ އެކަން ކުރަނީ އެވަގުތު އެވެ. އަހަންނަށް ލިބެމުންދިޔަ ވޭންތަކަށް އަހަރެން ރުއި ރުއިމުގެ އަޑެއް އޭނާއަކަށް ވެސް އަދި އެހެން މީހަކަށް ވެސް ނުއިވުނެވެ.

 

ނަމަވެސް ހިތާމައަކީ ދުވަސް ކޮޅެއްފަހުން، އެތަދުތަކަށް އަހަރެން ހޭނުމެވެ. އެއީ އަހަރެން ނުބައިމަގުން ދިޔުމުގެ ފެށުމެވެ.

 

އަހަރެއް ފަހުން އެބޭބެ އެނބުރި ރަށަށް ދިޔައެވެ. ކުރިން އޭނާ ފެނިގެން ބިރުގަތް ނަމަވެސް ފަހުން އޭނާ ދިޔައީތީ އަހަރެން ވީދެރައެވެ.

 

ކޮންމެހެނަކަސް އަހަންނަށް އުނދަގޫތަކެއް ވާން ފެށިއެވެ. ކަންތައްތައް ބޭނުންވާން ފެށިއެެވެ. އެހެންކަމުން ފޭސްބުކް އޭ ކިޔުނު ވަބާއަށް ވެސް ވަދެވި، ގިނައިން އެކަަހަލަ މީހުންނާއި ދިމާވިއެވެ. އެކި ގޮތްގޮތަށް ވާހަކަ ދެއްކެމުން އޭގެ އެކި މީހުންނާއި ބައްދަލު ވެސް ކުރަން ފެށީމެވެ. އެމީހުން ބުނާ ގޮތުން ނަމަ އެ "ކޮމިއުނިޓީ" އަށް އަހަރެން ވެސް ވަނީމެވެ.

 

އެބުނާ ކޮމިއުނިޓީ އަކުން އަހަންނަށް ފަޅާއެރި އެއްކަމަކީ، ރާއްޖޭގެ އެކިއެކި ޒިންމާދާރު ވަޒީފާތަކުގައި އުޅޭ މީހުންވެސް އެފަދައިން އުޅޭކަމެވެ. އަދި އޭގެ އިތުރުން މީހުންނާއި އިނދެ އަނބި ދަރިންވެސް ތިބިއިރު، ހަމަ ހަވަސް ގެ ޝިކާރައަކަށް ވެގެން، އެކަންތައް ވެސް ކޮށްއުޅޭ މީހުން ވެސް މަދެއް ނޫން ކަމެވެ.

 

އެއިރު އަހަންނަކަށް ވެސް އެއީ އެވަރު ބޮޑު ކަމަކަށް ނުވިއެވެ. ސަބަބަކަށްވީ، އުމުރުން ދުވަސްވީ އޭގެ މީހުން ކައިރިން އަހަރެން ބޭނުން އެއްޗެއް ލިބޭތީ އެވެ. އަގު ބޮޑެތި ފޯނާއި، ލެޕްޓޮޕް އަދި ގަމީސް ފަދަ ތަކެއްޗެވެ. ފައިސާ ވެސް ލިބުނެވެ. އެއީ އަހަރުމެންގެ "ޝުގާ ޑޭޑީ" އިންނޭ އަހަރެން ބުނީމެވެ.

 

ހެޔޮ މަގަށް އެޅުނީ އެހެން އުޅޭތާ ހަތަރު އަހަރު ފަހުން، މައިންބަފައިންނަށް އެކަން ފަޅާ އެރުމުންނެވެ. އެއްދުވަހު ލެޕްޓޮޕުން މީހަކާއި ވާހަކަ ދައްކާފައި ލޮގް އައުޓް ނުކޮށް ބޭންދުނީއެވެ. އަހަންނަށް ނިދުނުތާ މާގިނަ އިރެއް ނުވެ މަންމަ އައިސް ލެޕްޓޮޕް ނިވާލަން އުޅެނިކޮށް، މަންމަ އަށް އަހަރެންގެ ޗެޓް ލޮގްތައް ފެނުނީ އެވެ.

 

އެރޭ ބައްޕަ އަހަންނާއި ދިމާލަށް ވަރަށް އެއްޗެހި ކިޔެވެ. މަންމަ ރުއީއެވެ. ޙަޤީޤަތުގައިި އެއީ އަހަންނަށް އަހަރެންގެ މަންމަ ރުއިތަން ފެނުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން އަހަރެންގެ ހިތައް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ. ކުރެވުނީ ވަރަށް ވެސް މުޑުދާރު ކަމެއްކަން ވިސްނި، މަންމައަށް ޓަކައި އެކަންތައް ހުއްޓާލަން ބޭނުންވިއެވެ.

 

ރަނގަޅުވާނަމޭ ބުނެ މަންމައަށް ވައުދުވީމެވެ. އަދި ފޭސްބުކް ބޭނުން ކުރުން ހުއްޓާލާ އެކަހަލަ މީހުންނާއި ބައްދަލު ކުރުން ވެސް ހުއްޓާލީމެވެ. ނަމަވެސް އަހަންނަށް އެއިރު ވެސް ހީވީ ހުރިހާ ކަމެއް ރަނގަޅު ނުވާހެންނެވެ. އަހަރެން ރަނގަޅު ނުވާހެންނެވެ. ކަންތައްތައް އެއްކޮށް ރަނގަޅުވެ އަހަރެންގެ ސިކުނޑިއަށް ލުޔެއް ލިބޭނީ ކޮން ދުވަހަކުންބާއޭ އަހަރެންގެ ހިތަށް އެރިއެވެ.

 

އެއްރޭ އަހަންނަށް ފެނުނު ރީތި ހުވަފެނެކެވެ. ރީތި އަތިރިމައްޗެއްގައި މޫދު ކައިރީގައި ހުއްޓާ އަހަންނާއި ދިމާވަނީ ހުދު ކުލައިގެ މުންޑެއް އަނދެ ހުދު ކުލައިގެ ފޮށައެއް އަޅާފައި ހުރި ފިރިހެނެކެވެ. އޭނާގެ މޫނުމަތި ވަރަށް ވެސް އުޖާލާއެވެ. ރީތި ހިނިތުން ވުމެއްގައި ހުރެ އަހަންނާއި އަރާ ހަމަކޮށް، އަހަރެން ކުރަނީ ކޮން ފިކުރެއްތޯ އޭނާ އެއްސެވެ.

 

އެހުވަފެނުގައި އަހަރެން އޭނާއަށް ހުރިހާ ވާހަކައެއް ކިޔާދިނީމެވެ. އަދި އެއްކޮށް ރަނގަޅު ވެވިއްޖެކަމުގެ އިޙުސާސް ނުކުރެވޭ ވާހަކަ ވެސް ބުނީމެވެ.

 

ހިނިތުން ވުމެއްގައި ހުރެ އޭނާ އެއްސެވެ. "މާތް ﷲ އަށް ތަޢުބާ ވީންތަ؟" އެސުވާާލާއިއެކު އަހަންނަށް ހޭލެވުނެވެ. ހުރީ ވަރަށް ބިރު ގެންފައެވެ. އެސުވާލު އަހަރެންގެ ކަންފަތް ދަށުގައި އެއިރުވެސް ގުގުމާ ފަދަ އެވެ. ގަޑި ބަލާލިއިރު ގަޑިން 4:45 ވެއްޖެއެވެ. ހުވަފެނުގައި ފެނުނު މީހާ އެކުރި ސުވާލާއި މެދު ވިސްނާ، އޭގެ ޖަވާބުވެސް އެނގެން ފެށިއެވެ. އަހަންނަށް ކުރެވުނު ފާފަތަކަށް ހެއްދެވި ފަރާތް އަރިހުން ފާފަ ފުއްސެވުމަށް އެދި އަހަރެން ދުޢާ އެެއް ނުކުރަމެވެ. ތަޢުބާ އެއް ވެސް ނުވަމެވެ. އެކަންތައްތައް ވިސްނުމަށްފަހު އެއްމެ ސިކުންތެއް ވެސް ދެން އިތުރަށް އަހަރެން ބޭކާރެއް ނުކުރަމެވެ.

 

އެދުވަހު ފަތިސް ނަމާދު ކުރުމަށްފަހު އިރުއަރަން ދެން ކީރިތި ޤުރުޢާން ކިޔަވާ، އިރުއެރުމުން އަހަރެން ތަޢުބާ ނަމާދެއް ކުރީމެވެ. ކުރެވުނު ހުރިހާ ފާފަތަކެއް ފުއްސެވުން އެދި ދުޢާ ކުރިއިރު ލޮލުން ފައިބަން ފެށި ކަރުނަތައް ނުހުއްޓެއެވެ.

 

ނަމާދުކޮށް ނިމުމަށްފަހު އަހަރެންގެ ހިތައްވެރިވި ލުއިކަމެއް ބުނެދޭން ވެސް ނޭނގެއެވެ. ހީވީ ފިޠުރަތުގެ ސާފުކަންމަތީ އަލުން އަހަރެން އުފަންވިހެންނެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް އަހަރެން ގަވައިދުން ނަމާދު ކުރަމެވެ. ދަމު ނަމާދުވެސް ކުރަމެވެ. އަހަރެންގެ މާޒީ ހަނދާންވި ނަމަވެސް، އެކަމަށް އަލުން އެނބުރި ދާން ޝައިޠާނާ ދޭ ވަސްވާސްތައް އަޑެއް ނާހަމެވެ. އެފަދަ ޙިޔާލެއް ހިތައްވަނަސް އަހަރެން ނަމާދުކޮށް ޒިކުރު ކުރަމެވެ.

 

އަހަރެން އެދެނީ ކުރިން އަހަަންނަށް އުޅެވުނު ގޮތް ފަދައިން، މިހާރު އުޅެމުންދާ މީހުންނަށް އަދި އެނޫންވެސް ކުދި ބޮޑު ހުރިހާ ފާފައެއް ކުރާ މީހުންނަށް ސީދާވެގެންވާ ތެދުމަގު ލިބުމެވެ. މަރަކީ ތިމާއާއި އެންމެ ގާތް އެއްޗަށްވީ ހިނދު، އަބަދުވެސް މަރަށް ތައްޔާރުވެގެން ހުރުމަކީ އަހަރެމެން ކޮންމެ މީހަކުވެސް ކުރަން ވާނެ ކަމެކެވެ. ދުނިޔޭގައި ހުރުމަށް އަހަރުމެންނަށް މިލިބޭ ފުރުސަތަކީ ހަގީގަތުގައި އަހަރެމެންނަށް ކުރެވިފައި ހުންނަ ކަންކަމަށް ތައުބާވެ، ހެޔޮ ޢަމަލުކޮށް، ޤިޔާމަތަށް ތައްޔާރުވުމަށްޓަކައި މާތް ﷲ އަހަރެމެންނަށް ދެއްވާ ފުރުސަތެކެވެ. އެފުރުސަތު ދެއްވާ ކަމަށްޓަކައި އެކަލާނގެއަށް ޙަމްދުކޮށް، ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަމާތޯއެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ