އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުމުރުން ބާރަ އަހަރުގަ ކެންސަރުބަލީގެ ޝިކާރައަކަށްވެ ފަރުވާ ނުކުރެވުނު ކުއްޖަކު މިއަދު ކެންސަރަށް ފަރުވާ ކުރާ ސްޕެޝަލިސްޓެއް!

އުމުރުން ބާރަ އަހަރުގަ ކެންސަރުބަލީގެ ޝިކާރައަކަށްވެ ފަރުވާ ނުކުރެވުނު ކުއްޖަކު މިއަދު ކެންސަރަށް ފަރުވާ ކުރާ ސްޕެޝަލިސްޓެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 43 ސިކުންތު

"އޭނާއަކީ ކުންފުންޏެއްގެ ފައިސާ އާއި ބެހޭ ކަންކަމުގެ އެންމެ އިސް މީހާއެވެ. ބޭނުން ނަމަ ކިތަންމެ ގިނަ އަދަދެއްގެ ފައިސާވެސް ނެގެން ހުރި މީހެކެވެ. ނަމަވެސް އޭނާއަށް މާލީ ގޮތުން ވަރަށް ގިނަ ދަތިތައް ކުރިމަތިވިއެވެ. ކެންސަރު ބަލީގައި ފަރުވާކުރަން ޖެހިފައިވާ ދަރިއަކަށް ޚަރަދުކުރަމުން ގޮސް އަތްމަތި އެކުގައި ހުސްވީއެވެ. ގޭގައި ހުރި އަގު ބޮޑު ހުރިހާ އެއްޗެއްވެސް ވިއްކައި ހުސްވީއެވެ. 

އެހާލަތުގައި ވެސް ޙަލާލް ނޫން އެއްވެސް ފައިސާއެއް ބޭނުންކުރަން އޭނާ ބޭނުމެއް ނުވިއެވެ. ކުންފުނީގެ ފައިސާ މިލިއަނުން އަތުގައި ހުރިއިރުވެސް މެއެވެ. ކުންފުނީގެ ވެރިންނަށް ނުއެނގި ނެގުމުގެ ފުރުޞަތު އޮތް އިރުގައިވެސް މެއެވެ. ޙަރާމް ގޮތުގައި ކަމެއް ކުރުމުގެ ބަދަލުގައި އޭނާ ގެންދިއައީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދެމުންނެވެ. ނަމާދުކުރުން އިތުރުކުރަމުންނެވެ. ދަމު ނަމާދުކުރުމުގައި ހޭދަކުރާ ވަގުތު އިތުރުކުރަމުންނެވެ. ދުޢާކޮށް ކަރުނައަޅައި އާދޭސް ދަންނަވަމުންނެވެ. 

އެއީ އާދިއްތަ ދުވަހެކެވެ. ހޯމަ ދުވަހަކީ ދަރިފުޅުގެ ފަރުވާއަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާ ދުވަހެކެވެ. ނަމަވެސް އަތުގައި އެއްވެސް ފައިސާއެއް ނެތެވެ. ވިއްކައިލާނެ އެއްޗެއްވެސް ނެތެވެ. އެހެންކަމުން އޭނާ ގޭގައި އިނީ ވަރަށް ކަންބޮޑުވެފައެވެ. މާދަމާ ދޭންޖެހޭ ފަރުވާ ނުދެވިއްޖެ ނަމަ ކުރިން ކުރި ހުރިހާ ފަރުވާ ވެސް ބޭކާރުވެގެން ދިއުމުގެ ފުރުޞަތު އޮތުމުންނެވެ. 

އެރޭގެ ދަމުނަމާދަށްފަހު އޭނާ ﷲ ތަޢާލާއަށް ދުޢާކޮށް ދެންނެވިއެވެ. "މިއަޅާ އާއި މިއަޅާގެ ދެލޮލަށްވުރެ ލޯބިވާ ދަރިފުޅުގެ ޙާލާއި ބެހޭ ގޮތުން އިތުރަށް ދަންނަވާނެ އެއްވެސް ވާހަކައެއް ނެތެވެ. ހުރިހާ ކަމެއް އިނބަ ﷲ އެންމެ މޮޅަށް ދެނެވޮޑިގެންވަމުއެވެ. މިއަޅާގެ އާދޭހަކީ އިނބަ ﷲ ރުހިވޮޑިގެންވާނަމަ އަދި އެއީ މިއަޅާއަށާއި މިއަޅާގެ ދަރިފުޅަށް އޮތް އެންމެ ރަނގަޅު ގޮތް ކަމުގައިވާނަމަ މިއަޅާގެ ދަރިފުޅަށް ކުރިމަތިވެފައިވާ ބަލިން އޭނާ ސަލާމަތްކޮށް ދެއްވެވުމެވެ. އޭނާއަށް ފަރުވާ ކުރެވޭނެ މަގުފަހިކޮށްދެއްވެވުމެވެ." 

ޖެހިގެން އައި ދުވަހު ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ދިއައީ އަތުގައި ހުރި ވަރަށް މަދު ފައިސާކޮޅެއް ހިފައިގެންނެވެ. އެއިން ހަމައެކަނި ކޮށްލެވޭނެ ކަމަކީ ޓެސްޓް ހަދައިލުމެވެ. އެ ޙާލުގައިވެސް އޭނާ ހޮސްޕިޓަލަށް ދިއައީ ﷲ ތަޢާލާ އޭނާއަށް ކޮންމެވެސް މަގެއް ދައްކަވައިދެއްވަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއިއެކުގައެވެ. 

އާދައިގެމަތިން ޓެސްޓްތައް ހެދުމަށްފަހު ޑޮކްޓަރަށް ދެއްކި އެވެ. ޓެސްޓްތައް ބަލާފައި ޑޮކްޓަރުން ބުނީ އެދުވަހުގެ ޓެސްޓްތަކުން އާދައާ ޚިލާފް ކަންތައްތަކެއް ފެންނަ ކަމަށާއި އެހާލަތުގައި އިތުރު ފަރުވާއެއް ނުދެވޭނެ ކަމަށެވެ. އަދި ކަމެއް ބޮޑުވާނަމަ ވަގުތުން ހޮސްޕިޓަލަށް އައުމަށާއި ނޫން ނަމަ ކޮންމެ ހަފްތާއަކު ޓެސްޓްކުރަމުން ގެންދިއުމަށެވެ. 

އެނބުރި ގެއަށް ދިއައީއެވެ. އެއިރު ދަރިފުޅުގެ އުމުރަކީ އެންމެ 12 އަހަރެވެ. ދަރިފުޅުގެ މިހާރުގެ އުމަރަކީ 37 އަހަރެވެ. ދަރިފުޅަކީ ކެންސަރު ބައްޔަށް ފަރުވާ ކުރާ މަޝްހޫރު ޑޮކްޓަރެކެވެ. ކައިވެނިކޮށް 3 ދަރިންވެސް ވަނީ ލިބިފައެވެ. އޭނާ އަދިވެސް ދިރިއުޅެމުން އެގެންދަނީ އޭނާގެ ހަށިގަނޑުގައި ކެންސަރު ބަލި ހުރިކަމަށް ޤަބޫލުކުރާ ޙާލުގައެވެ. މިހާރުކުރާ ޓެސްޓްތަކުން ހަމަ އެ އާދައާ ޚިލާފް ކަންކަން ފެންނަކަން ޚުދު އޭނާއަށްވެސް އެނގެއެވެ."  

މީސްތަކުންނޭވެ! ނިޢްމަތަކީ މިފަދަ ކަމެކެވެ. ދެއްވަވަން އިރާދަކުރެއްވެވުމުން ލިބޭ ގޮތް ނުވެސް އެނގޭނެއެވެ. ނިޢްމަތް އެމީހަކަށް ލިބިގެންދާނީ ކިހިނަކުން ކަމެއްވެސް ނުއެނގޭނެއެވެ. ވީމާ އަހަރެމެންނަށް އޮތީ ﷲ ތަޢާލާގެ މަގުގައި ސާބިތުވުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް