އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 12 ސިކުންތު
ސަރުކާރުން ވަކި ރަށެއް ތަފާތު ނުކުރައްވާނެކަމަށާއި، މާރަންދޫއަށް ބޭނުންވެގެން ރަށުގެ ކައުންސިލާއި މުޢައްސަސާތަކުން ފާހަގަކުރެއްވި ކަންކަން ވީހާވެސް އަވަހަށް ޙައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިޞަލް މިމޭރުމުން ވިދާޅުވީ ތިލަދުންމަތީ އުތުރުބުރީ މާރަންދޫއަށް މިއަދު ކުރެއްވި ޒިޔާރަތުގައި
މާރަންދޫ ސްކޫލްގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ރަށުގެ ޙާލަތާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮޅުންފިލުއްވެވުމަށްފަހުއެވެ.
މި ބައްދަލުކުރެއްވުމުގައި, މާރަންދޫ ކައުންސިލަރުން ދެއްކެވި ވާހަކަފުޅުގައި، ބައެއް އަސާސީ ޚިދުމަތްތައް އަދިވެސް ފުރިހަމަވެފައި ނެތުމުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާއި، ކުރިއަށް އޮތްތާނގައި ރަށަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ޙިއްޞާ ކުރެއްވިއެވެ.
މިގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށުގެ ފަޅުގެ ދަތިކަމާއި، ސްކޫލް ޢިމާރާތުގެ ހުރި ދަތިތައް ފާހަގަ ކުރައްވައި، ރަށުގެ ޒުވާނުންނަށް ފުޓުބޯޅަ ދަނޑެއްގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ.
ބަނދަރުމަތީގައި ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ކަމެއްގައި ވަކި ރަށެއް ތަފާތު ނުކުރުންކަމުގައި ވިދާޅުވެފައެވެ. އަދި ސަރުކާރުން ތަޢުލީމާއި، ޞިއްޙީ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމަށާއި، އެކަންކަމުގައި ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް ފެންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
Advertisement
21 ޖޫން 2019