އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖިސްމާނީ އަނިޔާގެ އިތުރުން ނަފްސާނީ އަނިޔާތައްވެސް ފުލުހުންނަށް ދަނީ ލިބެމުން!: ސީޕީ ޙަމީދު

ޖިސްމާނީ އަނިޔާގެ އިތުރުން ނަފްސާނީ އަނިޔާތައްވެސް ފުލުހުންނަށް ދަނީ ލިބެމުން!: ސީޕީ ޙަމީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 9 ސިކުންތު

ރައްޔިތުންނަށްޓަކައި ފުލުހުން ހިދުމަތް ކުރަމުންދާ މާހައުލުގައި މިއަދުވެސް ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާގެ މުވައްޒަފުންނަށް ނުރައްކާތެރިކަން އެބައޮތް ކަމަށާއި މިއަދުގެ މާހައުލުގައި، ފުލުހުންނަށް ޖިސްމާނީ އަނިޔާގެ އިތުރުން، ނަފްސާނީ ގޮތުންވެސް އަނިޔާކުރާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ހަމީދު ވިދާޅުވެއްޖެއެވެ.

"ޕޮލިސް މެމޯރިޔަލް ޑޭ" ފާހަގަކުރަން މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ސީޕީ ޙަމީދު ވިދާޅުވީ އޮންލައިން ޕްލެޓްފޯމްތަކުގައި ބައެއް ފަރާތްތަކުން ވަކިވަކި ފުލުހުންނަށް ނިސްބަތްކޮށް ބިރުދެއްކުމާއި ފުރައްސާރަ ކުރުން އެއީ މިއަދު ހިނގަމުން އަންނަ ކަންކަން ކަމަށާއި މިއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ. އަދި އެކަންކަމަކީ ފުލުހުންގެ މުއައްސަސާގެ ފަރާތުން ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ ކަންކަން ކަމަށެވެ.

ސީޕީ ޙަމީދު ވަނީ ރައްޔިތުންގެ ތެރެއިން މަދުބައަކު މިކުރާ މިފަދަ ކަންކަމަށް ނޫނެކޭ ބުނުން އެއީ ފުލުހުންގެ މަސައްކަތް ބަލައިގަންނަ ގިނަ ރައްޔިތުންނަށް ކުރައްވާ އިލްތިމާސެއް ކަމަށްވެސް ވިދާޅުވެފައެވެ.

ސީޕީ ޙަމީދު ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ޚިދުމަތެއް ދޭ ބައެއްކަން ރައްޔިތުންގެ ތެރެއިން ގިނަ ބައަކު ގަބޫލުކޮށް އެކަން ބަލައިގަތް ނަމަވެސް އެއްބައަކު އަބަދުވެސް ފުލުހުންނާއިމެދު ނަފްރަތު ކުރުމާއި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ބައެއް ހާލަތުގައި އަނިޔާއާއި ގޯނާ ކުރަމުންދާކަމަށެވެ.

ސީޕީ މުޙައްމަދު ޙަމީދުގެ ވާހަކަފުޅުން:

ދިވެހި ފުލުހުންގެ ތެރެއިން މިއަދާއިހަމައަށް ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ އެޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ ހާދިސާ އަދި ކަންކަމުގައި ދުނިޔެ ދޫކޮށްފައިވާ ފަރާތްތައް އަޅުގަނޑުމެންގެ ހަނދާނަށް ގެނައުމަށްޓަކައި އެއިން ކޮންމެ ބޭކަލެއްގެ ނަން ވަކިވަކިން އަޅުގަނޑު ފާހަގަކޮށްލާނަން.

ޕޮލިސް ލާންސް ކޯޕްރަލް، އަލްމަރުޙްމޫ ޢަލީ ނާޒިމް (ލ.ފޮނަދޫ / ޗާނދަނީމާގޭ). ކަނޑުމަތީގައި ބަޔަކު ހާލުގައި ޖެހުނު ޚަބަރު ލިބުނު އިރު އޭނާ ހުރީ އޮފް ޑިއުޓީގައި. ނަމަވެސް އޭނާ ދެއްކީ ފުލުހެއްގެ ސާފު ޝަޚްޞިއްޔަތު. ހާލުގައި ޖެހުނު ރައްޔިތުން ސަލާމަތްކުރުމަށް ކަނޑުމައްޗަށް އެރުމަށް ދިޔަ މަގުމަތީގައި ވީ އެކްސިޑެންޓެއްގައި އޭނާ ނިޔާވި. މާތް ﷲ އޭނާގެ ފުރާނައަށް ހެޔޮ ޖަޒާ ދެއްވާށި!

ޕޮލިސް ކޮންސްޓަބަލް، އަލްމަރުޙޫމު ޔޫސުފް ޒަމީރު (ވ.ރަކީދޫ / ނަރުގިސްވިލާ). ޚިދުމަތުގައި އުޅުއްވަނިކޮށް ކަނޑުމަތީގެ ހާދިސާއެއްގައި ނިޔާވި. މާތް ﷲ އޭނާގެ ފުރާނައަށް ހެޔޮ ދަރުމަ ދެއްވާށި!

ޕޮލިސް ސަރޖަންޓް، އަލްމަރުޙްމޫ އާދަމް ޙަލީމް (ކ.ކާށިދޫ / ކެތި). އޭނާގެ ފުރާނަ އޭނާއާ ވަކިވެފައިވަނީ ވަރަށް އިހާނެތި ހަމަލާއެއްގައި. ގޭބަންދުގައި ހުރި ކުށްވެރިޔަކު، އަމުރާ ޚިލާފުވެ ރަށުތެރޭ އުޅެނިކޮށް ފެނިގެން، އޭނާ ޤާނޫނުގެ އިމުގެ ތެރެއަށް ގެންނަން އޭނާއަށް މަގުދައްކައިދޭން ކުރެވުނު މަސައްކަތުގެ ނަތީޖާއަކަށްވީ، އެ ކުށްވެރިޔާގެ އަނިޔާވެރި ހަމަލާއެއްގައި އާދަމް ޙަލީމު ޝަހީދުވުން. އޯގާވަންތަ ﷲ އޭނާއަށް ޙައްޤު ހެޔޮ ޖަޒާ ދެއްވާށި!

ޕޮލިސް ކޯޕްރަލް، އަލްމަރުޙްމޫ މިޞްބާޙު ޢަބްދުﷲ (ބ.ހިތާދޫ / ނަސީމީ ވިލާ). އަޅުގަނޑުމެންނާ ވަކިވެދާން ޖެހުނު ހާދިސާއަކީ ވެސް ހިތްދަތި ހަނދާނެއް. އެހެނީ އޭނާއަކީ ޖާގަ އޮތް ތަނަވަސް މަގެއްގައި ޕޮލިސް ޗެކްޕޮއިންޓެއްގައި އުޅަނދުފަހަރު ޗެކްކުރުމުގެ މަސައްކަތުގައި، ޤައުމީ ޚިދުމަތުގައި ހުއްޓައި، ބާރު ދުވެލީގައި ދުއްވައިފައި އައި ސައިކަލަކުން ޖައްސައި އުމުރުން އެންމެ 22 އަހަރުގައި ޝަހީދުކޮށްލެވުނު އުންމީދީ ފަހުލަވާނެއް. ﷲ އޭނާއަށް ހެޔޮ ޖަޒާ ދެއްވާށި!

ޕޮލިސް ކޯޕްރަލް، އަލްމަރުޙްމޫ އަޙްމަދު ވިފާޤު (ށ.ކޮމަންޑޫ / އަސްރަފީގެ). 30 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ހަދަމުން ދިޔަ ދުވަސްވަރު 2018 ވަނަތެރޭ ނިޔާވި. އޭނާއާ މެދު ވެސް ހެޔޮ ދުޢާ ތަކުރާރުކޮށްލަން!

އޯގާވަންތަ ﷲ މި އެންމެހައި އަޚުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި! ހެޔޮ ޖަޒާދެއްވާށި! އާއިލާތަކަށް ކެތްތެރިކަން ދެއްވައި ބާއްޖަވެރިކުރައްވާށި!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް