އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑުތިލަދުންމަތީގެ 11 ސަރަހައްދެއް އެންވަޔަރަންމަންޓް މިނިސްޓްރީން ޙިމާޔަތްކޮށްފި

ބޮޑުތިލަދުންމަތީގެ 11 ސަރަހައްދެއް އެންވަޔަރަންމަންޓް މިނިސްޓްރީން ޙިމާޔަތްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 21 މިނެޓް, 31 ސިކުންތު

 

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެދަށުން ބޮޑުތިލަދުންމަތީގެ 11 ސަރަހައްދެއް އެންވަޔަރަންމަންޓް މިނިސްޓްރީގެ ނަންބަރު (IUL)438-ENV/438/2019/150  (16 ޖޫން 2019) އިޢުލާނުން ޙިމާޔަތް ކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅައިއެވެ.

މިގޮތުން ހިމާޔަތްކުރި 11 ސަރަހައްދަކީ،

1.    ހއ. ގައްލަންދޫ ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު (252 ހެކްޓަރ)

2.    ހއ. ބިލެތްދޫ ތިލަ ސަރަހައްދު (4354 ހެކްޓަރ)

3.    ހއ. ކެލާ ކަނޑޫފާ ސަރަހައްދު (112 ހެކްޓަރ)

4.    ހދ. ފިނޭ ތިލަ (97.9 ހެކްޓަރ)

5.    ހދ. އިންނަފުށި ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު (1366 ހެކްޓަރ)

6.    ށ. ބޮލިއްސަފަރު ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު (954 ހެކްޓަރ)

7.    ށ. ނާލާހުރާ ފިނޮޅާއި، ފަޅުގެ ސަރަޙައްދު (159 ހެކްޓަރ)

8.    ނ. ފޮއްދިއްޕަރު ފިނޮޅާއި، ފަޅުގެ ސަރަޙައްދު (322 ހެކްޓަރ)

9.    ނ. ކެނދިކުޅުދޫ ކުޅި ( 512ހެކްޓަރ)

10.           ނ. އޮރިމަސް ތިލަ (46.3 ހެކްޓަރ)

11.           ނ. ބޮޑުޅައިމެންދޫ ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު (321 ހެކްޓަރ)

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވަނީ މި ސަރަހައްދުތައް ޙިމާޔަތް ކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ތިމާވެށި ޙިމާޔަތް ކުރުމުގެ ގޮތުން މިސަރުކާރުން ކަނޑައަޅާފައިވާ ވައުދުތަކުގެ ތެރެއިން ކޮންމެ އަތޮޅެއްގައި ބައިނަލްއަޤްވާމީ މިންގަޑަށް ފެތޭގޮތަށް ސަރަހައްދުތަކެއް ޙިމާޔަތްކުރުމުގެ ޕްރޮގްރާމުގެ ދަށުން، 1 ރަށާ، 1 ފަރާ، 1 ކަނޑޫފާ ހިމެނޭގޮތަށް ރައްކާތެރިކުރުމުގެ ޕްރޮގްރާމްގެ ފެށުމެއްގެ ގޮތުންނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 22 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިންނާއި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (4/93)ގެ ދަށުން ދިރޭތަކެތީގެ ނަސްލާއި ޤުދުރަތީ ވަސީލަތްތައް ޙިމާޔަތް ކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.  

 

މި 11 ސަރަހައްދާއިއެކު ބޮޑު ތިލަދުންމަތީގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ  ޢަދަދަކީ ޖުމްލަ 15 ސަރަހައްދެވެ. މި ސަރަހައްދުތައް ޙިމާޔަތްކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމުގެ ގޮތުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީއާއި ކަމާގުޅޭ އެކި ފަރާތްތަކާއި ގުޅިގެން މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކުން މި ސަރަހައްދުތަކަކީ ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިފައިވާ ސަރަހައްދުތަކެއްކަން ވަނީ ޔަޤީން ކޮށްފައިކަމަށްވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވެއެވެ.

އިއްޔެ  ހިމާޔަތްކޮށްފައިވާ 11 ސަރަހައްދުގެ ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި އާއި ޚާއްސަ ސިފަތަކަކީ

 

1.    ހއ. ގައްލަންދޫ ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު

ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްކަމުގައި ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް

ގައްލަންދޫ އަކީ އިހަވަންދިއްޕޮޅު އަތޮޅުގެ ދެކުނު ބިތުގައި އޮންނަ 12 ހެކްޓަރުގެ ގާމަތީ ރަށެކެވެ. މިރަށަކީ ޤުދުރަތީގޮތުންނާއި ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ރަށެކެވެ. މިގޮތުން މިރަށުގެ ޤުދުރަތީ މުއްސަނދިކަން އެންމެ ބޮޑަށް ދައްކުވައިދެނީ މިރަށުގެ ގަސްކަރައާއި ފެހިކަމެވެ. މިރަށަކީ ބިންގަނޑުގެ މުއްސަނދި، ގިނަ އަދަދަކަށް ގަސްހެދިފައި އޮންނަ ރަށެކެވެ. މިރަށުގެ ކަނޑޫފަލާއި ކުޅިއަކީ ވެސް ރަށުގެ ޤުދުރަތީ މުއްސަނދިކަމާއި ތިމާވެށީގެ ޚާއްސަކަން ރަމްޒުކޮށްދޭ ތަނެކެވެ. މީގެ އިތުރުން މިރަށަކީ ގިނައަދަދަކަށް ދޫނި ނިދަންއަރާ، ޅޮސް ގަސް ގިނަ، ވަށައިގެން ފަރުގެ ދިރުންތައް މުއްސަނދި، އަދި ވެލާ ބިސްއަޅާ ރަށެކެވެ. 

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި

2.    ގިންތި 2: ސްޓްރިކްޓް ނޭޗަރ ރިޒާވް

3.   ހއ.ބިލެތްދޫ ތިލަ ސަރަހައްދު

ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްކަމުގައި ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް

ބިލެތްދޫ ތިލައަކީ އިހަވަންދިއްޕޮޅު އަތޮޅު އުތުރުބިތުގައި އޮންނަ 227 ހެކްޓަރުގެ ތިލައެކެވެ. ބިލެއްދޫ ތިލަ ސަރަހައްދުގައި ހިމެނެނީ ބިލެއްދޫ ތިލައާއި އިންނަފިނޮޅެވެ. މިތިލައަކީ ރާއްޖޭގެ އެންމެ އުތުރުން ފީނާ މީހުންގެ މެދުގައި އެންމެ މަގުބޫލު އެއް ތިލައެވެ. މިތިލައަކީ، އެކި ނަސްލުތަކުގެ ދިރުންތައް ގިނައަދަދަކަށް އުޅޭ، ރާއްޖޭގެ ނިސްބަތުން ގުނާލެވޭ މަޝްހޫރު ޑައިވް ސައިޓެކެވެ. މިތިލަ ޚާއްސަވެފައިވަނީ އެއް ސަރަހައްދަކުން އެންމެ ގިނަ ބާވަތް ބާވަތުގެ ކަނޑުއަޑީގެ ދިރުންތައް ގިނަ އަދަދަކަށް ފެންނަ ސަރަހައްދެއްގެ ގޮތުގައި ނުވަތަ "އެކުއޭރިއަމް" އެއްގެ ގޮތުގައެވެ. މިގޮތުން އެންމަޑި، މާހުޅުނބު ލަނޑާ، މިޔަރު، ވެލާކަހަނބު ފަދަ މުޙިއްމު ދިރުންތައް ދިރިއުޅެއެވެ. އަދި މިތިލަ ސަރަހައްދުގައި މަންޓާ ކްލީނިންގ ސްޓޭޝަނެއް ހިމެނެއެވެ. މިގޮތުން 20 މީޓަރު އަޑީގައި ތަފާތު ބާވަތުގެ ދިރުންތަކާއި، އެއަށްވުރެ އަޑީގައި ބޮޑެތި ހޮހަޅަތަކެއްވެސް ހުރެއެވެ. އަދި މިހޮހަޅަތައް ފުރިފައިވަނީ، ގިނަ އަދަދެއްގެ  ނިދަން މިޔަރު (Nurse Shark)  އިންނެވެ. އަދި މިތިލައިގެ  ވަށައިގެން އެންމަޑި (Manta Ray)  އާއި ވޮށިމަސް (Dogtooth Tuna) ގިނަ އަދަދަކަށް ފެނެއެވެ. އިންނަފިނޮޅަކީ ގިނައަދަދެއްގެ ކަނޑުމަތީ ދޫނި ޖަމާވެ އުޅޭ، ބިސްއަޅާ ވިހާ އާލާވާ ރަށެކެވެ.

ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި

ގިންތި 6: ސްޕީޝީސް/ހެބިޓެޓް މެނޭޖްމަންޓް އޭރިއަރ

-

4.   ހއ. ކެލާ ކަނޑޫފާ ސަރަހައްދު

ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްކަމުގައި ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް

ކެލާއަކީ ހއ. އަތޮޅުގެ އެންމެ އުތުރު ބިތުގައިވާ ރާއްޖޭގެ އެންމެ އުތުރުން ޗަސްބިން ފެންނަ ރަށްތަކުގެ ތެރެއިން ރަށެކެވެ. މުޅި ރަށުގެ ބޮޑުމިނުގައި 212 ހެކްޓަރ ހުންނަ އިރު ރަށުގައި އުފެދިފައިވާ ޗަސްބިމުގެ ބޮޑުމިނުގައި 22 ހެޓަރ ހުރެއެވެ. މިސަރަހައްދަކީ ރާއްޖޭގެ ނިސްބަތުން އެންމެ ގިނަ ޢަދަދަކަށް ކަނޑޫގަސް ފެންނަ ސަރަހައްދެވެ. މި ޗަސްބިމަކީ ޤުދުރަތީގޮތުން ޚާއްސަ މުއްސަނދިކަމެއް ލިބިފައިވާ، ރަށުގެ ތާރީޚާއި ގުޅުން ހުރި ޗަސްބިމެކެވެ. މިގޮތުން، މިރަށުގެ ކަނޑޫފަލުން ލިބެންހުރި ކަނޑޫ، ދެވަނަ ބޮޑުހަނގުރާމައިގައި ރާއްޖެއަށް ކުރިމަތިވި "ބޮޑުތަދު" ގައި ކެލާ އަދި ކައިރީގައިވާ ރަށްތަކުން ކާނާގެ ގޮތުގައި ބޭނުންކުރިއެވެ. މި ކަމުގެ ސަބަބުން ރާއްޖޭގެ އެހެން ރަށްތަކާއި އަޅާ ބަލާއިރު ކެލާއާ، އިންވެގެން ހުރި ރަށްތަކަށް ކާނާގެ ރައްކާތެރިކަން ކަށަވަރުވެފައިވިއެވެ. މިހާރު ވެސް މަދުމަދުން ކަނޑޫ ކެއުމަށް ބޭނުން ކުރަމުން ދެއެވެ. މީގެ އިތުރުން ކެލާ ޗަސްބިމުގައި ވަރަށް ބިޔަކޮށް ހެދިފައިވާ، 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކުއްޅަވައްގަހެއް ވާކަން ފާހަގަކުރެވެއެވެ. ވަޒަންވެރިވެގެން އުޅޭ އަދި ހިޖުރަކުރާ ދޫނި މިސަރަހައްދުން ގިނަ ޢަދަދަކަށް ފެނެއެވެ. މިގޮތުން ކުޅީކުކުޅުގެ ބޮޑު އާބާދީއެއް މިސަރަހައްދުގައި ވަޒަންވެރިވެގެން ދިރިއުޅެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ޙިމާޔަތްކުރެވިފައިވާ ދޫނިތަކުގެ ތެރެއިން މާކަނާ، އިރުވާހުދު، ކަނބިލި، ރާބޮނދި އަދި ކޮވެލި މިސަރަހައްދުގައި ދިރިއުޅެއެވެ.

ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި

ގިންތި 7: ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބަލް ޔޫޒް

 

5.   ހދ.ފިނޭ ތިލަ

ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްކަމުގައި ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް

މިތިލައަކީ ހދ. ފިނޭގެ ދެކުނުފަރާތު ރަށާއި ގާތްގަޑަކަށް 250 (ދުވިސައްތަ ފަންސާސް) މީޓަރު ދުރުގައި އޮންނަ ތިލައެކެވެ. މިސަރަހައްދު އެކުލެވިގެންވަނީ މައި ދެ ތިލައެއްގެ ގޮތުގައެވެ. އޭގެތެރެއިން ބޮޑު ތިލަ 12 (ބާރަ) މީޓަރުން ފެށޭއިރު ކުޑަކޮށް އޮންނަ ތިލަ ފެށެނީ 18 (އަށާރަ) މީޓަރުން ނެވެ. ފިނޭ ތިލައަކީ ގިނައަދަދަކަށް ރީނދޫ، ނޫ އަދި އޮރެންޖް ކުލައިގެ މަޑު މުރަކަ (Soft Coral) ގިނައަދަދަކަށް ހިމެނޭ ސަރަހައްދެކެވެ. މިސަރަހައްދުގައިވާ  ދެތިލަ  ދޭތެރެއަކީ  ޑައިވަރުން  ވަރަށް ޝައުގުވެރިވާ ވައިފިޔަ މަޑި (Eagle Ray) ، މާހުޅުބު ލަނޑާ  (Napolean Wrasse)، ތިލަ މިޔަރު ((Grey Reef Shark އަދި ލައްޓި ފަދަ ބޮޑެތި ދިރުންތަށް ފެންނަ ސަރަހައްދެކެވެ. މީގެ އިތުރުން މިސަރަހައްދުން ކުދި ދިރުންތަށް ކަމުގައިވާ ޑިނގާ، އިހި އަދި ނޫޑި ބުރާންޗްގެ ބާވަތްތައް ވެސް ގިނަ އަދަދަކަށް ފެނެއެވެ. މިސަރަހައްދުގައި ގިނަ އަދަދަކަށް ދޮންނޫ މަސް އަދި ހަނދި ވެސް އުޅޭކަމުގައި ޑައިވަރުން ފާހަގަކޮށްފައިވެއެވެ.

ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި

ގިންތި 7: ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބަލް ޔޫޒް

6.   ހދ. އިންނަފުށި ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު

ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްކަމުގައި ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް

އިންނަފުއްޓަކީ މަކުނުދޫ އަތޮޅުގެ އެންމެ ހުޅަނގު ބިތުގައި އޮންނަ 3 ހެކްޓަރުގެ ކުޑަ، ގާމަތީ ރަށެކެވެ. މިރަށަކީ ގިނަ އަދަދަކަށް ކަނޑުމަތީ ދޫނި ޖައްސާ އަދި ބިސްއަޅާ ރަށެކެވެ. މިރަށުގެ ފުއްޓަރު ފަރާތަކީ ކުރީ ޒަމާނުގައި ގިނަ އަދަދަކަށް ބޯޓުފަހަރު އުރިފައިވާ ސަރަހައްދެކެވެ. އެހެންކަމުން މިރަށުގެ ފުއްޓަރު ސަރަހައްދަށް "ބޯޓު އުރޭ މުލި" މީހުން ކިޔައެވެ. މިރަށް އުފެދިފައިވާގޮތަށް ބަލާއިރު، މުޅި ރަށުގައިވެސް ގިނައީ އަކިރި ވެލިކަމަށް ފާހަގަ ކުރެވެއެވެ. އަދި ދޮންވެލި ގޮޑުދޮށެއް ރަށުގެ އިރުމަތީ ބިތުގައި ވެއެވެ. މިރަށުގެ އަތިރިމަތީގައި ގިނަ އަދަދަކަށް ގޮޅާ ހުރެއެވެ. އަދި މިރަށުގެ ގޮނޑުދޮށަކީ ވެލާ ކަހަނބު ބިސްއަޅާ ސަރަހައްދެކެވެ. މިރަށުގައި 3 ރުއް ފިޔަވާ ދެން ހުންނަނީ ޅޮސްގަހާއި، ހިރުނދު އަދި ކުރެދި ގަސްތަކެވެ. މިރަށުގެ ހުޅަނގު ފަރާތުގައި މޫދާއި ގުޅިފައިވާ ކުޑަ ފެންގަނޑެއް އޮވެއެވެ. އަދި މިފެންގަނޑަށް މަކުނުދޫ މީހުން "ފުރޭތަ" ފެންގަނޑު ކިޔާއުޅެއެވެ. އިންނަފުށި ބޭރު ފަރަކީ ގިނަ އަދަދަކަށް ބޯޓު އުރިފައިވާ ފަރެއްކަމުން މިސަރަހައްދަކީ ފީނާ މީހުންގެ މަޤުބޫލުކަން ލިބިފައިވާ ސަރަހައްދެކެވެ. މިފަރަކީ މަސްމަހާމެހި ގިނަ އަދި މުރަކައިގެ މުއްސަނދިކަން ލިބިފައިވާ ރީތި، ބޮޑު ފަރެކެވެ. މިރަށުގެ ފަރުގެ ބޭރުވަރިން ބޮޑުމަސް އަދި މިޔަރު ގިނަ އަދަދަކަށް ފެނެއެވެ.

ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި

ގިންތި 7: ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބަލް ޔޫޒް

 

7.   ށ. ބޮލިއްސަފަރު ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު

ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްކަމުގައި ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް

ބޮލިއްސަފަރަކީ، ށ. ކީކިމިނީގެ ދެކުނަށް އޮންނަ، ދިގު ފިނޮޅެއްލާފައިވާ 26 ހެކްޓަރުގެ ރަށެކެވެ. މިރަށަކީ އައިންމަތީ ދޫނި ގިނަ އަދަދަކަށް ޖައްސާ ފިނޮޅެކެވެ. އެގޮތުން މިއީ ގިނަ އަދަދަކަށް ވައްލަ ޖަމާވާ އަދި ވައްލަ ވިހާ އާލާވާ ފިނޮޅެކެވެ. މިރަށުގެ ގޮނޑުދޮށަކީ ވެލާ އަދި ކަހަބު ބިސް އަޅާ ސަރަހައްދެކެވެ. މިރަށުގައި މުޅިންވެސް ހެދިފައިވަނީ ކުރެދި ގަސްތަކެވެ. މިރަށަކީ ހުދު ދޮންވެލި ތުނޑިއެއްވާ ސަރަހައްދެއްކަމުން، މިއީ އާންމުންގެ މެދުގައި މަގުބޫލު ތުނޑިއެކެވެ.

ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި

ގިންތި 7: ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބަލް ޔޫޒް

8.    ށ. ނާލާހުރާ ފިނޮޅާއި، ފަޅުގެ ސަރަޙައްދު

ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްކަމުގައި ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް

ނާލާހުރާއަކީ، ށ. ހުރަސްފަރުހުރާގެ ދެކުނަށް އޮންނަ، 2 ހެކްޓަރުގެ ކުޑަ ދޮންވެލި ފިނޮޅެކެވެ. މިފިނޮޅަކީ ޤުދުރަތީގޮތުންނާއި ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ، ދެމޫސުމުގައި ވެލިގަނޑު އެކި ސަރަހައްދުތަކަށް ދައުރުވާ ފިނޮޅެކެވެ. މިފިނޮޅަކީ ހުރިހާ މޫސުމެއްގައިވެސް އައިންމަތީ ދޫނިތައް ގިނައިން ޖައްސާ އަދި ނިދަން އަރާ ފިނޮޅެކެވެ. މިގޮތުން ގިނަ އަދެދެއްގެ ކުރަނގި ބައިގަނޑުތައް ދުވާލުގެ ހުރިހާ ގަޑިއެއްގައިވެސް މިފިނޮޅުގައި ތިބޭކަން ފާހަގަކުރެވެއެވެ. އަދި ބައެއް ކުރަނގި ނިދަންވެސް މިފިނޮޅަށް އަރައެވެ. މި ފިނޮޅަކީ ވައްލަ ބިސްއަޅާ ވިހާ އާލާވާ ފިނޮޅެކެވެ.

ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި

ގިންތި 7: ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބަލް ޔޫޒް

 

9.   ނ. ފޮއްދިއްޕަރު ފިނޮޅާއި، ފަޅުގެ ސަރަޙައްދު

ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްކަމުގައި ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް

ފޮއްދިއްޕަރާއި އެރަށުގެ ފަރަކީ ނ. އަތޮޅު ފޮއްދޫގެ އުތުރުގައި އޮންނަ 82.4 ހެކްޓަރުގެ ފިނޮޅެކެވެ. މިފިނޮޅަކީ އައިންމަތީ ދޫނި ގިނަ އަދަދަކަށް ޖައްސާ އަދި ރާއްޖެއަށް ހިޖުރަ ކުރާ ދޫނިވެސް ފެންނަ ފިނޮޅެކެވެ. މިފިނޮޅަކީ ގިނަ އަދަދަކަށް ވައްލަ ޖަމާވާ އަދި ވައްލަ ވިހާ އާލާވާ ފިނޮޅެކެވެ. މި ފިނޮޅުގައިވާ ހުދު ދޮންވެލި ތުނޑިއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތުނޑިއެކެވެ. ފޮއްދިއްޕަރު ވަށައިގެންވާ ފަރަކީ ދިރޭތަކެތީގެ ނަޞްލުތަކުން މުއްސަނދިކަން ލިބިފައިވާ ފަރެކެވެ. ފޮއްދިއްޕަރު ދެކުނުގައިވަނީ ފޮއްދޫ އާއި ދެމެދުވާ ކަނޑުއޮޅިއެވެ. މިފިނޮޅުގެ ވަށައިގެންވާ ފަޅުގައާއި ފަރުގައި ގިނަ އަދަދަކަށް ފަރުމަސް އުޅެއެވެ.

ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި

ގިންތި 7: ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބަލް ޔޫޒް

 

10.         ނ. ކެނދިކުޅުދޫ ކުޅި

ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްކަމުގައި ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް

ކެނދިކުޅުދޫ އަކީ ނ. އަތޮޅުގެ އިރުމަތީގައި އޮންނަ247  ހެކްޓަރުގެ ރުއްގަސްގިނަ ރަށެކެވެ. މިރަށުގެ ގުދުރަތީ މުއްސަނދިކަން އެންމެ ބޮޑަށް ދައްކުވައިދެނީ މިރަށުގައިވާ ރާއްޖޭގެ ނިސްބަތުންވެސް ބޮޑު ކުޅިންނާއި ކަނޑޫފަލުންނެވެ. މިރަށުގެ އިރުން އަދި އުތުރުން ބޮޑު ދެ ކުޅި އޮވެއެވެ. މިރަށުގެ ކުޅި ސަރަހައްދުގައި ގިނަ އަދަދަކަށް އިރުވައިހުދާއި، ފިނދަނަ، ރާބޮނދި، ދޮން ރާބޮނދި، މާކަނާ އަދި ބޮނޑަނަ ދިރިއުޅެއެވެ. އަދި މިރަށަކީ ކަނޑުމަތީ ދޫނީވެސް ގިނަ އަދަދަކަށް ނިދަން އަރާ ރަށެކެވެ. އެގޮތުން ކިރުދޫނި އަދި ދަނޑިފުޅު ދޫނި މިރަށުން ގިނަ އަދަދަކަށް ފެނެއެވެ. މިރަށުގެ ކުޅި ސަރަހައްދުގައި ތަފާތު ވައްތަރުގެ ގަސްތައް ހުރެއެވެ. އަދި މިރަށުގެ ކަނޑުފާ ސަރަހައްދުގައި ކަނޑޫ، ރަނޑޫ، ކަރަމަނަ ގަސްތައް ވަރަށްބިޔަކޮށް ހެދިފައިވެއެވެ. އަދި މީގެ އިތުރުން މިރަށުގެ އެކި ދިމާއިން މީހުން ކެއުމައް ބޭނުންކުރާ ކުއްޅަވައް ގަސްވެސް ފެނެއެވެ. މިރަށުގެ ކުޅީގައި ގިނަ އަދަދަކަށް ބޭންގު ވިހާ އާލާވެއެވެ.

 

ރ. ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތިގިންތި 7: ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބަލް ޔޫޒް

 

11.         ނ. އޮރިމަސް ތިލަ

ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްކަމުގައި ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް

އޮރިމަސްތިލަ އަކީ ނ.ފެލިވަރާ 5 ކިލޯމީޓަރު ހުޅަނގުން އޮންނަ ފުންތިލަ އެކެވެ. މިސަރަހައްދަކީ ނ. އަތޮޅުގައި ފީނުމަށް ބޭނުންކުރާ މުހިންމު ސަރަހައްދެކެވެ. މިތިލައަކީ މަސްމަހާމެހި ގިނަ އަދި މުރަކައިގެ މުއްސަނދިކަން ލިބިފައިވާ ރީތި، ކުޑަ، ގާމަތީ ތިލައެކެވެ. މިތިލަ އަކީ ގިނަ އަދަދަކަށް ވައްބޯ މިޔަރު (Grey Reef Shark) ފެންނަ ސަރަހައްދެކެވެ. މިތިލައިގެ ބޮޑުބައި ހެދިފައިވަނީ ބޮޑެތި ގާތަކުންނެވެ. މިގާތަކުގެ އަރިމަތީގައި ހެދިފައި ހުންނަ ހޮހަޅަތައް ހުންނަނީ މުރަކައާއި، މަޑު މުރަކައިން ފުރާލާފައެވެ. މިތިލައިގައި ކުރެވުނު ސާރވޭތަކުން ތަފާތު 27 ބާވަތެއްގެ މަސްމަހާމެހިވަނީ ރެކޯޑްކުރެވިފައެވެ. މިގޮތުން ކަނޑުމަސް އަދި ހަނދި އައިންތަކާއި، ތަފާތު ވައްތަރުގެ ފަރުމަހާއި، މުރަކައިގައި ދިރިއުޅޭ ތަފާތު ކުލަކުލައިގެ ކުދިމަހާއި، އޮޅުފަތި މިޔަރާއި،(Sicklefin Lemon Shark)  ރާއްޖެއިން މަދުން ފެންނަ ފާނަ މިޔަރު (Whitetip Reef Shark) ވެސް މިތިލައިން ފެނެއެވެ.

 

ނ. ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި

ގިންތި 7: ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބަލް ޔޫޒް

 

މިސަރަހައްދުތައް ބެލެހެއްޓުމުގައި ޢަމަލުކުރާނީ (ގަވާއިދު ނަންބަރު: 2018/R-78 ) ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދުގައިވާގޮތުގެ މަތިން ކަމަށްވެސް  އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު