އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމީ ޝަރީޢަތަކީ މާތް މަތިވެރި ޝަރީޢަތެކެވެ.

އިސްލާމީ ޝަރީޢަތަކީ މާތް މަތިވެރި ޝަރީޢަތެކެވެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 31 މިނެޓް, 11 ސިކުންތު

އިސްލާމީ ޝަރިޢާތަކީ ވަރަށް މާތް މަތިވެރި ޝަރީޢަތެކެވެ. އެއީ ރައްބުލް ކާއިނާތުގެ ޝަރީޢަތެވެ. އިންސާނާ އުފެއްދެވި މަތިވެރި އިލާހުގެ ޝަރީޢަތެވެ. އިންސާނާގެ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތުން ބާވައިލެއްވި ޝަރީޢަތެކެވެ. އެ ފަރާތަކީ އިންސާނާގެ ވެރި ރައްބުއެވެ. އިންސާނާއަށް އެންމެ ފައިދާ ހުރި އަދި އެންމެ މަސްލަޙަތު ހުރި ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ވެސް އެ ފަރާތެވެ.

އެހެންކަމުން މި ނިކަމެތި އިންސާނާއަށް ޙިކްމަތްވަންތަ އިލާހުގެ ޝަރީޢަތަށް ފާޑު ކިޔޭނެތޯއެވެ؟ އޭގައިވާ ބައެއް ހައްދުތަކަކީ ހަރުކަށި ހައްދުތަކެއް ކަމުގައި ބުނެވޭނެތޯއެވެ؟ އަދި އެ ޝަރީޢަތުގައިވާ ޙުކުމްތައް އަހުރެމެން ބޭނުމެއް ނޫނޭ ބުނެ އިޙްތިޖާޖު ކުރެވިދާނެތޯއެވެ؟ ބުއްދި ސަލާމަތުން ހުރި، މާތް ﷲ ގެ ކަށަކުޅަދުންވަންތަ ކަމާއި އެއްކައުވަންތަކަން ޤަބޫލު ކުރާ ފުރިހަމަ އިންސާނެއް އެފަދަ ބަހެއް ނުވަތަ ދައުވާއެއް ނުކުރާނެއެވެ. ސަލާމަތް ބުއްދީގެ އަހްލުވެރިއަކަށް ރައްބުލް ކާއިނާތުގެ ޙުކުމްތަކާ ޗެލެންޖް ކުރަން ނުކެރޭނެއެވެ.

ނަމަވެސް ހިތާމައަކީ، މާތް ﷲ ބިންމަތީގައި އިންސާނާއަށް ކުޑަ ކުޑަ ބާރެއް އެފަރާތުން ދެއްވާ އިރަށް އިންސާނާ ބޮޑާ ވެގަންނަ ކަމެވެ. އެކަލާނގެ ޝަރީޢަތާ ދެކޮޅަށް އެކަލާނގެ ދެއްވި ދުލުގެ މަތިވެރި ނިޢުމަތުގެ ބޭނުން ކޮށްގެން ކުޑައިމީސް ބަސްބުނެ ފާޑު ކިޔަން ފަށާކަމެވެ. އަދި ތިމަންމެން ހަދާ ވަޟުޢީ ބަލިކަށި ޤާނޫނުތަކަކީ އެންމެ އެކަށީގެންވާ އެންމެ ތަހުޒީބީ ޤާނޫނުތަކެއް ކަމުގައި ބުނެ އުޅެތެވެ.

އިސްލާމީ ޝަރީޢަތުގައިވާ ހުރިހާ ޙުކުމްތަކަކީވެސް އެންމެ ފުރިހަމަ ޙުކުމްތަކެވެ. އެންމެ ޝާމިލު އެންމެ ރިވެތި ޙުކުމްތަކެވެ. ޙިކުމަތުން ފުރިގެންވާ ޙުކުމްތަކެވެ. އުނި ސިކުނޑިތަކަށް މި ޙުކުމްތަކުގައި އެކުލެވިގެންވާ މަތިވެރިކަމާއި ޙިކްމަތް ވިސްނައި ނުގަނެވިދާނެއެވެ. އެއީ ޝަރީޢަތުގައިވާ އުނި ކަމެއް ނޫނެވެ. އެއީ އިންސާނީ އުނި ބުއްދީގައިވާ ބަލިފައެކެވެ. ނަމަވެސް، މުއުމިނުންގެ އަޤީދާއަކީ ކޮބައިތޯއެވެ. މުއުމިނުންގެ އަޤީދާއަކީ، މަތިވެރިވަންތަ ކަލާނގެ ބާވައިލައްވާ ކޮންމެ ޙުކުމަކީވެސް އެންމެ މުނާސަބު އެންމެ މަޞްލަޙަތު ހުރި ޙުކުމްތައް ކަމުގައި ހިތުގެ އަޑިން ޤަބޫލުކުރުމެވެ. އެހެނީ، ސިއްރާއި ފާޅު މޮޅަށް ދެނެވޮޑިގެންވަނީ އެ ފަރާތަށެވެ. އިންސާނުންނަށް އެންމެ މަޞްލަޙަތު ހުރި ގޮތްވެސް އެނގެނީ އެ ފަރާތަށެވެ. މިއީ މުއުމިނުންގެ އަޤީދާއެވެ. އެއީ ވެރިރައްބާ މެދު މުއުމިނުންގެ އިތުބާރެވެ.

ވަޟުޢީ ޤާނޫނުތައް ހެދުމުގައި ވެސް އިންސާނާ ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ހުންނާނެކަން ކަށަވަރެވެ. ކުށް ކުރުން މުޖުތަމަޢުން ހުއްޓުވުމާއި، މުޖުތަމަޢަކީ އަމާން ތަނެއް ކަމުގައި ހެދުމާއި، އަމިއްލަ ފަރުދުންނަށް އެބައިމީހުންގެ ހައްޤުތައް ހޯދައި ދިނުން ފަދަ، މިހިރަ މިހިރަ އެތައް މަސްލަޙަތުތަކަކަށް ރިޔާޢަތް ކުރެވެއެވެ. ނަމަވެސް އެންމެ އެދެވޭ ނަތީޖާ މި ޤާނޫނުތަކުން ނެރެދޭތޯއެވެ؟ އިންސާނީ ތާރީޚަށް ބަލާފައި ބުނެވޭނީ ނުދެވޭކަމުގައެވެ. އެހެންކަމުން، ދުވަސް ދުވަސް ކޮޅުން އެއް ކަމަކަށް އެތަކެއް ޤާނުނެއް ހަދާ، އިސްލާޙުކޮށް، އުވާލާ، އަނެއްކާ އައު ޤާނޫނެއް ހަދާ އުޅެތެވެ. އިންސާނީ ބުއްދިއާއި ވިސްނުމަކީ ތަފާތު އެއްޗެކެވެ. އެކަކަށް ވިސްނޭ އެންމެ މޮޅު ގޮތަކީ އަނެކަކަށް ބޮޑު ޖޯކަކަށް ވެދެއެވެ. މިފަދަ ބުއްދިތަކުން ހަދާ ޤާނޫނުތަކުގައި އަބަދުވެސް އުނިކަންތައް ހުންނާނެއެވެ.

ނަމަވެސް އިސްލާމީ ޝަރީޢަތް އެހެންތޯއެވެ؟ ކެރިހުރެގެން ބުނެވޭނީ ނޫނެކެވެ. އިސްލާމީ ޝަރީޢަތަކީ ޘާބިތު ޝަރީޢަތެކެވެ. އިންސާނީ މަސްލަޙަތާއި އިންސާނީ ހައްޤުތަކާއި މުޖުތަމަޢުގެ އަމަންއަމާން ކަމާއި ސުލްޙަ މަސަލަސްކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދެއެވެ. ޒަމާން ބަދަލު ވެދާނެއެވެ. ނަމަވެސް، އިސްލާމީ ޝަރީޢަތަކަށް ބަދަލެއް ނާންނާނެއެވެ. ޒަމާން ބަދަލުވެދާނެއެވެ. ނަމަވެސް ނަތީޖާ ބަރާބަރަށް ނެރެދޭނެއެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ؟ އިސްލާމީ ޝަރީޢަތަކީ ސިއްރާއި ފާޅު މޮޅަށް ދެނެ ވޮޑިގެންވާ ފަރާތުން ބާވައިލެއްވި މަތިވެރި ޝަރީޢަތެވެ. އިސްލާމީ ޝަރީޢަތަކީ މަޟީއާއި މުސްތަޤްބަލް މޮޅަށް ދެނެ ވޮޑިގަންނަވާ އައްލާމުލްޣުޔޫބުގެ ޝަރީޢަތެވެ. އިސްލާމީ ޝަރީޢަތަކީ އިސްވެ ގޮސްފައިވާ އިންސީންނާއި، ޤިޔާމަތާ ޖެހެންދެން އަންނާނެ ހުރިހައި އިންސީންގެ ވެރި ރައްބުގެ މަތިވެރި ޝަރީޢަތެވެ. އިސްލާމީ ޝަރީޢަތުގެ މަސްދަރަކީ ޚުދު ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.

އެހެންކަމުން، އިސްލާމީ ޝަރީޢަތުގައި އިންސާނުންނަށް ބޭނުންވާނެ ހުރިހައި ކަމެއް ހިމެނިފައިވެއެވެ. އެގޮތުން އިސްލާމީ ޝަރީޢަތުގެ އެންމެ މައިގަނޑު މަޤްސަދުގެ ތެރޭގައި ހިމެނެނީ 5 ކަމެއް އިންސާނުންނަށް ކަށަވަރުކޮށްދިނުމަށެވެ. މި ފަސް ކަންތަކީ އިންސާނީ ޙަޔާތުގައި އެންމެ މުހިއްމު ކަންތަކެވެ. އެއާ ނުލާ އިންސާނީ ޙަޔާތް ދެމެހެއްޓުމަށް އުދަނގޫ ކަންތަކެވެ. އަދި ކިއެއްތަ، އެއާ ނުލާ އިންސާނީ ހަޔާތް ކުރިއަށް ނުގެންދެވޭނެ 5 ކަންތަކެވެ. މިކަންތައްތައް ނުވަތަ މިއިން ކަމެއް ނެތިއްޖެނަމަ، ދިރިއުޅުމުގެ ނިޒާމު ކުރިއަށް ގެންދިއުމަށް ބުރޫ އަރާނެއެވެ. އެއީ:

1. ދީން ހިމާޔަތްކުރުން

2. ނަފްސު ހިމާޔަތްކުރުން

3. ނަސްލު ހިމާޔަތްކުރުން

4. ބުއްދި ހިމާޔަތްކުރުން

5. މުދާ ހިމާޔަތްކުރުން

އިސްލާމީ ޝަރީޢަތުގެ މަޤާސިދުގެ ތެރޭގައި ހިމެނޭ މި ފަސް ޟަރޫރިއްޔާތަށް ވަކި ވަކިން ބަލައިލުމަކީ އިސްލާމީ ޝަރީޢަތުގެ ފުރިހަމަކަން އަޅުގަނޑުމެންނަށް އިތުރަށް ކަށަވަރު ވެގެން ދާނެ ކަމެކެވެ.

އެގޮތުން:

  • ދީން:

ދީނަކީ އަޅާ އާއި ވެރިރައްބާ ދެމެދުގައިވާ ގުޅުމާއި، އަޅާ އާއި އެހެނިހެން އިންސާނުންނާ ދެމެދުގައިވާ ގުޅުންތައް ބަޔާންކޮށްދޭ ނިޒާމަށް ކިޔާ ނަމެވެ. އެކަލާނގެ އަށް އަދާކުރަން ޖެހޭ ޙައްޤުތައް އަދާކުރުމުގެ މަގެވެ. ހައްޤުގޮތުގައި އެއްކައުވަންތަ ކުރުމުގެ މަގެވެ. އެއްވެސް އިންސާނަކަށް އެ މަގު ނޫން އެހެން މަގެއް އިޚްތިޔާރު ކުރުމުގެ ހައްޤެއް ލިބިދީފައެއް ނުވެއެވެ. އަމިއްލައިން ދީން ހަދައިގެން އަޅުކަން ކުރުމުގެ ހުއްދައެއް ނެތެވެ. ކުއްތަންވުމުގެ ނިޔަތުގައި އަމިއްލައިން ރަމްޒުތަކެއް ހަދައި އެކަލާނގެއާ ޝަރީކު ކުރުމެއްވެސް ނެތެވެ. އެއީ މުޅިން ބާޠިލް ގޮތްތަކެކެވެ. ބާޠިލް ޢަޤީދާތަކާއި ދީންތަކެވެ.

އެހެންކަމުން، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެކަލާނގެއަށް ޙައްޤު ގޮތުގައި އަޅުކަން ކުރާނެ ގޮތް ބަޔާންކޮށްދެއްވާފައެވެ. އެންމެ ފުރިހަމަ މާނާގައި އެކަލާނގެ އެއްކައުވަންތަ ކުރާނެ ގޮތް ބަޔާންކޮށްދެއްވާފައެވެ. އަދި ހަމައެހެންމެ ދޭދޭ އިންސާނުންގެ މެދުގައި އޮންނަން ޖެހޭ ގުޅުން ބަޔާންކޮށްދެއްވާފައެވެ.

އެގޮތުން ފުރިހަމަ ދީނެއް ވަނީ ބަޔާންކޮށްދެއްވާފައެވެ. އަދި އެއީ ދީން ކަމުގައި ޚިޔާރުކުރައްވައި، އެ ދީނަކީ ހަމައެކަނި އެކަލާނގެ ރުއްސަވާ އަދި ޤަބޫލުކުރައްވާ ދީން ނުވަތަ ގޮތް ކަމުގައި ވަނީ ކަނޑައަޅުއްވާ ދެއްވާފައެވެ.

އެހެންކަމުން، މި ދީން ހިމާޔަތް ކުރުމަށްޓަކައި، އެތަކެއް އާޔަތްތަކާއި ޙަދީޘްފުޅުތަކެއް ވަނީ ވާރިދުވެފައެވެ. ދީނަށް ރައްކާތެރިވުމުގެ މަތިވެރިކަމާއި، ދީނަށް ފުރަގަސް ދިނުމުގެ ނުބައިކަމާއި، އެކަމަށް ކަނޑައެޅިފައިވާ ވަޢީދުގެ ބަސްފުޅުތައް ވަނީ ވާރިދުވެފައެވެ. އަދި ހައްޤު ދީން، އިސްލާމް ދީން، ފިޔަވާ އެހެން ދީނެއް ޤަބޫލު ނުކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކުރެވިފައެވެ.

އަދި އެއްކައުވަންތަ އިލާހުގެ ތައުހީދާއި ދީން ހިމާޔަތް ކުރުމުގެ ގޮތުން ޖިހާދު ވަނީ ފަރުޟު ކުރެވިފައެވެ. އަދި ކިއެއްތަ، މުރުތައްދުވެގެން ދިއުން ވަނީ ހަރުކަށި ގޮތުގައި މަނާ ކުރެވިގެންނެއެވެ. އަދި ދީނުގެ ތެރެއަށް އެއްވެސް އެއްޗެއް އިތުރު ކުރުމާއި، އުނި ކުރުމަކީ ނުބައި ބިދުޢަތެއްކަމާއި، ދީނުގެ ތެރެއަށް އުނި އިތުރެއް ގެނައުމަކީ ކަނޑައެޅިގެން ޙަރާމްވެގެންވާ ކަމެއްގެ ގޮތުގައި ވަނީ ލައްވާފައެވެ. އެކަންކަން ވަނީ ޤަބޫލު ނުކުރެވި، ރައްދު ކުރެވޭ ކަންތަކުގެ ތެރެއިންނެވެ.

މާތް ﷲ ރުއްސަވާ ދީން މަތީގައި، ފުރިހަމަ އެނގުމާއި ދަނެގަތުމުގެ މަތީގައި ތިބެގެން އަޅުކަން ކުރުމަށްޓަކައި، އިސްލާމީ ޝަރީޢަތުގައި ދީން ވަނީ ހިމާޔަތް ކުރައްވާފައެވެ.

  • ނަފްސު:

ނަފްސަކީ އިންސާނާއަށް މާތް ﷲ ދެއްވާފައިވާ އަމާނާތެކެވެ. އެއާމެދު ސުވާލުވެވޭނެ ނިޢުމަތެކެވެ. އިސްލާމީ ޝަރީޢަތުގައި ވަނީ ނަފްސަކީ ޙުރުމަތްތެރިވެގެންވާ އެއްޗެއްގެ ގޮތުގައި ލައްވާފައެވެ. އެގޮތުން އިންސާނާއަށް ވަނީ ޚުދު އޭނާގެ އަމިއްލަ ނަފްސަށް ގެއްލުން ދިނުން ވެސް ޙަރާމް ކުރެވިގެންނެވެ. ފަހެ ދެން އެހެން އިންސާނަކަށް ގެއްލުމެއް ދިނުމުގެ ނުބައިކަން ނިކަން ވިސްނާލައްވާށެވެ.

ހަމަކަށަވަރުން ދިރިހުރުމުގެ ޙައްޤަކީ މާތް ﷲ ކޮންމެ އަޅަކަށްވެސް ދެއްވާފައިވާ ޙައްޤެކެވެ. އެ ޙައްޤަށް އެއްވެސް އިންސާނަކަށް އަރައި ނުގަނެވޭނެއެވެ. އެއްވެސް އިންސާނަކަށް އަނެއް އިންސާނާގެ ދިރިހުރުމުގެ ޙައްޤު ނިގުޅައެއް ނުގަނެވޭނެއެވެ. އެހެންކަމުން، ނަފްސު ޙިމާޔަތްކުރުމުގެ ގޮތުން، ޙައްޤަކާ ނުލައި ގަސްތުގައި މީހެއްގެ ފުރާނަ ދުއްވާލައިފިނަމަ، އިސްލާމް ދީނުގައި ވަނީ ޤިޞާޞް ކަނޑައަޅުއްވާފައެވެ. ޤިޞާޞް ހިފުމުގައި ޙަޔާތެއްވާކަމުގައި އެޙުކުމް ޝަރުޢުކުރެއްވި ޙަކީމްވަންތަ އިލާހު ވަނީ ބަޔާންކުރައްވާފައެވެ. ނަމަވެސް ޤިޞާޞް ހިފުމާއި ނުހިފައި ޤާތިލަށް ޢަފޫކުރުމުގެ އިޚްތިޔާރު މާތް ﷲ ވަނީ މަޤްތޫލުގެ ވާރިޘުންނަށް ދެއްވާފައެވެ. އެހެންކަމުން، މަޤްތޫލުގެ ވާރިޘުން ޤިސާސް ހިފުމަށް ބޭނުންވާ ހިނދެއްގައި ޤާތިލަށް މާފު ދިނުމަކީ ވެރި މީހާއަށްވެސް އަދި ކިއެއްތަ ޤާޟީއަށްވެސް ލިބިގެންވާ އިޚްތިޔާރެއް ނޫނެވެ.

އިސްލާމީ ޝަރީޢަތުގައި އިންސާނީ ނަފްސަށް ވަނީ އަމާންކަން ދެވިފައެވެ. ވަޟުޢީ ޤާނޫނުތަކުގެ މަޤްސަދަކީވެސް މިއެވެ. އިންސާނީ ނަފްސަށް އަމާންކަން ދިނުމެވެ. ނަމަވެސް ނަތީޖާއެއް ނުރެވެއެވެ. އިންސާނީ ޙައްޤުތަކުގެ ދަށުން ޤާތިލު މީހާއަށް ބޮޑު އަދަބެއް ދެވޭކަށެއް ނޯވެއެވެ. ވާރިޘުންނަށް ވުރެ ބޮޑަށް ޤާތިލުގެ އިންސާނީ ޙައްޤު ބޮޑުކަމުންނެވެ. ނަތީޖާއަކީ، އިންސާނީ ނަފްސުގެ ކަރާމާތާއި އޭގެ އަގު އެބައިމީހުންގެ ކައިރީގައި ނެތިގެން ދިއުމެވެ. މީހެއްގެ ފުރާނަ ދުއްވާލުމަކީ އެބައިމީހުންގެ ކައިރީގައި މާ ބޮޑު ކަމަކަށް ނުވެއެވެ. އެގޮތުން، އިންސާނީ މުޖުތަމަޢުތައް އުޅެމުންދަނީ ޖަންގަލީގެ ނިޒާމެއްގައޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ނަފްސަށް އަމާންކަމެއް ނެތެވެ. ގެއިން ބޭރަށް ނުކުންނަ ބިރުގަނެއެވެ. ކޮށާލާނޭ ކަމުގެ ބިރުވެރިކަމެވެ. ކަޓަރު އަޅާފާނޭ ކަމުގެ ބިރުވެރިކަމެވެ.

ނަމަވެސް އިސްލާމީ ޝަރީޢަތުގައި، ނަފްސަށް މިނިވަންކަން ލިބިދެއެވެ. ނުހައްޤުން މީހެއްގެ ނަފްސަށް ގެއްލުމެއް ދީފިނަމަ، އެކަމުގެ ފުރިހަމަ ބަދަލު ލިބިދެވޭނެއެވެ. އެހެނީ އިސްލާމީ ޝަރީޢަތުގައި ނަފްސުގެ ކަރާމަތަކީ ބޮޑު އެއްޗެކެވެ. މަތިވެރި އެއްޗެކެވެ. ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. އިސްލާމީ ޝަރީޢަތުގައި ވަނީ ނަފްސުގެ މަތިވެރިކަމާއި، އޭގެ ޙުރުމަތްތެރިކަން ބަޔާންކޮށްދެއްވާފައެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތަކީ، ހަމަ ހުރެލާފަ މީހުންގެ މައްޗަށް ޙުކުމްކޮށް ޢުޤޫބާތް ކަނޑައަޅާ ޝަރީޢަތެއް ނޫނެވެ. މިހުރިހާ އިރްޝާދުތަކަށްފަހުވެސް، މީހަކު މިހައްދުތައް ފަހަނައަޅައި ގޮސް އެހެން މީހެއްގެ ނަފްސަށް ގެއްލުމެއް ދީފިނަމަ، އިސްލާމީ ޝަރީޢަތުން އެކަމުގެ ފުރިހަމަ ބަދަލު އަނިޔާ ލިބުނު މީހާއަށް ކަށަވަރުކޮށްދެއެވެ.

އެހެންކަމުން، އިސްލާމީ ޝަރީޢަތަކީ ލޯފަން ޝަރީޢަތެއް ނޫނެވެ. އޭގައި، އަނިޔާވެރިވި މީހާއަށްވުރެ އެއްވެސް ޙައްޤަކާ ނުލައި އަނިޔާ ލިބުނު މީހާގެ މަޞްލަޙަތަށް ބަލާނެއެވެ. އޭނަގެ ޙައްޤު ހޯދައިދޭނެއެވެ. ހައްދުފަހަނައަޅައި ގޮސް މުޖުތަމަޢުގެ ހަމަޖެހުމާއި، އަމަންކަން ނަގާލައި، މުޖުތަމަޢު ބިރުވެރި ކަމެއްގެ ތެރެއަށް ވައްޓާލި އަނިޔާވެރިޔާއަށް އެކަށީގެންވާ އަދަބު ދޭނެއެވެ. އޭގައި، އިންސާނީ ޙައްޤުތަކޭ މިކިޔައި އުޅޭ ހުޅަނގުން ދަޢުވާ ކުރާގޮތަށް، މުޅި މުޖުތަމަޢުގެ ޙައްޤަށް ކަނު ލޮލެއް ދީފައި، އަނިޔާވެރިޔާއަށް ދޮގު ޙައްޤުތަކެއް ދީ އޭނާ ސަލާމަތެއް ނުކުރާނެއެވެ. އަނިޔާވެރިޔާއަކީ އެންމެ މީހެކެވެ. މުޖުތަމަޢަކީ މުޅި އުއްމަތެވެ. ވަޟުޢީ ޤާނޫނުގެ މީޒާނުގައި އަނިޔާވެރިޔާގެ ޙައްޤު، މުޖުތަމަޢުގެ ޙައްޤަށްވުރެ ބޮޑުވުމުގެ ސަބަބުން އިންސާނީ މުޖުތަމަޢުތަށް އުޅެމުންދާ ބިރުވެރި ނާމާންކަން އެހެރީ ފެންނާށެވެ.

އިސްލާމީ ޝަރީޢަތް ބިނާވެގެންވަނީ އެންމެ އަދުލުވެރި ހުރިހާ ޒަމާނަކަށް އެކަށީގެންވާ ޝަރީޢަތެއްގެ ގޮތުގައެވެ. އެހެނީ، ކޮންމެ ޒަމާނެއްގައިވެސް އިންސާނުން ވާނީ އިންސާނުންނަށެވެ. އިންސާނީ ނަފްސުގެ ކަރާމާތަކީ އާދަމު ޢަލަހިއްސަލާމުން ފެށިގެން އެންމެ ފަހުން އަންނާނެ މީހާއަށްވެސް ކަށަވަރުކޮށްދީފައިވާ ކަރާމާތެކެވެ. އިސްލާމީ ޝަރީޢަތް ނަތީޖާ ނެރެދޭނެއެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ. ރައްބުލް ކާއިނާތަށް ޒަމާނެއް ވަންހަނާވެފައި ވޭތޯއެވެ؟ ރައްބުލް ކާއިނާތަށް އިންސާނީ މުޖުތަމަޢު ކުރިއަރައި ދާނެ ގޮތް ސިއްރުވެފައިވޭތޯއެވެ؟ ރައްބުލް ކާއިނާތަށް އެއްވެސް ކަމެއް ވަންހަނާވެގެނެއް ނުވެއެވެ. އެހެންކަމުން، އިސްލާމީ ޝަރީޢަތް ބާއްވައިލެއްވީ ޘާބިތު އެއްޗެއްގެ ގޮތުގައެވެ.

  • ނަސްލު:

އިންސާނީ ނަސްލު އޮޅުން ބޮޅުން ވިޔަ ނުދީ ހިމާޔަތްކުރުމަށްވެސް ވަނީ އިސްލާމީ ޝަރީޢަތުން ޙުކުމްތަކެއް ކަނޑައަޅުއްވާފައެވެ. އެގޮތުން، ޒިނޭ ވަނީ ޙަރާމް ކުރައްވާފައެވެ. އަދި އެކަމުގެ ނުބައިކަން ވަނީ ބަޔާންކޮށްދެއްވާފައެވެ. ހުއްދަ ގޮތުގައި ޖިންސީ އުފާ ލިބިގަތުމުގެ ދޮރު ވަނީ ހުޅުއްވާ ދެއްވާފައެވެ. އެއީ ޝަރުޢީ ކައިވެނީގެ ޒަރީޔާއިންނެވެ.

ނަސްލުގެ ހިމާޔަތުގައި ހަމައެކަނި ޒިނޭ ޙަރާމް ކުރެވުނީ އެކަންޏެއް ނޫނެވެ. އަދި ކިއެއްތަ، ޒިނޭ އަށް ވާސިލުކޮށްލާ ހުރިހާ މަގެއްވެސް ބަންދުކޮށްލެވުނެވެ. އެގޮތުން، ހިލޭ އަންހެނުންނާއި ހިލޭ ފިރިހެން ގައިގޯޅިވުން މަނާ ކުރެވުނެވެ. ޙަރާމް ތަންތަނާއި ކަންކަމަށް ބެލުން މަނާ ކުރެވުނެވެ. ހިލޭ އަންހެނަކާއެކު އެކަނިވުން މަނާ ކުރެވުނެއެވެ. އަންހެނުން ހިޖާބު ވުމަށް އަމުރު ކުރެވުނެއެވެ. ދެބައިމީހުންނަށްވެސް ލޯ ތިރިކުރުމަށް އަމުރު ކުރެވުނެވެ.

މިހުރިހާ ކަންތަކެއް މަނާ ކުރެވި، އެކަމުގެ އަޒާބު ބަޔާންކުރެވި، ހުއްދަ ދޮރުތައް ދައްކާދެވިފައި ހުއްޓާ، މީހަކަށް ޒިނޭގެ ފާފައަށް އަރައިގަނެފިނަމަ، ޝަރުޢީ ކައިވެންޏެއް ނުކޮށް ހުރި މީހެއްނަމަ، ހައްދު ޖެހުން ކަނޑައެޅުއްވިއެވެ. ޝަރުޢީ ކައިވެންޏެކޮށް އެކަމުގެ ލައްޒަތު ޙަލާލު ގޮތުގައި ލިބިފައި ހުރި މީހެއްނަމަ، ރަޖަމްކުރުން ކަނޑައެޅުއްވިއެވެ.

މި ދެއްކީ ޒިނޭގެ ޙުކުމުގެ ވާހަކައެވެ. ނަމަވެސް، ޒިނޭ ސާބިތު ކުރުމަކީ ބޮޑު ކަމެކެވެ. އެހެނީ، ޒިނޭ ސާބިތު ކުރެވޭނީ އެކަމަށް ޒިނޭ ކުރި މީހާ ހަމަ ބުއްދީގައި ހުރެ އިޢުތިރާފުވުމުންނެވެ. ނުވަތަ، ހަތަރު ހެކިންގެ ހެކި ބަހުންނެވެ. ހަތަރު ހެކިންގެ ހެކިބަހުން އަދި ނުފުދެއެވެ. އެ ހަތަރު މީހުންނަކީ ޢަދުލުވެރި މީހުންކަމުގައި ވާންޖެހެއެވެ. އަދި ޢަދުލުވެރިންކަމުގައި ވުމަކުން ނުފުދެއެވެ. އެ ހަތަރު މީހުންނަށް އެއްފަހަރާ އެމަންޒަރު ފެނުން ޝަރުތުކުރެއެވެ. ޒިނޭ ކުރި ފިރިހެން މީހާއާއި ޒިނޭ ކުރި އަންހެނާ ސީދާ އެޢަމަލު ކުރަނިކޮށް (ފިރިހެނާގެ އައުރަ ގުނަވަން އަންހެނާގެ އައުރަ ގުނަވަނުގެ ތެރޭގައި ވަނިކޮށް) ފެނުން ލާޒިމު ކުރެއެވެ.   އެހެން ނުވެ މީހެއްގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށްފިނަމަ، ޤަޒުފުގެ ހައްދު ދައުވާ ކުރި މީހެއްގެ މައްޗަށް ޖެހެނޭއެވެ.

މިއިންވެސް އަޅުގަނޑުމެންނަށް ދޭހަވެގެން ދަނީ، އިސްލާމީ ޝަރީޢަތުގައި އަޅުންނަށް އަދަބު ދިނުމަކީ އެއީ ހަމައެކަނި އިސްލާމީ ޝަރީޢަތުގެ މަޤްޞަދެއް ނޫން ކަމެވެ. އިސްލާމީ ޝަރީޢަތު އަޅުތަކުންނަށް ފާފައެއް ކުރެވުމުން ތައުބާވުމަށް މާބޮޑަށް ފުރުސަތު ހުޅުވާލެވިފައިވެއެވެ. ކުރެވޭ ފާފަތައް ހާމަކުރުން ވަނީ މަނާކުރެވިފައެވެ. އަދި ތިމަންނަގެ އަޚާއަށް ކުރެވޭ ފާފަތައްވެސް ވަންހަނާކޮށް، އޭނައަށް ސިއްރިޔާތުގައި ނަޞޭޙަތްތެރިވުމަކީ ތިމަންނަގެ މައްޗަށްވާ ވާޖިބެއްވެސް މެއެވެ.

ނަމަވެސް، މިހުރިހާ މަރުހަލާއެއް ހުރަސްކޮށް، މީހަކު ފާޅުގައި، މުޖުތަމަޢުގައި ފާފަކުރަން ފަށައިފިނަމަ، އޭނައަށް އިސްލާމީ ޝަރީޢަތުގައި ވަނީ އަދަބުތަކެއް ކަނޑައެޅިފައެވެ. އެއީ، ހަމައެކަނި އޭނާއަށް އަދަބު ދިނުމުގެ މަޤްސަދުގައެއް ނޫނެވެ. އެއިން ފަރުދީ މަޞްލަޙަތަށްވުރެ މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަން ދެއެވެ. މުޖުތަމަޢުގައި ފާފަކުރުން ގިނަވެ، މުޖުތަމަޢު ފަސާދަވެދާނެތީއެވެ. އަދި އެއީ މުޖުތުމަޢަށް ދެވޭ ތަޛްކީރެއްގެ ގޮތުންނެވެ. މާތް ﷲ ގެ ދީނަށް ރުޖޫޢަވުމަށް ގޮވާލެވޭ ގޮވާލުމެއްގެ ގޮތުގައެވެ.

ދެން މި ބާބުގައި، ބަލާލަން ޖެހޭ އަނެއް ކަމަކީ، ޒިނޭ ސާބިތުވާ އަންހެނުން ގައިގާ ހައްދު ޖެހުމަކީ އެކަނބަލުންގެ ޝަރަފާއި ޤަދަރަށް އުނިކަން ލިބޭ ކަމެއްކަމުގެ ދަޢުވާއެވެ. އެއީ ހަރުކަށި ނުވަތަ ނާތަހުޒީބީ އަދަބެއް ކަމުގައި ކުރެވޭ ދަޢުވާއެވެ.

ދަންނައެވެ. އެއްވެސް މުއުމިނަކު މިކަހަލަ ދަޢުވާއެއް ނުކުރާނެއެވެ. ކޮށްފިނަމަ އަދި ކުރާނަމަ، ތައުބާވެ ދީނަށް އަވަހަށް ރުޖޫޢަވާން ޖެހޭނެއެވެ. ނަމަވެސް، ގިނަ ފަހަރު މިކަހަލަ ދަޢުވާތައް ކުރަނީ ހުޅަނގުންނެވެ. ނުވަތަ ހުޅަނގުން ދަރިވަރުވާ އިސްލާމްދީނަށް ނިސްބަތްވާ ޖާހިލުންނެވެ. ހުޅަނގުން އެހެން ބުނުމަކީ އަޅުގަނޑުމެން ހައިރާން ޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ، އެމީހުންގެ ކައިރީގައި ޒިނޭ ކުރުމަކީ ކުށެއް ނޫނެވެ. އެއީ ހުއްދަ ކަމެކެވެ. ވަލި ޖަނަވާރުންގެ ފަދައިން ޖެހުނު މީހަކާ ޖިންސީ އުފާ ލިބިގަންނަންވީއެވެ. އެހެންވީމަ، އެމީހުންގެ ގާތުގައި ހުއްދަކަމަކަށް އެފަދަ އަދަބެއް ދެވޭނަމަ އެއީ ވަރަށް ހަރުކަށި އަދަބަކަށް ވާނެއެވެ. ވަރަށް ނާތަހުޒީ އަދަބަކަށް ވާނެއެވެ. އެކަމަކު، އިސްލާމްދީނުގައި އެހެންތޯއެވެ. އެހެނެއް ނޫނެވެ. އިސްލާމީ ޝަރީޢަތަކީ މަތިވެރި ޝަރީޢަތެކެވެ. ޝާމިލު ޝަރީޢަތެކެވެ. އަލިފުން ޔާއަށް ޙަލާލާއި ޙަރާމް ބަޔާންކުރެވިފައިވެއެވެ. ޒިނޭ އަކީ ބޮޑު ޖަރީމާއެކެވެ. އެ ޖަރީމާއިން ސަލާމަތް ކުރުމަށްޓަކައި އެތަކެއް މަގެއް ބަންދު ކުރެވިފައިވެއެވެ. އެ ޖަރީމާ ސާބިތުކުރަން އުދަނގޫ އެތައް މަރުހަލާތަކެއް ފުރިހަމަ ކުރަން ޖެހެއެވެ. އެ ހުރިހާ ކަމަކަށްފަހު، އިސްލާމީ މުޖުމަތަމަޢުގެ އަޚްލާޤު ހިފެހެއްޓުމުގެ ގޮތުން އެންމެ މަތިވެރި އިލާހު ކަނޑައެޅުއްވި ޙުކުމަކީ މުސްލިމުންނަށް ހަރުކަށި އުސޫލެއް ނޫނެވެ. އެއީ ނާތަހުޒީބީ އުސޫލެއްވެސް ނޫނެއެވެ. އެ ދަޢުވާތައް އެންމެ ރަނގަޅީ ހަމަ ހުޅަނގުގައި ކުރުމެވެ. މަތިވެރި ޝަރީޢަތެއް ނެތް، ލާދީނީ ވަހުޝީ ނިޒާމެއްގެ ދަށުގައެވެ. އެހެންކަމުން، އެފަދަ ހަޑި މުޑުދާރު ނިޒާމެއްގެ ދަށުގައި ތިބި ބަޔަކަށް ރައްބުލް ކާއިނާތުގެ މަތިވެރި ޝަރީޢަތެއްގެ ޙުކުމްތައް ފެންނާނީ އެގޮތަށެވެ.

އިސްލާމީ ޝަރީޢަތަކީ މާތް މަތިވެރި ޝަރީޢަތެކެވެ (3)

  • ބުއްދި:

ހިނދުކޮޅަކަށްވެސް ބުއްދި ފިލައިދިއުމަކީ އިންސާނީ މަތިވެރި ފިޠުރަތާ އެކަށީގެންވާ ކަމެއް ނޫނެވެ. އިންސާނުންނާ އެހެނިހެން މަޚްލޫޤުތައް ތަފާތުވެފައި ވަނީވެސް އިންސާނުންނަށް ދެއްވާފައިވާ މަތިވެރި ބުއްދީގެ ސަބަބުންނެވެ. ބުއްދީގެ މަތިވެރިކަމަށް ނުވަތަ ބުއްދި ބޭނުން ކުރާ މީހުންނަށް ޤުރުއާނުގެ އެތަކެއް އާޔަތެއްގައި މާތް ﷲ ވަނީ ސަނާ ވަޙީކުރައްވާފައެވެ.

އެހެންކަމުން، އިސްލާމް ޝަރީޢަތުގައި ބުއްދި ވަނީ ހިމާޔަތް ކުރައްވާފައެވެ. ބުއްދިއަށް ގެއްލުންދޭ ބުއިންތައް ވަނީ މަނާ ކުރައްވާފައެވެ. އެއީ ބާރުގަދަ މަސްތުވާ އެއްޗަކަށް ވިޔަސް އަދި ބާރު ދެރަ އެއްޗަކަށް ވިޔަސް، އެއްހަމައެއްގައި ވަނީ ޙަރާމްކުރައްވާފައެވެ.

ހުރިހާ ނުބައި ކަމެއްގެ މަންމައަކީ ރަލެވެ:

އިންސާނީ މުޖުތަމަޢުތަކުގައި ދިމާވެފައިވާ އެންމެ ބޮޑެތި މުޞީބާތްތައް ދިމާވެފައިވަނީ ރަލުގެ ސަބަބުންނެވެ. ނުވަތަ މަސްތުވާތަކެތީގެ ސަބަބުންނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމް ރަލާ ބެހޭގޮތުން ޙަދީޘްފުޅު ކުރައްވާފައިވަނީ، ރަލަކީ ހުރިހާ ނުބައި ކަންތަކުގެ މަންމަގެ ގޮތުގައެވެ. ރަލުގެ މަސްތުގައި ކިތައް ޤަތުލުއާންމު ހިންގާފައިވޭތޯއެވެ؟ ކިތައް ވައްކަން ހިންގާފައިވޭތޯއެވެ؟ ގަދަކަމުން ކިތައް ބަދުއަޚްލާޤީ އަމަލު ހިންގާފައިވޭތޯއެވެ؟ ކިތައް ފޭރުން ހިންގާފައިވޭތޯއެވެ؟ މުޖުތަމަޢުގެ އަމަން އަމާންކަން ގެއްލި، ބިރުވެރި ހާލަތަކަށް ވެއްޓިގެން ނުދޭތޯއެވެ؟ މަސްތުގައި ހުރި މީހަކު ތިމަންނައަށް ތޫނު އެއްޗަކުން ހަމަލާ ދީފާނެކަމުގެ ބިރު ހީފުޅުނުވޭތޯއެވެ؟ މަސްތުގައި ހުރި މީހަކު ތިމަންނަގެ އަންހެން ދަރިފުޅާ ބެހި ގޯނާކޮށްފާނެކަމުގެ ބިރު ހީފުޅުނުވޭތޯއެވެ؟ މަސްތުގައި ހުރި މީހަކު ތިމަންނަގެ ގެއަށް ވަދެދާނެކަމުގައި ބިރު ހީފުޅުނުވޭތޯއެވެ؟ މިއީ އަޅުގަނޑުމެންގެ ކުޑަކުޑަ އިސްލާމީ މުޖުތަމަޢުގެ ހާލަތު ވެއްޓިފައި އޮތް ހިސާބެވެ. ރަލާއި މަސްތުވާތަކެތީގެ ވަބާގައި ޖެހި އެތައް ބަޔަކުވަނީ ހަލާކުގެ ތެރެއަށް ގެނބިގެން ގޮސްފައެވެ. އެބައިމީހުންގެ އުދަނގުލާއި ދުއްތުރާތައް މުޖުތަމަޢުގެ އެހެން އަފުރާދުންވަނީ ތަހައްމަލުކުރަން ޖެހިފައެވެ. ރަށުތެރޭގެ އަމަންކަން ވަނީ ގެއްލިފައެވެ.

ވަޟަޢީ ޤާނޫނުތައް ހެދިފައި އެބަހުއްޓެވެ. ނަމަވެސް ނަތީޖާ ނެރޭވޭތޯއެވެ؟ ދެންނެވޭނީ އެފަދަ ނަތީޖާއެއް ނުނެރެވޭ ކަމުގައެވެ.

އެމެރިކާއިން ބަނގުރާ މަނާކުރަން ކުރި ހިތި ތަޖުރިބާ:

ވިހިވަނަ ޤަރުނުގައި އެމެރިކާއިން އެޤައުމުގެ ރައްޔިތުން ބަނގުރަލުގެ ވަބާއިން ސަލާމަތްކުރުމަށް ޤާނޫނީގޮތުން ބަނގުރަލަކީ މަނާ އެއްޗެއްކަމުގައި ކަނޑައަޅަން ނިންމިއެވެ. އެގޮތުން 1930 ވަނަ އަހަރު އެމެރިކާގައި ބަނގުރަލަކީ މަނާ އެއްޗެއްގެ ގޮތުގައި ޤާނޫނީގޮތުން ކަނޑައެޅިގެން ދިޔައެވެ. އެ ޤާނޫނުގެ ދަށުން ރާ ބުއިމަކީ މަނާކަމެއްގެ އިތުރުން، ރާ އުފެއްދުމާއި، ވިއްކުމާއި، ގަތުމަކީވެސް މަނާ ކަމެއްގެ ގޮތުގައި ބަޔާންކުރެވުނެވެ. މި ޤާނޫނު އެޤައުމުގައި ވުޖޫދަށް ގެނެވުނީ، ރަލުގެ ނުރައްކަލާ ބެހޭގޮތުން އާންމުން ހޭލުންތެރި ކުރެވޭނެ ހުރިހާ ވަސީލަތެއް ބޭނުން ކުރުމަށްފަހުއެވެ. އެގޮތުން، ރަލުގެ ނުރައްކާތެރިކަމާ ބެހޭގޮތުން ޞިއްޙީ ޑޮކިއުމަންޓްރީތަކާއި، މަޖައްލާތަކާއި، ޢިލްމީ ދިރާސާތަކާއި ލީފްލެޓްތައް މުޅި އެމެރިކާގައި ވަނީ ބަހާފައެވެ. ރަލުގެ ނުރައްކާތެރިކަމުގެ މަޢުލޫމާތު އެންމެ ފުރިހަމަ ގޮތުގައި އާންމުންނަށް ފޯރުކޮށްދެވުނެވެ. މިހުރިހާ ކަމަކަށް 65 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވެފައިވެއެވެ.

ނަމަވެސް ނަތީޖާއަކީ ކޮބައިތޯއެވެ؟ 1930 އިން 1933 އަށް، އެ ޤާނޫނުގެ ދަށުން 200 ވަރަކަށް މީހުންނަށް މަރުގެ ޙުކުމް ތަންފީޒުކުރެވި، ބައި މިލިއަން މީހުން ޖަލަށްލެވި، އެޤާނޫނާ ޚިލާފުވެގެން ކުރެވުނު ޖުރިމާނާގެ ހިސާބު އެތަކެއް މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވެއެވެ. ނަމަވެސް އެމެރިކާ ރައްޔިތުން ތިބީ އެ ޤާނޫނަށް ބޯލަބާ ގޮތަކަށް ނޫނެވެ. ބަނގުރަލުގެ ހުރި ނުރައްކާ އެބައިމީހުންނަށް ރަނގަޅަށް އެނގޭ ހާލުގައެވެ. އެކަމަށް ކަނޑައެޅިފައި ހުރި ހަރުކަށި އަދަބުތައް އެނގޭ ހާލުގައެވެ. މިހުރިހާ ކަމަކަށް ބަލާފައި، އެންމެ ފަހުން ޤާނޫނު ހަދާ މަޖިލީހަށް މަޖުބޫރުވީ އެ ޤާނޫނު އުވާލާށެވެ. އެހެންކަމުން، އެންމެ ދެތިން އަހަރުގެ ހިތި ތަޖުރިބާއަށްފަހު، އެ ޤާނޫނު އެމެރިކާގައި އުވާލެވި، ބަނގުރަލުގެ މުޢާމަލާތު ހިތުހުރި ގޮތަކަށް ކުރުމަށް އަނެއްކާވެސް ހުއްދަ ދެވުނެވެ.

އިސްލާމީ ޝަރީޢަތާއި ވަޟަޢީ ޤާނޫނުގައި ހުރި ބައެއް ފަރަޤު:

އިސްލާމީ ޝަރީޢަތާއި ވަޟަޢީ ޤާނޫނުތަކުގައި ހުރި ތަފާތަކީ ވަޟަޢީ ޤާނޫނަކީ އިންސާނުންގެ އިޚްތިރާމް ލިބޭ އެއްޗެއް ނޫނެވެ. އޭގައި، ހައިބުވަންތަ ކަމެއް ނުހުރެއެވެ. ނަމަވެސް، އިސްލާމީ ޝަރީޢަތަށް މުސްލިމުން އިޙްތިރާމު ކުރެއެވެ. އޭގައި ހައިބަތު ހުރެއެވެ. އެހެނީ، އެއީ މާތް ﷲ ގެ ޙަޟްރަތުން ބާއްވައިލެއްވުނު ޝަރީޢަތަކަށްވާތީއެވެ. އެފަރާތަކީ ސިއްރާއި ފާޅު މޮޅަށް ދެނެވޮޑިގަންނަވާ ފަރާތްކަމުގައި ވާތީއެވެ. އެއީ އިންސާނުންގެ ވެރި ރައްބު ކަމުގައި ވާތީއެވެ.

ވަޙީގެ ޒަމާނުގައި ރާ ބުއިމަކީ ފެންބުއިން ފަދައިން މީހުން ކޮށްއުޅުނު ކަމެކެވެ. ބަނގުރާ ބުއިމަށް އާދަވެފައި ތިބި ޞަޙާބީން ރަލާ ދުރުވީ ވަޙީގެ އެންމެ ކަލިމައެއް ކަންފަތުގައި ޖެހުމާއެކުއެވެ. ((فاجتنبوه)) މިކަލިމައެވެ. (ތިޔަބައިމީހުން އެކަމުން ދުރުވާށެވެ.) މިކަލިމައެވެ. އެއާއެކު އަނގައިގެ ތެރޭގައި ހުރި ރާފޮދުވެސް ބޭރުކޮށްލީއެވެ. ރުނބާތަކުގައި ހުރި ރާވެސް މަގަށް އޮއްސާލީއެވެ. މުޅި މަދީނާގެ މަގުތަކުން ރަލުގެ ސޭލުތައް ދެމިގެން ދިޔައެވެ. އެއީ އިސްލާމީ ޝަރީޢަތުގެ ހައިބަތެވެ. އެއަށް ދެވިފައިވާ ޤަދަރެވެ. އޭގެ މަތިވެރިކަމެވެ. މި މަތިވެރިކަމާއި، އިޙްތިރާމާއި، ހައިބަތަކީ އެއްވެސް ވަޟަޢީ ޤާނޫނަކަށް ލިބޭނޭ ސިފަތަކެއް ނޫނެވެ.

އެހެންކަމުން، އިސްލާމީ ޝަރީޢަތުން ނަތީޖާ ނެރެދައްކާނެއެވެ. އިސްލާމީ ޝަރީޢަތުގައި، ރަލުގެ ވަބާއަށް ހައްލު ގެންނަނީ، އެތިއެތި ކޮޅުން ދީގެނެއް ނޫނެވެ. އަދި ހަމައެހެންމެ، ބާރު ދެރަ އެއްޗެހި ދީގެނެއްވެސް ނޫނެވެ. އިސްލާމީ ޝަރީޢަތުގައި ރަލުގެ ވަބާ ހައްލުކުރަނީ އަޤީދާ ވަރުގަދަ ކޮށްގެންނެވެ. އިންސާނާގެ ވެރި ރައްބާ ގުޅުން ބަދަހިކޮށްގެންނެވެ. އެ އިލާހީ އިންސާނުން އިމްތިޙާނު ކުރައްވާ އިލާހެވެ. އެ އިލާހީ އިންސާނުންނަށް ތައުފީޤު ދެއްވާ އިލާހެވެ. އެކަނލާގެއީ އިންސާނުންނަށް ކެތްތެރިކަން ދެއްވާ އިލާހެވެ. ރަލުގެ ވަބާގައި ޖެހިފައިވާ މީހުން އެވަބާއިން ނެރުމަށް އިލާހީ “ފޮރްގްރާމް” ވަނީ ކުރި ހޯދާފައެވެ. ޞަޙާބީންގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށްވެސް މި ޙަޤީޤަތް ދަނީ އަޅުގަނޑުމެންނަށް ފެންނަމުންނެވެ.

  • މުދާ:

އިސްލާމީ ޝަރީޢަތުގައި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. އެއްވެސް މީހެއްގެ މުދާ ހުއްދަނެތި އަނެކާ ބޭނުންކުރުން ވަނީ މަނާކުރެވިގެންނެވެ. މުދަލަށް ގެއްލުންދިނުމަކީ ކަނޑައެޅިގެން ޙަރާމްކަމެކެވެ. އަދި ހަމައެހެންމެ، އަމިއްލަ މުދާ އިސްރާފުކުރުމަކީ ވެސް ޙަރާމްކަމެކެވެ.

މީހުންގެ މުދާ ބާޠިލް ގޮތުގައި ކެއުން ވަނީ ހަރާމްކުރައްވާފައެވެ. ހަމައެފަދައިން، ވައްކަންކުރުމާއި، ފޭރުމާއި، ރިބާކެއުމާއި ޖުވާކުޅުން ވަނީ ޙަރާމްވެގެންނެވެ.

ރިބާއަށް ނަޒަރެއް:

ރިބާއަށް ބަލައިލަމާތޯއެވެ. ރިބާ ވަނީ މާތް ﷲ ޙަރާމް ކުރައްވާފައެވެ. އޭގެ ބަދަލުގައި ވިޔަފާރި ވަނީ ހުއްދަ ކުރައްވާފައެވެ. އިންސާނީ މަސްލަޙަތު ނިޔާކުރާ ގޮތަކީވެސް، ރިބާ އިން ދުރުވުމެވެ. ސަބަބަކީ، ރިބާގެ މުޢާމަލާތް ކުރެވޭ މުޖުމަތަމަޢެއްގެ މުއްސަނދިންނާއި ފަޤީރުންގެ ފަރަޤު ބޮޑުވެގެން ދިއުމެވެ. މުޖުތަމަޢުގެ މަދު މީސްކޮޅެއްގެ އަތްމައްޗަށް އިޤްތިސާދު ޖަމާވެ، ހުއްޓުމެވެ. އިޤްތިސާދުގެ ހަރަކާތް ކެނޑި ގަނޑުވުމެވެ. މީގެ ދެތިން އަހަރު ކުރިން ހުޅަނގުގެ އިޤްތިސާދު ވެއްޓުނީ، ރިބާގެ މުޢާމަލާތުގެ ސަބަބުން ކަމަށް އިޤްތިސާދީ މުޙައްލިލުން ބުނަމުންދަނީ އެސަބަބާ ހުރެއެވެ. ހުޅަނގުގެ ބައެއް މުޙައްލިލުން ޤަބޫލުކުރާ ގޮތުގައި، އިސްލާމިކް ބޭންކިންގ ދުނިޔޭގައި ނެތްނަމަ، އަރައިނުގަނެވޭ ފަދަ ވަޅުގަނޑަކަށް ދުނިޔޭގެ އިޤްތިސާދު ވެއްޓުނީސްއެވެ. އެހެންކަމުން، އިސްލާމިކް ބޭންކިންގއަށް އެބައިމީހުން މިސްރާބު ޖަހާފައިވުމީ ހައިރާންވާންޖެހޭ ފަދަ ކަމެއްނޫނެވެ. އިސްލާމީ ޝަރީޢަތުގައިވާ އިޤްތިސާދީ ނިޒާމަކީ އިންސާނިއްޔަތަށް އެންމެ ބޭނުންހިފޭ އަދި އެންމެ މަސްލަހަތު ހުރި ނިޒާމުކަމަށް އިޤްތިސާދީ މާހިރުން ވިދާޅުވާކަމީ ޙަޤީޤަތެކެވެ. އެހެނީ، އިސްލާމީ ޝަރީޢަތަކީ އިންސާނާގެ ވެރިރައްބު އިންސާނާއަށް ދެއްވާފައިވާ ޝަރީޢަތެކެވެ.

އިސްވެ ދެންނެވި ފަދައިން، އިސްލާމީ ޝަރީޢަތުގައި އެހެން މީހެއްގެ މުދާ ނުޙައްޤުން ބޭނުން ކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ. އަދި އެފަދަ ޖަރީމާތަކަށް ވަނީ ހައްދުތަކަކާއި ޙުކުމްތަކެއް ކަނޑައެޅިފައެވެ. ބައެއް މީހުން ދެކޭގޮތުގައި މިޙުކުމްތަކަކީ ހަރުކަށި ލާއިންސާނީ ޙުކުމްތަކެކެވެ. އެއީ ވިސްނުމުގެ ކޮށިކަމުން ކަމަށްވެސް ވެދާނެއެވެ. ނުވަތަ ގަސްތުގައި އިސްލާމީ ޝަރީޢަތުގެ ރީތިކަން ގެއްލުވާލަން ދައްކާ ވާހަކަތަކެއް ކަމަށްވެސް ވެދާނެއެވެ. ޔަޤީންވާ ކަމަކީ އެއީ އެއްވެސް ތާކުން ތާނކު ނުޖެހޭ ޙަޤީޤަތާ މުޅިން ޚިލާފު ދޮގު ތުހުމަތުތަކެއް ކަމެވެ.

އިސްލާމީ ޝަރީޢަތުގައިވާ އަދަބުތަކަށް ކުރެވޭ ފުރައްސާރަ:

ވައްކަމުގެ ޙުކުމަކީ އެންމެ ގިނައިން މިފަދަ މީހުން ޝިކާރައަކަށް ހަދާ ޙުކުމެވެ. ވައްކަމުގެ އަދަބަކީ ލާދީނީ މީހުން ދެކޭ ގޮތުގައި ހަރުކަށި އަދަބެކެވެ. ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި ކުރަން ބޭނުން ނުވާ ކަމެކެވެ.

ފުރަތަމަ ޖަވާބަކީ، އެއީ މުއުމިނަކު ބުނެގެންވާނޭ ބަހެއް ނޫނެވެ. އީމާންކަން ނަފީކޮށްލާ ވަރުގެ ބޮޑު ބަހެއް ކަމުންނެވެ.

ދެވަނަ ޖަވާބަކީ ސުވާލެކެވެ. ވަޟަޢީ ޤާނޫނުގެ ދަށުން ނެރެވުނު ނަތީޖާ ކޮބައިތޯއެވެ؟ ޖަވާބު ވަރަށް ސާފެވެ. ނަތީޖާ ހަމަ ސުމެކެވެ. ވައްކަން ކުރާ މީހުން ހަމަ ވައްކަން ކުރަނީއެވެ. ފޭރޭ މީހުން ހަމަ ފޭރެނީއެވެ. ރިޝްވަތު ހިފާ މީހުން ހަމަ ރިޝްވަތު ހިފަނީއެވެ. ދެވަނަ ފުރުސަތެއް ދިނީމަވެސް، ހަމަ އެކުށްތައް ތަކުރާރު ކުރަނީއެވެ. މުޖުމަތަމަޢުގެ އަމަންކަން ގެއްލިއްޖެއެވެ. މުދަލަށް އޮންނަ ޔަޤީންކަން ގެއްލިއްޖެއެވެ.

އަތްކެނޑުމަށް ޙުކުމް ކުރެވެނީ ޝަރުޠުތަކެއް ފުރިހަމަވާނަމައެވެ:

އަތް ކެނޑުމަކީ ބޮޑު ކަމަކަށް ވާއިރު އަތް ކެނޑުމުގެ ޙުކުމާ ހަމައަށް ދެވެނީ ކިހިނެއްކަން ވެސް ބަލައިލަން ޖެހޭނެއެވެ. އަތް ކެނޑޭނީ، ވަގަށް ނެގި މުދަލުގައި ވަކި ނިސާބެއް ހަމަވާ ނަމައެވެ. އަދި ރައްކާތެރި ތަނެއްގައި ބަހައްޓާފައި ހުރިނަމައެވެ. ވެރި މީހާގެ އިހްމާލު އޮވެގެން ނުވާނެއެވެ. މީހަކު ވައްކަން ކުރީ ބަނޑުހައި ހޫނުކަން މުއްތިކުރާނެ އެހެން އެއްވެސް ގޮތެއް ނެތިގެން ކަމަށް ވަނީނަމަ، އޭނަގެ މައްޗަށް އަތް ކެނޑުމުގެ ޙުކުމެއް ނުކުރާނެއެވެ. އޭނާ ވައްކަން ކުރީ ކީއްވެތޯ ރަނގަޅަށް ބަލައި ތަޙްޤީޤު ކުރެވޭނެއެވެ. އޭނާ ވައްކަން ކުރީ އެހެން ގޮތެއް ނެތިގެން ކަމަށް ސާބިތުވެއްޖެނަމަ، މުޖުތަމަޢުގެ އަފްރާދުން އޭނާއަށް މާލީ އެހީތެރިވުމަށް ގޮވާލެވެނޭއެވެ. ދައުލަތުގެ ބައިތުލް މާލުން އެފަދަ މީހުންނަށް ކޮންމެވެސް މަސައްކަތެއް ފަށައިގަތުމަށް މާލީ އެހީ ދެވޭނެއެވެ. އެއީ އޭނާއަށް ވަޒީފާއެއް ހޯދައި ދިނުން ކަމުގައި ވިޔަސް، ރަނގަޅު ތަޢުލީމެއް އުނގަންނައިދިނުން ކަމުގައިވިޔަސް، ނުވަތަ މާލީގޮތުން އަތެއް ފޯރުކޮށްދިނުން ކަމުގައިވެސް ވެދާނެއެވެ. ބޭނުމަކީ، ވައްކަން ކުރުމުގެ ނުބައި އާދަ މުޖުތަމަޢުން ލުހެލުމެވެ. ވައްކަމާ ދިމާލަންދާން މަޖުބޫރުވި ކުރިވި ހާލަތު ނައްތައިލުމެވެ.

މިފަދަ ފުރިހަމަ ނިޒާމެއް ވަޟަޢީ ޤާނޫނުން ގެނެސްދީފައިވޭތޯއެވެ. އިސްލާމީ ޝަރީޢަތަކީ ކިހައި ފުރިހަމަ ޝަރީޢަތެއްތޯއެވެ. އިސްލާމީ ޝަރީޢަތަކީ އަދަބު ދިނުމަށް އިސްކަންދޭ ޝަރީޢަތެއް ނޫނެވެ. އިސްލާމީ ޝަރީޢަތުން އިސްކަންދެނީ މުޖުތަމަޢުގެ މަސްލަޙަތަށެވެ. ކުށްކުރުން މުލުން ލުހެލުމަށެވެ. ހުރިހާ މަރުހަލާއެއް ފަހަނައަޅައި ގޮސް، އަދަބު ދޭން ޖެހިއްޖެނަމަ، އިސްލާމީ ޝަރީޢަތުން އަދަބު ދޭނެއެވެ. މުޖުތަމަޢަށް އިބުރަތަކަށެވެ. މުޖުތަމަޢުގެ މަސްލަޙަތަށެވެ. އެހެންކަމުން، ވަޟަޢީ ޤާނޫނުތަކުގައިވާ ގޮތާ ޚިލާފަށް އިސްލާމީ ޝަރީޢަތުގައި ބައެއް ހައްދުތައް ޤާއިމުކުރެވެނީ މުޖުތަމަޢުގެ ކުރިމަތީގައެވެ. އިޢްލާނު ކުރެވިގެންނެވެ.

އިންސާނީ ޙައްޤުތަކަށް ނުހައްޤުން އަރައިގަނެވެނީ ވަޟަޢީ ޤާނޫނުތަކުގައެވެ:

ހުޅަނގުގެ އަދި އެހެނިހެން ވަޟަޢީ ޤާނޫނުތަކުގައި ވަނީ މަޒްލޫމަށް (އަނިޔާ ލިބުނު ފަރާތަށް) ވުރެ ބޮޑަށް ޒާލިމަށް (އަނިޔާވެރިޔާއަށް) ޙައްޤުތަކެއް ދެވިފައެވެ. މިކަމުގެ ސަބަބުން ނުބައި ނުލަފާ މުޖުރިމުންނަށް ނިކަމެތި ރައްޔިތުންގެ މުދަލާއި ލެއަކީ މާ ބޮޑު އެއްޗަކަށް ނުވެއެވެ. އެބައިމީހުންނަށް ލިބިގެންދާ މެސެޖަކީ ތިމަންނަ ކޮންމެ ގޮތަކަށް ކަންތައް ކުރިކަމުގައި ވިޔަސް މާދަމާ ސަލާމަތްވާނެ ކަމުގެ މެސެޖެވެ. އެކަމުގެ އިޙްސާސެވެ.

އަތް ކެނޑުމަކީ އިންސާނީ ޙައްޤަކަށް އަރައިގަތުން ކަމަށް ފާހަގަކުރާ މީހުން ވެސް އުޅެއެވެ. އެހެންކަމުން، ވަޟަޢީ ޤާނޫނަކީ އެންމެ އެކަށީގެންވާ ޤާނޫނުކަމަށް މިބައިމީހުން ބުނެ އުޅެތެވެ.

ވަޟަޢީ ޤާނޫނުތަކަށް ބަލާއިރު، މީހެއްގެ މައްޗަށް ކިތަންމެ ބޮޑު ވައްކަމެއްގެ ކުށް ސާބިތުވިކަމުގައި ވިޔަސް، ކޮންމެވެސް މުއްދަތަކަށް އަރުވާލާނީއެވެ. އަހަރު ތަކަކަށެވެ. އާޚިރުގައި، އެ ނަގާލެވެނީ އޭނާގެ މިނިވަންކަމުގެ ޙައްޤެވެ. އަނބި ދަރީންނާ އެކު ދިރިއުޅުމުގެ ހައްޤު ނިގުޅައިގަނެވުނީއެވެ. އޭނާގެ އަނބިދަރީންގެ ޙައްޤު ނިގުޅައިގަނެވުނީއެވެ. އެހެނީ، ފިރިމީހާއާއެކު ވުމުގެ ޙައްޤު އަނބިމީހާގެ ކިބައިން ނިގުޅައިގަނެވުނީއެވެ. ބައްޕައާއެކު ވުމުގެ ޙައްޤު ދަރިންގެ ކިބައިން ނިގުޅައިގަނެވުނީއެވެ. ދިރިހުރުމަށް މަސައްކަތެއް ކުރުމުގެ ޙައްޤު ނިގުޅައިގަނެވުނީއެވެ. އަނބިދަރީންނަށް ހަރަދު ކުރުމުގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުނީއެވެ. އަޅާލާނެ އެހެން ފަރާތެއް ނެތްނަމަ، އޭނަގެ އަނބިދަރިން ބިކަވީއެވެ. ދަރިންތައް ބައްޕަގެ ލޯބިން މަހްރޫމްވީއެވެ. ދަރިންތައް މަގުމަތިވީއެވެ. އަނބިމީހާއަށް ފިރިމީހާގެ ލޯބިން މަހްރޫމް ކޮށްލެވުނީއެވެ. ފަހަރެއްގައި އޭނާގެ އަނބިމީހާ އޭނަ ކައިރިން ވަރި ވެދާނެއެވެ. ނުވަތަ އޭނާގެ އިއްފަތް ވެއްޔާ މޮޑެލާނެއެވެ. އަދި ހަމައެހެންމެ، ޖަލުތަކުގައި އޭނާއާ ދިމާވާ އެހެނިހެން މުޖުރިމުންގެ ސަބަބުން އޭނާގެ ނުބައި ނުލަފާކަން އިންތިހާއަށް ގޮސްދާނެއެވެ. އެބައިމީހުންގެ ކައިރިން އިތުރު ނުބައި ކަންތައްތައް އޭނާ ދަސްކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ޖަލަކީ އިސްލާޙުވުމަށް ދެވޭ މާހައުލަކަށްވުރެން ގޯސް ވުމަށް ދެވޭ މާހައުލަކަށް ވުން އޮންނާނީ ކައިރީގައެވެ. މިހުރީ ހައްތާވެސް އޭނާގެ ކިބައިން ނިގުޅައިގަނެވޭ ޙައްޤުތަކެވެ. ޖިސްމާނީ އަދި މައުނަވީ ގޮތުން އޭނާއަށް ދެވޭ އަނިޔާތަކެވެ.

ނަމަވެސް، އިސްލާމީ ޝަރީޢަތުގައި މިފަދަ އެއްވެސް ގެއްލުމެއް ނުހިމެނެއެވެ. ވައްކަން ކުރުމުގެ ނުބައިކަން ވަނީ އިސްލާމްދީނުގައި ބަޔާންކުރައްވާފައެވެ. އަނެކުންގެ މުދަލާއި، ލެޔާއި، އަބުރަކީ އެންމެ މަތީ ދަރަޖައިގެ ޙުރުމަތް ލިބިގެންވާ އެއްޗެހިކަމުގައި ވަނީ ބަޔާންކުރެވިފައެވެ. ނަމަވެސް މިހުރިހާ ތަޢުލީމެއް ބޮލާލައި ޖަހައިލުމާއެކު، މުޖުތަމަޢުގައި އަމަންކަމާއި ރައްކާތެރިކަން ނަގައިލުމުގެ ޖަރީމާއަކީ ކުޑަ ޖަރީމާއެއް ނޫނެވެ. އެފަދަ ކަމަކަށް އިންސާނުން ޚަލްޤުކުރެއްވި ފަރާތުން ހުއްދައެއް ނުދެއްވަައެވެ.

އެހެންކަމުން، މިފަދަ ޖަރީމާތަކުގެ ރަތް ލައިނު އޭނާ ހުރަސް ކުރުމަކީ އޭނާއަށް ކުރެވޭ ވަރަށް ބޮޑު ޖަރީމާއެކެވެ. އެކަމަށް އޭނާއަށް ޙައްޤު އަދަބު ދެވޭނެއެވެ. އަތްކެނޑުމުގެ ޝަރުޠު ފުރިހަމަވާ ވައްކަމެއް ނަމަ، ޝަރުޢީ ޙުކުމް އޭނާގެ މައްޗަށް ތަންފީޒުކުރެވޭނެއެވެ. އާޚިރުގައި އޭނާ އެނބުރި ދާނީ ގެއަށެވެ. އަނބި ދަރިންގެ ކައިރިއަށެވެ. އެއީ އޭނާއަށް ލިބުނު ފިލާވަޅެކެވެ. އެފަދަ ނުބައިކަމަކަށް ނޭރުމަށް ޢަޒުމު ކަނޑައަޅަން އޭނާއަށް މަޖުބޫރުވާނެއެވެ. އަދި އެކަމާމެދު ވިސްނުންތަކެއް ވިސްނާނެއެވެ.

އަދި ހަމައެހެންމެ، އޭނާ ފަދަ އެހެން މީހުންނަށް ދެވުނު އިންޒާރެކެވެ. މުޖުތަމަޢުގެ އަފުރާދުންނަށް އެބައިމީހުންގެ މުދަލަށާއި ޙައްޤުތަކަށް އޮންނަ ރައްކާތެރިކަމާއި ހިމާޔަތް ކަށަވަރުވެގެންދާނެއެވެ. އަދި ވައްކަން ކުރުން ފަދަ ނުބައި ޖަރީމާތަކަކީ އެ މުޖުތަމަޢެއްގައި ބީރަށްޓެހި ކަންތައްތަކަކަށް ވެގެން ހިނގައިދާނެއެވެ. ހަމައެހެންމެ މަހަތުމާ ގާންދީ ވިދާޅުވާ، ލޮލަކަށް ލޮލެއް ދޭން ޖެހިއްޖެނަމަ، މުޅި ދުނިޔެ އަނދިރިވެދާނޭ ކަމުގެ ފަލްސަފާއަކީ ދޮގެއްކަން ސާބިތުވާނެއެވެ. އެހެނީ، ހުރިހާ އިންސާނުންނަކީ މުޖުރިމުންނެއް ނޫނެވެ. ހުރިހާ އިންސާނުންނަކީ އަނިޔާވެރިންނެއް ނޫނެވެ. ހުރިހާ އިންސާނުންނަކީ ވަގުންނެއްވެސް ނޫނެވެ.

ނިންމުން:

އިންސާނުންގެ މަޞްލަޙަތު މި ޝަރީޢަތުގައި ހިމެނިގެންވާ މިންވަރު މޮޅަށް ދެނެވޮޑިގެންވަނީ ޙިކުމަތްވަންތަ މާތް ﷲ އެވެ. އަޅުގަނޑު މި ލިޔުމުގައި މި ބަޔާންކޮށްލީ، އިސްލާމީ ޝަރީޢަތާމެދު އަޅުގަނޑަށް ތަޞައްވަރުވެފައިވާ ބައެއް ކަންތައްތަކުގެ ވާހަކައެވެ. އިސްލާމީ ޝަރީޢަތުގެ މަތިވެރިކަމުގެ ވާހަކައެވެ. އެ ޝަރީޢަތަކީ ހުރިހާ ޒަމާނަކަށް ހުރިހާ ތަނަކަށް ފެތޭ ޝަރީޢަތެއްކަމުގެ ވާހަކައެވެ.

ބުއްދީގެ ތަރަހައިން އިސްލާމީ ޝަރީޢަތާއި ވަޟަޢީ ޝަރީޢަތުގެ މައްޗަށް އެއްލާލި ނަޒަރެކެވެ. މުޖުތަމަޢުގައި އިސްލާމީ ޝަރީޢަތަށް ފާޑުކިޔޭތީ އަޅުގަނޑުގެ ޟަމީރަށް ކެތްނުކުރެވުނީއެވެ. އަޅުގަނޑަކީ މިފަދަ މައުޟޫޢަކަށް އިންސާފު ކުރަން އެންމެ އެކަށީގެންވާ މީހެއް ނޫންކަންވެސް ޤަބޫލުކުރާ ހާލުގައެވެ. އަޅުގަނޑުގެ ލިޔުމުގައި ކުށެއްވާނަމަ، އެއީ އަޅުގަނޑުގެ ފުށުން އައިސްފައި އިން ކުށެކެވެ. އިސްލާމީ ޝަރީޢަތް އެކަމުން ބަރީއަވެގެން ވެއެވެ. މާތް ﷲ މިއަޅާގެ ކުށްތައް އަފޫ ކުރައްވާ މިއަޅާއާއި ތިބާގެ ފާފަތައް ފުއްސަވާފައިދޭއެވެ. އާމީން! (ނިމުނީ)

 

- މިއީ ޝައިޚް ޝަފީޢް ޢަބްދުﷲ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.

https://shafeeu.info/232/

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު