އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ދަރުމަވަންތަ ސްކޫލް: އޭސީގެ ފިނިކަމާއިއެކު ވެސް، ކަންބޮޑުވުންތަކެއްގެ ސަބަބުން ހޫނު ކަމެއްގެ ތެރޭގަ!

ދަރުމަވަންތަ ސްކޫލް: އޭސީގެ ފިނިކަމާއިއެކު ވެސް، ކަންބޮޑުވުންތަކެއްގެ ސަބަބުން ހޫނު ކަމެއްގެ ތެރޭގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 16 މިނެޓް, 49 ސިކުންތު

ސަރުކާރު ސްކޫލެއް ކަމަށްވާ ދަރުމަވަންތަ ސްކޫލް ފުރަތަމަ އުފެދުނީ 2002 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އެއިރު ހިންގަމުންދިޔަ ހަމައެކަނި ފިރިހެން ކުދިންނަށް ތައުލީމު އުނގަންނައިދެމުންދިޔަ މަޖީދީއްޔާ ސްކޫލް ދެބައިކޮށް، އެފަދަ ދެވަނަ ސްކޫލެއްކަމުގައި ދަރުމަވަންތަ ސްކޫލް ވެެގެން ދިޔައެވެ.

ތައުލީމީ ފެންވަރު ރަނގަޅު، އޯލެވެލް އިމްތިހާނުގައި ވެސް ވަނަވަނަ ހޯދަމުންދިޔަ މިސްކޫލް، ދެ ޖިންސްގެ ކުދިންނަށް އެއްކޮށް ތައުލީމު އުނގަންނައިދޭ ސްކޫލެއް ގޮތުގައި 2010 ވަނަ އަހަރު ނިންމާ، އެފަދައިން އުނގަންނައިދޭން ފެށީ 2011 ވަނަ އަހަރުން ފެށިގެންނެވެ.

ނަމަވެސް މިހާރު ދަރުމަވަންތަ ސްކޫލްގެ މާހައުލު މިވަނީ، ބަދަލުވި އިމާރާތާއެކު، އެސްކޫލްގެ ބެލެނިވެރިންވެސް ނުހަނު ހިތްދަތިވެ ކަންބޮޑުވާ މިންވަރަކަށް ބަދަލުވެފައެވެ. ތަޢުލީމީ ފެންވަރަށް ބެލިކަމުގައިވިޔަސް ވަނީ ވަރަށް ބޮޑު ވެއްޓުމެއްގެ ތެރެއަށް ވެއްޓިފައެވެ. އެނގިފައިވާ ގޮތުގައި މިއަނދަވަޅަށް އެސްކޫލް ވެއްޓިފައިވާތާ މިހާރު ތިން އަހަރު ނުވަތަ ހަތަރު އަހަރު ވެދާނެއެވެ.

އެގޮތުން އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތަށް ބަލާއިރު 2013 ވަނަ އަހަރުގެ އޯލެވެލް އިމްތިޙާނުގައި ދަރުމަވަންތަ ސްކޫލުން ބައިވެރިވެފައިވަނީ 119 ދަރިވަރުންނެވެ. އޭގެތެރެއިން އަށް (8) މާއްދާއިން 34 (29%) ދަރިވަރުން ފާސްވެފައިވާއިރު ފަސް މާއްދާއިން 63 ކުދިން (53%) ފާސްވެފައިވެއެވެ. އަދި އެއަށްވުރެ ދަށުން ފާސްވީ 22 ކުދިން (18%) ނެވެ.

ނަމަވެސް 2017 ވަނަ އަހަރުގެ އެސްކޫލުގެ އޯލެވެލް ނަތީޖާއަށް ބަލާއިރު، އެއަހަރު ދަރުމަވަންތަ ސްކޫލުން އޯލެވެލް އިމްތިހާނުގައި ބައިވެރިވެފައިވަނީ 78 ކުދިންނެވެ. އޭގެތެރެއިން އަށް (8) މާއްދާއިން ފާސްވީ އެންމެ 16 (20%) ކުދިންނެވެ. އަދި ފަސް (5) މާއްދާއިން 29 (37%) ކުދިން ފާސްވެފައިވާއިރު އޭގެ ދަށުން ފާސްވެފައިވަނީ 33 ކުދިން (43%) ނެވެ.

އޯލެވެލް އިމްތިހާނުގެ ނަތީޖާގެ އިތުރުން، ސްކޫލް ހިންގުން ވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ގިނަ ބެލެނިވެރިން ބުނެފައިވާ ގޮތުގައި ދަރުމަވަންތަ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ދީދީ އަށް އެއްގޮތަކަށް ވެސް އެސްކޫލް ހިންގާކަށް ނޭނގެއެވެ.

ނަންހާމަ ނުކުރުމަށް އެދި އެސްކޫލްގެ މުދައްރިސަކާއި ބެހޭގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ބުނީ، ދަރުމަވަންތަ ސްކޫލްގައި ތައުލީމު އުނގަންނައި ދިނުމަށް އުޅުއްވާ އަރަބި ޓީޗަރެއް، އެސްކޫލްގެ ބައެއް ދަރިވަރުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށެވެ.

 

އެގޮތުން ބައެއް ދަރިވަރުންގެ ފައިގަ އެޓީޗަރު "ފިރުމި" ކަމަށާއި އެކަންބޮޑުވުން ސްކޫލްގެ މެނޭޖްމެންޓާއި ހިއްސާ ކުރިނަމަވެސް، އެކަމާމެދު ފިޔަވަޅެއް އެޅިކަމެއް އެނގިފައިނުވާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

 

މީގެއިތުރުން އެސްކޫލްގައި ތައުލީމު އުނގެނެމުންދާ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކަށް އެޓީޗަރު މަލާމާތްވެސް ކުރިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

"އަޅުގަނޑުގެ ދަރިފުޅު އެއްދުވަހު އައިސްފަ ބުނި، އެކުއްޖާއަށް (ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖާއަށް) އަރަބި ސަރ މަލާމަތް ކުރިވާހަކަ. ބުނި އެކުއްޖާ ވާހަކަ ދައްކާ ގޮތަށް ސަރ ވެސް ވާހަކަ ދެއްކީއޭ. އެކުއްޖާ އެކަމާ ވަރަށް ދެރަވިއޭ ވެސް. ދެން އެހެން ކުދިން، އެގޮތަށް ހެދީ ކީއްވެތޯ ސަރ ކައިރީ އެހީމަ ބުންޏޭ އެއީ އޭރުންނޭ އެކުއްޖާވެސް އެގޮތަށް ވާހަކަ ނުދައްކާ ރީތިކޮށް ވާހަކަ ދައްކާނީ" ނަންހާމަ ނުކުރުމަށް އެދި މައުލޫމާތު ދިން ބެލެނިވެރިއަކު ކިޔައިދިނެވެ.

އެނގިފައިވާ ގޮތުގައި އެއަރަބި ޓީޗަރު ކުރިން ހުންނެވީ މެންދުރުފަހުގެ ދަންފަޅިއަށް ކިޔަވާދޭށެވެ. ނަމަވެސް މިހާރު ހުންނެވީ ހެނދުނުގެ ދަންފަޅިއަށް ބަދަލުކޮށްފައެވެ.

ދަރުމަވަންތަ ސްކޫލްގައި މީގެކުރިން އިތުރު ހަރަކާތްތައް ވެސް ބޭއްވިއެވެ. ނަމަވެސް މިއަހަރު ފެށިގެން ފުރަތަމަ ޓާރމް ވެސް ނިމިފައިވާއިރު، އަދި ބޭއްވިފައިވަނީ އެންމެ އިތުރު ހަރަކާތެކެވެ. އެއީ ސްޕެލިންގ ބީ އެވެ. ޓީޗަރުންނަށް އަދި މިއަހަރު ފެށިގެން މިހާތަނަށް އައި އިރު އެކްޓިވިޓީ ކަލަންޑަރު ފެނިފައިނުވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މިއަހަރު ފެށިގެން ދިޔައިރު 15 ވަރަކަށް ޓީޗަރުން އެސްކޫލުން ކެނޑިގެން ގޮސްފައިވާ ކަމަށާއި، އެއީ އެހެން ސްކޫލްތަކުން ވަޒީފާ ލިބިގެން ދިޔައީކަމަށް ބުނިކަމުގައި ވިޔަސް، ހަގީގަތުގައި އެޓީޗަރުން ކެނޑިގެން ގޮސްފައިވަނީ ދަރުމަވަންތަ ސްކޫލް މިހާރު ހިންގަމުން އަންނަ ގޮތާއިމެދު ހިތްހަމަ ނުޖެހިގެންކަން ވެސް އެނގިފައިވެއެވެ.

މީގެކުރިން ދަރުމަވަންތަ ސްކޫލަކީ މާލޭގައި ހުރި ސަރުކާރު ސްކޫލްތަކުގެ ތެރެއިން އެންމެ ކުރީ ސަފުގައި ގުނާލެވޭ އެއް ސްކޫލެވެ. ނަމަވެސް ފާއިތުމިވީ ތިނެއް ނުވަތަ ހަތަރު އަހަރު ތެރޭގައި ސްކޫލްގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެއްޖެ ކަމާއި، ސްކޫލްގެ ޕްރިންސިޕަލަކީ އެހާ "ހިންގުންތެރި" ޕްރިންސިޕަލެއް ނޫން ކަމުގައި އެސްކޫލްގެ ބައެއް މުދައްރިސުންވެސް ފާހަގަ ކުރައްވާފައިވެއެވެ.

"މިއީ އެއްވެސް ވަރަކަށް ސަރގެ (ޕްރިންސިޕަލްގެ) ޕަރސަނިލިޓީއާއި ގުޅުން ހުރި، ޕާރސަނަލް ކަމެއް ނޫން. ސަރ އަކީ ގޯސް މީހެކޭ ނޫން މިބުނަނީ. ސަރ އަކީ ވަރަށް ރަނގަޅު މީހެއް. ހިތްހެޔޮ، މަޑުމައިތިރި ޚުލްޤުހެޔޮ މީހެއް. އެކަމަކު ސަރ ހިންގުންތެރިއެއް ނޫން" ނަންހާމަ ނުކުރުމަށް އެދި މުދައްރިސަކު "މިއަދުނޫހަށް" މައުލޫމާތު ދެއްވާފައިވެއެވެ.

އެގޮތުން ދިމާވި ބައެއް ހާދިސާ ވެސް އެސްކޫލްގެ ބައެއް މުދައްރިސުން ހިއްސާ ކުރައްވާފައިވެއެވެ.

"ސްކޫލްގައި އުޅުނު ގްރޭޑް އެކަކަށް ތައުލީމް އުނގަންނައި ދެއްވަމުން ދިޔަ ޓީޗަރެއް. އެޓީޗަރަށް ހަމަ ކުރީބައިގަ އަންގާވެސް ނުލާ އެއް ދުވަހު އެންގީ އަނެއް ދުވަހު ގްރޭޑް ހަޔަކަށް ކިޔަވާދޭން ނިކުންނަން. އެއީ ވީގޮތަކީ، މިއަހަރު ގްރޭޑް 6 އަށް އަލަށް ގެނައި ޓީޗަރެއް، އޭނަ އައީ އެސެސްމެންޓް ނިމެން އެއް ހަފްތާއަށް ވެފަ އިންދާ. އެޓީޗަރ އައިސް ކްލާހާ ޖޮއިން ކުރިއިރުގަ އެކުލާހުގަ ކުރިން ހުރި ޓީޗަރ ނެތިގެން މަހެއްހާ ދުވަސް ގޮސްފަ ހުރީމަ އެސެސްމެންޓްގެ ރިކޯޑެއްނެތް. ދެން ރިޕޯޓްސް ހަދަން ޖެހުނުއިރު ދަރިވަރުންގެ ފެންވަރުބެލޭނެ ރިކޯޑެއް ނެތް. ރިޕޯޓްސް ހެދިއިރުވެސް އެޓީޗަރު ބުނަމުންދިޔަ ޑެޕިއުޓީ ޕްރިންސިޕަލް ކައިރީގަ ވެސް ޕްރިންސިޕަލް ކައިރީގަވެސް އެއްވެސް ވަރަކަށް ނެތޭ ކުދިންގެ ފެންވަރު ވަޒަންކޮށްފަކާއެއް، ތިމަންނައަކަށް ނޭނގޭނެއޭ އެންމެ ދުވަހަކު ކުއްޖަކަށް ބަލާލާފައެއް ބުނާކަށް އެވެނި ކުއްޖަކީ މޮޅުކުއްޖެކޭ ނޫނީ ދެން ހުރި ކުއްޖަކީ އެހާ މޮޅު ކުއްޖެއް ނޫނެކޭ ބުނާކަށް. ބައިވަރު އެއްޗިއްސަށް އަސްލު ބަލަން ހުރޭ، އެހެންވެ ގްރޭޑް ހައަކަށް އަލަށް ގެނައި އެޓީޗަރ ބުނަމުންދިޔަ ތިމަންނަ ނުހަދާނަމޭ އެރިކޯޑް ޝީޓެއް. ދެން ސްކޫލުން އެޓީޗަރަށް ގެރެންޓީ ދިނީ ސްކޫލުން ޒިންމާ ނަގާނެ ކަމަށް. އެއީ ބެލެނިވެރިން ޝަކުވާ ކޮށްފިއްޔާ ސްކޫލުން ޒިންމާ ނަގާނެކަމަށް، ބުނެފަ ވީގޮތަކީ އެންމެ ފަހު ވަގުތު ބެލެނިވެރިން މައްސަލަ ޖައްސަން ފެށީމަ ސްކޫލުން އެކަމާ އަޅާނުލީ. އެޓީޗަރުގެ ބޮލަށް ހުރިހާކަމެއް ޖެހީ. އެޓީޗަރަކީ އެހެން ރަށެއްގަ ހުރެފަ، ދަރުމަވަންތަ ސްކޫލަށް މުޅިން އަލަށް ޖޮއިންކުރި ޓީޗަރެއްވީމަ ކޮންމެ ގޮތެއް ވިޔަސް ވަރަށް ޕްރެޝަރގަ ހުރީ. ދެން ސްކޫލުން ކެނޑެންވެގެން ސިޓީލާފަވެސް އެޓީޗަރ ބޭނުންވި ފަހުން ސްކޫލަށް އަންނަން. އެކަމަކު އައިސްފަ ވީގޮތަކީ ދެން މިބުނާ ގްރޭޑް އެކެއްގަ ކިޔަވާދޭން ހުރި ޓީޗަރު ބަދަލު ކުރީ ގްރޭޑް ހައެއްގެ އެޓީޗަރު ހުރި ކްލާހަށް. މިބުނާ އަލަށް އައި ޓީޗަރު އެކެއްގެ ކްލާހަށް ބަދަލު ކޮށްފަ. އަސްލުގަ އެހެނެއް ނުހެދޭނެ. އެއް މަހުގެ މުއްދަތެއް ދީފަ އެގޮތަށް ކަންތައް ކުރެވެން ޖެހޭނީ. އެކަމަކު ޖެހިގެން އައި ދުވަހު ހަމަ ހައެއްގެ ކްލާހަށް ބަދަލުވާށޭ ބުނީ. އަދި އެކަކަށް ކިޔަވާދިން ޓީޗަރު އެކްލާހަށް ދިޔައިމަ ޕްރިންސިޕަލް އެޓީޗަރ ބޭރުކުރީ. ބުނީ ކްލާހުން ނިކުންނާށޭ. އަސްލުގަ ސަރ އަށް އެހެން ނުހެދޭނެ. ސަރ އަށްވެސް އެހެން ޓީޗަރުން ބޭރަށްނެރި ނުހެދޭނެ ސިވިލް ސަރވިސްގެ ޤަވައިދު ބުނާގޮތުން ވެސް. ދެން މިހެން ކަންތައް ކުރީމަ ސްކޫލްގެ ބައިވަރު ޓީޗަރުންތަކެއް އެދުވަހު ހަމަ ކްލާސް ދޫކޮށްފަ ނިކުތީ. ނިކުމެ މިނިސްޓްރީ އަށް ގޮސް މައްސަލަ ޖެއްސީވެސް"

މައުލޫމާތު ދެއްވި ޓީޗަރުން ބުނުއްވި ގޮތުގައި އެބޭފުޅުން ބޭނުންވަނީ ސްކޫލްގެ މައްސަލަތަކެއް ޖައްސާ މަސްލަޙަތު ނަގާލުމެއް ނޫނެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ސްކޫލްގެ މަސްލަޙަތު ނަގާލާ، މައްސަލަތަކެއް ޖެއްސުމެއް ނޫން. އެހެންނަމަވެސް ކަންބޮޑުވުންތަކެއް ހުރުމާއެކު، އެކަންކަން އިސްލާޙުވުން. އެއީ އަޅުގަނޑުމެންގެ ދަރިވަރުންނަށް ވިސްނާފަ އެދަރިވަރުންގެ މުސްތަޤްބަލަށްޓަކައި. މިއީ އިސްލާޙީ މަސައްކަތެއް" މުދައްރިސުން ބުނެފައިވެއެވެ.

"މިއަދުނޫހަށް" މައުލޫމާތު ލިބިފައިވާ ގޮތުގައި، ދަރުމަވަންތަ ސްކޫލްގެ މިކަހަލަ "ކަންބޮޑުވުންތަކެއް" ހުރުމުގެ ސަބަބުން، މިހަފްތާގައި އެޑިއުކޭޝަން މިނިސްޓްރީގެ ޓީމަކުން ދަނީ އެސްކޫލް ކަންކަން ގާތުން ބަލަމުންނެވެ.

ދަރުމަވަންތަ ސްކޫލްގެ ހުރި ބައެއް ކަންކަން ހިއްސާ ކުރަމުން އެއް ބެލެނިވެރިއަކު ބުނެފައިވަނީ ސްކޫލްގެ ޕްރިންސިޕަލް ޓީޗަރުންނާއި ދޭތެރޭ ތަފާތު ކުރުންތަކެއް ގެންގުޅޭކަން އެނގިފައިވާ ކަމަށެވެ.

"އަޅުގަނޑުގެ ރަށްޓެހި ޓީޗަރެއް ހުރޭ ސްކޫލްގެ ޓީޗަރަކަށް. ދަރިފުޅުވެސް ތައުލީމު ހާސިލް ކުރަނީ އެސްކޫލްގަ. އެޓީޗަރު ބުނި ވަރަށް ބޮޑަށް ތަފާތު ކުރާ ވާހަކަ. ޕްރިންސިޕަލްއަށް ކަމުދަންޔާ އެއިނީ އެހިސާބުން ހަމަ އެއް ވަނައިގަ. އެގޮތަށް އެއް ވަނައިގަ ތިބޭ ޓިޗަރުން ދެން އަންނަ އަހަރަކު ބޭނުމީ ވަކި ކްލާހެކޭ ބުނެފިއްޔާ އެޓީޗަރަކަށް އެބުނާ ކްލާހެއްދޭ. އެކަމަކު ދެން ތިބޭ ޓީޗަރުންނަށް ޖެހެނީ ގުރުއަތުލައިގެން ނަގަން، ކޮން ކްލާހެއްތޯ ލިބެނީ." ނަންހާމަ ނުކުރުމަށް އެދި އެބެލެނިވެރިޔާ ބުންޏެވެ.

މީގެއިތުރުން އެހެން ބެލެނިވެރިއަކު އުފުލާފައިވަނީ ސްކޫލްގެ އެއް ސިޑިބަރި ހަނިކަމުގެ ކަންބޮޑުވުމެވެ.

"ވާތް ފަރާތުގަ އިންނަ ސިޑިބަރި ވަރަށް ކުޑަވެފަ ހަނި. އަޮފީސް ފަޅީގަ ތަންކޮޅެއް ފުޅާ ސިޑިބަރިއެއް އިންނަނީ. ކޮންމެ ބުރާސްފަތި ދުވަހެއްގަ އަރަންޖެހެނީ މިބުނާ ކުޑަ ސިޑިބަރިން. އެހެންވެ އެއް ލައިނުގެ ލައިނެއް ހަދައިގެން އަަރަންޖެހެނީ. އެވަރުން ނުވެގެން، އެހާ ހާލުން އެސިޑިން އަރައަރާ ތިއްބާ ހަމަ އޭގެން ބައެއް މީހުން ފައިބަން ފަށާނެ. ބުރާސްފަތި ދުވަހު ދަބަސް ބަރުވާނެތީ، ބެލެނިވެރިންނަށް ޖެހެނީ ސިޑިން އަރަން، ކުއްޖާ ބަލާގޮއްސަ." ބެލެނިވެރިއެއް އޭނާގެ ކަންބޮޑުވުން ހިއްސާ ކުރިއެވެ.

އެހެން ބެލެނިވެރިއަކު ބުނިގޮތުގައި ދަރުމަވަންތަ ސްކޫލްގެ މެނޭޖްމެންޓުން ކަންކަން ކުރަމުން އަންނަ ގޮތް މިހާރު ވަރަށް ދަށެވެ.

"ސްކޫލް މެނޭޖްމެންޓް ސައިޑުން މިހާރު ހަމަ ވަރަށް ދަށް. އަހަރު މެދުތެރެއިން ޓީޗަރުން ވެސް އެހެން އަންގާނުލާ ބަދަލުކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ކުދިންނަށް ވެސް ކުރޭ. ދެން އަނެއް ކޮޅުން ދަރުމަވަންތަ ސްކޫލަށް ކުރިން ލިބިފަ އިން އިމާރާތް މިހާރު އެއިނީ މަޖީދިއްޔާއިން ނަގާފަ. އެއީ ވެސް އަސްލު މެނޭޖްމެންޓު ދޯދިޔާކަމުން. މިހާރު ދަރިވަރުން އެއުޅެނީ ވަރަށް ކުޑަތަންކޮޅެއްގަ. އެތަނުގަ ކުދިންނަށް ކުޅެލަން އުޅެވޭނެ ޖާގައެއް ވެސް ނެތް. މިކަމާ ބެހޭގޮތުން ވެސް ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރީމަ ޕްރިންސިޕަލް ނެތް ޕޮޒިޓިވް ޖަވާބެއް ދެއްވާފައެއް." ބެލެނިވެރިއަކު ބުންޏެވެ.

ކޮންމެހެނަކަސް ދަރުމަވަންތަ ސްކޫލުގައި ހުރި މިފަދަ ކަންބޮޑުވުންތައް ބައިވަރެވެ. އެކަންކަމުގެ ސަބަބުން ބެލެނިވެރިން ވަނީ ޕެޓިޝަނެއް ވެސް ހަދާ މިދިޔަ މަހު އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައެވެ. މިކަންކަން ބެލުމަށް މިހާރު މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.

މިކަންކަމާއި ގުޅޭގޮތުން ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ދީދީ ގެ ބަހެއް ހޯދާލުމަށް ގުޅާލުމުން، އެބޭފުޅާ އެވަގުތު މީޓިންއެއްގައި އިންނެވުމުންނާއި ފަހުން ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން، ޕްރިންސިޕަލްގެ ބަހެއް ހިމަނާލެވޭގޮތް ނުވިއެވެ.

ނަމަވެސް ސްކޫލްގެ އެއް ލީޑިން ޓީޗަރ އެއް ކަމަށްވާ އަދީލާ "މިއަދުނޫހަށް" ގުޅުއްވާފައި، މައުލޫމާތު ބޭނުންވަނީ ކޮންކަމަކާއި ގުޅޭގޮތުންތޯ ސުވާލު ކުރެއްވުމަށްފަހު ދެންނެވީ ދަރުމަވަންތަ ސްކޫލްގައި އެފަދަ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަވެފައި ނެތް ކަމަށާއި ސްކޫލް ހިންގުމުގެ މައްސަލައެއް ވެސް އުޅޭކަން ފާހަގަވެފައި ނުވާ ކަމަށެވެ. މީގެއިތުރުން އަދީލާ ވިދާޅުވެފައިވަނީ ސްކޫލްގައި މިހާރުވެސް އިތުރު ހަރަކާތްތައް ބާއްވާ ކަމަށާއި، އޭގެތެރޭގައި ކެޑޭޓާއި ބޭންޑްގެ އިތުރުން މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތުގައި ހަރަކާތެއް ހުށަހެޅުމަށް ދަރުމަވަންތަ ސްކޫލަށް ވެސް ފުރުސަތު ލިބިފައިވާތީ، އެހަރަކާތުގެ ފަރިތަކުރުންތައް ވެސް ސްކޫލްގައި ކޮންމެރެއަކުހެން ބާއްވަމުން ގެންދާ ކަމަށެވެ.

އަރަބި ޓީޗަރާއި ގުޅޭގޮތުން އެއްވެސް މައްސަލައެއް ބެލެނިވެރިއެއް ވިޔަސް ހުށަހަޅާފައިވޭތޯ ސުވާލު ކުރުމުން، އަދީލާ ވިދާޅުވީ އެފަދަ މައްސަލައެއް ވެސް ބަލަމުންދާކަން އެނގިފައި ނެތްކަމަށާއި ބަލަމުންދާނަމަ އެނގޭނެ ކަމަށެވެ. އަދި މިނިސްޓްރީއަށް ވެސް އެފަދަ ކަމެއް އުޅޭނަމަ ހުށަހަޅާނެ ކަމަށެވެ. ނަމަވެސް "މިއަދުނޫހަށް" މައުލޫމާތު ލިބިފައިވާ ގޮތުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖާއާއި ދޭތެރޭ ކަންތައް ކުރިގޮތުގެ ވާހަކަ އެކުއްޖާގެ ބެލެނިވެރިޔާވަނީ ސްކޫލާއި ހިއްސާ ކޮށްފައެވެ. އެކަމާމެދު ސްކޫލުން ފުރަތަމަ ފިޔަވަޅެއް އަޅާފައިނުވާތީ، އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް މައްސަލަ ޖެއްސިކަމަށާއި ސިޓީއެއް ވެސްލި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އަރަބި ޓީޗަރު ފަހުން ހެނދުނު ދަންފަޅިއަށް ބަދަލުކުރީ ވެސް އޭގެ ފަހުންކަން ބެލެނިވެރިޔާ ފާހަގަ ކޮށްފައިވެއެވެ. އިތުރު ފިޔަވަޅެއް އަޅާފައިވާކަމެއް އެނގިފައެއް ނުވެއެވެ.

މިކަންކަމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރާއި ގުޅޭގޮތް ނުވުމުގެ ސަބަބުން، އެބޭފުޅާގެ ބަހެއް ވެސް ވަނީ ހޯދޭގޮތް ނުވެފައެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


32%
ވ.ރަނގަޅު
7%
ރަނގަޅު
9%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ