އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާ އާ ދަރިންގެ މުސްތަޤްބަލް އުޖާލާކުރެވޭނީ މައިންބަފައިން ކުރާ އެންމެ ބޮޑު ކުށް ކުރުން ހުއްޓާލައިގެން!

ތިމާ އާ ދަރިންގެ މުސްތަޤްބަލް އުޖާލާކުރެވޭނީ މައިންބަފައިން ކުރާ އެންމެ ބޮޑު ކުށް ކުރުން ހުއްޓާލައިގެން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 43 ސިކުންތު

ދަރިންގެ މުސްތަގްބަލް އަނދިރިކުރަން އެންމެ ގިނަ މައިން ބަފައިން ކުރާ އެންމެ ބޮޑު ކުށަކީ ކޮބައިކަން އެނގެނީ ވެސް ވަރަށް މަދު މީހެކަށެވެ. ސަބަބަކީ މިކުރެވެނީ އެންމެ ބޮޑު ކުށް ކަމާއި މި ކުށުގެ ޒިންމާ އުފުލަން ތިމާއަށް ޖެހޭނެކަން ޤަބޫލުކުރެވެނީވެސް ވަރަށް މަދު ބެލެނިވެރިއަކަށް ކަމުގައިވާތީއެވެ. 

99 އިންސައްތަ ބެލެނިވެރިންނަށް މިއަދު ޤަބޫލު ކުރެވެނީ އެމީހުންނަށް ކުރެވޭ އެންމެ ބޮޑު ކުށަކީ ސްކޫލަށް ދަރިން ނުގެންދިއުން ކަމަށެވެ. ތަޢްލީމް ނުދިނުން ކަމަށެވެ. އެހެންކަމުން ކޮންމެ ގޮތަކުން ނަމަވެސް ކުދިން ސްކޫލަށް ގެންދާނެއެވެ. ކުއްޖާއަށް ނުހޭލެވޭނަމަ ފެންޖަހައި އަދި ނުވިތަނަކަށް ދަމައި ތެދުކޮށްގެން ވެސް ސްކޫލަށް ގެންދާނެއެވެ. މިހެން މިވެނި ދުނިޔަވީ ނަޒަރަކުން ކަންކަން ބަލާތީއެވެ. 

ރަނގަޅެވެ. ދަރިންނަށް ތައުލީމް ދޭން ޖެހޭނެއެވެ. އިސްލާމް ދީން އެންމެ ބޮޑަށް ބާރުއަޅާ އެއް ކަމަކީ އުނގެނުމަށެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް އެއިގެ މާކުރިއަށް މައިން ބަފައިންގެ މާބޮޑު ޒިންމާއެއް އެބައޮތެވެ. އެކަން ވިސްނިގެން ނޫނީ މައްސަލަ ހައްލެއް ނުކުރެވޭނެއެވެ. 

މައިންބަފައިން ފުރަތަމަ ވިސްނަން ޖެހޭނީ ފަޖުރުލައި ދޮޅުގަޑިއެއްހައި އިރުގެ ތެރޭގައި އިރުއަރާކަމެވެ. އިރު އެރުމުގެ ކުރިން ތިމާ ފަތިސް ނަމާދުކުރަން ޖެހޭނެ ކަމެވެ. އަދި ދަރިން ލައްވައި ފަތިސް ނަމާދުކުރުވަން ޖެހޭނެ ކަމެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ޖަވާބުދާރީވާން ޖެހޭ އަޅުކަން ކަމެވެ. ފަތިސް ނަމާދު ނުކޮށް ދުވަސް ފެށުމުން ދުވަސް އެ ފެށެނީ ﷲ ތައާލާ އެންގެވި ގޮތަށް ނޫން ކަމެވެ. އެހެންކަމުން ފުރަތަމަ ވެސް ﷲ ތަޢާލާގެ އަމުރުފުޅާއި ކަނޑައެޅިގެން ޚިލާފްވެވޭ ކަމެވެ. 

ﷲ ތައާލާ ދަރިން ދެއްވެވުމަށްފަހު އަންގަވާފައިވަނީ ހަމައެކަނި ކާންދީ ރީތި އަންނައުނުދީ އަދި ކިޔަވައިދިނުމަށް އެކަންޏެއް ނޫނެވެ. އިސްލާމް ދީނުގައިވާ ފަދައިން ތަރުބިއްޔަތުކުރުމަށް ވެސް ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. ވީއިރު ފަތިސް ނަމާދުކުރަން ދަރިން ތަރުބިއްޔަތު ނުކުރުވުމުގެ ޒިންމާ އާއިމެދު ވިސްނައިލެވޭ ބާވައެވެ! ޅަފަތުގައި ފަތިސް ނަމާދުކުރަން ތަރުބިއްޔަތު ނުކުރުވައިފިނަމަ އަދި އެހެން ނަމާދުތައް ކުރަންވެސް ތަރުބިއްޔަތު ނުކުރުވައިފިނަމަ ކުދިން ބޮޑެތިވުމުން އަމިއްލައަށް އެކަން ކުރާނީ ހާހަކުން ކުއްޖެކެވެ. 

މީސްތަކުންނޭވެ! ފަތިސް ނަމާދުގައި މިސްކިތަތއް މިހައިވަރަށް ފަޅުވެފައި މިވަނީ މިދެއްކި ވާހަކަތަކަށް ސަމާލުކަން ނުދެވި އޮތުމުންނެވެ. 

ޤަޞްދުގައި ނަމާދު އެޅުމަށްވުރެ ބޮޑު ފާފައެއް ނެތްކަމަށް ހުރިހާ ޢިލްމުވެރިން އިއްތިފާޤްވެވަޑައިގަންނަވައެވެ. ނިކަން ވިސްނައިބަލާށެވެ! ޤަޞްދުގައި ނަމާދު އެޅުމަކީ އެންމެ ބޮޑުފާފަ ކަމުގައިވާއިރުވެސް ފަތިސް ނަމާދު ނުކޮށް ނިދަން ތިބެން އަހަރެމެން ބިރެއް ނުގަނެއެވެ. މީހަކަށް ރެއެއްގައި ނުހޭލެވިދާނެއެވެ. ނަމަވެސް ޢާންމުގޮތެއްގައި ފަތިސް ނަމާދު ނުކުރާ މީހުންނަށް ދެއްކޭނެ އެއްވެސް އުޒުރެއް ނެތެވެ. 

މިއަދުގެ ހާލަތަކީ ހިތާމަވެރި ހާލަތެކެވެ. ސްކޫލަށް ދާ  ކުދިންގެ ތެރެއިން 100 އަކުން 99 ކުދިން ސްކޫލަށް ދަނީ ފަތިސް ނަމާދު ނުކޮށެވެ! އެކުދިންގެ މައިން ބަފައިންގެ ޒިންމާ ކޮބައިހެއްޔެވެ؟ މިކަން މިގޮތަށް މެދުވެރިމިވަނީ މަޙްޝަރު ދުވަހަށްވުރެ ދުނިޔެ ބޭނުންވާތީއެވެ. ނަރަކައިގެ އަޛާބަށް ބިރު ނުގަންނާތީއެވެ. މޮޅަށް ކިޔަވައިގެން ރަނގަޅު ނަތީޖާ ހޯދުމުން ލިބޭނެ ބޮޑު މުސާރަށް ސަމާލުކަން ދޭ ފަދައިން ނަރަކައިގެ ޢަޛާބަށް ބިރުވެތި ނުވެވޭތީއެވެ. ވީމާ މައިން ބަފައިންނަށް ކުރެވޭ އެންމެ ބޮޑު ކުށަކީ ކޮބައިކަން މިވަރުން އެނގޭނެ ކަމަށް ޤަބޫލުކުރަމެވެ. 

- "ޑެއިލީ ރިމައިންޑަރ" އިން މިއަދު ޝާއިއުކުރި ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް