އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ދީނުގެ ޢިލްމު ހިތުގަ ހަރުލައްވަން، ޤްރުއާން ހިތުދަސްކުރަން އުނދަގޫވާ ނަމަ އިޚްލާޞްތެރިކަން އިތުރުކުރާށެވެ!: މުފްތީ މެންކް

ދީނުގެ ޢިލްމު ހިތުގަ ހަރުލައްވަން، ޤްރުއާން ހިތުދަސްކުރަން އުނދަގޫވާ ނަމަ އިޚްލާޞްތެރިކަން އިތުރުކުރާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 22 ސިކުންތު

މުސްލިމުންގެ ތެރެއިން ބައެއް މީހުންނަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އިޚްލާޞްތެރިކަމަކީ ކޮބައިކަން ނުއެނގުމެވެ. ވީމާ ފުރަތަމަ ކަމަކީ އިޚްލާޞްތެރިކަމަކީ ކޮބައިކަން ދަސްކުރުމެވެ. ހިތުގެ އެންމެ މަތީ މަޤާމް އިޚްލާޞްތެރިކަމަށް ދިނުމެވެ. 

އަލަށް އިސްލާމްވާ ވަރަށް ގިނަ މީހުން އިސްލާމްވުމަށްފަހު އަމަލުތަކުގައި އިޚްލާޞްތެރިކަން އިތުރުކަން ފާހަގަކުރެވެއެވެ. އެއީ އެމީހުން އިސްލާމްވީ އިޚްލާޞްތެރިކަމާއިއެކުގައި ކަމަށްވާތީއެވެ. އެ އިޚްލާޞްތެރިކަމުގައި ދެމިތިބެން ގަދައަޅައި މަސައްކަތްކުރާތީއެވެ. ހަމަ އެއާއިއެކު އެމީހުން އިސްލާމް ވަނީ އިސްލާމް ދީނުގެ ކަންކަން ވަރަށް ރަނގަޅަށް ބަލައި އިސްލާމް ދީނުގައި ހުރި ރަނގަޅުކަންކަން ޤަބޫލުކުރެވިގެން ކަމަށްވާތީއެވެ. ނަމަވެސް މުސްލިމުންގެ ގޮތުގައި ތިބެ އިސްލާމް ދީނުގައި ހުރި ފައިދާތައް ދެނެގަންނަން މަސައްކަތްކުރަން މުސްލިމުން މިދަނީ ފަސްޖެހެމުންނެވެ. 

ދީނުގެ ކަންކަން އޮޅުފިލުވަން މަސައްކަތްކުރި ނަމަވެސް ހަނދާނުގައި ހަރުނުލާ ކަމަށް ބައެއް މީހުން ބުނެއެވެ. ކީރިތި ޤްރުއާން ކިޔެވި ނަމަވެސް ހިތުދަސް ނުކުރެވޭ ކަމަށްވެސް ބައެއް މީހުން ބުނެއެވެ. މިކަންކަމުގައި އެކިމީހުންގެ ޤާބިލުކަން ހުންނާނީ އެކިވަރަށެވެ. އެންމެންނަކީ އެއްވަރަށް ތޫނުފިލިކަން ލިބިފައިވާ ބައަކަށް ނުވެދާނެއެވެ. ނަމަވެސް ގިނަ ފަހަރު އެގޮތަށް މެދުވެރިވަނީ ހިތުގައި އިޚްލާޞްތެރިކަމެއް ނެތި ކަމަކަށް ކަމެއް ކުރާ އުޞޫލުން ކަންކަން ކުރަން އުޅެވޭތީއެވެ. ވީމާ އިކްލާޞްތެރިކަން އިތުރުކުރާށެވެ! މައްސަލަތަކަށް ހައްލު ލިބޭނެއެވެ! އިން ޝާ ﷲ! 

މީގެ އިތުރުން ތިމާއަކީ ވަރަށް ގިނަ ދީނީ މައުލޫމާތު ލިބިގެން ހުރި މީހަކަށްވެދާނެއެވެ. ކީރިތި ޤްރުއާން އެކުގައި ނުވަތަ ބޮޑުބައެއް ހިތުދަސް މީހަކަށްވެސް ވެދާނެއެވެ. ނަމަވެސް ތިމާއަކީ އިޚްލާޞްތެރިއަކު ކަމުގައި ނުވާނަމަ އެއިން އެއްވެސް ކަމަކުން އެމީހަކަށް ކުރާނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ. 

ރަނގަޅަށް ވިސްނައިލާށެވެ! ދީނީ ޢިލްމު އުނގެނިގެން ތިބި ހުރިހާ ޢިލްމުވެރިން އިސްލާމް ދީނަށް ޚިދުމަތްކުރާނަމަ ދުނިޔޭގައި މުސްލިމުންގެ ހާލަތު މިހާރަށްވުރެ އެތައް ހާސް ގުނައަކަށް ކުރި ނާރަންވީ ކީއްވެގެން ހެއްޔެވެ؟ ކީރިތި ޤްރުއާން އުނގެނިގެން ތިބި އެންމެން އިސްލާމް ދީނަށް ޚިދުމަތް ކުރާނަމަ ޤްރުއާން ކިޔަވަން ނުއެނގޭ މުސްލިމުން މިހައި ގިނަވާނެ ހެއްޔެވެ؟ މިފެންނަނީ އިޚްލާޞްތެރިވުމުގެ މައްސަލަތަކެވެ! 

ކޮންމެ ޢިލްމުވެރިއަކީ ދީނީ ޢިލްމުވެރިއަކަށްބުވެދާނެއެވެ. ޑޮކްޓަރުންނާއި އެކައުންޓެންޓުން ފަދަ މަސައްކަތްކުރާ މިހުންވެސް ތިބޭނެއެވެ. މުޖުތަމައު ކުރިއަރާނީ އެމީހުންގެވެސް ބައިވެރިވުމާއިއެކުގައެވެ. ވިސްނަންވީ ކަމަކީ ކޮންމެ ދާއިރާއަކުން ޢިލްމުވެރިވެގެން ހުރި ނަމަވެސް ﷲ ތައާލާއަށް އިޚްލާޞްތެރިވުމެވެ. 

މިސާލަކަށް މުސްލިމް ޑޮކްޓަރެއްގެ ކިބައިން ފަރުވާ ހޯދަން މީހަކު ހިނގައްޖެނަމަ އެމީހަކަށް އެހެން ދީންތަކުގެ ޑޮކްޓަރުންނަށްވުރެ ބޮޑަށް އިޚްލާޞްތެރިވާން ޖެހޭނެއެވެ. އޯގާތެރިވާން ޖެހޭނެއެވެ. އެފަދައިން އިޚްލާޞްތެރިވުމަކީ އިސްލާމް ދީނަށް ނަޞްރު ލިބޭނެ ކަމެކެވެ. މީސްތަކުންގެ ހިތްތަކުގައި މުސްލިމުންނަށް ލޯތްބާއި އިޙްތިރާމް އިތުރުވާނެ ކަމެކެވެ. 

- މުފްތީ މެންކުގެ ދަރުސަކުން  

 

 

 

 

އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
0%
ރަނގަޅު
33%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް