އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހިރާއްޖެއަކީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްނުވާ ޤައުމެއް ކަމުގައި ޑަބްލިޔޫއެޗްއޯއިން ކަނޑައަޅައިފި

ދިވެހިރާއްޖެއަކީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްނުވާ ޤައުމެއް ކަމުގައި ޑަބްލިޔޫއެޗްއޯއިން ކަނޑައަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 24 ސިކުންތު

ދިވެހިރާއްޖެއަކީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްނުވާ ޤައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅައި އެކަމުގެ ލިޔުންން ހަވާލު ކޮށްފިއެވެ.

މިކަމަށްޓަކައި ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ފަރާތުން ލިއުން ހަވާލުކުރެއްވީ އެ ޖަމްއިއްޔާގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގްއެވެ. އަދި ދިވެހިރާއްޖޭގެ ފަރާތުން މި ލިއުމާ ހަވާލުވެ ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މި ސަރޓިފިކޭޝަން ލިބުމުން ދިވެހިރާއްޖެ ވެގެން މިދިއައީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްނުވާ ކަމުގައި ކަނޑައެޅުނު މިސަރަހައްދުގެ ދެވަނަ ޤައުމުގައި އަދި މުޅި ދުނިޔެއިން 12 ވަނަ ޤައުމު ކަމުގައެވެ.

މިއީ ގައިންގަޔަށް އަރާ ބައްޔެއް ނައްތާލެވުނު ކަމަށް ދިވެހިރާއްޖެއަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ލިބުނު 4 ވަނަ ސެޓިފިކޭޝަންއެވެ. (މީގެ ކުރިން މެލޭރިއާ، ފައިލޭރިއާ އަދި ހިމަބިހި ނައްތާލެވުނުކަމަށް ދިވެހިރާއްޖެ ވަނީ ސަރޓިފައި ވެފައެވެ). އަދި މީގެ އިތުރުން ރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ޕޯލިއޯ އަދި ތުއްތު ކުދިންނަށް ޖެހޭ ޓެޓަނަސް ނައްތާލެވުނު ކަމަށް ވަނީ ކަނޑައެޅިފައެވެ.

ދިވެހިރާއްޖެ މިއަދު ހާސިލް މިކުރި ސަރޓިފިކޭޝަން ހޯދުމުގެ މަސައްކަތް ފެށިފައިވަނީ 2014 ވަނަ އަހަރުއެވެ. މިގޮތުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިކަމަށް ކަނޑައަޅުއްވާފައިވާ ސްޓޭންޑަޑް ތަކާ އެއްގޮތަށް، މިމަސައްކަތް ވިލަރެސް ކުރުމަށް ނެޝަނަލް ވެލިޑޭޝަން ކޮމިޓީއެއް ޤާއިމު ކުރެވުނެވެ. އަދި ކަނޑައެޅިފައިވާ މިންގަޑުތަކާއެއްގޮތަށް ކަންތައްތައް ހުރިތޯ ދެނެގަތުމަށްޓަކައި 2018 ވަނަ އަހަރުގެ ކުރީކޮޅު ކަމާގުޅޭ ތަފާސް ހިސާބާއި މައުލޫމާތު އެއްކުރުމުގެ ހަރަކާތްތަކެއް މުޅި ރާއްޖޭގައި ހިންގުނެވެ.

މީގެ ތެރޭގައި މާބަނޑު ދުވަސްވަރު ސިއްހީ ޚިދުމަތް ހޯދާ މީހުންގެ ނިސްބަތާއި، މާބަނޑު ދުވަސްވަރު އެޗް.އައި.ވީ އަދި ސިފިލިސްއަށް ޓެސްޓް ކުރެވޭ މީހުންގެ ނިސްބަތް ދެނެގަނެވުނެވެ.

2018 ވަނަ އަހަރުގެ ތެރޭގައި މިކަމާ ގުޅޭ ޤައުމީ ރިޕޯރޓް އެކުލަވާލައި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއަށް ހުށަހެޅުނެވެ. އެއަށްފަހު މި ރިޕޯރޓްގައިވާ ކަންތައްތައް ފުރިހަމަވެފައި ހުރި މިންވަރު ދެނެގަތުމަށް ސަރަހައްދީ ވެލިޑޭޝަން ޓީމެއް ރާއްޖެ ވަޑައިގަތެވެ. މިޓީމުން މާލެއާއި އަތޮޅު ތެރޭގެ ސިއްހީ ޚިދުމަތްދޭ ބައެއް ތަންތަނާއި، އުފަންވެނި ސިއްހަތާއި އަދި މައިންނާއި ތުއްތުކުދިންގެ ސިއްހަތާ ބެހޭ ޕްރޮގްރާމްތައް، އަދި އެޗް.އައި.ވީއާއި ޖިންސީ ގުޅުމުން އަރާ ބަލިތަކާ ބެހޭ ޕްރޮގްރާމްތައް ހިނގާ ގޮތާއި މިކަމާބެހޭ ކަންކަން ދިރާސީ ރޮގަކުން ބައްލަވައިފާވެއެވެ.

ރީޖަނަލް ވެލިޑޭޝަން ޓީމުން ބެއްލެވި ކަންތައްތަކާއެކު ދިވެހިރާއްޖޭގެ ހުށަހެޅުން މިކަމާގުޅޭ ގްލޯބަލް ވެރިފިކޭޝަން ކޮމިޓީއަށް ހުށަހެޅުނެވެ. ކަމާ ގުޅޭ ދާއިރާތަކުގެ ފަންނީ ބޭފުޅުން ބޭފުޅުން ހިމެނޭ ދުނިޔޭގެ ފެންވަރުގެ މި ގްލޯބަލް ކޮމިޓީއިން ރާއްޖޭގެ ރިޕޯރޓާއި، ސަރަހައްދީ ކޮމިޓީގެ ރައުޔަށް ބެއްލެވުމަށްފަހު، ދިވެހިރާއްޖެއިން މިލަނޑުދަނޑި ޙާސިލް ކޮށްފިކަމަށް މިއަހަރު މި ވަނީ ނިންމަވާފައެވެ. އެކޮމިޓީއިން މިގޮތަށް ނިންމެވުމުގައި އަންނަނިވި ކަންތައްތަކުގެ މައްޗަށް ބައްލަވައިފާވެއެވެ.

 

- ބަލި އުޅޭ މިންވަރު ދެނެގަނެވޭ 'ވެލިޑޭޝަން ސްޓޭންޑަރޑް'ގެ ސަރވެއިލެންސް ނިޒާމެއް ޤާއިމުވެފައި އޮތުން - ބޭނުންވާ ތަފާސްހިސާބުތައް ލިބެމުންދާ ނިޒާމެއް އޮތުން

- މާބަނޑު ދުވަސްވަރު ބޭނުންވާ ސިއްހީ ޚިދުމަތްތައް އަދި އެޗް.އައި.ވީ އާއި ސިފިލިސްއަށް ޓެސްޓް ކުރުމުގެ ޚިދުމަތް އެންމެނަށް ފަސޭހައިން، އަތްފޯރާ އަގުގައި ފޯރުކޮށްދިނުން

- މާބަނޑު މީހުންގެ ތެރެއިން ސިއްހީ ޚިދުމަތް ހޯދާ މީހުންގެ ނިސްބަތް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅުއްވާފައިވާ އާންމު މިންގަނޑުތަކަށް ވުރެ މަތީގައި ހުރުން

- ކަމާބެހޭ ތަފާސްހިސާބުތައް ހުރިގޮތް ބެލެވުނު ދެއަހަރު (2016 އަދި 2017) ރާއްޖޭގައި މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ޖެހިފައިވާ އެއްވެސް ކުއްޖަކު ފެނިފައި ނުވުން - ބަލިދެނެގަތުމަށް ޓެސްޓް ކުރުމަށް ފެންވަރު ކަށަވަރު ކުރެވިފައިވާ ލެބޯރޓްރީ ޚިދުމަތް ލިބެން ހުރުން - މާބަނޑު ދުވަސްވަރު ދޭންޖެހޭ ސިއްހީ ޚިދުމަތްތަކާއި، އެޗް.އައި.ވީ އަދި ސިފިލިސްއަށް ޓެސްޓްކުރުމާއި، މިބަލިތަކަށް ދޭންޖެހޭ ފަރުވާއާއި ގުޅޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅިފައި ހުރުން

- އެޗް.އައި.ވީ އަދި ސިފިލިސްއަށް ފަރުވާ ލިބެން ހުރުން

- ނާޒުކު ގިންތިތަކަށާއި، އިޖްތިމާއީ ގޮތުން އެކަހެރިވެފައިވާ ފަރާތްތަކަށްވެސް މި ޚިދުމަތްތައް ލިބެން ހުރުން

- ޚިދުމަތްލިބޭ އެންމެންގެ ޙައްޤުތައް ރައްކާތެރި ކުރުން

މި ސަރޓިފިކޭޝަން ހޯދުމުގައި ވެލިޑޭޓްކުރެވުނު ގިނަ ކަންތައްތަކަކީ ވަރަށް ދުވަސް ވަންދެން ދިވެހިރާއްޖޭގައި ޤާއިމް ކުރެވި، ރައްޔިތުންނަށް ކަމާގުޅޭގޮތުން ޚިދުމަތްދިނުމުގައި ބޭނުންކުރެވެމުން އަންނަ ކަންތައްތަކެވެ. މިފަދަ ސަރޓިފިކޭޝަންއެއް ލިބުމުގެ މުހިންމު ބޭނުމާއި ފައިދާތަކުގެ ތެރޭގައި އުފަންވެނި ސިއްހަތާއި، މައިންނާއި ތުއްތުކުދިންގެ ސިއްހަތާއި، ލެބޯރޓްރީގެ ޚިދުމަތްތަކާއި، އެޗް.އައި.ވީ އަދި ޖިންސީ ގުޅުމުން އަރާ ބަލިތަކާ ބެހޭ ޕްރޮގްރާމްތައް ތަފްސީލުކޮށް ބަލާ ދިރާސާކުރެވެމުން ދިއުމާއި މި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅަށް ދެމެހެއްޓިގެންދިއުން ހިމެނެއެވެ.

މިއަދު ސަރޓިފިކޭޝަން ލިބުމާއެކުވެސް މިހާރު ޤާއިމު ކުރެވިފައިވާ ކިދުމަތްތައް މި ފެންވަރުގައި ދަމަހައްޓާކަން ދުނިޔޭގެ ސިއްހަތު ޖަމައިއްޔާއިން ކަށަވަރުކުރަމުން ގެންދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް